ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްއަށްވަނަ ޙަދީޘް

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•4 މިނެޓުގެ ކިޔުން
އަށްވަނަ ޙަދީޘް

ރޯދައަށް ހުރެ ހަނދާންނެތިގެން ކެއުން ނުވަތަ ބުއިން

އަބޫ އުމާމާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَنْ نَسِيَ وَهُوَ صَائِمٌ، فَأَكَلَ أَوْ شَرِبَ، فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ اَللَّهُ وَسَقَاهُ»

މާނައީ: "މީހަކު ރޯދައަށް ހުރެ ހަނދާންނެތިގެން ކައިފި ނަމަ، ނުވަތަ ބޮއެފި ނަމަ، ފަހެ އެ މީހަކު އޭނާގެ އެ ރޯދަ ފުރިހަމަކުރާށެވެ. ފަހެ ހަމަކަށަވަރުން އެ މީހަކަށް ކާންބޯންދިން ފަރާތަކީ ﷲއެވެ"

متفق عليه.

މި ޙަދީޘަކީ މީހަކު ރޯދައަށް ހުރެ ހަނދާންނެތިގެން ކައިފި ނަމަ، ނުވަތަ ބޮއެފި ނަމަ، އޭނާގެ ރޯދަ ޞައްޙަވާނެކަމަށް ދަލީލުކޮށްދޭ ޙަދީޘެކެވެ. އޭނާގެ ރޯދައަށް އެއްވެސް އުނިކަމެއް ނުވެއެވެ. އަދި އޭނާގެ މައްޗަށް އެއްވެސް ފާފައެއް ވެސް ނުވެއެވެ. އެހެނީ އެ ކަމުގައި އޭނާގެ އެއްވެސް ގަސްތެއް ނުވަނަ ބޭނުންވުމެއް ނުވެއެވެ. އެހެނެއްކަމަކު އެއީ ﷲ އެ މީހަކަށް ދެއްވި ރިޒުޤެކެވެ. އެފަދަ މީހާގެ ކެއުމާއި ބުއިން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ﷲއަށް ނިސްބަތްކުރައްވާފައި މި ވަނީ އެހެންވެއެވެ. އެހެން ރިވާޔަތެއްގައި އައިސްފައި ވެއެވެ.

«إِنَّمَا هُوَ رِزْقٌ سَاقَهُ اللَّهُ إلَيْهِ»[1]

މާނައީ: "އެހެނެއްކަމަކު އެއީ، ﷲ އެ މީހަކަށް ފޯރުކޮށްދެއްވި ރިޒުޤެކެވެ."

އެ ކަމެއް ﷲއަށް ނިސްބަތްކުރެވޭކަމެއްގައި އަޅާގެ މައްޗަށް އެއްވެސް ފާފައެއް ނުވެއެވެ. އެހެނެއްކަމަކު ފާފަ ވަނީ އެ ކަމެއް ކުރުމަށް ނަހީކުރެވިފައިވާ ކަމެއް (ގަސްދުގައި) ކުރުމުންނެވެ. އަދި އިންސާނާގެ އިޚްތިޔާރުގައި ނުވާ ކަމެއް ތަކުލީފުގެ ތެރެއަށް ނުވަންނާނެއެވެ. އަދި މި ގޮތަށް (ރޯދައަށް ހުރެ ހަނދާންނެތިގެން) ކެއިންބުއިމުގައި މަދުން ކެވުމަކު ނުވަތަ ގިނައިން ކެވުމަކު އެއްވެސް ތަފާތެއް ނުވެއެވެ.

އަދި އޭނާގެ މައްޗަށް އެ ރޯދަ ޤަޟާކުރުމެއް ނުވެއެވެ. އެހެނީ އޭނާގެ މައްޗަށް އަމުރުކުރެވިފައި ވަނީ އެ ރޯދަ ފުރިހަމަ ކުރުމަށެވެ. ރޯދަ ފުރިހަމަ ކުރުމުގެ މާނައަކީ އޭނާ ޙަޤީޤަތުގައި ވެސް ރޯދަ ފުރިހަމައަށް އެއްކޮށް ހިފުމެވެ.

މި ގޮތަށް (ރޯދައަށް ހުރެ ހަނދާންނެތިގެން) ކެއިންބުއިމުގެ މައްޗަށް، ފިޤުހުވެރިން ރޯދަ ގެއްލޭ އެހެނިހެން ކަންތައްތައް ޤިޔާސްކުރައްވައެވެ. އެއީ އަބޫ ސަލަމާ ބުނު ޢަބްދުއްރަޙްމާނު، އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާކޮށްފައިވާ އަންނަނިވި ޙަދީޘުގެ މައްޗަށް ބިނާކޮށެވެ.

«مَنْ أَفْطَرَ فِي شَهْرِ رَمَضَانَ نَاسِيًا، فلَا قَضَاءَ عَلَيْهِ وَلَا كَفَّارَةَ»[2]

މާނައީ: "ރަމަޟާން މަހު ހަނދާންނެތިގެން އޭނާގެ ރޯދަ ގެއްލުވާލައިފި މީހަކު ދަންނާށެވެ! އޭނާގެ މައްޗަށް އެ ރޯދަ ޤަޟާކުރުމެއް އަދި ކައްފާރާދިނުމެއް ވެސް ނުވެއެވެ."

މި ޙަދީޘުގައި ކެއުމާއި ބުއިމަށް ޚާއްޞަކޮށްފައި މި ވަނީ، ޢާންމުކޮށް ކަން ހިނގާ ގޮތަށް ބަލާފައެވެ.[3] އަދި ޢާންމުކޮށް ކަން ހިނގާ ގޮތުގެ މައްޗަށް ބިނާކޮށް ކަމެއް ޚާއްޞަކޮށް ބަޔާންކުރުމަކީ، އެ ނޫން ކަންކަމުގައި އެ ޙުކުމް ނުހިނގާނެކަމަށް މާނަ ދޭހަކޮށްދޭ ގޮތަށް އިދިކޮޅު މާނައެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން، އެ ބަޔާންކުރެވުނު ކަންތައްތައް ފިޔަވައި އެހެން ކަންކަމުން އެ ޙުކުމް ނަފީވެގެންދާކަމަކަށް އެ ބަސްފުޅަކުން ދަލީލެއް ނުކުރެއެވެ.

ރޯދައިގެ މި ޙުކުމަކީ ވަރަށް މަތިވެރި ޢާންމު ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ. އެއީ ﷲ ގެ މި ވަޙީބަސްފުޅުގެ މައްޗަށްވާ ޤަވާޢިދެކެވެ.

﴿رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا﴾

[البَقَرَة 286]

މާނައީ: "އަޅަމެންގެ ރައްބެވެ! އަޅަމެން ހަނދާންނެތިގެން ކުރެވޭ ކުށަށް ނުވަތަ އޮޅުމަކުން އަޅަމެންނަށް ނޭނގިގެން ކުރެވޭ ކުށަށް އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!"

މި ދުޢާއަށް އިޖާބަދެއްވައި «قد فعلت» (މާނައީ: "ހަމަކަށަވަރުން އެ ފަދައިން ކަންތައް ކޮށްދެއްވައިފީމެވެ!") މި ފަދައިން ﷲ ވަޙީކުރެއްވިކަމުގައި ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. «قال: نعم»[4] މާނައީ: "އެ އިލާހު ވަޙީކުރެއްވިއެވެ: އާދޭހެވެ!" މިއީ އަޅުތަކުންގެ މައްޗަށްވާ ﷲގެ އޯގާވަންތަކަމެވެ. އަދި އަޅުތަކުންގެ މައްޗަށް ލެއްވި ލުއިފަސޭހަ ކަމެވެ. އަދި އެ މީހުންގެ ކިބައިން ދަތިއުނދަގޫކަން އުފުއްލެވުމެވެ.

ރޯދަވެރިޔަކު ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ހަނދާންނެތިގެން ކަނިކޮށް ނުވަތަ ބޮނިކޮށް މީހަކަށް ފެނިއްޖެ ނަމަ، އެ މީހަކަށް ބުނެދީ ހަނދާންކޮށްދިނުމަކީ ވާޖިބެކެވެ. އެހެނީ މި ކަންތައް ވަނީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމުގެ ތެރެއިންނެވެ. ރަމަޟާންމަހުގެ ދުވާލު ކައިބޮއެ ހެދުމަކީ މުންކަރާތެކެވެ. ހަނދާންނެތް މީހާއަކީ ޢުޛުރުވެރިއެކެވެ. އެހެންކަމުން އެ މީހަކަށް އެ ވަޤުތު ހަނދާންކޮށްދިނުން (އެހެން މީހުންގެ މައްޗަށް) ވާޖިބެވެ.

މީހަކު ފެންވަރާ ވަޤުތު ނުވަތަ (ވުޟޫކުރުމުގައި) ނޭފަތަށް ފެންލާ ވަޤުތު، ނުވަތަ އަނގަޔަށް ފެންލާ ވަޤުތު، ގަސްތަކާ ނުލައި ކަރުގެ ތެރެއަށް ފެން ދިއުމަކުން އެ މީހެއްގެ ރޯދަ ނުގެއްލޭނެއެވެ. ހަމަ މި ގޮތަށް މީހެއްގެ އެއްވެސް އިޚްތިޔާރަކާ ނުލައި އަނގަޔަށް މެއްސެއް ނުވަތަ ހިރަފުސްކޮޅެއް ގޮސް ދިރުނު ނަމަވެސް އެ މީހެއްގެ ރޯދަ ނުގެއްލޭނެއެވެ. އެއީ މި ފަދަ ކަންކަމަކީ މީހާއަށް އެ ކަންކަމުން ސަލާމަތްނުވެވޭނެ ކަންކަމެވެ. އަދި މި ކަމުގައި އޭނާގެ އަމިއްލަ ގަސްތެއް ނެތީމައެވެ. މި ފަދަ މީހާ ވަނީ ހަނދާންނެތިގެން ރޯދަ ގެއްލޭކަމެއް ކުރާ މީހެއް ފަދައިންނެވެ. وَاللهُ أَعْلَمُ.

اللَّهُمَّ وَفِّقْنَا لِمَا يُرْضِيكَ، وَجَنِّبْنَا مَعَاصِيكَ، وَاجْعَلْنَا مِنْ عِبَادِكَ الصَّالِحِينَ، وَحِزْبِكَ الْمُفْلِحِينَ، وَاعْفُ عَنَّا، وَتُبْ عَلَيْنَا، وَاغْفِرْ لَنَا وَلِوَالِدَيْنَا وَلِجَمِيعِ الْمُسْلِمِينَ.

ޔާ ﷲ! އިބަ އިލާހު ރުހިވޮޑިގަންނަވާ ކަންކަަމަށް އަޅަމެންނަށް ތައުފީޤު ދެއްވައި، އިބަ އިލާހަށް އުރެދުމުން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އިބަ އިލާހުގެ ހެޔޮލަފާ އަޅުތަކުންނާއި، ކާމިޔާބުގެ އަޅުތަކުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ! އަޅަމެންގެ ކިބައިން ޢަފޫކޮށްދެއްވާ ތައުބާލައްވާނދޭވެ! އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!

އާމީން.

މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.

[1] انظر: «سنن الدارقطني» (178/2)

[2] أخرجه ابن حبان (287/8)، والحاكم (430/1)، وصححه على شرط مسلم، وسكت عنه الذهبي، وصححه الحافظ في «البلوغ»، وانظر: «منحة العلام في شرح بلوغ المرام» لرامة (50/5).

[3] މާނައީ މީހުންނަށް ޢާންމުކޮށް ރޯދަގެއްލޭކަމަކަށް ހަނދާންނެތިގެން ކުރެވޭނެ ކަމަކީ މި ދެ ކަންތައް: އެބަހީ ކެއުމާއި ބުއިމެވެ. އެހެންކަމުން ޙަދީޘުގައި ކެއުމާއި ބުއިމުގެ ވާހަކަ ބަޔާންކުރެވުނީއެވެ.

[4] رواه مسلم (125، 126)، موقوفًا على ابن عباس رضي الله عنهما، واللفظ الثاني على أبي هريرة رضي الله عنه، لكن له حكم المرفوع؛ إذ لا يُقال مثله بالرأي، والله أعلم.

2 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.