ގެއަކަށް ވަންނަ އިރު އިޒުނަ ހޯދުމުގެ އަދަބުތައް

ނަޡީމް ނިޡާމް•8 އޮކްޓޫބަރު 2026•4 މިނެޓުގެ ކިޔުން
ގެއަކަށް ވަންނަ އިރު އިޒުނަ ހޯދުމުގެ އަދަބުތައް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ސީދާވެގެންވާ (އަޅުގަނޑުމެންގެ) އިސްލާމްދީނުގައި، ގެއަކަށް ވަންނަ އިރު އިޒުނަ ހޯދުމުގެ ކަންތައްތަކަށް ޚާއްޞަ އަަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އަދި އަޅުގަނޑުމެން އެ އަދަބުތަކަށް ފުރިހަމައަށް ތަބަޢަވުމަށް ބާރުއަޅާފައިވެއެވެ. މިއީ މީސްތަކުންގެ ޒާތީ ދިރިއުޅުމުގެ ޙުރުމަތްތެރިކަން ރައްކާތެރިކުރުމަށާއި، އެ މީހުންގެ ޢައުރަތައް ރައްކާތެރިކުރުމަށާއި، އެ މީހުންނަށް ދިމާވެދާނެ ދަތިކަމަކުން ރައްކާތެރިކޮށް ދުރުކުރުމަށް ޓަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ﴾

[النُّور 27]

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް، އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމްގޮވައި އިޒުނަ ލިބިގެންފުމަށްދާންދެން ނުވަންނާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށް ޓަކައެވެ."[1]

ގެއަކަށް ވަނުމުގެ ކުރިން އިޒުނަ ހޯދުމުގެ އެންމެ މުހިއްމު އަދަބުތައް:

  1. ސަލާމްގޮވުމާއި، އިޒުނައަށް އެހުމުގައި[2] ތިންފަހަރު ތަކުރާރުކުރުން: ސަލާމްގޮވައި، އިޒުނައަށް އަހައި ނަމަވެސް އެއްވެސް ޖަވާބެއް ނުލިބެއްޖެ ނަމަ، ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ތަކުރާރު ކުރާނީއެވެ. އަދި ތިން ފަހަރަށް ތަކުރާރުކޮށް (އިޒުނައަށް އަހައި) ޖަވާބެއް ނުލިބެއްޖެ ނަމަ، އެނބުރިދާނީއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.

«إِذَا اسْتَأْذَنَ أَحَدُكُمْ ثَلَاثًا، فَلَمْ يُؤْذَنْ لَهُ فَلْيَرْجِعْ»[3]

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު (ގެއަކަށް ވަނުމަށް) ތިން ފަހަރު އިޒުނައަށް އަހައި (އެ މީހަކަށް އެ ގެއަކަށް ވަނުމަށް) އިޒުނަ ނުލިބެއްޖެ ނަމަ، ފަހެ އެނބުރި ދާށެވެ."

ފައިދާއެއް: ގެއަކަށް ވަންނައިރު އިޒުނަ ހޯދުމަށް ގޭގެ ދޮރުގައި ޓަކިޖެހުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް ދޮރުގައި ޓަކިޖަހާނީ ގޭގެ އަހުލުވެރިންނަށް އުނދަގޫ ނުވާނެ ގޮތަށް އާދައިގެ މިންވަރަކަށެވެ. ޝަމްސުއްދީން އިބްނު މުފްލިޙު (ނޔވ 763) ވިދާޅުވިއެވެ.

"އަދި ގަދަފަދަކޮށް މާ ބާރަށް ދޮރުގައި ޓަކިނުޖަހާނެއެވެ. އެއީ އެ ފަދައިން ޢަމަލުކުރާ މީހަކީ، މީސްތަކުންގެ ޢުރުފުގައި އަޚްލާޤު ދަށް މީހެއްގެ ގޮތުގައި ބަލާތީއެވެ... އަދި (ގެއަކަށް ވަންނައިރު ފައިވާނުގެ އަޑުއިއްވައިލުމަށް) ފައިވާން ބިންމަތީގައި ޙަރަކާތްކޮށްލައި ހާކައިލުން މުސްތަޙައްބެވެ. އެއީ އޭނާގެ އަމިއްލަ ގެއަށް ވަންނަ ނަމަވެސް މެއެވެ."[4]

  1. އިޒުނައަށް އެހުމުގެ ކުރިން ސަލާމްގޮވުން: ގެއަކަށް ވަނުމަށް އިޒުނައަށް އެދޭ މީހާގެ މައްޗަށް ސުންނަތްވެގެން ވަނީ، ފުރަތަމަ ސަލާމްގޮވައި ދެން އިޒުނައަށް އެހުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

﴿فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّهِ مُبَارَكَةً طَيِّبَةً﴾

[النُّور 61]

މާނައީ: "ފަހެ ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުން ވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން ސަލާމްގޮވާށެވެ!"

  1. އިޒުނަ ނުލިބިއްޖެ ނަމަ، އެނބުރި ދިއުން: އިޒުނައަށް އަހައި ގޭގެ ތެރެއިން އެއްވެސް ޚަބަރެއް ނުލިބި ނުވަތަ އެ ވަޤުތު އެނބުރިދިއުމަށް އެދިއްޖެ ނަމަ، އެނބުރި ދާނީއެވެ. އަދި މި ކަމުގައި އޭނާ އެއްވެސް ކަހަލަ ހިތްބަރުކަމެއް ބާއްވައިގެން ނުވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

﴿وَإِن قِيلَ لَكُمُ ارْجِعُوا فَارْجِعُوا ۖ هُوَ أَزْكَىٰ لَكُمْ﴾

[النُّور 28]

މާނައީ: "އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެ ނަމަ، ފަހެ ތިޔަބައިމީހުން އެނބުރިދާށެވެ![5] އެ ގޮތް ތިޔަބައިމީހުންނަށް ޠާހިރުކަން ބޮޑެވެ."

  1. ބެލުން ތިރިކުރުން: ގެއަށް ވަނުމަށް އިޒުނައަށް އެދޭ މީހާގެ ބެލުން ތިރިކުރުމަކީ ވާޖިބެކެވެ. އަދި އޭނާ އެ ގޭގެ އަހުލުންގެ ހުއްދައަކާއި ނުލައި ގޭގެ ތެރެއަށް ބޯދިއްކޮށް ބެލުމަކީ ޙަރާމުކަމެކެވެ.[6] މާތް ﷲ ވަޙީކުރެއްވިއެވެ.

﴿قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ﴾

[النُّور 30]

މާނައީ: "މުއުމިނު ފިރިހެނުންނަށް، އެ މީހުންގެ ބެލުންތައް ތިރިކުރުމަށާއި، އެ މީހުންގެ ފަރުޖުތައް ރައްކާތެރި ކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އެ ގޮތް އެ މީހުންނަށް ޓަކައި، ޠާހިރުކަން ބޮޑެވެ."

މަޞްދަރު: مَوْسُوعَةُ الآدَابِ الشَّرْعِيَّةِ، الدُّرَرُ السَّنِيَّةُ.

[1] އިބްނު ކަޘީރު (ނޔވ 774) ވިދާޅުވިއެވެ: "މިއީ މާތް ﷲ އެ އިލާހުގެ އަޅުތަކުން އަދަބުވެރިކުރައްވާފައިވާ ޝަރުޢީ އަދަބުތަކެކެވެ. އެއީ އެ މީހުންގެ ގެތަށް ނޫން އެހެން ގެއަކަށް ވަންނަ ނަމަ، (އެ ގެއެއްގެ އަހުލުވެރިންގެ) އިޒުނަ ލިބިގަތުމެވެ. މާނައަކީ އެ ގެއަކަށް ވަނުމުގެ ކުރިން ހުއްދަ ހޯދާށެވެ. ދެން އެ ގޭގެ އަހުލުންނަށް ސަލާމްގޮވާށެވެ. އަދި ތިންފަހަރު އިޒުނައަށް އެހުން އެދެވިގެންވެއެވެ. އިޒުނަ ލިބިއްޖެ ނަމަ، ވަންނާނީއެވެ. ނޫންނަމަ އެނބުރި ދާނީއެވެ." ބައްލަވާ: تَفْسِيرُ القُرْآنِ العَظِيمِ – ط العِلْمِيَّةِ (33/6)

[2] ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް އިޒުނައަށް އެހުމަކާ ނުލައި ބޭކަލަކު ވަދެވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ: «ارْجِعْ فَقُلْ: السَّلَامُ عَلَيْكُمْ أَأَدْخُلُ» [سُنَنُ التِّرْمِذِيِّ (2710)] މާނައީ: "އެނބުރިވަޑައިގެން ގޮސް "السَّلَامُ عَلَيْكُمْ أَأَدْخُلُ" (ތިމަން ވަދެވަޑައިގަންނަވަންތޯއެވެ؟) މި ފަދައިން ވިދާޅުވާށެވެ."

[3] أخرجه البخاري (6245)، ومسلم (2135)

[4] الآدَابُ الشَّرْعِيَّةُ وَالمِنَحُ المَرْعِيَّةُ (399/1)

[5] އައްޒަމަޚްޝަރީ (ނޔވ 538) ވިދާޅުވިއެވެ: "މާނައަކީ، އިޒުނައަށް އެހުމުގައި ދެމިނުތިބޭށެވެ.. އަދި (ގޭގެ ތެރެއިން ޖަވާބެއް ނުލިބޭ ޙާލު) ދޮރުތަކުގައި މަޑުކޮށްގެން އިންތިޒާރުގައި ނުތިބޭށެވެ. އެހެނީ މިފަދަ ކަންކަމަކީ މީސްތަކުން ނުރުހުންތެރިވާ ކަންކަމެވެ." ބައްލަވާ: الكَشَّافُ عَنْ حَقَائِقِ غَوَامِضِ التَّنْزِيلِ وَعُيُونِ الأَقَاوِيلِ فِي وُجُوهِ التَّأْوِيلِ (228/3)

[6] ޙަދީޘްބަސްފުޅެއްގައިވެއެވެ: «إِنَّمَا جَعَلَ اللهُ الْإِذْنَ مِنْ أَجْلِ الْبَصَرِ» މާނައީ: ހަމަކަށަވަރުން (ގެތަކަށް ވަނުމުގައި) އިޒުނަ ހޯދުން ޝަރުޢުކުރެވިފައި ވަނީ ބެލުންތަކުގެ ސަބަބުންނެވެ." [صَحِيحُ مُسْلِمٍ (2156)]

އިމާމު ނަވަވީ (ނޔވ 676) ވިދާޅު ވިއެވެ: (މި ޙަދީޘް ބަސްފުޅުގެ) މާނައަކީ (ގެއަކަށް ވަންނަ އިރު) އިޒުނަ ހޯދުމަކީ ދީނުގައި ޝަރުޢުކުރައްވައި އަމުރުކުރައްވާފައި ވާ ކަމެކެވެ. އަދި މި ކަން ޝަރުޢުކުރެވިފައި ވަނީ (ގެއަށް ޒިޔާރަތްކުރާ މީހާގެ) ބެލުން އޭނާއަށް ހުއްދަ ނޫން އެއްޗަކަށް ގޮސްދާނެކަމަށެވެ. އެހެނީ ހިލޭ އަންހެނަކަށް އޭނާގެ ބެލުން ގޮސްދާނެ ފުރުޞަތު އޮތް ޙާލަތެއްގައި ވިޔަސް، އެއްވެސް މީހަކު ގެއެއްގެ ދޮރުގައި ވާ ލޯވަޅަކުން ނަމަވެސް ގެއެއްގެ އެތެރެ ބެލުމަކީ ހުއްދަކަމެއް ނޫނެވެ." ބައްލަވާ: المِنْهَاجُ شَرْحُ صَحِيحِ مُسْلِمِ بْنِ الحَجَّاجِ (137/14)

7 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް