ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްނުވަވަނަ ޙަދީޘް

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
ނުވަވަނަ ޙަދީޘް

ހާރުކެއުމަށް އަމުރުކުރައްވާފައިވުން

އަނަސް ބުނު މާލިކު رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«تَسَحَّرُوا؛ فَإِنَّ فِي السَّحُورِ بَرَكَةً»

މާނައީ: "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއް ވެއެވެ."

متفق عليه.

މި ޙަދީޘަކީ ރޯދަވެރިޔާ ހާރުކެއުމަކީ އަމުރުކުރެވިފައި ވާ ކަމެއްކަން ދަލީލުކޮށްދޭ ޙަދީޘެކެވެ. އެހެނީ ހާރުކެއުމުގައި ދީނީގޮތުންނާއި ދުނިޔަވީގޮތުން ގިނަގުނަ ފައިދާތަކެއްވެއެވެ. އަދި އެ ކަމުގައި މަތިވެރި ބަރަކާތެއްވެއެވެ. ހާރުކެއުމުގައި ބަރަކާތެއްވާ ކަމުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ބަޔާންކުރައްވާފައި މި ވަނީ، އެ ކަމަށް މީސްތަކުންނަށް ބާރުއެޅުއްވުމަށެވެ.

ޢަރަބި ބަހުގައި "އައްސަޙޫރު" މާނައަކީ ހާރުދަމުގެ ވަޤުތު ކާ ކެއުމަށް ކިޔާ ނަމެކެވެ. އެއީ ރޭގަނޑުގެ ފަހު ވަޤުތެވެ. "އައްސުޙޫރު" މާނައަކީ އެ ކަމެވެ. އެބަހީ ހާރުކެއުމެވެ.

ޙަދީޘުގައި މި ވާ އަމުރަކީ ވާޖިބު ދަރަޖައިގެ އަމުރެއް ނޫނެވެ. ނަމަވެސް މުސްތަޙައްބު ދަރަޖައިގެ އަމުރެވެ. މިއީ ޢިލްމުވެރިންގެ އިޖުމާޢުންނެވެ. އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަދި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ވިޞާލުކުރެއްވިމަކަށް ބިނާކޮށެވެ. ވިޞާލުކުރުމަކީ ރޯދަވީއްލުމަކާ ނުލައި ދެ ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސްވަންދެން ދުވާލާ އެކު ރޭގަނޑު ވެސް ރޯދައަށް ހުރުމެވެ.

ހާރުކެއުމުގައި ބަރަކާތެއްވެއެވެ. މި ކަމުގައި ދުނިޔެއާއި އާޚިރަތުގެ ފައިދާ ވެސް ހިމެނެއެވެ.

  • ހާރުކެއުމުން ލިބޭ ބަރަކާތުގެ ތެރޭގައި: އަޅުކަން އަދާކުރުމަށް ބާރުހޯދައިގަތުން ހިމެނެއެވެ. އެއީ ދުވާލުގެ ވަޤުތު ނަމާދުކޮށް، ޤުރުއާން ކިޔަވައި ޛިކުރުކުރުމަށެވެ. އެހެނީ ބަނޑުހައިކަންމަތީ ހުންނަ މީހާ، ދުވާލުގެ މަސައްކަތްތައް ކުރުމަށް ކަންނެތްވާ ފަދައިން އަޅުކަންތައް އަދާކުރުމަށް ވެސް ކަންނެތްވާނެއެވެ. މިއީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ.
  • ހާރުކެއުމުން ލިބޭ ބަރަކާތުގެ ތެރޭގައި: ހާރުކެއުމުގެ ސަބަބުން ރޯދަހިފުމަށް އެދޭއެދުން އިތުރުކޮށްދެއެވެ. އެއީ ހާރުކެއުމަކީ ރޯދައަށް ހުރުމުގެ ބުރަކަން ލުއިކޮށްދޭ ކަމަކަށް ވާތީއެވެ. އެހެންކަމުން ރޯދަހިފުމަށް މީސްތަކުން އެދޭއެދުން ބޮޑުވެއެވެ.
  • ހާރުކެއުމުން ލިބޭ ބަރަކާތުގެ ތެރޭގައި: (ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ) ސުންނަތަށް ތަބަޢަވުން ހިމެނެއެވެ. އެހެނީ ހާރުކާ މީހާ، އެ ކަމުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ކިޔަމަންތެރިކަން އަދާކޮށް އެކަލޭގެފާނުގެ އަމުރުފުޅު ތަންފީޒުކުރުމަށް ނިޔަތްގަނެފި ނަމަ، އޭނާގެ އެ ޢަމަލަކީ އަޅުކަމެކެވެ. އޭނާގެ މި ނިޔަތުގެ މައްޗަށް އަޖުރު ލިބޭނެއެވެ. އަދި މީގެ އިތުރުން ހާރުކެއުމުގައި ރޯދައަށް ހުރެ އަޅުކަންކުރުމަށް އޭނާގެ ހަޑިގަނޑު ވަރުގަދަކުރުމަށް ނިޔަތްގަނެފި ނަމަ، އެ ކަމުގެ މައްޗަށް ވެސް އޭނާއަށް އަޖުރު ލިބޭނެއެވެ.
  • ހާރުކެއުމުން ލިބޭ ބަރަކާތުގެ ތެރޭގައި: ރޭގަނޑުގެ ފަހުކޮޅު ހޭލައިހުރުން ހިމެނެއެވެ. އަދި އެ ވަޤުތު ޛިކުރުކުރުމާއި ދުޢާކުރުމާއި ނަމާދުކުރުމުގައި ހޭދަކުރެއެވެ. އަދި މިއީ އިޖާބަވުން ވަރަށް ގާތް ދުޢާއެކެވެ.
  • ހާރުކެއުމުން ލިބޭ ބަރަކާތުގެ ތެރޭގައި: އަހުލުކިތާބީންގެ ގޮތްގަނޑާ ތަފާތުވެ ޚިލާފުވުން ހިމެނެއެވެ. މުސްލިމު އަޅާގެ މައްޗަށް އެދެވިގެން ވަނީ ވެސް އެ މީހުންނާ އެއްގޮތް ނުވުމަށެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحُورِ»[1]

މާނައީ: "ތިމަންބޭކަލުންނާއި އަހުލުކިތާބީންގެ (އެބަހީ ޔަހޫދީންނާއި ނަޞާރާއިންގެ) ރޯދައިގައިވާ ތަފާތަކީ ހާރުކެއުމެވެ."

  • ހާރުކެއުމުން ލިބޭ ބަރަކާތުގެ ތެރޭގައި: ފަތިސް ނަމާދު އޭގެ އެންމެ މާތް ވަޤުތު ޖަމާޢަތުގައި އަދާކުރުން ހިމެނެއެވެ. މިހެންވެ ރަމަޟާންމަހު ފަތިސް ނަމާދުގެ ޖަމާޢަތުގައި، އަހަރުގެ އެހެނިހެން މައްސަރުތަކަށް ވުރެ ގިނައިން މީސްތަކުން ފެންނާނެއެވެ. އެއީ ޙަޤީޤަތުގައި ހާރުކެއުމަށް ތެދުވެ އުޅޭ މީހުންނެވެ.

އިންސާނާ ކެއުމުގެ ގޮތުން ނުވަތަ ބުއިމުގެ ގޮތުން ބޭނުންކުރާ ކިތަންމެ ކުޑަ މިންވަރަކުން ވެސް ހާރުކެއުން ޙާޞިލުވާނެއެވެ. ހާރުކެއުމުގައި ވަކި ޚާއްޞަ އެއްޗެއް ކެއުން ލާޒިމެއް ނޫނެވެ. އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައި ވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«نِعْمَ سَحُورُ الْمُؤْمِنِ التَّمْرُ»[2]

މާނައީ: "މުއުމިނު އަޅާގެ ހާރުކެއުމަކަށް ކަދުރުގެ މޮޅުކަމާއެވެ."

ރޯދައިގެ އަދަބުތަކުގެ ތެރޭގައި ހާރުކެއުމުގައި އިސްރާފަކަށްވާ ވަރަށް ނުކެއުން ހިމެނެއެވެ. އެހެނެއްކަމަކު ކާނީ އާދައިގެ މިންވަރަކަށެވެ. ފަހެ ހަމަކަށަރުން އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށް ވުރެ ނުބައިކަން ބޮޑު ކަންވާރެއް ނުފުރައެވެ. ބަނޑުފުރި އުނދަގޫވާ މިންވަރަކަށް ކައިފި ނަމަ، ދުވަހުގެ މެންދުރާ ހަމައަށް، އެ މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެނީ ގިނައިން ކެއުމަކީ ހަށިގަނޑަށް ކަންނެތްކަން ގެނުވާ ކަމެކެވެ.

އެކަލޭގެފާނު صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަންނަނިވި ބަސްފުޅު ވެސް މި ކަމަށް އިޝާރަތްކުރެއެވެ.

«نِعْمَ سَحُورُ الْمُؤْمِنِ التَّمْرُ»[3]

މާނައީ: "މުއުމިނު އަޅާގެ ހާރުކެއުމަކަށް ކަދުރުގެ މޮޅުކަމާއެވެ."

ކަދުރަކީ އޭގެ ސަބަބުން ހަށިގަނޑުގައި ބާރުޖައްސައިދޭ، ބަނޑަށް ވަރަށް ލުއި ހަޖަމުކުރަން ފަސޭހަ ކެއުމެކެވެ. ރަމަޟާންމަހުގެ ރޭތަކުގައި ހޭލައިހުރުމަށާއި ދުވާލުގެ ވަޤުތު ގިނައިން ނިދުމަށް ބާރުއަޅާ ބަނޑުފުރުމެއްގައި އެއްވެސް ފައިދާއެއް ނުވެއެވެ. މިއީ ރޯދައިގެ އަޞްލު މަޤުޞަދު ގެއްލުވާލާ ކަމެކެވެ. وَاللهُ أَعْلَمُ.

اللَّهُمَّ إِنَّا نَسْأَلُكَ مِنَ الْخَيْرِ كُلِّهِ، مَا عَلِمْنَا مِنْهُ وَمَا لَمْ نَعْلَمْ، وَنَعُوذُ بِكَ مِنَ الشَّرِّ كُلِّهِ، مَا عَلِمْنَا مِنْهُ وَمَا لَمْ نَعْلَمْ. اللَّهُمَّ جَنِّبْنَا مُنْكَرَاتِ الأَخْلَاقِ وَالأَعْمَالِ وَالأَهْوَاءِ وَالأَدْوَاءِ، وَاغْفِرِ اللَّهُمَّ لَنَا وَلِوَالِدِينَا وَلِجَمِيعِ الْمُسْلِمِينَ.

ޔާﷲ! ހެޔޮކަމުގެ ތެރެއިން އަޅަމެންނަށް އެނގޭ ކަންތަކާއި ނޭނގޭ ކަންތައް ދެއްވުމަށް އެދި އަޅަމެން އިބަ އިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ! އަދި ނުބައިގެ ތެރެއިން އަޅަމެންނަށް އެނގޭ ކަންތަކާއި ނޭނގޭ ކަންތަކުން ރައްކާތެރިކޮށްދެއްވުން އެދި އަޅަމެން އިބަ އިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ! ޔާﷲ! އަޅަމެން ނުބައި އަޚްލާޤާއި، ނުބައި ޢަމަލުތަކާއި، ނުބައި އެދުންތަކާއި، ނުބައި ބަލިތަކުން ރައްކާތެރިކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!

އާމީން.

މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.

[1] رواه مسلم (1096)

[2] رواه أبو داود (2345)، وابن حبان (253/8)، والبيهقي (236/4)، وفيه محمد بن موسى الفِطْري تكلَّم فيه، وقد وثَّقه جمعٌ من الأئمة، وقال الحافظ في «التقريب»: «صدوق، رُمي بالتشيع»، وقد جاء معنى هذا الحديث عن جماعة من الصحابة رضي الله عنهم.

[3] ރިވަރެންސް ނަންބަރު [31] ބައްލަވާ.

2 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.