ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްފަލަޤި ސޫރަތާއި، ނާސި ސޫރަތް ކިޔެވުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ދެވަނަ ކަންތައް: ފަލަޤި ސޫރަތާއި، ނާސި ސޫރަތް ކިޔެވުން
ދެވަނައީ މި ދެ ސޫރަތް (އެބަހީ ފަލަޤި ސޫރަތާއި ނާސި ސޫރަތް) ކިޔެވުމެވެ. ފަހެ ހަމަކަށަވަރުން މި ދެ ސޫރަތް ކިޔެވުމުގެ ސަބަބުން، ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިވުމުގައި ޢަޖައިބުކުރަނިވި އަޘަރެއްވެއެވެ. މިހެންވެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«أما تَعَوَّذَ المُتَعَوَّذُونَ بمِثْلِهِمَا»[1]
މާނައީ: "އެ ދެ ސޫރަތާ (އެބަހީ ފަލަޤި ސޫރަތާއި ނާސި ސުރަތާ) އެއްފަދަ އެހެން އެއްޗަކުން، ރައްކާތެރިކަން އެދޭ މީހުން ރައްކާތެރިކަމެއް ނޭދެއެވެ."
އަދި އެކަލޭގެފާނު ކޮންމެ ރެއަކު ވެސް އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން މި ދެ ސޫރަތް (އެބަހީ ފަލަޤި ސޫރަތާއި ނާސި ސޫރަތް) ކިޔަވާ ވިދާޅުވެ އުޅުއްވި ކަމުގައި (މި ފޮތުގެ ކުރީބައެއްގައި) ބަޔާންވެ ގޮސްފިއެވެ.[2] އަދި ކޮންމެ ނަމާދެއްގެ ފަހުގައި މި ދެ ސޫރަތް (އެބަހީ ނާސި ސޫރަތާއި ފަލަޤި ސޫރަތް) ކިޔަވާ ވިދާޅުވުމަށް ޢުޤްބާ رَضِيَ اللهُ عَنْهُއަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ.[3]
އަދި އެކަލޭގެފާނުގެ އަންނަނިވި ބަސްފުޅު ވެސް (މި ފޮތުގެ ކުރީބައެއްގައި) ބަޔާންވެ ގޮސްފިއެވެ.
«إنَّ مَنْ قَرَأَهُما مَعَ سُورَةِ الإخْلاصِ ثَلاثًا حِينَ يُمْسِي وثَلاثًا حِينَ يُصْبحُ كَفَتْهُ مِنْ كُلِّ شَيءٍ»[4]
މާނައީ: "ހެނދުނާއި ހަވީރު އިޚްލާޞް ސޫރަތާ އެކު، އެ ދެ ސޫރަތް (އެބަހީ ފަލަޤި ސޫރަތާއި ނާސި ސޫރަތް) ތިން ފަހަރު ކިޔަވައިފި މީހަކަށް، އެކަން (މާނައަކީ އެ ކިޔެވިކިޔެވުން) އޭނާއަށް ހުރިހާ ކަމަކަށް ފުދިގެންވެއެވެ."[5]
[1] سُنَنُ أَبِي دَاوُد (1463)، وَالنَّسَائِي (5432)، وَأَحْمَدُ (17297). وفي سنده من لا يُعرف، لكنه يصح بشواهده الكثيرة، وانظر "السلسلة الصحيحة" رقم (1104)
[2] ޢާއިޝާ رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ: كَانَ رَسُولُ اللهِ ﷺ إِذَا أَوَى إِلَى فِرَاشِهِ نَفَثَ فِي كَفَّيْهِ بِ ﴿قُلْ هُوَ اللهُ أَحَدٌ﴾ وَبِالْمُعَوِّذَتَيْنِ جَمِيعًا، ثُمَّ يَمْسَحُ بِهِمَا وَجْهَهُ، وَمَا بَلَغَتْ يَدَاهُ مِنْ جَسَدِهِ، قَالَتْ عَائِشَةُ: فَلَمَّا اشْتَكَى كَانَ يَأْمُرُنِي أَنْ أَفْعَلَ ذَلِكَ بِهِ. [صَحِيحُ الْبُخَارِي (5748)] މާނައީ: "ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ރޭގަނޑު އެކަލޭގެފާނުގެ ތަންމަތިކޮޅަށް އަރާވަޑައިގަންނަވާ ހިނދު "قُلْ هُوَ اللَّهُ أَحَدٌ" މި ސޫރަތާއި، الْمُعَوِّذَتَيْنِ (އެބަހީ ފަލަޤި ސޫރަތާއި ނާސި ސޫރަތް) ކިޔަވާ ވިދާޅުވެ، އެކަލޭގެފާނުގެ ދެ އަތްޕުޅަށް ފުމެލައްވައެވެ. ދެން އެއަށްފަހު އެކަލޭގެފާނުގެ މޫނުފުޅުގައި އަތްޕުޅުން ބީއްސަވައެވެ. އަދި ދެ އަތްޕުޅުން އެކަލޭގެފާނުގެ ހަށިގަނޑުކޮޅުގައި، ދެ އަތްޕުޅު ފޯރާ ކޮންމެ ތަނަކު ބީއްސަވައެވެ. ޢާއިޝާ رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ: ފަހެ އެކަލޭގެފާނަށް އާލާސްކަންފުޅު ޖެހިވަޑައިގަތުމުން، އެކަލޭގެފާނުގެ ހަށިގަނޑުކޮޅަށް އެ ފަދައިން ކަންތައްކޮށްދެއްވުމަށް ތިމަންކަމަނާގެ އަރިހުން އެދިވަޑައިގަންނަވައެވެ."
[3] ޢުޤުބާ ބުނު ޢާމިރު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ: أَمَرَنِي رَسُولُ اللَّهِ ﷺ أَنْ أَقْرَأَ الْمُعَوِّذَاتِ دُبُرَ كُلِّ صَلَاةٍ. [سُنَنُ أَبِي دَاوُد (1523) وَالتِّرْمِذِي (2903)] މާނައީ: "ކޮންމެ ނަމާދެއްގެ ފަހުގައި "އަލްމުޢައްވިޛާތު" (އެބަހީ ފަލަޤި ސޫރަތާއި ނާސި ސޫރަތް) ކިޔަވާ ވިދާޅުވުމަށް ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ."
ސަޢުދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ މަޖިލީހުގެ ފަތުވާއެއްގައި ވެއެވެ. "ކޮންމެ ނަމާދެއްގެ ފަހުގައި އިޚްލާޞް ސޫރަތާއި އަލްމުޢައްވިޛަތައިނި (އެބަހީ ފަލަޤި ސޫރަތާއި ނާސި ސޫރަތް) ކިޔެވުމަށް ވާރިދުވެފައިވެއެވެ. އެއީ އަބޫ ދާވޫދު (ނޔވ 275) އެކަލޭގެފާނުގެ ސުނަނުގައި ޢުޤުބާ ބުނު ޢާމިރު رَضِيَ اللهُ عَنْهُގެ ކިބައިން ގެންނަވާފައިވާ އަދި އެހެން ރިވާޔަތެއްގައި ތިރުމިޛީ (ނޔވ 279) އާއި ނަސާއީ (ނޔވ 303) ގެންނަވާފައިވާ ޙަދީޘުގެ މައްޗަށް ބިނާކޮށެވެ. .. ވުމާ އެކު ކޮންމެ ނަމާދެއްގެ ފަހުގައި ﴿قُلْ هُوَ اللَّهُ أَحَدٌ﴾، ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ﴾، ﴿قُلْ أَعُوذُ بِرَبِّ النَّاسِ﴾ މި ތިން ސޫރަތް ކިޔެވުން އެދެވިގެންވެއެވެ. އަދި ފަތިސް ނަމާދާއި މަޣްރިބު ނަމާދަށް ފަހު ތިންފަހަރު ތަކުރާރު ކުރާނީއެވެ. ކޮންމެ މީހަކު ވެސް ކިޔަވާނީ ވަކިން، އެ މީހަކަށް އަޑު އިވޭނެ މިންވަރަކަށެވެ. (މާނައަކީ ކައިރީގައި ތިބޭ އެހެން މީހުންނަށް އުނދަގޫ ނުވާނެ މިންވަރަކަށެވެ.)" ބައްލަވާ: فَتَاوَى اللَّجْنَةِ الدَّائِمَةِ - اَلْمَجْمُوعَةُ الثَّانِيَةُ (185/2)
[4] سُنَنُ أَبِي دَاوُد (5082)، وَالتِّرْمِذِي (3575)، وَالنَّسَائِي (5428)
[5] ޝަރަފުއްދީން އައްޠީބީ (ނޔވ 743) ވިދާޅުވިއެވެ: "މާނައަކީ ކޮންމެ ނުބަޔަކުން ތިބާ ރައްކާތެރި ކޮށްދެއްވާނެއެވެ." ބައްލަވާ: اَلْكَاشِفُ عَنْ حَقَائِقِ السُّنَنِ (1671/5)
