ރޯދައާ ގުޅޭ ބައެއް ޙަދީޘްތައްދެވަނަ ޙަދީޘް

ރޯދައިގެ ޝަރުޢީ މާނަ!
އަބޫ ހުރައިރާ رَضِيَ اللهُ عَنْهُمَاގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ، الْحَسَنَةُ عَشْرُ أَمْثَالِهَا، إِلَى سَبْعِمِائَةِ ضِعْفٍ. قَالَ اللهُ: إِلَّا الصَّوْمَ فَإِنَّهُ لِي، وَأَنَا أَجْزِي بِهِ، يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي..»
މާނައީ: "އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއް އެތައް ގުނައަކަށް އިތުރުކުރެވެއެވެ. ކޮންމެ ހެޔޮކަމެއް ދިހަ ގުނައިން ފެށިގެން ހަތްސަކޭތަ ގުނައަށެވެ. ﷲ ވަޙީކުރެއްވިއެވެ: އެއީ ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން ރޯދަ ވަނީ ތިމަންއިލާހަށެވެ. އަދި އެ ރޯދައަށް ޖަޒާދެއްވާނީ ވެސް ތިމަންއިލާހެވެ. (ރޯދަވެރިޔާ) އޭނާގެ ޝަހުވަތާއި ކެއިންބުއިން ތިމަން އިލާހަށް ޓަކައި ދޫކޮށްލައެވެ."
متفقٌ عليه.
ރޯދައިގެ ޝަރުޢީ މާނަ މި ޙަދީޘުން އެނގެއެވެ. އެއީ ﷲ އަށް އަޅުކަން އަދާކުރުމާއި، އެ އިލާހުގެ އަމުރުފުޅަށް އިޖާބަދިނުމުގެ ގޮތުން ކެއުމާއި ބުއިމާއި ޝަހުވަތް ދޫކޮށްލުމެވެ. އެއީ "ތިމަން އިލާހަށް ޓަކައި" މި ބަސްފުޅަށް ބިނާކޮށެވެ. އެހެން ރިވާޔަތެއްގައި ވެއެވެ.
«يَتْرُكُ طَعامَهُ وَشَرابَهُ وَشَهْوَتَهُ مِنْ أَجْلِي»[1]
މާނައީ: "އޭނާގެ ކެއުމާއި ބުއިމާއި ޝަހުވަތް ތިމަން އިލާހަށް ޓަކައި ދޫކޮށްލައެވެ."
ޝަހުވަތުގެ މުރާދަކީ ޖިމާޢުވުމެވެ. މީގެ މުރާދަކީ ހުރިހާ ޝަހުވަތްތަކެއްކަމަށްވުމުގެ އިޙްތިމާލު ވެސް އެބައޮތެވެ.
އިބްނު ޚުޒައިމާގެ ރިވާޔަތެއްގައި ވެއެވެ.
«يَدَعُ الطَّعَامَ مِنْ أَجْلِي، وَيَدَعُ الشَّرَابَ مِنْ أَجْلِي، وَيَدَعُ لَذَّتَهُ مِنْ أَجْلِي، وَيَدَعُ زَوْجَتَهُ مِنْ أَجْلِي»[2]
މާނައީ: "އޭނާ ތިމަން އިލާހަށް ޓަކައި ކެއުން ދޫކޮށްލައެވެ. އަދި އޭނާ ތިމަން އިލާހަށް ޓަކައި ބުއިން ދޫކޮށްލައެވެ. އަދި އޭނާ ތިމަން އިލާހަށް ޓަކައި އޭނާގެ ލައްޛަތު ދޫކޮށްލައެވެ. އަދި އޭނާ ތިމަން އިލާހަށް ޓަކައި އޭނާގެ އަނބިމީހާ (އެބަހީ އަނބިމީހާއާ އެކު ޖިމާޢުވުން) ދޫކޮށްލައެވެ."
ރޯދައިގެ ވަޤުތު ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ.
﴿وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ﴾
[البَقَرَة 187]
މާނައީ: "އަދި ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާންދެން ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދެން އެއަށް ފަހު، ރޭވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!"
ފަހެ ﷲ މި ވަނީ ފަޖުރުލަންދެން ކެއިންބުއިން ހުއްދަކުރައްވާފައެވެ. ދެން އިރުއޮއްސެންދެން ރޯދަހިފުމަށް އަމުރުކުރައްވާފައެވެ. މީގެ މާނައަކީ މި ދެ ވަޤުތުގެ ދެމެދު ކެއިންބުއިމުން މަނާވެގަތުމެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސެންދެނެވެ.
ކެއިންބުއިމުގެ މުރާދަކީ އަނގަ ނުވަތަ ނޭފަތުން ބަނޑަށް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ފޯރުކުރުމެވެ. އެއީ ކޮންމެ ކަހަލަ ކެއުމަކަށް ނުވަތަ ބުއިމަކަށް ވީ ނަމަވެސް މެއެވެ.
ބަލިމީހާގެ ނާރަކަށް ނުވަތަ މަސްގަނޑަށް ޖަހާ އިންޖެކްޝަނާ މެދު ދަންނައެވެ. ބައެއް ފަހަރު ބޭސްފަރުވާއަކަށް އަދި ބައެއް ފަހަރު ކާނާގެ ގޮތުގައި މި ފަދަ އިންޖެކްޝަން ޖަހައެވެ. މިއީ ޢިލްމުވެރިން ޚިލާފުވެލައްވާ މައްސަލައެކެވެ. ބައެއް ބޭކަލުންގެ އަރިހުގައި ހުރިހާ ޙާލަތެއްގައި ވެސް އެ މީހެއްގެ ރޯދަ ގެއްލޭނެއެވެ. އަނެއްބައި ބޭކަލުން މި މައްސަލައިގައި ތަފްޞީލު ގެންނަވައެވެ.[3]
ފަހެ ރޯދަވެރިޔާ މި ކަންތައް (އޭނާއަށް އިޚްތިޔާރު ލިބިފައި ވާ ނަމަ) އިރުއޮއްސުމުގެ ފަހަށް ލަސްކޮށްލުމީ އެންމެ ރައްކާތެރި ގޮތެވެ. އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މި ޙަދީޘުގެ މައްޗަށް ބިނާކޮށެވެ.
«فَمَنِ اتَّقَى الشُّبُهَاتِ فَقَدِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ»[4]
މާނައީ: "ފަހެ ޝުބުހަތަކުން ރައްކާތެރިވެގެންފި މީހާ، އޭނާގެ ދީނާއި އަބުރަށް ޓަކައި (އެ ކަންތައްތަކުން) ބަރީއަވެ (ސަލާމަތް) ވެއްޖެއެވެ."
ޢާންމު ގޮތެއްގައި މި ފަދަ ކަމަކަށް މީހަކު ކޮންމެހެން ވެސް ބޭނުންޖެހިއްޖެ ނަމަ، އެ މީހަކު ވާނީ ރޯދަ ދޫކޮށްލުން ހުއްދަ ބަލި މީހަކަށެވެ.
اللَّهُمَّ فَقِّهْنَا فِي دِينِنَا، وَارْزُقْنَا الْعَمَلَ بِهِ، وَالِاسْتِقَامَةَ عَلَيْهِ، وَيَسِّرْنَا لِلْيُسْرَى، وَجَنِّبْنَا الْعُسْرَى، وَاغْفِرْ لَنَا فِي الْآخِرَةِ وَالْأُولَى، وَلِوَالِدِينَا وَلِجَمِيعِ الْمُسْلِمِينَ.
ޔާﷲ! އަޅަމެން އަޅަމެންގެ ދީނުގައި ފިޤުހުވެރިކުރައްވާނދޭވެ! އަދި އެ ދީނަށް ޢަމަލުކުރާ ބައެއްކަމުގައި އަޅަމެން ލައްވައި، އެ ދީނުގެ މަތީގައި ޘާބިރުކުރައްވާނދޭވެ! އަޅަމެންނަށް ފަސޭހަކަންކަމަށް ފަސޭހަކޮށްދެއްވައި، ދަތިއުނދަގޫ ކަންކަމުން ރައްކާތެރިކުރައްވާނދޭވެ! އަދި އަޅަމެންނަށް އާޚިރަތުގައި އަދި (އޭގެ ކުރިން) ދުނިޔޭގައި ވެސް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންގެ މައިންބަފައިންނަށާއި އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ!
އާމީން.
މަޞްދަރު: مختصر أحاديث الصيام -أحكام وآداب- للشيخ عبدالله بن صالح الفوزان.
[1] فتح الباري بشرح صحيح البخاري (103/4)
[2] صحيح ابن خزيمة (197/3). وانظر: فتح الباري بشرح صحيح البخاري (107/4)
[3] انظر: الفتاوى المتعلقة بالطب وأحكام المرضى ص(107)، رسالة: أحكام الحقن الطبية، للباحث: عاصم بن عبدالله المطوع.
[4] أخرجه الترمذي (2518)، والنسائي (327/8)، وأحمد (249/3)، وقال الترمذي: «هذا حديث صحيح»، وله شواهد عن أنس وابن عمر رضي الله عنهما.
