ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްހަތްވަނަ ޙަދީޘް

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•4 މިނެޓުގެ ކިޔުން
ހަތްވަނަ ޙަދީޘް

ރަމަޟާންމަހު މުދާހޭދަކޮށް ދީލަތިވުން

އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَاގެ ކިބައިން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

«كَانَ رَسُولُ الله ﷺ أَجْوَدَ النَّاسِ، وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِيْنَ يَلْقَاهُ جِبْرِيلُ، وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ القُرآنَ فَلَرَسُولُ الله أَجْوَدُ بِالخَيْرِ مِنَ الرِّيْحِ المُرْسَلَةِ»

މާނައީ: "މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ފަރާތަކީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތި ވެވަޑައިގަންނަވަނީ ރަމަޟާންމަހުގައެވެ. އެއީ އެކަލޭގެފާނު ޖިބްރީލްގެފާނާ ބައްދަލުކުރައްވާ ހިނދުގައެވެ. ރަމަޟާންމަހުގެ ކޮންމެ ރެޔަކު ޖިބްރީލްގެފާނު ބައްދަލުކުރައްވައި ޤުރުއާން މުދާރަސާކުރައްވައެވެ. (އެބަހީ ޤުރުއާން ކިޔަވައި މުރާޖަޢާކުރައްވައެވެ.) ފަހެ ހަމަކަށަރުން (ވިއްސާރަ ވިލާގަނޑަކައިގެން) ފޮނުވޭ ވައިރޯޅިއަކަށް ވުރެ ވެސް، އެކަލޭގެފާނު ދީލަތި ވެވަޑައިގަންނަވައެވެ."

متفق عليه.

މި ޙަދީޘަކީ ކޮންމެ ވަޤުތަކު ވެސް ހޭދަކުރުމަށް، އަދި ވަކިން ޚާއްޞަކޮށް ރަމަޟާން މަހު އިތުރަށް ހޭދަކުރުމަށް ބާރުއަޅުއްވާފައިވާ ޙަދީޘެކެވެ. އެހެނީ އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا އަހަރުމެންގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޞިފަކުރައްވާފައި މި ވަނީ ހޭދަކުރައްވާ ދީލަތި ބޭކަލެއްގެ ގޮތުގައެވެ. އަދި ރަމަޟާން މަހު އެކަލޭގެފާނުގެ ހޭދަކުރެއްވުމާއި ދީލަތިކަން އެހެން ހުރިހާ ވަޤުތުތަކަށް ވުރެ އިތުރުވާ ކަމަށެވެ. ދެން އެކަލޭގެފާނުގެ ދީލަތިކަން ޞިފަކުރައްވާފައި މި ވަނީ، (ވިއްސާރަ ވިލާގަނޑަކައިގެން) ފޮނުވޭ ވައިރޯޅިއެއްގެ ޞިފައިގައެވެ. މީގެ މާނައަކީ އެކަލޭގެފާނުގެ ދީލަތި ވެވަޑައިގެންނެވުމުގައި، ބާރަށް ޖެހޭ ވައިރޯޅިއަކަށް ވުރެ ވެސް ހަލުވިވެފައި އަވަސްކަމެވެ. "ފޮނުވޭ ވައިރޯޅި" މި ފަދައިން ޢިބާރަތްކުރުއްވުމުގެ ބޭނުމަކީ، އެކަލޭގެފާނުގެ ދީލަތި ވެވަޑަގެންނެވުމަކީ ރަޙުމަތާ އެކު މެދުކެނޑުމެއްނެތި ފެތުރިގެންދާ ދީލަތިވުމެއްކަމާއި، އޭގެ މަންފާ ހުރިހާ އެންމެންނަށް ޢާންމުވެގެންވާކަން އަންގައިދިނުމަށެވެ. އެއީ (ވިއްސާރަ ވިލާގަނޑަކައިގެން) ފޮނުވޭ ވައިރޯޅި ހުރިހާ އެންމެންނަށް ޖެހޭ ފަދައިންނެވެ.

ދީލަތިވުމަކީ އޯގާވެރިކަމާ އެކު ގިނަގިނައިން ހޭދަކުރުމެވެ. މީގެ ތެރެއަށް ޞަދަޤާތްކުރުމާއި، ހުރިހާ ހެޔޮކަމަކާއި އިޙްސާންތެރިވުމެއް ވަންނާނެއެވެ. މި ޙަދީޘުން ލިބިދޭ ފިލާވަޅަކީ ހުރިހާ ވަޤުތަކު ވެސް ދީލަތިވުމަށް ބާރުއެޅުމާއި ޚާއްޞަކޮށް ރަމަޟާން މަހު ދީލަވިތުން އިތުރުކުރުމެވެ. އެހެނީ އެ މައްސަރުގައި ދީލަތިވުމުގެ މަތިވެރިކަމާއި ފައިދާ ގިނަގުނަވެގެންވާތީއެވެ.

އަނަސް رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

«مَا سُئِلَ رَسُول الله ﷺ على الْإِسْلَام شَيْئا إِلَّا أعطَاهُ. قَالَ: فجَاء رجلٌ فَأعْطَاهُ غنما بَين جبلين فَرجع إِلَى قومه فَقَالَ: يَا قوم، أَسْلمُوا، فَإِن مُحَمَّدًا يُعْطي عَطاء لَا يخْشَى الْفَاقَة»[1]

މާނައީ: "އިސްލާމުދީނުގެ ނަމުގައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރުހައި ކަމަކަށް އެދިއްޖެ މީހަކަށް، އެ ކަމެއް ނުކޮށްދެއްވާ ދޫކޮށްނުލައްވައެވެ." ވިދާޅުވިއެވެ: އެއްފަހަރަކު މީހަކަށް ދެ ފަރުބަދައެއް ދެމެދުގައި ވާހާ ބަކަރިތައް ދެއްވިއެވެ. ދެން އެ މީހަކު އެނބުރި ރަށަށް ގޮސް ބުންޏެވެ. ތިމަންނަގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން އިސްލާމުވާށެވެ. ފަހެ ހަމަކަށަވަރުން މުޙައްމަދުގެފާނު އެ ދެއްވަނީ ފަޤީރުވެދާނެކަމަށް އެއްވެސް ބިރެއް ނުގަންނަ މީހަކު ދޭ ފަދަ ދީލަތި ދިނުމެކެވެ."

އެހެންކަމުން ކޮންމެ އިންސާނަކު ވެސް އޭނާގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ކިބައިން ނަމޫނާ ލިބިގަނެ، ފަޤީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް ޞަދަޤާތްކުރަން ޖެހެއެވެ. އަވަށްޓެރިންނަށް އޯގާތެރިވެ، ރަޙިމުގެގުޅުން ދަމައްހައްޓާ، ހެޔޮކަންކަމަށް ހޭދަކުރަން ޖެހެއެވެ.

އިމާމު ޝާފިޢީ ވިދާޅުވިއެވެ.

"ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ތަބަޢަ ވެވަޑިގަތުމުގެ ގޮތުން ރަމަޟާން މަހު ހޭދަކުރުމާއި ދީލަތިވުމުގައި އިތުރުކުރުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ. އަދި އެއީ އެ މައްސަރަކީ މީސްތަކުން އެ މީހުންގެ ބޭނުންތަކަށް އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައި ވާ މަހަކަށް ވާތީއެވެ. އަދި އެއީ ރޯދަ ހިފުމާއި ނަމާދުކުރުމުގައި މަޝްޣޫލުވުމުގެ ސަބަބުން، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް ގިނަ ބަޔަކަށް ދަތިވާތީއެވެ."[2]

މީހާގެ ހިތުގައި ހޭދަކުރުމުގެ ޝައުޤުވެރިކަން އުފައްދައިދޭ އެއް ކަމަކީ، ރޯދައަށް ހުރުމުގެ ސަބަބުން ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާންވުމެވެ. މީހާ ބޭނުންވާ ތަކެތި ފަސޭހަކަމާ އެކު ލިބޭނެ މަގު ﷲ ފަހިކޮށްދެއްވާފައިވާ އިރު، އަސާސީ ބޭނުންތައް ނުފުދި ތިބި ފަޤީރު އަޚުންގެ މަތިން ހަނދާންކޮށް، އެ މީހުންނަށް ޞަދަޤާތާއި އިޙްސާންތެރިކަމުގެ އަތެއް ދިއްކޮށްލުމެވެ.

ސަލަފުންގެ ބޭކަލުން މީސްތަކުންނަށް ކާންބޯންދިނުމަށާއި، ރޯދަވެރިން ބަނޑުފުރޭވަރަށް ރޯދަވީއްލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ނުހަނު ބޮޑަށް އިސްކަންދެއްވިއެވެ. އަދި ކިއެއް! އޭގެ ތެރެއިން ބައެއް ބޭކަލުންނަކީ އަމިއްލަފުޅަށް ރޯދައަށް ހުންނަވާ އިރު ވެސް، އަމިއްލަ ރޯދަވީއްލުން އެހެން މީހުންނަށް ދެއްވައި އުޅުއްވި ބޭކަލުންނެވެ. އޭގެ ތެރޭގައި ޢަބްދުﷲ ބުނު ޢުމަރު رَضِيَ اللهُ عَنْهُمَا، ދާވޫދު އައްޠާއީ، މާލިކު ބުނު ދީނާރު އަދި އަޙްމަދު އިބްނު ޙަންބަލް ފަދަ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. رَحِمَهُمُ اللهُ.

ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާ ވިދާޅުވިއެވެ.

"ރަމަޟާން މަހު ފަޤީރުންނަށް ކާބޯތަކެތި ފޯރުކޮށްދީގެން ހެޔޮފޯރުކޮށްދިނުމަކީ އިސްލާމުކަމުގެ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ."[3]

ރަމަޟާން މަހު ޞަދަޤާތް ކުރެވިދާނެ ގޮތްތަކުގެ ތެރޭގައި: ކާބޯތަކެތި ތައްޔާރުކޮށް ފަޤީރު ޢާއިލާތަކަށް ފޯރުކޮށްދިނުން ނުވަތަ ރޯދަވީއްލުމަށް ދަޢުވަތު ދިނުން ފަދަ ކަންކަން ހިމެނެއެވެ. ފައިސާ ނުވަތަ ހެދުން ނުވަތަ މިނޫންވެސް ފަޤީރު މީހާއަށް ފައިދާ ހުރި އެހެން ކަމެއް ފެނިއްޖެ ނަމަ، އެ އެއްޗެއް ފޯރުކޮށްދޭނީއެވެ. އެހެނީ މަޤްޞަދަކީ އެ ފޯރުކޮށްދޭ މީހާ އެ އެއްޗަކުން ފައިދާ ޙާޞިލުކުރުމެވެ. އެހެންކަމުން މި މަޤްޞަދު އެންމެ ފުރިހަމައަށް ޙާޞިލުކުރެވޭނެ މަގެއް ބަލައިހޯދާނީއެވެ. އިޙްސާންތެރިންގެ އަޖުރު ﷲ ގެއްލެނިނުކުރައްވާނެއެވެ.

اللَّهُمَّ طَهِّرْ قُلُوبَنَا مِنَ النِّفَاقِ، وَأَعْمَالَنَا مِنَ الرِّيَاءِ، وَأَلْسِنَتَنَا مِنَ الْكَذِبِ، وَأَعْيُنَنَا مِنَ الْخِيَانَةِ؛ فَإِنَّكَ تَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ. وَاغْفِرِ اللَّهُمَّ لَنَا وَلِوَالِدَيْنَا وَلِجَمِيعِ الْمُسْلِمِينَ.

ޔާ ﷲ! އަޅަމެންގެ ހިތްތައް ނިފާޤުކަމުން ސަލާމަތްކުރައްވާނދޭވެ! އަދި އަޅަމެންގެ ޢަމަލުތައް ދެއްކުންތެރިކަމުން ސަލާމަތްކުރައްވާނދޭވެ! އަދި އަޅަމެންގެ ދޫތައް ދޮގުވެރިކަމުން ސަލާމަތްކުރައްވާނދޭވެ! އަދި އަޅަމެންގެ ލޯތައް ޚިޔާނަތްތެރި ބެލުންތަކުން ސަލާމަތްކުރައްވާނދޭވެ! ފަހެ ހަމަކަށަވަރުން އިބަ އިލާހު، ލޯތަކުގެ ޚިޔާނަތްތެރި ބެލުންތަކާއި ނަފުސުތަކުގައި ފޮރުވިފައި ވާ ކަންތައްތައް މޮޅަށް ދެނެވޮޑިގަންނަވަމުއެވެ. އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!

އާމީން.

މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.

[1] رواه مسلم (2312) (57)

[2] «معرفة السنن والآثار» للبيهقي (382/6)

[3] «مجموع الفتاوى» (298/25)

2 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.