ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްފަސްވަނަ ހަދީޘް

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•2 މިނެޓުގެ ކިޔުން
ފަސްވަނަ ހަދީޘް

ރަމަޟާންމަހުގެ ޚާއްޞަކަން

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައި ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«إِذَا دَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ النَّارِ، وَصُفَّدَتِ الشَّيَاطِينُ»

މާނައީ: "ރަމަޟާން މަސް ފެށިއްޖެ ނަމަ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުންތައް ކަސްތޮޅުއެޅުވެއެވެ."

متفقٌ عليه.

(ޞަޙީޙު) މުސްލިމުގެ ރިވާޔަތެއްގައިވެއެވެ.

«فُتِّحَتْ أَبْوَابُ الرَّحْمَةِ»

މާނައީ: "ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުއްވެއެވެ."

މި ޙަދީޘަކީ ރަމަޟާންމަހުގެ މާތްކަމާއި، ޚާއްޞަކަން ދަލީލުކޮށްދޭ ޙަދީޘެކެވެ. ފަހެ މި މައްސަރު އެހެނިހެން މައްސަރުތަކުގެ މައްޗަށް މާތް ﷲ މާތްކުރެއްވައި ޚާއްޞަކުރެއްވިއެވެ. މި މައްސަރާ އެއްވަރަށް ހެޔޮ ޢަމަލުތަކާއި އިޙްސާންތެރިކަމަށް ގޮވާލާ އެހެން މައްސަރެއް ނުވެއެވެ.

ފަހެ މި މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އެއީ -އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲއެވެ.- ރަމަޟާން މަހުގައި ހެޔޮކަންތައް ގިނަވުމާއި، ފާފަފުއްސެވުމާއި ރުހިވޮޑިގަތުމުގެ ސަބަބުތަކަށް މީސްތަކުން ކުރިމަތިލާ މިންވަރު ގިނަވުމުގެ ސަބަބުންނެވެ. ދެން ޝައިޠާނުންތައް ކަސްތޮޅުއެޅުވޭ ހިނދު ބިންމަތީގައި ނުބައިކަން މަދުވެއެވެ. އެއީ މުސްލިމުތަކުން ރޯދައާއި، ޤުރުއާން ކިޔެވުމާއި، ﷲ ޛިކުރުކުރުމާއި، ހެޔޮކަމުގެ ކޮންމެ ކަމެއްކުރުމާއި، ހެޔޮބަސްތަކުގެ ކޮންމެ ބަހެއް ބުނުމާއިގެން މަޝްޣޫލުވުމުގެ ސަބަބުންނެވެ.

މި މައްސަރުގައި ގިނަ ފާފަވެރިންތަކެއް ﷲގެ ޙަޟްރަތަށް ތައުބާވެ، ހެޔޮ ޢަމަލުކުރުމަށް ރައްކާތެރިވެ، މިސްކިތްތަކަށް ދާތަން ފެނުމުގެ ސިއްރު މި ޙަދީޘް އަޅުގަނޑުމެނަށް ބުނެދެއެވެ.

ކަސްތޮޅުއެޅުވިފައި ވާ ޝައިޠާނާގެ ކިބައިން ވެސް އުނދަގޫ ތަކެއް ފޯރަފާނެއެވެ. އެހެންނަމަވެސް ރަމަޟާން މަސް ނޫން ދުވަސްތަކަށް ވުރެ ބަލިކަށިވާނެއެވެ. މި ކަން ބިނާވަނީ އެ މީހެއްގެ ރޯދައިގެ ފުރިހަމަކަމާއި އުނިކަމަށެވެ. ރޯދައިގެ ޝަރުޠުތަކާއި އަދަބުތަކަށް ރައްކާތެރިވެ ފުރިހަމަ ރޯދައެއް ހިފާ މީހާ، އުނި ރޯދައެއް ހިފާ މީހަކަށް ވުރެ ބޮޑަށް އެ މީހެއްގެ ކިބައިން ޝައިޠާނާ ދުރުކޮށްލާނެއެވެ. ޝައިޠާނުން ކަސްތޮޅުއެޅުވުމުގެ މާނައަކީ އެއްވެސް ނުބައިކަމެއް ނުވަތަ ފާފައެއް (ބިންމަތީގައި) ހިނގާނުދިއުމެއް ނޫނެވެ. އެހެނީ ފާފަ ފެތުރުމަށް ޝައިޠާނާ ނޫން ވެސް ސަބަބުތަކެއް ވެއެވެ. މިޘާލަކަށް ނުބައި ނަފުސުތަކާއި، އިންސާނުގެ ތެރެއިން ވާ ޝައިޠާނުންނެވެ. ނުވަތަ ކަސްތޮޅުއެޅުވޭ ޝައިޠާނުންގެ މުރާދަކީ ޝައިޠާނުންގެ ބޮޑެތިންނެވެ. މި ފަދައިން ބައެއް ރިވާޔަތްތަކުގައިވެއެވެ.[1] އޭރުން އެ ނޫން ޝައިޠާނުންގެ އުނދަގޫ ޖެހޭނެއެވެ. މި ކަމުގެ ޢިލްމު ވަނީ ﷲ ޙަޟްރަތުގައެވެ.

މުސްލިމު އަޅާ އޭނާގެ ވަޤުތު އިންތިޒާމުކޮށް ހެޔޮކަންތައްތައް ކުރުމާއި އަޅުކަމުގެ އެކި ވައްތަރުތައް އަދާކުރުމަށް އަވަސްވެގަތުން ހުއްޓެވެ. އަދި އަޅުކަމުގެ މޫސުމުގެ ފައިދާ އެންމެ ރަނގަޅުގޮތުގައި ހޯދަންޖެހެއެވެ. އަދި ރަމަޟާން މަހުގެ ރޭތަކުގައި ނުނިދާ ހުރުމުން ދުރުހެލިވާން ޖެހެއެވެ. އެއީ ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި ހީވާގިކޮށް އުޅުމަށެވެ. ފަހެ ރަމަޟާން މަސް ނޫން ދުވަސްތަކުގައި ރޭގަނޑު ނުނިދާ އުޅުމަކީ ނަހީކުރެވިފައިވާ ކަމަކަށް ވީ އިރު، ރަމަޟާން މަހުގެ ރޭތަކުގައި ނުނިދާ އުޅުމުގެ ނަހީކަން ބޮޑެވެ. ވަކިން ޚާއްޞަކޮށް ކުޅިވަރާއި މިއުޒިކުގެ ކަންކަމާއި ނުވަތަ އެ މަޖުލިސްތަކުގެ ފައިދާއަށް ވުރެ ގެއްލުން ބޮޑު، އެއްވެސް ބޭނުމެއް ނެތް އެއްވުންތަކުގައި ރޭގަނޑުގެ ވަޤުތުތައް ނަގާލައިގެން ނުވާނެއެވެ. އަދި މިއަށް ވުރެ ނުބައިކަމަކީ ފަރުޟު ނަމާދުތައް އަޅާފައި ދުވާލުގެ ގިނަ ވަޤުތު ނިދުމެވެ. واللهُ أعلم.

اللَّهُمَّ أَيْقِظْنَا مِنْ رَقَدَاتِ الْغَفْلَةِ، وَوَفِّقْنَا لِلِاسْتِعْدَادِ قَبْلَ النَّقْلَةِ، وَأَلْهِمْنَا اغْتِنَامَ الزَّمَانِ وَقْتَ الْمُهْلَةِ، وَاغْفِرْ اللَّهُمَّ لَنَا وَلِوَالِدِينَا وَلِجَمِيعِ الْمُسْلِمِينَ.

ޔާﷲ! ޣާފިލުކަމުގެ ނިދިން އަޅަމެން ހޭލައްވައި، އާޚިރަތުގެ ކުރިން އެ ދުވަހަށް ތައްޔާރުވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! މި މުހުލަތުގެ ތެރޭގައި ޒަމާނުގެ ފައިދާ ހޯދައިގަތުމަށް އަޅަމެންނަށް ހިތްވަރުދެއްވާނދޭވެ! ޔާﷲ! އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!

އާމީން.

މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.

[1] سنن النسائي (129/4)

3 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.