ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްދިހަވަނަ ޙަދީޘް

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•4 މިނެޓުގެ ކިޔުން
ދިހަވަނަ ޙަދީޘް

ރޯދަވީއްލުމުގެ އަދަބުތައް

ސަހްލު ބުނު ސަޢްދު رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައި ވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الفِطْرَ»

މާނައީ: "ރޯދަވީއްލުން އަވަސްކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައި ނުދާނެއެވެ."

متفق عليه.

މި ޙަދީޘަކީ ރޯދައިގެ އަދަބުތަކުގެ ތެރެއިން އަދަބެއް ބަޔާންކުރާ ޙަދީޘެކެވެ. އެއީ ރޯދަވީއްލުން އަވަސްކޮށް، ވަޤުތު ޖެހުމާ އެކު އެ ކަމަށް އަވަސްވުމެވެ. ރޯދަވީއްލުން އަވަސްކުރުމުގެ މާނައަކީ އިރުއޮއްސުމާ އެކު އަވަހަށް ރޯދަވީއްލުމެވެ. އަދި މިއީ ވަރަށް ބޮޑު ހެޔޮކަމެކެވެ. އަދި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ހިދާޔަތަށް ތަބަޢަވެ އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރުން ވެސް މީގައި ވެއެވެ. އެކަލޭގެފާނު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ރޯދަވީއްލުން އަވަސްކުރައްވައި އުޅުއްވިއެވެ.

ޢަބްދުﷲ ބުނު އަބޫ އައުފާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.

ތިމަންބޭކަލުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާ އެކު ދަތުރެއްގެ މަތީގައި ވީމެވެ. -އެކަލޭގެފާނު ހުންނެވީ ރޯދައަށެވެ.- އިރުއޮއްސުމާ އެކު (އެކަލޭގެފާނު) ޙަދީޘްކުރެއްވިއެވެ. «انزلْ فاجْدَحْ لنا» މާނައީ: "(ރޯދަވީއްލުމަށް) ފައިބައި ހިމުން ގޮދަންފުށް ފެނާ އެއްކުރައްވާށެވެ." އެ ބޭކަލުން ވިދާޅުވިއެވެ: ﷲގެ ރަސޫލާއެވެ! އަދި މަޑުކޮށްލައްވާށެވެ! (އެކަލޭގެފާނު) އަނެއްކާ ވެސް ޙަދީޘްކުރެއްވިއެވެ: «انزلْ فاجْدَحْ لنا» މާނައީ: "(ރޯދަވީއްލުމަށް) ފައިބައި ހިމުން ގޮދަންފުށް ފެނާ އެއްކުރައްވާށެވެ." އެ ބޭކަލުން ވިދާޅުވިއެވެ: އަދި މިއީ ދުވާލެވެ. (އެކަލޭގެފާނު) އަނެއްކާ ވެސް ޙަދީޘްކުރެއްވިއެވެ: «انزلْ فاجْدَحْ لنا»މާނައީ: "(ރޯދަވީއްލުމަށް) ފައިބައި ހިމުން ގޮދަންފުށް ފެނާ އެއްކުރައްވާށެވެ." ދެން އެ ބޭކަލުން ފައިބައިވަޑައިގެން އެ ފަދައިން ހައްދަވައިދެއްވިއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ މި ބުއިން ހިއްޕެވުމަށް ފަހު ޙަދީޘްކުރެއްވިއެވެ.

«إِذَا رَأَيْتُمُ اللَّيْلَ قَدْ أَقْبَلَ مِنْ هَا هُنَا، أَفْطَرَ الصَّائِمُ»[1]

މާނައީ: "މި ދިމާލުން އިރު އޮއްސުމާ އެކު ރޯދަވެރިޔާ ރޯދަވީއްލަންވީއެވެ."

ރޯދަވީއްލުން އަވަސްކުރުމަކީ ނަބީބޭކަލުންގެ އަޚްލާޤެކެވެ.

އަބުއްދަރްދާއު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.

"ތިން ކަމެއް ވަނީ ނަބީކަމުގެ އަޚްލާޤުގެ ތެރެއިންނެވެ: އެއީ ރޯދަވީއްލުން އަވަސްކުރުމާއި، ހާރުކެއުން ލަސްކުރުމާއި، ނަމާދުގައި ކަނާއަތް ވާއަތުގެ މަތީގައި ބޭއްވުމެވެ."

ރޯދަވީއްލުން އަވަސްކުރުމަކީ މީސްތަކުންނަށްވާ ފަސޭހައެކެވެ. އަދި ދީންވެރިވުމުގައި ހައްދުފަހަނައަޅައިދިއުމާ ދުރުކަމެކެވެ. އެންމެ ހެޔޮ ޤަރުނުގެ ބޭކަލުން -ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ޞަޙާބީބޭކަލުން- ވަނީ ރިވެތިގޮތުގައި މި ނަމޫނާގައި ހިފާފައެވެ.

އިމާމު ބުޚާރީ ވިދާޅުވިއެވެ.

"އިރުގެ ދޯދިތައް ގެއްލި (އިރުއޮއްސުމާ އެކު) އަބޫ ސަޢީދު އަލްޚުދްރީ رَضِيَ اللهُ عَنْهُ ރޯދަވީއްލެއްވިއެވެ."[2]

ޢަމްރު ބުނު މައިމޫނު އަލްއައުދީ ވިދާޅުވިއެވެ.

"ރޯދަވީއްލުމުގައި އެންމެ އަވަސް އަދި ހާރުކެއުމުގައި އެންމެ ލަސް ބޭކަލުންތަކެއްކަމުގައި މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ޞަޙާބީބޭކަލުން ވެވަޑައިގެންނެވިއެވެ."[3]

ރޯދަވެރިޔާ ރޯދަވީއްލުމުގެ ވަޤުތާއި، ދުޢާ އިޖާބަކުރެވޭ ވަޤުތުތަކުގެ ބޭނުން ހިފަންޖެހެއެވެ. އަދި މި ވަޤުތުތަކުގައި ހެޔޮކަމުގެ ތެރެއިން އެ މީހަކު ލޯބިވާ ކަމަކަށް ދުޢާކުރަންޖެހެއެވެ. އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«ثلاثةٌ لَا تُرُدُّ دَعْوَتُهُمْ: الإِمامُ العادِلُ والصَّائِمُ حِينَ يُفْطِرُ ودَعْوَةُ المَظْلُومِ»[4]

މާނައީ: "ތިން މީހެއްގެ ދުޢާ (އިޖާބަނުކުރައްވައި) ރައްދުނުކުރެވޭނެއެވެ. އެއީ ޢަދުލުވެރި ވެރިމީހާއާއި، ރޯދަވެރިޔާ ރޯދަވީއްލާ ވަޤުތުގައާއި އަދި އަނިޔާލިބިފައި ވާ މީހާގެ ދުޢާއެވެ."

ޢަބްދުﷲ ބުނު ޢަމްރު ބުނު އަލްޢާޞް رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައި ވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«إنّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةً مَا تُرَدُّ»

މާނައީ: "ހަމަކަށަވަރުން (އިޖާބަނުކުރައްވައި) ރައްދުނުކުރެވޭނޭ ދުޢާއެއް ރޯދަވީއްލާ ވަޤުތުގައި ރޯދަވެރިޔާއަށް ލިބިގެން ވެއެވެ."

އިބްނު އަބޫ މުލައިކާ ވިދާޅުވިއެވެ: ޢަބްދުﷲ ބުނު ޢަމްރު ރޯދަވީއްލެއްވުމަށް ފަހު، މި ފަދައިން ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

«اللهم إني أسألك برحمتك ـ التي وسعت كلَّ شيءٍ ـ أن تغفر لي»

މާނައީ: "ޔާﷲ! އިބަ އިލާހުގެ ތަނަވަސް ރަޙުމަތް މެދުވެރިކޮށް މި އަޅާއަށް ފާފަފުއްސަވައިދެއްވުން އެދި ދަންނަވަމެވެ."[5]

ރޯދަވީއްލުމަށް ފަހު، އަންނިވި ދުޢާ ކިޔުމަކީ ވެސް މުސްތަޙައްބު ކަމެކެވެ. ޢަބްދުﷲ ބުނު ޢުމަރު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ: "ނަބިއްޔާ ރޯދަވީއްލަވައިފި ނަމަ، މި ފަދައިން ވިދާޅުވެއެވެ.

«ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ»[6]

މާނައީ: "ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ އަޖުރު ޘާބިތުވެއްޖެއެވެ."

وَاللهُ أَعْلَمُ.

اللَّهُمَّ ارْزُقْنَا عِلْمًا نَافِعًا، وَعَمَلًا مُتَقَبَّلًا، وَرِزْقًا طَيِّبًا، اللَّهُمَّ أَجِبْ دُعَاءَنَا، وَحَقِّقْ رَجَاءَنَا، وَاغْفِرِ اللَّهُمَّ لَنَا وَلِوَالِدِينَا وَلِجَمِيعِ الْمُسْلِمِينَ.

ޔާ ﷲ! އަޅަމެންނަށް ފައިދާކުރަނިވި ޢިލްމަކާއި، ޤަބޫލުވެގެންވާ ޢަމަލަކާއި، ޙަލާލު ރަނގަޅު ރިޒުޤެއް ދެއްވާނދޭވެ! ޔާ ﷲ! އަޅަމެންގެ ދުޢާ އިޖާބަކުރައްވައި، އަޅަމެންގެ އެދުންތައް ފުއްދަވާދެއްވާނދޭވެ! ޔާ ﷲ! އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!

އާމީން.

މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.

[1] أخرجه البخاري (1954)، ومسلم (1101)

[2] «فتح الباري» (196/4)

[3] أخرجه عبد الرزاق في «المصنف» (226/4)، قال في «فتح الباري» (199/4): «إسناده صحيح».

[4] أخرجه الترمذي (3598)، وابن ماجه (1752)، والحديث له شواهد منها حديث عبد الله بن عمرو رضي الله عنهما.

[5] رواه ابن ماجه (1753)، والحاكم (423/1)، وابن السني رقم (481). قال البوصيري: «هذا إسناد صحيح»، وفي تصحيحه نظر، وضعَّفه المنذري في «الترغيب» (89/2). والأحاديث في هذا الباب لا تخلو من مقال، ولعل بعضها يقوّي بعضًا إضافةً إلى ما ورد في الباب عن السلف من آثار. انظر: «تفسير ابن كثير» (2/66–67)، و«تنبيه القارئ» للشيخ عبد الله الدويش، ص (78-79). «زوائد الأربعين على الصحيحين» في كتاب الصيام (339/1).

[6] رواه أبو داود (2357)، والبيهقي (239/4)، والحاكم (422/1)، وابن السني رقم (478)، والدارقطني (185/2)، وقال: تفرد به الحسين بن واقد، وإسناده حسن، والحسين هذا ثقة له أوهام، كما في «التقريب».

2 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.