ﷲ އަޅަކު ދެކެ ލޯބިވެވޮޑިގެންފި ނަމަ..

ނަޡީމް ނިޡާމް•4 އޮކްޓޫބަރު 2026•2 މިނެޓުގެ ކިޔުން
ﷲ އަޅަކު ދެކެ ލޯބިވެވޮޑިގެންފި ނަމަ..

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«إِذَا أَحَبَّ اللَّهُ الْعَبْدَ نَادَى جِبْرِيلَ: إِنَّ اللَّهَ يُحِبُّ فُلَانًا فَأَحْبِبْهُ فَيُحِبُّهُ جِبْرِيلُ، فَيُنَادِي جِبْرِيلُ فِي أَهْلِ السَّمَاءِ: إِنَّ اللَّهَ يُحِبُّ فُلَانًا فَأَحِبُّوهُ؛ فَيُحِبُّهُ أَهْلُ السَّمَاءِ، ثُمَّ يُوضَعُ لَهُ الْقَبُولُ فِي الْأَرْضِ»[1]

"ﷲ ތަޢާލާ އަޅަކު ދެކެ ލޯބިވެވޮޑިގެންފި ނަމަ، ޖިބްރީލް عَلَيْهِ السَّلَامُއަށް ނިދާ އިއްވަވާނެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންފިއެވެ. ފަހެ ކަލޭގެފާނު ވެސް އެ މީހަކު ދެކެ ލޯބިވެވަޑައިގަންނަވާށެވެ. ދެން ޖިބްރީލް عَلَيْهِ السَّلَامُ ވެސް އެ މީހަކު ދެކެ ލޯބިވެވަޑައިގަންނަވާނެއެވެ. ދެން އުޑުގެ އަހުލުންނަށް ޖިބްރީލް عَلَيْهِ السَّلَامُ ނިދާ އިއްވަވާނެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންފިއެވެ. ފަހެ ތިޔަބޭކަލުން ވެސް އެ މީހަކު ދެކެ ލޯބިވެވަޑައިގަންނަވާށެވެ. ދެން އުޑުގެ އަހުލުން ވެސް އެ މީހަކު ދެކެ ލޯބިވެވަޑައިގަންނަވާނެއެވެ. އެއަށްފަހު އެ މީހަކަށް ބިމުގައި (މީސްތަކުންގެ) ލޯތްބާއި ބަލައިގަތުން ލައްވަވާނެއެވެ."

މި ޙަދީޘުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުވުމަކީ ކިހާ މަތިވެރި ކަމެއްކަން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުވެއްޖެ ނަމަ، ވަޙީގެ މަލާއިކަތާ ޖިބްރީލް عَلَيْهِ السَّلَامُގެ ލޯތްބާއި، އުޑުގެ އަހުލުންގެ (މަލާއިކަތުންގެ) ލޯތްބާއި، ބިންމަތީގައި މީސްތަކުންގެ ލޯބި ވެސް ލިބިގެން ދާނެއެވެ.

އިމާމު ނަވަވީ (ނޔވ 676) ވިދާޅުވިއެވެ.

"ޢިލްމުވެރިން ވިދާޅުވެއެވެ. މާތް ﷲ އެ އިލާހުގެ އަޅަކުދެކެ ލޯބިވެވޮޑިގަތުމަކީ، އެ އަޅާއަށް ހެޔޮގޮތް މިންވަރުކުރެއްވުމަށް އިރާދަކުރެއްވުމާއި، އޭނާއަށް ތެދުމަގު ދެއްކެވުމާއި، އޭނާއަށް ނިޢުމަތް ދެއްވުމާއި، އަދި އޭނާއަށް ރަޙުމަތް ލެއްވުމެވެ. އަދި ރުހިވޮޑިނުގަތުމަކީ، އޭނާއަށް ޢުޤޫބާތް ދެއްވުމަށް ނުވަތަ އަބާއްޖަވެރިކުރެއްވުމަށް އަދި މިފަދަ ކަންކަމަށް އިރާދަކުރެއްވުމެވެ. އަދި ޖިބްރީލުގެފާނާއި މަލާއިކަތްބޭކަލުން (އެ އަޅަކުދެކެ) ލޯބިވެވަޑައިގަތުމުގައި، ދެ މާނައެއް އެކުލެވިގެންވުން އެކަށީގެންވެއެވެ.
  1. ފުރަތަމަ ގޮތަކީ: އެ ބޭކަލުން އޭނާއަށް ޓަކައި ފާފަފުއްސެވުމަށް އެދިވަޑައިގަތުމާއި، އޭނާއަށް ތަޢުރީފާއި ޘަނާ ވިދާޅުވުމާއި، އަދި އޭނާއަށް ޓަކައި ދުޢާކޮށްދެއްވުމެވެ.
  1. ދެވަނަ ގޮތަކީ: އެ ބޭކަލުންގެ ލޯތްބަކީ މަޚްލޫޤުންގެ ފަރާތުން ފެންނަ ޢާންމު ޙަޤީޤީ މާނައިގައިވާ ލޯތްބެވެ. އެއީ އޭނާއަށް ހިތް ލެނބުމާއި، އޭނާއާ ބައްދަލުވުމަށް އެދި ޝައުޤުވެރިވުމެވެ. އަދި އެ ބޭކަލުން އޭނާދެކެ ލޯބިވެވަޑައިގަންނަވާ ސަބަބަކީ، އޭނާއަކީ މާތް ﷲއަށް ކިޔަމަންތެރި، އަދި އެ އިލާހު ލޯބިވެވޮޑިގަންނަވާ އަޅަކަށް ވީތީއެވެ."[2]

މީސްތަކުންގެ ލޯބި ލިބޭނެ ގޮތުގެ ވާހަކަ ބަޔާންކުރައްވައި އިމާމު ނަވަނީ (ނޔވ 676) ވިދާޅުވިއެވެ.

އެބަހީ: މީސްތަކުންގެ ހިތްތަކުގައި (އޭނާއަށް ޓަކައި އޮންނަ) ލޯތްބެވެ. އަދި އޭނާއާމެދު މީސްތަކުން ރުހުމެވެ. (އޭރުން މީސްތަކުންގެ) ހިތްތައް އޭނާއަށް ދިމާއަށް ލެނބި، އޭނާއާމެދު ރުހިޤަބޫލުވެއެވެ. އެއީ މާތް ﷲގެ މި ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.

﴿إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَيَجْعَلُ لَهُمُ الرَّحْمَـٰنُ وُدًّا﴾

[مَريَم 96]

މާނައީ: "ހަމަކަށަވަރުން އީމާންވެ ޞާލިޙު ޢަމަލުތައް ކުރިމީހުން (ދަންނާށެވެ.) ރަޙްމާނުވަންތަ އިލާހު، އެ މީހުންނަށް ޓަކައި ލޯބިލައްވާނެއެވެ."[3]

މި އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު (ނޔވ 774) ވިދާޅުވިއެވެ:

"މާތް ﷲ އެ އިލާހުގެ މުއުމިން އަޅުންގެ ތެރެއިން ޞާލިޙު ޢަމަލުތައް ކުރާ މީހުންނަށް، އެ އިލާހު ހެޔޮލަފާ މީހުންގެ ހިތްތަކުގައި، އެ މީހުންނަށް ޓަކައި ލޯތްބާއި ކުލުނު ލައްވާނެތެވެ. (ޞާލިޙު ޢަމަލަކީ) މުޙައްމަދުގެފާނު ގެނަސްދެއްވި ޝަރީޢަތާ އެއްގޮތަށް އެ ޢަމަލެއް ކުރުމުން ﷲގެ ލޯބިވެވޮޑިގަތުން ލިބޭ ކޮންމެ ޢަމަލެކެވެ. އަދި މިއީ ބަދަލުވުމެއް ނާންނާނެ، އަދި ކޮންމެހެންވެސް ވާނޭ ކަމެކެވެ."[4]

[1] أخرجه البخاري (6040)، ومسلم (2637)

[2] شرح النووي على مسلم (183/16)

[3] شرح النووي على مسلم (184/16)

[4] تفسير ابن كثير - ط ابن الجوزي (263/5)

6 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް