ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްހަތަރުވަނަ ޙަދީޘް

ރަމަޟާން މަހުގެ ރޭއަޅުކަން
އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»
މާނައީ: "އީމާންވެ ހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު ރަމަޟާން މަހު ރޭއަޅުކަންކޮށްފި މީހާ ދަންނާށެވެ! އޭނާގެ އިސްވެ ގޮސްފައި ވާ ފާފަތައް ފުހެވިގެންދާނެއެވެ."
متفقٌ عليه.
މި ޙަދީޘަކީ ރަމަޟާން މަހުގެ ރޭއަޅުކަންކުރުމުގެ މާތްކަން ދަލީލުކޮށްދޭ ޙަދީޘެކެވެ. އަދި އެއީ ފާފަތައްފުއްސެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އެދެވޭ ގޮތުގައި (ރަމަޟާން މަހު) ތަރާވީޙު ނަމާދުކޮށްފި މީހާ، ހަމަކަށަވަރުން ވެސް ރަމަޟާން މަހު ރޭއަޅުކަންކޮށްފިއެވެ.
ފާފަތައް ފުއްސެވުން މި ވަނީ ޝަރުޠުކުރެވިފައެވެ. އެއީ "އީމާންވެ ހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު" މި ބަސްފުޅާއެވެ. "އީމާންވެ ހުރެ" މާނައަކީ ﷲގެ ވަޢުދުފުޅާއި، ރޭއަޅުކަންކުރުމުގެ މާތްކަމާއި، ﷲގެ ޙަޟްރަތުގައި ވާ ރޭއަޅުކަމުގެ އަޖުރުގެ ބޮޑުކަން ތެދުކުރާ ޙާލު ރޭއަޅުކަންކުރުމެވެ. "(ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު" މާނައަކީ ދެއްކުންތެރިކަމެއް ނުވަތަ މި ފަދަ އެހެން އެއްވެސް ގަސްދަކާނުލައި، ހަމައެކަނި ﷲގެ ޙަޟްރަތުގައިވާ ޘަވާބަށް އެދިގެން ރޭއަޅުކަންކުރުމެވެ.
އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
«كَانَ رَسُولُ اللهِ ﷺ يُرَغِّبُ فِي قِيَامِ رَمَضَانَ مِنْ غَيْرِ أَنْ يَأْمُرَهُمْ فِيهِ بِعَزِيمَةٍ فَيَقُولُ: مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»[1]
މާނައީ: "ރަމަޟާން މަހު ރޭއަޅުކަންކުރުމަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ބާރުއަޅުއްވައި އުޅުއްވިއެވެ. އެއީ ވާޖިބުކަމެއްގެ ގޮތުގައި އަމުރުކުރުމާ ނުލައެވެ. އަދި ޙަދީޘްކުރައްވައެވެ: "އީމާންވެ ހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު ރަމަޟާން މަހު ރޭއަޅުކަންކޮށްފި މީހާ ދަންނާށެވެ! އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިގެންދާނެއެވެ."
ފަހެ މުސްލިމު އަޅާ އިމާމު މީހާއާ އެކު ތަރާވީޙު ނަމާދުކުރުމަށް ސަމާލުކަންދީ ރައްކާތެރިވާންޖެހެއެވެ. އަދި ތަރާވީޙު ނަމާދުން އެއްވެސް މިންވަރެއް ގެއްލުވާލައިގެން ނުވާނެއެވެ. އަދި އިމާމު މީހާ -އެގާރަ ނުވަތަ ތޭރަ ރަކުޢަތަށް ވުރެ އިތުރުކުރި ނަމަވެސް- އިމާމު މީހާއަށް ވުރެ ކުރިން ފައިބައިގެން ގޮސްގެން ނުވާނެއެވެ. އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ގެ މި ބަސްފުޅަށް ބިނާކޮށެވެ.
«مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ»[2]
މާނައީ: "އިމާމު މީހާ ނިމެންދެން (ތަރާވީޙު ނަމާދުގައި) ބައިވެރިވެއްޖެ މީހާ، މުޅި ރޭ އެއްކޮށް ރޭއަޅުކަންކުރުމުގެ އަޖުރު ލިޔުއްވޭހުއްޓެވެ."
އިމާމު މީހާ ނިމެންދެނޭ ބުނާ ބަހުގެ މާނައަކީ ނަމާދު ނިންމާލުމެވެ. އެއް އިމާމަށް ވުރެ ގިނަ އިމާމުން ތަރާވީޙު ނަމާދުކުރާ ޙާލަތްތަކުގައި ފުރަތަމަ އިމާމު ނިންމާލުމެއް ނޫނެވެ. މިއީ ޢަދަދުކުރެވޭ ވަރަށް މަދު ދުވަސްކޮޅެކެވެ. ބުއްދިވެރިޔާ މި ދުވަސްތައް ފާއިތުވުމުގެ ކުރިއަށް އޭގެ ފައިދާ ލިބިގަންނާނެއެވެ.
އަބޫ ދާވޫދު ވިދާޅުވިއެވެ: އިމާމު އަޙްމަދަށް ދެންނެވެނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
ހާރުދަމުގެ ވަޤުތު އަނެއްކާ ވެސް އެ މީހަކަށް މިންވަރުކުރެވިފައިވާ ޢަދަދަކަށް ރޭއަޅުކަން ކުރާ މީހާ، (ދެ ރަކުޢަތުން ދެ ރަކުޢަތުން ނަމާދުކޮށް) ނިންމާލައި އިތުރަށް ވިތުރި ނަމާދު ނުކުރާނެއެވެ. އެހެނެއްކަމަކު އިރާކޮޅު އިމާމު މީހާއާ އެކު ތަރާވީޙު ނަމާދުގައި ކުރި ވިތުރި އޭނާއަށް ފުދޭނެއެވެ. އެއީ ޠަލްޤު ބުނު ޢަލީ رَضِيَ اللهُ عَنْهُގެ މި ޙަދީޘަށް ބިނާކޮށެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«لا وِتْران في لَيْلَة»[4]
މާނައީ: "އެއް ރެއެއްގައި ދެ ވިތުރިކުރުމެއް ނުވެއެވެ."
އިބްނު ޢުމަރު رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައި ވާ އަންނަނިވި ޙަދީޘާ މެދު ދަންނައެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«اجْعَلُوا آخِرَ صَلاَتِكُمْ بِاللَّيْلِ وِتْرًا»[5]
މާނައީ: "ތިޔަބައިމީހުން ރޭގަނޑު ކުރާ އެންމެ ފަހު ނަމާދަށް ވިތުރި ނަމާދު ހަދާށެވެ."
މި ޙަދީޘުގައި މި ވަނީ އިރާކޮޅު ވިތުރިނުކޮށް ރޭގަނޑުގެ ފަހުބައިގައި ރޭއަޅުކަން ކުރާ މީހާގެ ވާހަކައެވެ. އަދި މި ޙަދީޘުގައި މި ވާ އަމުރުގެ މުރާދަކީ މަންދޫބު (ސުންނަތް) ކަމެއްގެ ގޮތަށެވެ.
ފަހެ މި ފަދަ މީހާ (އެބަހީ އިރާކޮޅު ވިތުރިކޮށްފައިވާ މީހާ) ރޭގަނޑުގެ ފަހުބައިގައި ކުރާ ރޭއަޅުކަން ވިތުރި ނަމާދުން ނިންމާލުން ލާޒިމެއް ނޫނެވެ. އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވިތުރި ނަމާދަށް ފަހު، ރޭގަނޑުގެ ފަހުބައިގައި ނަމާދުކުރެއްވިއެވެ.[6]
ނަމާދުކުރާ މީހާ ވިތުރި ނަމާދު ނިންމާލައި «سُبْحَانَ الْمَلِكِ الْقُدُّوسِ» މި ފަދައިން ތިންފަހަރު ކިޔާނީއެވެ. ތިންވަނަ ފަހަރަށް ކިޔާނީ އަޑުހަރުކޮށެވެ. އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ކިބައިން މި ފަދައިން ވާރިދުވެފައި ވާތީއެވެ.[7]
اللَّهُمَّ أَيْقِظْ قُلُوبَنَا مِنْ رَقَدَاتِ الْآمَالِ، وَذَكِّرْنَا قُرْبَ الرَّحِيلِ وَدُنُوَّ الْآجَالِ، وَثَبِّتْ قُلُوبَنَا عَلَى الْإِيمَانِ، وَوَفِّقْنَا لِصَالِحِ الْأَعْمَالِ، وَاغْفِرْ لَنَا وَلِوَالِدَيْنَا وَلِجَمِيعِ الْمُسْلِمِينَ.
ޔާﷲ! (ދުނިޔަވީ) އުއްމީދުތަކުގެ ނިދިން އަޅަމެން ހޭލުއްވައި، (އުޚްރަވީ ޙަޔާތުގެ) ދަތުރާއި އަޖަލުގެ ނިމުން ނުހަނު ކައިރިކަން ހަނދުމަކޮށްދެއްވާނދޭވެ! އަދި އަޅަމެންގެ ހިތްތައް އިމާންކަން މަތީ ޘާބިތުކުރައްވާނދޭވެ! އަދި ޞާލިޙު ޢަމަލުކުރުމަށް އަޅަމެންނަށް ތައުފީޤުދެއްވާނދޭވެ! އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!
އާމީން.
މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.
[1] رواه مسلم (759)، وعند البخاري المرفوع منه فقط، وهو قوله «من قام…» إلخ.
[2] رواه أبو داود (1375)، والترمذي (806)، والنسائي (3/202)، وابن ماجه (1/420)، وقال الترمذي: حديث حسن صحيح.
[3] مسائل الإمام أحمد لأبي داود ص (62)
[4] رواه أبو داود (1439)، والترمذي (470)، والنسائي (229/3)، وأحمد (222/2)، وقال الترمذي: هذا حديث حسن غريب، وحسَّنه الحافظ ابن حجر. انظر: فتح الباري (481/2)
[5] أخرجه البخاري (998)، ومسلم (751) (151)
[6] أخرجه ابن خزيمة وغيره بإسناد صحيح. «صحيح ابن خزيمة» (109/2)
[7] أخرجه أبو داود (1430)، والنسائي (3/244)، وابن ماجه (1171)، وأحمد (80/35)، وهو حديث صحيح، وجاء عند الدارقطني في «سننه» (31/2): زيادة «رب الملائكة والروح»، وهي زيادة غير محفوظة. انظر: تخريج أحاديث الذكر والدعاء للقحطاني للشيخ ياسر بن فتحي المصري (361/1).
