ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްތިންވަނަ ޙަދީޘް

ރޯދައިގެ މާތްކަން
އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ، الْحَسَنَةُ عَشْرُ أَمْثَالِهَا، إِلَى سَبْعِمِائَةِ ضِعْفٍ. قَالَ اللهُ: إِلَّا الصَّوْمَ فَإِنَّهُ لِي، وَأَنَا أَجْزِي بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي، لِلصَّائِمِ فَرْحَتَانِ؛ فَرْحَةٌ عِنْدَ فِطْرِهِ وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ، وَلَخُلُوفُ فِيهِ أَطْيَبُ عِنْدَ اللهِ مِنْ رِيحِ الْمِسْكِ»
މާނައީ: "އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއް އެތައް ގުނައަކަށް އިތުރުކުރެވެއެވެ. ކޮންމެ ހެޔޮކަމެއް ދިހަ ގުނައިން ފެށިގެން ހަތްސަކޭތަ ގުނައަށެވެ. ﷲ ވަޙީކުރެއްވިއެވެ. އެއީ ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން ރޯދަ ވަނީ ތިމަން އިލާހަށެވެ. އަދި އެ ރޯދައަށް ޖަޒާދެއްވާނީ ވެސް ތިމަން އިލާހެވެ. (ރޯދަވެރިޔާ) އޭނާގެ ޝަހުވަތާއި ކެއިންބުއިން ތިމަން އިލާހަށް ޓަކައި ދޫކޮށްލައެވެ. ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. އެއީ އޭނާ ރޯދަ ވީއްލާ ވަޤުތު ވާ އުފަލަކާއި، އޭނާގެ ވެރި ރައްބާ ބައްދަލުވާ ހިނދު ވާ އުފަލެކެވެ. އަދި ހަމަކަށަވަރުން އޭނާގެ (އެބަހީ ރޯދަވެރިޔާގެ) އަނގައިގެ ވަހަކީ ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ[1] ވަހަށް ވުރެ މީރު ވަހެކެވެ."
متفقٌ عليه.
މި ޙަދީޘަކީ ރޯދައިގެ މާތްކަމާއި، ﷲގެ ޙަޟްރަތުގައި ރޯދައިގެ މަތިވެރިކަން އަންގައިދޭ ޙަދީޘެކެވެ. ރޯދައިގެ ގިނަގުނަ މާތްކަމުގެ ތެރެއިން ހަތަރު ކަމެއް މި ޙަދީޘުގައި މި ވަނީ އައިސްފައެވެ.
ފުރަތަމައީ: ރޯދަވެރިންނަށް އެ މީހުންގެ އަޖުރު ދެއްވާހުށީ އެއްވެސް ޙިސާބެއް ނެތިއެވެ. ފަހެ ހަމަކަށަވަރުން ރޯދަ ފިޔަވައި އެހެނިހެން ހުރިހާ ޢަމަލެއް ދިހަ ގުނައިން ފެށިގެން ހަތްސަކޭތަ ގުނައާ ހަމައަށް އިތުރުކުރެވެއެވެ. ފަހެ ރޯދައަށް މި ޢަދަދުތަކަށް އިތުރުކުރުން ނުވަދެއެވެ. އެހެނެއްކަމަކު ރޯދަ (އެބަހީ ރޯދައިގެ އަޖުރު)، ﷲ އެތައް ގުނައަކަށް އިތުރު ކުރައްވައެވެ. އެހެނީ ރޯދަ ވަނީ ކެތްތެރިކަމުގެ ތެރެއިންނެވެ. ﷲ ވަޙީކުރެއްވިއެވެ.
﴿إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾
[الزُّمَر 10]
މާނައީ: "ހަމަކަށަވަރުން ކެތްތެރިންނަށް، އެ މީހުންގެ އަޖުރު ދެއްވާހުށީ އެއްވެސް ޙިސާބެއް ނެތިއެވެ."
އަލްއައުޒާޢީ ވިދާޅުވިއެވެ.
ދެވަނައީ: އެހެން ޢަމަލުތަކާ ޚިލާފަށް ރޯދަ މި ވަނީ ﷲ އެ އިލާހުގެ ޛާތުފުޅަށް ނިސްބަތްކުރައްވާފައެވެ. މީގެ ޙިކުމަތަކީ -އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ.- އެ ކަމުގައި ދުވާލުގެ ވަޤުތު އެއްކޮށް ހޭދަވާތީއެވެ. އަދި އޭނާގެ ނަފުސު ޝަހުވަތަށް އެދިގޮވާ ޙާލު ވެސް ޝަހުވަތް ދޫކޮށްލައެވެ. ވަކިން ޚާއްޞަކޮށް ހޫނު މޫސުމުގެ ދުވަސްވަރުގެ ދުވާލުގެ ވަޤުތު ދިގުވެފައި ހޫނުކަން ގަދަ ދުވަސްތަކުގައި މި ކަން ބޮޑެވެ. އަދި ރޯދައަކީ އަޅާ އަދި އޭނާގެ ވެރި ރައްބާ ދެމެދުގައި ވާ ސިއްރެކެވެ. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ އަޅުކަން ނުފެންނާނެއެވެ. އެއީ އެތެރޭގެ އަޅުކަމެކެވެ. އެއްވެސް ޚަލްޤަކަށް (އެބަހީ އެއްވެސް މީހަކަށް) އެ ނުފެންނާނެއެވެ. އަދި މި އަޅުކަމަށް ދެއްކުންތެރިކަން ނުވަދެއެވެ.
ތިންވަނައީ: ރޯދަވެރިޔާ އޭނާގެ ވެރި ރައްބާ ބައްދަލުވާ ހިނދު އޭނާގެ ރޯދައިގެ މައްޗަށް އުފާކުރެއެވެ. އެއީ އޭނާއަށް ހުރި ޘަވާބާއި ދަރުމަ ފެނުމުންނެވެ. އަދި ﷲ ތައުފީޤު ދެއްވައި އޭނާ ހިފި ރޯދަ ޤަބޫލުކުރައްވައި އެ ކަމުގެ މައްޗަށް ހުރި ޖަޒާ ފެނުމުންނެވެ.
އޭނާ ރޯދަ ވީއްލާ ވަޤުތު ވާ އުފަލާ މެދު ދަންނައެވެ! އެއީ ރޯދަ ފަސާދަވާ ކަންކަމުން ސަލާމަތްވެ، އޭނާގެ ޠަބީޢަތް ގޮވާލާ ކަންކަމުން މަނާވެގަނެ ހުރެ، އޭނާގެ އަޅުކަން ފުރިހަމަކުރިކަމަށް ޓަކައެވެ. މިއީ ޙަމްދުކުރެވޭ އުފާކުރުމެކެވެ. އެއީ ﷲއަށް ކިޔަމަންވެރިކަން އަދާކުރުމާއި، މަތިވެރި ޘަވާބެއް ވަޢުދުކުރެވިފައި ވާ ރޯދަ ފުރިހަމަކުރުމުގެ މައްޗަށް ވާ އުފަލެކެވެ.
ހަތަރުވަނައީ: ﷲގެ ޙަޟްރަތުގައި ރޯދަވެރިޔާގެ އަނގައިގެ ވަހަކީ ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރު ވަހެކެވެ. އަނގައިގެ މި މީރު ވަސް އަންނާނީ ޤިޔާމަތް ދުވަހުއެވެ. އެހެނީ ޢަމަލުތަކުގެ ޘަވާބު ފެންނަ ވަޤުތަކީ އެ ދުވަހެވެ. އެއީ އެހެން ރިވާޔަތެއްގައި ވެއެވެ.
«أَطْيَبُ عِنْدَ اللهِ، يَوْمَ الْقِيَامَةِ»[3]
މާނައީ: "ޤިޔާމަތް ދުވަހު ﷲގެ ޙަޟްރަތުގައި.."
މި ވަހަކީ (އެބަހީ ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ) ދުނިޔެމަތީގައި މީސްތަކުންނަށް ކަމުނުދާ އެ މީހުން ނުރުހުންތެރިވާ ވަހެކެވެ. ނަމަވެސް ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރު ވަހެކެވެ. އެއީ އެ ވަހަކީ ﷲއަށް ކިޔަމަންތެރިކަންއަދާކުރުމުގެ ސަބަބުން އުފެދުނު ވަހަކަށް ވާތީއެވެ.
އަދި ރޯދައިގެ މާތްކަމުގެ ތެރޭގައި: އެއީ ފާފަތައް ފުއްސަވާދެއްވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައި ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»[4]
މާނައީ: "އީމާންވެ ހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު ރަމަޟާން މަހުގެ ރޯދަ ހިފައިފި މީހާ ދަންނާށެވެ! އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިގެންދާނެއެވެ."
ނަމަވެސް މި މާތްކަން ޙާޞިލު ވާނީ ﷲއަށް އިޚްލާޞްތެރިކަމާ އެކު ކެއުމާއި، ބުއިމާއި، ޖިމާޢުވުން ދޫކޮށް ރޯދަ ހިފައިފި މީހަކަށެވެ. އަދި ފާފަތައް ދޫކޮށް އެ މީހެއްގެ މުޅި ހަށިގަނޑުން އެއްކޮށް ރޯދަހިފައިފި މީހަކަށެވެ. އިސްލާމީ ޝަރީޢަތުގައި ޝަރުޢުކުރައްވައި، ގިނަގުނަ ޘަވާބު ލައްވާފައިވާ ރޯދައަކީ މި ފަދަ ރޯދައެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ وَالْجَهْلَ، فَلَيْسَ لِلّهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ»[5]
މާނައީ: "ހަޑި ހުތުރު ބަސްބުނުމާއި، ނުބައި ޢަމަލުތައް ކުރުމުން ދުރުހެލިނުވާ މީހަކު، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ބޭނުންވެވޮޑިގެންނުވެތެވެ."
اللَّهُمَّ احْفَظْ لَنَا صِيَامَنَا، وَاجْعَلْهُ شَافِعًا لَنَا، وَأَعِنَّا فِيهِ عَلَى طَاعَتِكَ، وَجَنِّبْنَا طُرُقَ مَعْصِيَتِكَ، وَاغْفِرْ لَنَا وَلِوَالِدِينَا وَلِجَمِيعِ الْمُسْلِمِينَ.
ޔާﷲ! އަޅަމެންނަށް ޓަކައި އަޅަމެންގެ ރޯދަ ރައްކާތެރިކޮށްދެއްވައި، އެ ރޯދައަކީ އަޅަމެންނަށް ޝަފާޢަތްތެރިވާނޭ އެއްޗެއްކަމުގައި ލައްވާނދޭވެ! އަދި ރޯދަ ހިފުމުގައި އިބަ އިލާހަށް ކިޔަމަންތެރިކަން އަދާކުރުމަށް، އަޅަމެންނަށް އެހީތެރިވެވޮޑިގަންނަވާނދޭވެ! އަދި އިބަ އިލާހަށް އުރެދުމުގެ މަގުތައް އަޅަމެންނަށް ބަނދުކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!
އާމީން.
މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.
[1] (އެއީ) ވަކިވައްތަރެއްގެ ފުއްލާއެއްގެ ބަނޑުދޮށުގައި ހުންނަ ގޮށެއް. މި ގޮށުގެ ތެރޭގައި ހުންނަނީ ކަޅުކުލައިގެ މީރުވަސްދުވާ އޮލަ މާއްދާއެކެވެ. މިއީ ބޭހަށާއި އަތަރު ހެދުމަށް ބޭނުންކުރާ އެއްޗެކެވެ. [ދިވެހިބަހުގެ ރަދީފު]
[2] تفسير ابن كثير «تفسير القرآن العظيم» (80/7)
[3] الرواية لمسلم رقم (1151)(163)
[4] صحيح البخاري (38)، ومسلم (760). މި ޙަދީޘުގައި އެ މީހެއްގެ ފާފަތައް ފުއްސެވޭނެކަމަށް އޮތް ބަސްފުޅުގެ މުރާދަކީ އެ މީހެއްގެ ކުދި ފާފަތަކެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ.
[5] أخرجه البخاري (6057)، وانظر كلام شيخ الإسلام ابن تيمية على معناه في منهاج السنة (5/197–198)
