ސުވަރުގެ ވަދެވޭނެ މަގެއް ބުނެދެންތަ؟

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
މުޢާޛު ބުން ޖަބަލު رَضِيَ اللهُ عَنْهُ، ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَއާ ސުވާލު ދެންނެވިއެވެ.
"އޭ ﷲގެ ރަސޫލާއެވެ. (އެ ޢަމަލެއް ކުރުމުން) ސުވަރުގެ ވަދެވި އަދި ނަރަކައިން ދުރުކުރެވޭނެ ޢަމަލެއް ތިމަންކަލޭގެފާނަށް ޚަބަރުދެއްވަބަލާށެވެ."
މި ސުވާލު ދެންނެވުމުން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ.
"ހަމަކަށަވަރުން ތި ސުވާލުކުރެއްވީ ވަރަށް ބޮޑު ކަމަކާއެވެ. އެހެންނަމަވެސް ﷲ ތަޢާލާ ފަސޭހަކޮށްދެއްވައިފި މީހަކަށް އެއީ ވަރަށް ފަސޭހަ ކަމެކެވެ."
މި ކަމަކީ ވަރަށް ބޮޑު ކަމެއް ކަމަށް ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި އެ ވަނީ ސުވަރުގެ ވަދެވި އަދި ނަރަކައިން މިންޖުވުމަށް ޓަކައި، ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ކޮންމެ ކަމެއް ކުރަން ޖެހެއެވެ. އަދި އެ އިލާހު އެ ކަމަކުން ނަހީކުރައްވާފައިވާ ކޮންމެ ކަމަކުން ދުރުހެލިވާން ޖެހެއެވެ. ފަހެ މިއީ ނަފުސުތަކަށް ވަރަށް ބޮޑު އަދި އުނދަގޫ ކަމެކެވެ. އެހެންނަމަވެސް ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވާ ފަދައިން ﷲ ތަޢާލާ މި ކަން ފަސޭހަ ކޮށްދެއްވައިފި ކޮންމެ މީހަކަށް މިއީ ވަރަށް ފަސޭހަ ކަމެކެވެ.
ދެން އެކަލޭގެފާނު صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
"ތިބާ ﷲއަށް އަޅުކަންކުރާށެވެ. އަދި ތިބާ އެ އިލާހަށް ޝަރީކުނުކުރާށެވެ. އަދި ތިބާ ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތް ދޭށެވެ. އަދި ރަމަޟާންމަހުގެ ރޯދަ ހިފާށެވެ. އަދި ޙައްޖުވާށެވެ."
ދެން ޙަދީޘްކުރެއްވިއެވެ.
"ކަލޭގެފާނަށް ހެޔޮކަންކަމުގެ ދޮރާށިތަކާ ބެހޭގޮތުން ބުނެދެއްވަންތޯއެވެ؟"
މާނައަކީ ހެޔޮކަންކަމަގެ މަގާއި، އަދި އެ ކަންކަމަށް ވާޞިލު ވެވޭނޭ ގޮތް ބުނެދެއްވަންތޯއެވެ. މި ތަނުގައި ހެޔޮކަންކަމުގެ މުރާދަކީ ދުނިޔޭގެ ކާމިޔާބާއި، އާޚިރަތުގެ މަތިވެރިވެގެންވާ ނިޢުމަތްތަކެވެ.
މުޢާޛު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
"އޭ ﷲގެ ރަސޫލާއެވެ. އާދޭހެވެ! (ބުނެދެއްވާށެވެ!)"
އެކަލޭގެފާނު صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
"ރޯދަ އަކީ އައްޑަނައެކެވެ."
މާނައަކީ ރޯދައަކީ ދުނިޔަވީ ޝަހުވަތްތަކުންނާއި، އާޚިރަތުގެ ޢަޛާބުން އަޅާއަށްވާ ހުރަހަކާއި ރައްކާތެރިކަމެކެވެ. މި ތަނުގައި މިވާ ރޯދަ އަކީ ސުންނަތް ރޯދަތަކެވެ. ސަބަބަކީ ރަމަޟާންމަހުގެ ރޯދައިގެ ވާހަކަ އެންމެ ފުރަތަމަ ބައިގައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެ ވަނީ ބަޔާންކޮށްދެއްވާފައެވެ. ފުރަތަމަ ބައިގައި އެ ވަނީ ސުވަރުގެ ވަދެވި ނަރަކައިން މިންޖުވުމަށް ޓަކައި ކޮންމެހެން ލާޒިމު ޢަމަލުތަކެވެ.
ދެން ޙަދީޘް ކުރެއްވިއެވެ.
"އަދި ފެން އަލިފާން ނިއްވާލާ ފަދައިން ޞަދަޤާތް ފާފަތައް ފޮހެލައެވެ."
މާނައަކީ ޞަދަޤާތުގެ ސަބަބުން ފާފަތައް ފޮހެވިގެން ދެއެވެ. މި ތަނުގައި ވެސް މި ވަނީ ސުންނަތް ޞަދަޤާތްތަކެވެ. ފަރުޟު ޒަކާތުގެ ވާހަކަ ފުރަތަމަ ބައިގައި ބަޔާންވެ ގޮސްފިއެވެ.
ދެން ޙަދީޘް ކުރެއްވިއެވެ.
"އަދި ރޭގަނޑުގެ ތިން ބައިން ފަހުބައިގައި ކުރާ (ދަމު ނަމާދު) ނަމާދު ވެސް، އެ ފަދައެވެ."
މި ފަދައިން ޙަދީޘްކުރައްވައި އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ.
﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ﴾، ﴿فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾
[السَّجدَة 16-17]
މާނައީ: "އެބައިމީހުންގެ ރައްބަށް ބިރުވެތިވެ އުންމީދާ އެކު ދުޢާކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށް ޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންއިލާހު ދެއްވި ތަކެތިން އެބައިމީހުން ހޭދަކޮށް އުޅެއެވެ. ފަހެ، އެބައިމީހުންނަށް ޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފުސަކަށް ނޭނގޭނެއެވެ. (އެއީ) އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ."
އެއަށްފަހު އެކަލޭގެފާނު صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
"ހުރިހާ ކަމެއްގެ އެންމެ އިސް ކަމާއި އަދި އޭގެ ތަނބާއި އަދި އޭގެ ކުރިބޯއްޓާއި ބެހޭގޮތުން ކަލޭގެފާނަށް ޚަބަރު ދެއްވަންތޯއެވެ؟"
މާނައަކީ ދީނުގެ އެންމެ އިސް ކަމާއި، އަދި އެ ދީން އެ ކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެވެ.
މުޢާޛު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
"އޭ ﷲގެ ރަސޫލާއެވެ. އާދޭހެވެ! (ބުނެދެއްވާށެވެ!)"
އެކަލޭގެފާނު صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
"ދީނުގެ އެންމެ އިސް ކަމަކީ އިސްލާމު ކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ޖިހާދެވެ."
ދެން ޙަދީޘްކުރެއްވިއެވެ.
"އެ ހުރިހާ ކަމަކަށް ބާރުވެރި ކޮށްދޭނެ ކަމެއް ކަލޭގެފާނަށް ބުނެދެއްވަންތޯއެވެ؟"
މުޢާޛު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
"އޭ ﷲގެ ރަސޫލާއެވެ. އާދޭހެވެ! (ބުނެދެއްވާށެވެ!)"
ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕަވައި ވިދާޅުވިއެވެ.
"ތިބާ މީތި ހިފަހައްޓާށެވެ."
މާނައަކީ ދޮގު ހެދުމާއި، ﷲ އަށް ޝިރުކު ކުރުން ހިމެނޭ ފަދަ ވާހަކަ ދެއްކުމާއި، ދޮގު ހެކިބަސް ދިނުމާއި، ޢިލްމެއް ނެތި ﷲ ތަޢާލާ ނުވަތަ އެ އިލާހުގެ ދީނާ ގުޅޭ ވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ފާޙިޝް ވާހަކަ ދެއްކުމާއި، އެއްވެސް ފައިދާއެއް ނެތް ބޭކާރު ވާހަކަ ދެއްކުމާއި، އަދި މިފަދަ ޙަރާމްވެގެންވާ އެންމެހައި ކަމަކުން އެ ދޫ ރައްކާތެރި ކުރާށެވެ. އަދި ވާހަކަ ދައްކާނަނަ ހެޔޮ ބަހެއް މެނުވީ ނުބުނާށެވެ.
ދެން މުޢާޛު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
"އޭ ﷲގެ ނަބިއްޔާއެވެ! ދުލުން ދައްކައި އުޅޭ ވާހަކައިގެ ސަބަބުން އަޅަމެންނަށް ޢުޤޫބާތް ދެވޭނެތޯއެވެ؟"
ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
"ތިބާގެ މަންމައަށް ތިބާ ގެއްލި ދާށެވެ!"
އަދި ޙަދީޘްކުރެއްވިއެވެ.
"މީސްތަކުން މޫނުވަތަށް -ނުވަތަ ނޭފަތް ވަތަށް- ނަރަކައަށް ވައްޓައިލެވެނީ އެ މީހުންގެ ދުލުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުން ނޫން އެހެން ކޮންކަމަކުންހެއްޔެވެ؟!"[1]
މި ޙަދީޘުން ލިބިދޭ ބައެއް ފައިދާ ތަކުގެ ތެރޭގައި އަޅާ އިސްލާމުކަމުގެ ރުކުންތައް ފުރިހަމަކޮށް އޭގެ މަތީގައި ދެމިހުރުމަކީ ސުވަރުގެ ވަދެވި އަދި ނަރަކައިން ދުރު ކުރެވޭނެ ކަމެއްކަން އެނގިގެން ދެއެވެ. އަދި އިންސާނާ ނަރަކައަށް ވައްދާ ކޮންމެ ކަމެއްގެ އަސްލަކީ އޭނާގެ ދޫ ކަމުގައި ވެސް އެނގިގެން ދެއެވެ.
މަޞްދަރު: الموسوعة الحديثية/الدرر السنية.
[1] أخرجه الترمذي (2616)، وابن ماجه (3973)، وأحمد (22067) واللفظ لهم.
