ސުވަރުގެ ވަނުމަށް ދެކޮޅުހެދުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
އަބޫ ހުރައިރާ ގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ.
«كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى» قَالُوا: يَا رَسُولَ اللَّهِ، وَمَنْ يَأْبَى؟ قَالَ: «مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى»[1]
މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ ކޮންމެ މީހަކު ސުވަރުގެ ވަންނަހުއްޓެވެ. އެއީ އެ ކަމަށް ދެކޮޅުހަދައިފި މީހަކު ފިޔަވައެވެ. އެ ބޭކަލުން ދެންނެވިއެވެ: އޭ ﷲގެ ރަސޫލާއެވެ! (ސުވަރުގެ ވަނުމަށް) ދެކޮޅު ހަދާނީ ކާކު ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ތިމަންކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކޮށްފި މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ، ފަހެ (ސުވަރުގެ ވަނުމަށް) ދެކޮޅުހަދައިފިއެވެ."
ޙަދީޘުގެ ޝަރަޙަ
މުޙައްމަދުގެފާނީ ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ކަމަށް އަޅުގަނޑުމެން ހެކިވާ ހެކިވުމުގައި، އެކަލޭގެފާނުގެ ކޮންމެ އަމުރުފުޅަކަށް ކިޔަމަންވުމާއި، އެކަލޭގެފާނު ނަހީކުރެއްވި ކޮންމެ ކަމަކުން ދުރުހެލިވުން ލާޒިމުކުރެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ﴾
[النِّسَاء: 59]
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވާށެވެ! އަދި ތިޔަބައިމީހުން ރަސޫލާއަށް ކިޔަމަންތެރިވާށެވެ!"
މި ޙަދީޘުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم މި ޙަދީޘްކުރައްވަނީ:
«كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى»
މާނައީ "ތިމަންކަލޭގެފާނުގެ އުންމަތުގެ ކޮންމެ މީހަކު ސުވަރުގެ ވަންނަހުއްޓެވެ. އެއީ އެ ކަމަށް ދެކޮޅުހަދައިފި މީހަކު ފިޔަވައެވެ."
މާނައަކީ ސުވަރުގެ ވަނުމަށް މަނާވެގަނެ ދެކޮޅުހަދައިފި މީހަކު ފިޔަވައި، ކޮންމެ މީހަކު ވެސް (ޤިޔާމަތް ދުވަހު) ސުވަރުގެ ވަންނަ ހުއްޓެވެ.
ދެން ޞަޙާބީ ބޭކަލުން رَضِيَ اللهُ عَنْهُمْ، މި ކަމާ ޙައިރާން ވެވަޑައިގެން ވިދާޅުވިއެވެ.
يَا رَسُولَ اللَّهِ، وَمَنْ يَأْبَى؟
މާނައީ: "އޭ ﷲގެ ރަސޫލާއެވެ! (ސުވަރުގެ ވަނުމަށް) ދެކޮޅު ހަދާނީ ކާކު ހެއްޔެވެ؟"
މާނައަކީ: އޭ ﷲގެ ރަސޫލާއެވެ! ސުވަރުގެ ވަނުމަށް ބޭނުން ނުވާ އެއްވެސް މީހަކު ވޭހެއްޔެވެ!؟
ފަހެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم (މި ސުވާލަށް) ޖަވާބުދެއްވައި ޙަދީޘްކުރެއްވިއެވެ:
«مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى»
މާނައީ: "ތިމަންކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކޮށްފި މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ، ފަހެ (ސުވަރުގެ ވަނުމަށް) ދެކޮޅުހަދައިފިއެވެ."
މާނައަކީ: ތިމަންކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކޮށް، ކީރިތި ޤުރުއާނާއި ސުންނަތުގައި ރަނގަޅަށް ހިފައިފި މީހަކު ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނު ގެންނެވި ދަޢުވަތު ޤަބޫލުކުރުމަށް އިންކާރުކޮށް، އަދި ތިމަންކަލޭގެފާނު އަމުރުކުރެއްވި ކަންކަމަށް ކިޔަމަންތެރިކަން އަދާނުކޮށް[2]، އެ މީހެއްގެ ހަވާނަފުސު އެދޭހާ ކަމަކަށް ކިޔަމަންތެރިވެ، ރަނގަޅު ގޮތް ދޫކޮށްލައި، ސިދާ ތެދު މަގުން އެއްކިބާވެއްޖެ މީހާ، ނަރަކައަށް ވަދެއްޖެއެވެ.
މަޞްދަރު: الْمَوْسُوعَةُ الحَدِيثِيَّةُ، شُرُوحُ الأَحَادِيثِ، الدُّرَرُ السَّنِيَّةُ.
[1] أخرجه البخاري (7280)، وأحمد (8728) واللفظ لهما، والبزار (8757) بنحوه.
[2] ބަދްރުއްދީން އަލްޢައިނީ (ނޔވ 855) ވިދާޅުވިއެވެ: "ދެކޮޅުހަދައިފި މީހަކު ފިޔަވައެވެ." މާނައަކީ އެކަލޭގެފާނު ގެންނެވި ދަޢުވަތު ޤަބޫލުކުރުމަށް އިންކާރުކުރުމެވެ. ނުވަތަ އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންވުމަށް ދެކޮޅުހެދުމެވެ. [عُمْدَةُ الْقَارِي شَرْحُ صَحِيحِ البُخَارِيّ (27/25)]
