ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްގިނަގިނައިން ﷲ ހަނދުމަކުރުން

ނަޡީމް ނިޡާމް•10 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
ގިނަގިނައިން ﷲ ހަނދުމަކުރުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

އަށްވަނަ ކަންތައް: ގިނަގިނައިން ﷲ ހަނދުމަކުރުން

އަށްވަނައީ ގިނަގިނައިން ﷲ ހަނދުމަކުރުމެވެ. މިއީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ފައިދާ ހުރި އެއް ކަންތަކެވެ. (ޖާމިޢު) ތިރުމިޛީގައިވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

"ހަމަކަށަވަރުން، ޔަޙްޔާ ބުނު ޒަކަރިއްޔާ (ޔަޙުޔާގެފާނު)އަށް ﷲ ފަސް ކަލިމައަކަށް އަމުރުކުރެއްވިއެވެ. އެއީ އެ ކަލިމަތަކަށް ޢަމަލުކުރުމަށާއި، ބަނީ އިސްރާއީލުގެ މީހުންނަށް އެ ކަލިމަތަކަށް ޢަމަލުކުރުމަށް އަމުރުކުރެއްވުމަށެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު އެ ކަމަށް މީސްތަކުންނަށް އަމުރުކުރެއްވުމުގައި ލަސްވާން ކައިރިވިއެވެ. ދެން ޢީސާގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން، ﷲ ތިބާއަށް ފަސް ކަލިމައަކަށް އަމުރުކުރެއްވިއެވެ. އެއީ ތިބާ އެއަށް ޢަމަލުކުރުމަށާއި، ބަނީ އިސްރާއީލުގެ މީހުންނަށް އެއަށް ޢަމަލުކުރުމަށް އަމުރުކުރެއްވުމަށެވެ. ފަހެ، ތިބާ އެ މީހުންނަށް އަމުރުކުރާށެވެ. ނުވަތަ ތިމަން އެ މީހުންނަށް އަމުރުކުރާހުށީމެވެ. ދެން ޔަޙްޔާގެފާނު ވިދާޅުވިއެވެ: ތިބާ އެ ކަމުގައި (އެބަހީ ބަނީ އިސްރާއީލުގެ މީހުންނަށް މި އަމުރުކުރެއްވުމުގައި) ތިމަންކަލޭފާނަށް ވުރެ ކުރިއަރައިފި ނަމަ، ތިމަންކަލޭގެފާނު ބިމަށް ގަންބަވައިގެންފާނެކަމަށް ނުވަތަ ތިމަންކަލޭގެފާނަށް ޢަޛާބެއް ދެވިދާނެކަމަށް ބިރުފުޅުގަންނަމެވެ. ދެން އެކަލޭގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުން އެއްކުރެއްވިއެވެ. ފަހެ، އެ ތަން ފުރި، މީސްތަކުން މަތީ ފަންގިފިލާތަކުގައި އިށީނދެ ތިއްބެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން، ﷲ ތިމަންކަލޭގެފާނަށް ފަސް ކަލިމައަކަށް އަމުރުކުރެއްވިއެވެ. އެއީ ތިމަންކަލޭގެފާނު އެއަށް ޢަމަލުކުރުމަށާއި، ތިޔަބައިމީހުންނަށް އެއަށް ޢަމަލުކުރުމަށް އަމުރުކުރުމަށެވެ. އޭގެ ފުރަތަމަ ކަމަކީ ތިޔަބައިމީހުން ﷲއަށް އަޅުކަންކުރުމާއި، އެއްވެސް އެއްޗެއް އެ އިލާހާ ބައިވެރި ނުކުރުމެވެ. އަދި ހަމަކަށަވަރުން، ﷲ އާ ޝަރީކުކުރާ މީހާގެ މިޘާލަކީ، އޭނާގެ ޚާލިޞް މުދަލުން ރަނުން ނުވަތަ ރިހިން އަޅަކު ގަތް މީހެއްގެ މިޘާލެވެ. ދެން އޭނާ އަޅު މީހާއަށް ބުނެއެވެ: މިއީ ތިމަންގެ ގެއެވެ. މިއީ ތިމަންގެ މަސައްކަތެވެ. ފަހެ ތިބާ މަސައްކަތްކޮށް ތިމަންނައަށް (އޭގެ ނަތީޖާ) ގެނެސްދޭށެވެ. ދެން އެ އަޅު މީހާ މަސައްކަތްކޮށް، އޭނާގެ ސައްޔިދު ނޫން އެހެން މީހަކަށް (އޭގެ ނަތީޖާ) ގެނެސްދެއެވެ. ފަހެ، މި އަޅު މީހާ ފަދައިން ތިބާގެ އަޅަކު ވުމަށް ރުހޭނީ ފަހެ ކާކު ހެއްޔެވެ!؟ އަދި ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންނަށް ނަމާދުކުރުމަށް އަމުރުކުރައްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން ނަމާދުކުރާ ނަމަ، ނަމާދުގައި ފަރާތްފަރާތް ނުބަލާށެވެ. ހަމަކަށަވަރުން، އަޅާ ނަމާދުގައި އެކިފަރާތަށް ނުބަލާހާ ހިނދަކު، ﷲ އެ އަޅާގެ މޫނާ ދިމާއަށް އެ އިލާހުގެ މޫނުފުޅު ބަހައްޓަވަތެވެ. އަދި ތިޔަބައިމީހުންނަށް ރޯދަހިފުމަށް އަމުރުކުރައްވާފައިވެއެވެ. ހަމަކަށަވަރުން، އޭގެ މިޘާލަކީ މީހަކު ބަޔަކާ އެކު ހުރެ، އޭނާގެ އަތުގައި ގޮމަކަސްތޫރި އެޅިފައިވާ ކުޑަ ކޮތަޅެއް އޮތުމެވެ. އެންމެންނަށް ވެސް އޭގެ މީރު ވަސް އުފާވެރިކަން ގެނުވައެވެ. އަދި ހަމަކަށަވަރުން، ރޯދަވެރިޔާގެ އަނގައިގެ ވަސް، ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ ލޮބުވެތިކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް ޞަދަޤާތްދިނުމަށް އަމުރުކުރައްވާފައިވެއެވެ. ހަމަކަށަވަރުން، އޭގެ މިޘާލަކީ ޢަދުއްވުން މީހަކު ހައްޔަރުކޮށް، އޭނާގެ އަތް ކަރުގައި ބަނދެ، އޭނާގެ ކަނދުރާގައި ޖެހުމަށް ކުރިމައްޗަށް ގެނައުމެވެ. ދެން އޭނާ ބުނެއެވެ: އަހަރެން ތިޔަބައިމީހުންގެ ކިބައިން މަދުން ނުވަތަ ގިނައިން ފިދާވާނަމެވެ. ދެން އޭނާ އެ މީހުންގެ ކިބައިން އޭނާގެ ނަފުސު ފިދާކޮށް ޢަދުއްވުންގެ ކިބައިން ސަލާމަތްވެއެވެ. އަދި ތިޔަބައިމީހުންނަށް ﷲ ހަނދުމަކުރުމަށް އަމުރުކުރައްވާފައިވެއެވެ. ހަމަކަށަވަރުން އޭގެ މިޘާލަކީ، އޭނާގެ ފަހަތުން ބާރުދުވެލީގައި ދުޝްމަނުން އަންނަ މީހެއްގެ މިޘާލެވެ. ދެން އޭނާ ރައްކާތެރިކޮށް ހަދާފައިވާ ވަރުގަދަ ގެއަކަށް ވަދެ، އެ މީހުންގެ ކިބައިން އަމިއްލަ ނަފުސު ސަލާމަތްކުރެއެވެ. އެފަދައިން، ﷲ ހަނދުމަކުރުމުން މެނުވީ އަޅާއަށް ޝައިޠާނާގެ ކިބައިން އޭނާގެ ނަފުސު ރައްކާތެރިކޮށް ސަލާމަތްކުރުމެއް ނުވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: އަދި ﷲ ތިމަންކަލޭގެފާނަށް އަމުރުކުރެއްވި ފަސް ކަމަކަށް، ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އަމުރުކުރައްވަމެވެ. އެއީ އަޑުއެހުމާއި، ކިޔަމަންތެރިވުމާއި، ޖިހާދުކުރުމާއި، ހިޖުރަކުރުމާއި، ޖަމާޢަތާ އެކު ދެމިތިބުމެވެ. ހަމަކަށަވަރުން ކައިވަތެއްގެ މިންވަރަށް ވެސް ޖަމާޢަތާ ވަކިވެ، ދުރުވެއްޖެ މީހާ، އޭނާގެ ކަރުގައި އޮތް އިސްލާމްދީނުގެ ވާގަނޑު ނައްޓާލައިފިއެވެ. އެއީ އޭނާ އެނބުރި (ޖަމާޢަތުގެ ތެރެއަށް) އަތުވެއްޖެ ނަމަ މެނުވީއެވެ. އަދި ޖާހިލިއްޔަ ޒަމާނުގެ ގޮވާލުމަކަށް ގޮވާލައިފި މީހާ، އެއީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. އެހިނދު މީހަކު ދެންނެވިއެވެ: އޭ ﷲގެ ރަސޫލާއެވެ! އޭނާ ނަމާދުކޮށް، ރޯދަހިފިޔަސް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އޭނާ ނަމާދުކޮށް، ރޯދަހިފިޔަސް މެއެވެ. ފަހެ، ތިޔަބައިމީހުން ﷲގެ ގޮވާލުމުން ގޮވާލާށެވެ. ތިޔަބައިމީހުންނަށް މުސްލިމުންނޭ، މުއުމިނުންނޭ، ﷲގެ އަޅުންނޭ މި ފަދައިން ނަންތައްދެއްވި ފަރާތަކީ އެ އިލާހެވެ."[1]

އިމާމު ތިރުމިޛީ (ނޔވ 279) ވިދާޅުވިއެވެ.

"މިއީ ޙަސަނު ޣަރީބު ޞައްޙަ ޙަދީޘެކެވެ."[2]

މި ޙަދީޘުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަންގަވާފައި މި ވަނީ، ﷲ ހަނދުމަކުރުމުން މެނުވީ އަޅާއަށް ޝައިޠާނާގެ ކިބައިން ރައްކާތެރި ނުވެވޭނެ ކަމަށެވެ. އަދި މިއީ ހަމަ ﴿قُلْ أَعُوذُ بِرَبِّ النَّاسِ﴾ މި ސޫރަތުން ވެސް ދޭހަވާ ކަމެކެވެ. އެހެނީ އެ ސޫރަތުގައި ޝައިޠާނާ ވަނީ ޞިފަކުރައްވާފައި ވަނީ "الْخَنَّاسِ" މި ފަދައިންނެވެ. "الْخَنَّاسِ"އަކީ އަޅާ ﷲ ހަނދުމަކޮށްފި ނަމަ، ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހި ފިލައިދާ ފަރާތެވެ. އަދި އަޅާ ﷲ ހަނދުމަކުރުމުން ޣާފިލުވެއްޖެ ނަމަ، ހިތް ދަމައިގަނެ، އެންމެހައި ނުބައިކަމުގެ ފެށުންކަމުގައިވާ ވަސްވާސްތައް އެ ހިތަށް ވައްދައެވެ. ވުމާ އެކު، ﷲ ހަނދުމަކުރުން ފަދަ އެހެން ކަމަކުން އަޅާ ޝައިޠާނާގެ ކިބައިން ރައްކާތެރިނުވެއެވެ.

[1] سُنَنُ التِّرْمِذِي (2863)، وَأَحْمَد (17170، والحديث: صححه الشيخ الألباني في «صحيح الجامع» (1724)

[2] سُنَنُ التِّرْمِذِي - ت شَاكِرٌ (148/5)

0 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.