ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްއެގާރަވަނަ ޙަދީޘް

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
އެގާރަވަނަ ޙަދީޘް

ރޯދަވެރިޔާ ދުރުހެލިވެ ދޫކޮށްލުން ވާޖިބުކަންކަން

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«الصيام جُنَّةٌ، فَلاَ يَرْفُثْ، وَلاَ يَصْخَبْ – وَفِي رِوَايَةٍ: وَلاَ يَجْهَلْ –، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ، فَلْيَقُلْ إِنِّي صَائِمٌ -مَرَّتَيْنِ-»

މާނައީ: "ރޯދައަކީ އައްޑަނައެކެވެ. ފަހެ (ރޯދައަށް ހުންނަ މީހާ) ހަޑިހުތުރު ބަހުން ވާހަކަދެއްކުމުންނާއި، ޖަދަލުކޮށް އަޑުގަދަކުރުމުން ދުރުހެލިވާށެވެ. އެހެން ރިވާޔަތެއްގައި ވެއެވެ: ނުބައި ޢަމަލުތަކާ ބަސްތަކުން ދުރުހެލިވާށެވެ. އަދި މީހަކު ތިބާއަށް ފުރައްސާރަކޮށް އަރާރުންވެ، ހަޑިހުތުރު ބަހުން ވާހަކަދައްކައިފި ނަމަ، "ހަމަކަށަވަރުން އަހަރެންނަކީ ރޯދައަށްހުރި މީހަކީމެވެ!" މި ފަދައިން -ދެ ފަހަރަށް- ބުނާށެވެ."

މި ޙަދީޘަކީ ރޯދަވެރިޔާ އޭނާގެ ރޯދަ ރައްކާތެރިކޮށް، ރޯދައަށް އުނިކަން ގެނުވާ ކަންކަމުން ދުރުހެލިވާން ޖެހޭކަން ދަލީލުކޮށްދޭ ޙަދީޘެކެވެ. އެއީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެ، ނުބައި އަޚްލާޤުން ދުރުހެލިވެގެންނެވެ. އެއީ ރޯދައިގެ ޙަޤީޤީ މޭވާ (އެބަހީ ރޯދައިގެ އެންމެ ފުރިހަމަ ޘަވާބު) ލިބިގަތުމަށާއި، ރޯދަވެރިންނަށް ވަޢުދުކުރެވިފައިވާ ފާފަފުއްސެވުން ލިބިގަތުމަށް ޓަކައެވެ.

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ، وَالْجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ»[1]

މާނައީ: "ހަޑިހުތުރު ބަސްބުނުމާއި، ނުބައި ޢަމަލުތައް ކުރުމުން ދުރުހެލި ނުވާ މީހަކު، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ބޭނުންވެވޮޑިގެން ނުވެތެވެ."

އެކަލޭގެފާނުގެ ބަސްފުޅު «الصيامُ جُنَّةٌ» މާނައަކީ ތިބާ ބިރުވެތިވާ ކަންކަމުން ތިބާ ނިވާކޮށްދީ ރައްކާތެރިކޮށްދޭ އެއްޗެކެވެ.

މީގެ މާނައަކީ: ރޯދައަކީ ދުނިޔެމަތީގައި އޭގެ ޞާޙިބު މީހާ ފާފަތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. އަދި ފާފަތަކުން އޭނާ ރައްކާތެރިކޮށްދޭ އައްޑަނައެއް ކަމުގައި އެ ރޯދަވެއްޖެ ނަމަ، އާޚިރަތް ދުވަހު ނަރަކައިން އޭނާ ރައްކާތެރިކޮށްދޭ އައްޑަނައަކަށް އެ ރޯދަ ވާނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«الصِّيَامُ جُنَّةٌ كَجُنَّةِ أَحَدِكُمْ مِنَ الْقِتَالِ»[2]

މާނައީ: "ރޯދައަކީ ހަނގުރާމައިގެ މައިދާނުގައި ތިޔަބައިމީހުން ރައްކާތެރިވުމަށް ގެންގުޅޭ އައްޑަނަ ފަދަ އައްޑަނައެކެވެ."

އަދި އެކަލޭގެފާނުގެ ބަސްފުޅު «فلا يرفث»އާ މެދު ދަންނައެވެ، (ޢަރަބި ބަހުގައި) "الرَّفَث"ގެ މާނައަކީ ފާހިޝު ބަސްތަކެވެ. އަދި ޖިމާޢުވުމަށާއި، ޝަހުވަތާ އެކު ގައިގޯޅިވެ ބީހިއުޅުމަށް ވެސް މި ބަސް ބޭނުންކުރެވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ﴾

[البَقَرَة 187]

މާނައީ: "ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވާފިއެވެ."

މި ޙަދީޘުގެ މުރާދަކީ ނުބައި ފާޙިޝް ބަސްތައްކަމުގައި ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވިއެވެ. وَاللهُ أَعْلَمُ.

އަދި އެކަލޭގެފާނުގެ ބަސްފުޅު «ولا يصخب» މާނައަކީ ހަޅޭއްލަވައި އަޑުގަދަކުރުމެވެ.

އަދި އެކަލޭގެފާނުގެ ބަސްފުޅު «ولا يجهل»، މި ތަނުގައި މީގެ މުރާދަކީ ޙިލުވެރިމާ އިދިކޮޅެވެ. މާނައަކީ ދެކޮޅުވެރިވެ ޖަދަލުކުރުމާއި، ހަމަނުޖެހޭ މޮޔަކަންކަން ކުރުން ފަދަ ޖާހިލުންގެ ޢަމަލުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާށެވެ.

އަދި އެކަލޭގެފާނުގެ ބަސްފުޅު «فليقل: إني صائم»، މާނައަކީ މީހަކު ފުރައްސާރަކޮށް އަރާރުންވެ، ހަޑިހުތުރު ބަހުން ވާހަކަދެއްކި ނަމަވެސް، ތިބާ އެ މީހަކަށް ރައްދުދީ ނުހަދާށެވެ. އެހެނެއްކަމަކު ބުނާށެވެ. "ހަމަކަށަވަރުން އަހަރެންނަކީ ރޯދައަށް ހުރި މީހަކީމެވެ!" އެއީ އޭނާ ރޯދައަށް ހުރުމުގެ ސަބަބުން ބަދަލުނުހިފާނެކަން އެނގުމުން، އޭނާއާ ޒުވާބުކޮށް އެއްޗެހިކިޔަން އައި މީހާ އެކަމުން ދުރުވެ މަނާވެދާނެކަމަށް ޓަކައެވެ.

ޙަޤީޤަތުގައި ވެސް ޤަބޫލުވެގެން ވާ ރޯދައަކީ ހަށިގަނޑު ފާފަތަކުން ދުރުކޮށް ހިފާ ރޯދައެވެ. އަދި ދޮގުހެދުމާއި ފާޙިޝް ވާހަކަދެއްކުމުން ދޫ ރައްކާތެރިކޮށް ހިފާ ރޯދައެވެ. އަދި ބަނޑު، ކެއިންބުއިމުން ރައްކާތެރިކޮށް ހިފާ ރޯދައެވެ. އަދި ލަދުވެތިގުނަވަން، ޖިމާޢުވުމުންނާއި އަންހެނުންނާ ގައިގޯޅިވެ ބީހިއުޅުމުން ރައްކާތެރިކޮށް ހިފާ ރޯދައެވެ.

ރޯދައަކީ ޙިލްމުވެރިކަމާއި ކެތްތެރިކަމާއި ތެދުވެރިކަން ދަސްކޮށްދޭ ތަރުބަވީ މަދަރުސާއެކެވެ. އަދި އެއީ ރިވެތި އަޚްލާޤަށާއި މާތް ހެޔޮ ބަސްތަކާއި ޢަމަލުތަކަށް ބާރުއަޅާ ކަމެކެވެ. ފަހެ، ރޯދަވެރިޔާ އަޑުގަދަކޮށް ހަޅޭކެއް ނުލަވާނެއެވެ. އަދި ބޭކާރު ވާހަކައެއް ނުދައްކާނެއެވެ. އަދި ރުޅިއެއް ނާންނާނެއެވެ. އަދި ދޮގެއް ނުހަދާނެއެވެ. އަދި ބާޠިލު ދޮގު ވާހަކައެއް ނުދައްކާނެއެވެ. އެހެނެއްކަމަކު އޭގެ ބަދަލުގައި އޭނާގެ ބަހަކަށް ވާނީ ޛިކުރުކުރުމެވެ. އަދި އޭނާ ހަނުހުންނަ ހުރުމަކަށް ވާނީ ފިކުރުކުރުމެވެ. ހަމަކަށަވަރުން ރޯދަވެރިޔާ ރޯދައަށް ހުންނަ ވަޤުތަކީ، ރޯދައިގެ ޘަވާބަށް އަޘަރުކުރާ ނުވަތަ ރޯދައިގެ ޙަޤީޤީ މަޤްޞަދު ނަގާލާ، މި ފަދަ ހަލާކުކުރަނިވި ކަންކަމުގައި ހޭދަކޮށްލުމަށް ވުރެ މާ އަގުބޮޑު، މާ މަތިވެރި އެއްޗެކެވެ. وَاللهُ أَعْلَمُ.

اللَّهُمَّ اهْدِنَا سُبُلَ السَّلَامِ، وَنَجِّنَا مِنَ الظُّلُمَاتِ إِلَى النُّورِ، وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ، وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُوَّاتِنَا وَأَزْوَاجِنَا وَأَوْلَادِنَا وَأَمْوَالِنَا، وَاغْفِرِ اللَّهُمَّ لَنَا وَلِوَالِدَيْنَا وَلِجَمِيعِ الْمُسْلِمِينَ.

ޔާﷲ! އަޅަމެންނަށް ސަލާމަތުގެ މަގަށް މަގުދައްކަވާނދޭވެ! އަދި އަޅަމެން އަނދިރިކަމުން ސަލާމަތްކުރައްވައި އަލިކަމާއި ނޫރުގެ ތެރޭގައި ލައްވާނދޭވެ! ފާޅުވެގެން ވާ އަދި ފޮރުވިގެން ވާ ފާޙިޝް ޢަމަލުތަކުން އަޅަމެން ދުރުކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ޓަކައި އަޅަމެންގެ އަޑުއިވުމާއި، ފެނުމާއި، އަޅަމެންގެ ބާރުވެރިކަމާއި، އަނބިދަރިންނާއި، މުދަލުގައި ބަރަކާތްލައްވާނދޭވެ! އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!

އާމީން.

މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.

[1] أخرجه البخاري (1903)، وأبو داود (2362)، والترمذي (707) جميعا بلفظه.

[2] أخرجه النسائي (167/4)، وابن ماجه (1639)، وأحمد (205/26)، وابن خزيمة (3/193)، وابن حبان (8/409)، وسنده صحيح، صححه ابن خزيمة وابن حبان، ويشهد له حديث أبي هريرة رضي الله عنه.

2 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.