ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްފުރަތަމަ ހަދިޘް

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
ފުރަތަމަ ހަދިޘް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ރޯދަ ވާޖިބުކުރެއްވުން ވަނީ މާތް ﷲގެ ޙިކުމަތްވަންތަކަމުގެ ތެރެއިން

ޢަބްދުﷲ ބުނު ޢުމަރު رَضِيَ اللهُ عَنْهُمَاގެ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«بُنِي الإسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إلهَ إِلاَّ اللهُ، وَأنَّ مُحَمَّدًا رسولُ اللهِ، وَإقَامِ الصَّلاَةِ، وَإيتَاءِ الزَّكَاةِ، وَحَجِّ البَيْتِ، وَصَوْمِ رَمَضَانَ»

މާނައީ: "އިސްލާމުކަން ބިނާ ވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ ފިޔަވައި (ޙައްޤު) އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، (މުދަލު) ޒަކާތްދިނުމާއި، ގެފުޅަށް ގޮސް ޙައްޖުވުމާއި، ރަމަޟާން މަހުގެ ރޯދަހިފުމެވެ."

متفقٌ عليه.

ރަމަޟާން މަހުގެ ރޯދައަކީ ވާޖިބެއްކަން މި ޙަދީޘުން ދަލީލުކުރެއެވެ. އަދި އެއީ އިސްލާމުކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްކަން ވެސް ދަލީލުކުރެއެވެ. ﷲ ތަޢާލާ އެ އިލާހުގެ އަޅުތަކުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވީ މަތިވެރި ޙިކުމަތަކާއި ސިއްރަކަށް ޓަކައެވެ. ބައެއް މީހުންނަށް މި ކަންތައްތައް އެނގެނު ނަމަވެސް އަނެއްބައި މީހުންނަށް ނޭނގެއެވެ.

ރޯދައިގެ ޙިކުމަތާއި ސިއްރުތަކުގެ ތެރޭގައި: ރޯދައަކީ ﷲއަށް އަދާކުރެވޭ އަޅުކަމެކެވެ. އެ އަޅުކަމެއް މެދުވެރިކޮށް އަޅުތަކުން އެ މީހުންގެ ވެރި ރައްބާ ކުއްތަންވާ އަޅުކަމެކެވެ. އެއީ އެ މީހުންގެ ރައްބަށް ކިޔަމަންތެރިކަން އަދާކޮށް، އެ އިލާހުގެ އަމުރުފުޅު ތަންފީޒުކުރުމުގެ ގޮތުން، އެ މީހުން ހިތްއެދޭ ކަންތައްތަކެއް ދޫކޮށްލައިގެންނެވެ. މި ކަމުން އެ މީހުންގެ އީމާންކަމުގެ ތެދުކަމާއި، ﷲއަށް އަޅުވެތިވާ އަޅުވެތިވުމުގެ ފުރިހަމަކަމާއި، އެ އިލާހަށް އޮންނަ ލޯބީގެ ވަރުގަދަކަން ދައްކުވައިދެއެވެ. އަދި އެ އިލާހުގެ ޙަޟްރަތުގައި ވާ ތަކެއްޗަށް (އެބަހީ އަޅުކަމުގެ ޘަވާބާއި ސުވަރުގެއަށް) ކުރާ އުއްމީދު ދައްކުވައިދެއެވެ. އެހެނީ އޭނާގެ ވެރި ރައްބުގެ ރުހިވޮޑިގަތުން ވަނީ އޭނާގެ ޝަހުވަތްތައް ދޫކޮށްލުމުގައިކަން ދަނެ، އޭނާގެ ޝަހުވަތްތަކުގެ މައްޗަށް އޭނާގެ ރައްބުގެ ރުހިވޮޑިގަތުން އިސްކުރެއެވެ. މިހެންވެ މުސްލިމުންގެ ތެރެއިން ކިތަންމެ ބަޔަކަށް އަނިޔާކޮށް ބަންދުކުރި ނަމަވެސް، ޝަރުޢީ ޢުޛުރަކާ ނުލައި އެ މީހުންގެ ރޯދަ ދޫކޮށްނުލާނެއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: ރޯދައަކީ ތަޤުވާވެރިވުމާއި، ﷲއަށް އަޅުކަން އަދާކޮށް އެ އިލާހު ނަހީކުރެއްވި ކަންކަމުން ދުރުހެލިވެ ނަފުސު ޠާހިރުކުރުމުގެ ސަބަބެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾

[البَقَرَة 183]

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ކަނޑައެޅި ލިޔެވުނު (އެބަހީ ފަރުޟުކުރެވުނު) ފަދައިން، ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ކަނޑައެޅި ލިޔެވިއްޖެއެވެ. (އެބަހީ ފަރުޟުކުރެވިއްޖެއެވެ.) (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވޭތޯއެވެ."

ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ވަނީ ތަޤުވާވެރިވުމުގައެވެ. އަދި ރޯދައިގެ ސަބަބުން ލިބޭ ކޮންމެ ފައިދާއެއް ވެސް ގުޅިފައި ވަނީ ތަޤުވާވެރިކަމާއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: ރޯދައިގެ ސަބަބުން ހަވާނަފުސުގެ އެދުންތަކާއި ނަފުސު އެ ކަންކަމެއްގެ މައްޗަށް ޢާދަވެފައި ވާ ބައެއް ކަންކަމުން ނަފުސު ދުރުކޮށް ރައްކާތެރިކުރުން ހިމެނެއެވެ. އަދި ކެއުންބުއިމުގެ ނާރުތައް ހިމަކޮށް، ޝައިޠާނާ ދައުރުކުރާ ނާރުތައް ހިމަކޮށް ދަތިކުރުން ހިމެނެއެވެ.[1] އޭގެ ސަބަބުން ޝައިޠާނާގެ ނުފޫޒު ބަލިކަށިވެ، ދެން ފާފަތައް މަދުވެއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: ހިތް ކިލަނބުކަމުން ސާފުކޮށްލުން ހިމެނެއެވެ. އަދި އެ ހިތް ފިކުރުކުރުމާއި ޛިކުރުކުރުމަށް ހުސްވެއެވެ. އެހެނީ ޝަހުވަތްތަކުގެ ތެރޭގައި އުޅުމަކީ ހިތް ހަރުވެ، ޙައްޤުން ލޯ އަނބުރާލާ ކަމެކެވެ. ރޯދަހިފުމަކީ ހިތާއި ހަށިގަނޑުގެ ޞިއްޙަތާއި ބާރުވެރިކަން ރައްކާތެރިކޮށްދޭ ކަމެކެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: އަޅުތަކުންގެ މައްޗަށް ވާ ބަނޑުހައިހޫނުކަމާއި ކަރުހިއްކުން ފިލުމުގެ ނިޢުމަތް ދެނެގަތުން ހިމެނެއެވެ. އެއީ ރޯދައިގެ ސަބަބުން ފަޤީރުންނާއި މިސްކީނުންގެ ބަނޑުހައިހޫނުކަން ހަނދުމަވާތީއެވެ. މި ކަމުގެ ސަބަބުން އޭނާ އޭނާގެ ވެރި ރައްބަށް ޝުކުރުއަދާކޮށް، އޭނާގެ އަޚުންގެ ތެރެއިން މި ނިޢުމަތުން މަޙްރޫމުވެފައިވާ މީހުންގެ ވޭން އިޙްސާސުކުރެއެވެ. ނިޢުމަތުން މަޙްރޫވެއްޖެ މީހަކަށް މެނުވީ، އެ ނިޢުމަތެއްގެ ޤަދަރު ނޭނގޭނެއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި: ކެއުން މަދުކުރުމުގެ ސަބަބުން ލިބޭ ޞިއްޙީ ފައިދާތައް ހިމެނެއެވެ. އަދި ކެއުމުގެ ވަޤުތުތައް ތަރުތީބުކޮށް، ހަޖަމުކުރުމުގެ ނިޒާމަށް ވަޤުތު ހުސްކޮށްދިނުމުގެ ސަބަބުން ހަށިގަނޑުގެ ޞިއްޙަތު ރަނގަޅުވެ ރައްކާތެރިކުރުން ހިމެނެއެވެ. واللهُ المستعان!

ޚުލާޞާކޮށް: ރޯދައިގެ ޙިކުމަތް ވަރަށް ވެސް މަތިވެރިއެވެ. އޭގެ ފައިދާތައް ނުހަނު ގިނައެވެ. ރޯދަވެރިއަކަށް ރޯދައިގެ ޘަވާބާއި ދަރުމަ ތަޞައްވަރުވެއްޖެ ނަމަ، އިންތިހާއަށް އުފާކުރާނެއެވެ. އަދި މުޅި އަހަރު އެއްކޮށް ރޯދަ މަހަށް ވުމަށް އުއްމީދުކުރާނެއެވެ. وَاللهُ أَعْلَمُ.

اللَّهُمَّ وَفِّقْنَا لِاتِّبَاعِ الْهُدَى، وَجَنِّبْنَا أَسْبَابَ الْهَلَاكِ وَالشَّقَاءِ، وَارْزُقْنَا الْفِقْهَ فِي الدِّينِ، وَالْوَفَاةَ عَلَى سُنَّةِ خَاتَمِ النَّبِيِّينَ، وَاغْفِرْ لَنَا وَلِوَالِدِينَا وَلِجَمِيعِ الْمُسْلِمِينَ.

ޔާﷲ! ތެދުމަގަށް ތަބަޢަވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އަދި ހަލާކާއި އަބާއްޖަވެރިކަމުގެ ސަބަބުތަކުން އަޅަމެން ރައްކާތެރިކުރައްވާނދޭވެ! އަދި އަޅަމެންނަށް ދީނުގެ ފިޤުހުވެރިކަން ދެއްވާނދޭވެ! އަދި ނަބީކަން ޚަތިމުކުރެއްވި ނަބިއްޔާގެ ސުންނަތުގެ މަތީގައި މަރުވުން މިންވަރުކުރައްވާނދޭވެ! އަދި އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!

އާމީން.

މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.

[1] ޙަދީޘެއްގައި ވެއެވެ: «إِنَّ الشَّيْطَانَ يَجْرِي مِنْ ابْنِ آدَمَ مَجْرَى الدَّمِ» [سنن أبي داود (4719)] މާނައީ: "ހަމަކަށަވަރުން އާދަމުގެ ދަރިޔާގެ (ގައިގައި) ޝައިތާނާ ދައުރުކުރަނީ، ލޭ ދައުރުވާ ފަދައިންނެވެ."

ޝައިޚު ޢައްބާދު ވިދާޅުވިއެވެ: "އެއީ ޝައިޠާނާ ސިއްރުވެރި ގޮތަކަށް އިންސާނާއާ ކައިރިވެ އުޅޭތީއެވެ. ފަހެ އޭނާ އިންސާނާގެ ގައިގައި ދައުރުކުރަނީ، ލޭ ދައުރުވާ ފަދައިންނެވެ. މާނައަކީ އޭނާ އިންސާނާއާ ކައިރިވެ، ވަސްވާސްދީ، މަގުފުރައްދައި، ހެޔޮ މަގުން އެއްކިބާކޮށް އަދި އިންސާނާގެ ތެރެއަށް ވަދެ، އިންސާނާގެ ކިބައިގައި އަށަގަނެއެވެ." [شرح سنن أبي داود للعباد (532/20)]

158 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.