ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްބޭކާރު ބެލުންތަކާއި، ބޭކާރު ވާހަކަދެއްކުމާއި، ބޭކާރު ގޮތުގައި ކެއުމާއި، ބޭކާރު ގޮތުގައި މީހުންނާ އެކު އުޅުމުން ދުރުހެލިވުން

ނަޡީމް ނިޡާމް•10 އޮކްޓޫބަރު 2026•7 މިނެޓުގެ ކިޔުން
ބޭކާރު ބެލުންތަކާއި، ބޭކާރު ވާހަކަދެއްކުމާއި، ބޭކާރު ގޮތުގައި ކެއުމާއި، ބޭކާރު ގޮތުގައި މީހުންނާ އެކު އުޅުމުން ދުރުހެލިވުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ދިހަވަނަ ކަންތައް: ބޭކާރު ބެލުންތަކާއި، ބޭކާރު ވާހަކަދެއްކުމާއި، ބޭކާރު ގޮތުގައި ކެއުމާއި، ބޭކާރު ގޮތުގައި މީހުންނާ އެކު އުޅުމުން ދުރުހެލިވުން

ދިހަވަނައީ ބޭކާރު ބެލުންތަކާއި، ބޭކާރު ވާހަކަދެއްކުމާއި، ބޭކާރު ގޮތުގައި ކެއުމާއި، ބޭކާރު ގޮތުގައި މީހުންނާ އެކު އުޅުމުން ދުރުހެލިވުމެވެ. އެހެނީ ޝައިޠާނާ އާދަމުގެ ދަރިޔާގެ މައްޗަށް ބާރު ހިންގާ އަދި އޭނާގެ މަޤްޞަދުތައް ޙާޞިލުކުރަނީ މި ހަތަރު ދޮރުންކުރެ ދޮރަކުންނެވެ. ބޭކާރު ބެލުންތަކަކީ އޭގެ ސަބަބުން (ނުރަނގަޅު ކަންކަން) ރަނގަޅު ކަންކަންކަމުގައި ހެދުމަށް ގޮވާލާ ކަމެކެވެ. އަދި ބަލާ އެއްޗެއްގެ ސޫރަ ހިތަށް ވަދެ، އެއާމެދު މަޝްޣޫލުވެ، އަދި އެ އެއްޗެއް ހޯދުމަށް ވިސްނާ ފިކުރުކުރަން ފަށައެވެ. ފަހެ، ފިތުނައިގެ ފެށުން ވަނީ ބޭކާރު ބެލުންތަކުންނެވެ. (މި ކަން ބަޔާންކުރައްވައި) ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«النَّظْرَةُ سَهْمٌ مَسْمُوٌم مِنْ سِهَامِ إبْلِيسَ، فَمَنْ غَضَّ بَصَرَهُ للهِ أوْرَثَهُ اللهُ حَلاوَةً يَجِدُها في قَلْبهِ إلى يَوْمِ يَلْقَاهُ»[1]

މާނައީ: "ބެލުމަކީ އިބިލީހުގެ ވިހަގަދަ ތީރުތަކުގެ ތެރެއިން ތީރެކެވެ. ފަހެ، ﷲއަށް ޓަކައި އެއްވެސް މީހަކު އޭނާގެ ބެލުން ތިރިކޮށްފި ނަމަ، ﷲ އޭނާއަށް ހިތުގައި ފޮނިކަމެއް ވާރުތަކުރައްވާހުއްޓެވެ. އޭނާގެ ހިތުގެ އެ ފޮނިކަން އޭނާ ﷲ އާ ބައްދަލުކުރާ ދުވަހާ ޖެހެންދެން އޭނާގެ ހިތުގައި ފެންނަން ހުންނާނެއެވެ."

ބޭކާރު ވާހަކަދެއްކުމާ މެދު ދަންނައެވެ. ފަހެ، އެއީ އަޅާއަށް ނުބައިކަމުގެ އެތަކެއް ދޮރުތަކެއް ހުޅުވާލާ ކަމެކެވެ. އެ ހުރިހާ ދޮރަކީ ޝައިޠާނާ ވަންނަ ދޮރުތަކެވެ. ވުމާ އެކު، ބޭކާރު ވާހަކަދެއްކުމުން ދުރުހެލިވެއްޖެ ނަމަ، އެ ހުރިހާ ދޮރެއް ބަންދުވެއެވެ. ބުނެލާ އެންމެ ބަހަކުން ކިތައް ހަނގުރާމަ ފެށިފައި ވޭ ހެއްޔެވެ!؟ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ މުޢާޛު رَضِيَ اللهُ عَنْهُއަށް ޙަދީޘްކުރެއްވިއެވެ.

«وَهَلْ يكُبُّ النّاسَ عَلَي مَنَاخِرِهِمْ فِي النَّارِ إلَّا حَصَائِدُ ألْسِنتَهِمْ»[2]

މާނައީ: "އަދި މީސްތަކުން މޫނުވަތަށް ނަރަކައަށް އެއްލާލެވޭނީ އެ މީހުންގެ ދޫތަކުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުން ނޫން އެހެން ކޮންކަމަކުން ހެއްޔެވެ!؟"

އަދި އިމާމު ތިރުމިޛީ (ނޔވ 271) ގެންނަވާފައ ވެއެވެ. އަންޞާރުންގެ ތެރެއިން ބޭކަލަކު އަވަހާރަވުމުން ޞަޙާބީ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވިއެވެ: އޭނާއަށް އުފާވެރިކަން ހުއްޓެވެ!" ދެން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«فَمَا يُدْرِيكَ فَلَعَلَّهُ تَكَلَّمَ بِمَا لا يَعْنِيهِ، أَوْ بَخلَ بِمَا لا يَنْقُصُهُ»[3]

މާނައީ: "ފަހަރުގައި އޭނާއާ ނުބެހޭ ކަމެއްގައި ވާހަކަދެއްކިފައި ނުވަތަ އޭނާއަށް އުނިވުމެއް ނުވާ އެއްޗެއް މީހަކަށް ނުދީ ހިފަހައްޓައިފައި ނުވާކަމެއް ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟"

ގިނަ ފާފަތައް އުފަންވެ ފެށެނީ ބޭކާރު ވާހަކަ ދެއްކުމާއި، ބޭކާރު ބެލުންތަކުގެ ސަބަބުންނެވެ. މި ދެކަމަކީ ޝައިޠާނާ ވަންނަ އެންމެ ފުޅާ ދޮރުތަކެވެ. މި ދެ ދޮރުންކުރެ ދޮރެއް ޝައިޠާނާ ހަލާކުކޮށްލައި ވަދެއްޖެ ނަމަ، އިންސާނާ މިކަމުން ދުވަހަކު ފޫހިވުމެއް އަދި ބަނޑު ފުރުމެއް ނުވެއެވެ. މިއީ ބަނޑުހައިހޫނުކަމާ ޚިލާފަށެވެ. އެހެނީ އިންސާނާ ކައިގެން ބަނޑު ފުރިއްޖެ ނަމަ، ދެން އިތުރަށް އެއްޗެއް ކެއުމުގެ އެދުމެއް އަދި ބޭނުމެއް ނުހުރެއެވެ. ނަމަވެސް ލޮލާއި ދޫ ހިފެހެއްޓުމެއް ނެތި ބޭނުންގޮތަކަށް ދޫކޮށްލައިފިނަމަ، ބޭކާރު ބެލުމާއި ވާހަކަ ދެއްކުމުން އެ ދެ ގުނަވަން ފޫހިވުމެއް އަދި ވަރުބަލިވުމެއް ވެސް ނުވެއެވެ. އެހެންމެ މި ދެ ގުނަވަނުގެ ސަބަބުން ކުރިމަތިވާ ނުބައިކަން ބޮޑުވެފައި ގިނަގުނައެވެ. ސަލަފުންގެ ބޭކަލުން ބޭކާރު ވާހަކަ ދެއްކުމާ ދުރުހެލިވުމަށް ބާރުއަޅާ ފަދައިން، ބޭކާރު ބެލުމާ ދުރުހެލިވުމަށް ވެސް ބާރުއަޅުއްވައި އުޅުއްވިއެވެ. އެ ބޭކަލުން ވިދާޅުވާ ކަމުގައިވިއެވެ.

"އިންސާނާގެ ދޫ ފަދަ ދިގު މުއްދަތަކަށް ޖަލަށްލައި ބަންދުކުރަން ބޭނުންޖެހިފައި ވާ އިތުރު އެއްޗެއް ނުވެއެވެ."[4]

އަދި ބޭކާރު ކެއުމާ މެދު ދަންނައެވެ. ފަހެ، އެއީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތައް ފާފަތަކަށް އަރައިގަތުމަށް ހިތްވަރުދީ ބާރުދޭ ކަމެކެވެ. އަދި އެއީ ހެޔޮ ޢަމަލުތައް ކުރުމަށް އެ ގުނަވަންތަކަށް ބަރުކަމާ ކަންނެތްކަން ލިއްބައިދޭ ކަމެކެވެ. ނުބައިކަމެއްގެ ގޮތުގައި ތިބާއަށް މި ދެ ކަންތައް ފުދޭނެއެވެ!

ޙާޖަތްޖެހިގެންވާ މިންވަރަށް ވުރެ އިތުރަށް ބަނޑުފުރުމާއި ބޭކާރު ކެއުމުގެ ސަބަބުން ކިތައް ފާފަ ކުރެވިފައިވޭ ހެއްޔެވެ!؟ އަދި ކިތައް ހެޔޮ ޢަމަލުތަކަށް އެ ކަން ހުރަސްއަޅާފައިވޭހެއްޔެވެ؟ ފަހެ ބަނޑުގެ ނުބައިކަމުން ރައްކާތެރިވެއްޖެ މީހާ، ބޮޑު ނުބައިކަމަކުން ރައްކާތެރިވެއްޖެކަން ކަށަވަރެވެ. ޝައިޠާނާ އިންސާނާގެ މައްޗަށް އެންމެ ބޮޑަށް ވެރިވެގަންނަނީ އޭނާ ޙާޖަތްޖެހިގެން ވާ މިންވަރަށް ވުރެ އިތުރަށް ބަނޑުފުރުގެ ސަބަބުންނެވެ. ބައެއް

"ރޯދަ ހިފައިގެން ޝައިޠާނާގެ މަގުތައް ތިޔަބައިމީހުން ހަނިކުރާށެވެ."

އަދި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَا مَلأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ»[5]

މާނައީ: "އިންސާނާ އޭނާގެ ބަނޑަށްވުރެ ނުބައި ކަންވާރެއް ނުފުރައެވެ."[6]

ކެއުމުގައި ހައްދުފަހަނަޅައިދިއުމަކީ ﷲ ހަނދުމަކުރުމުން އިންސާނާގެ ހިތް ޣާފިލުކޮށްލާކަމެކެވެ. އިންސާނާގެ ހިތް އެންމެ ހިނދުކޮޅަކަށް ވެސް ﷲ ހަނދުމަކުރުމުން ޣާފިލުވެއްޖެ ނަމަ، ޝައިޠާނާ އޭނާގެ މައްޗަށް އަރައިގަނެ، އޭނާއަށް ވަޢުދުވެ، އުންމީދުތައް ދައްކައި، (ހަވާނަފުސުގެ) އެދުންތަކަށް ހިތްވަރުދީ ހަދައެވެ. ދެން އިންސާނާ ޝައިޠާނާ ދެއްކި ކޮންމެ މަގެއްގައި ދުއްވައިގަނެއެވެ. ފަހެ އިންސާނާގެ ބަނޑުފުރިއްޖެ ނަމަ، އެ ނަފްސު ޙަރަކާތްތެރިވެ، ދަތުރުކޮށް، ހަވާނަފުސުގެ އެދުންތަކުގެ ދޮރުތަކަށް ވަދެއެވެ. ނަމަވެސް މިއާ ޚިލާފަށް އިންސާނާ ބަނޑުހައިވެއްޖެ ނަމަ، އެ ނަފްސު ހަމަޖެހި، ކިޔަމަންވެ، މަޑުމައިތިރިވެއެވެ.

ބޭކާރު އެއްވުންތަކާ މެދު ދަންނައެވެ. ޙާޖަތްޖެހިގެން ވާ މިންވަރަށް ވުރެ އިތުރަށް މީހުންގެ ތެރޭ އެކުވެ އުޅުމަކީ ހުރިހާ ނުބަޔަކަށް މަގުދައްކާ، ފިލުވައިލަން އުނދަގޫ ވަބާއެކެވެ. މިކަމުގެ ސަބަބުން ކިތައް ނިޢުމަތް ގެއްލިފައިވޭތޯއެވެ؟ އަދި ކިތައް ޢަދާވަތްތެރިކަން އުފެދިފައިވޭތޯއެވެ؟ އަދި ހިތްތަކުގައި ކިތައް ނުތަނަވަސްކަމާއި ދެކޮޅުވެރިކަން އުފެދިފައިވޭތޯއެވެ؟ ބިމުގައި ހަރުލާފައި ވާ ފަރުބަދަތައް ނެތިދިޔަ ނަމަވެސް ހިތްތަކުގައި ހިނގާ އެ ކަންކަމެއް ނެތިގެނެއް ނުދާނެއެވެ. ފަހެ، ޙާޖަތްޖެހިގެން ވާ މިންވަރަށް ވުރެ އިތުރަށް މީހުންގެ ތެރޭ އެކުވެ އުޅުމަކީ ދުނިޔެއާއި އާޚިރަތުގެ ހަލާކެވެ. އިންސާނާ މީސްތަކުންނާ އެކު އުޅުމުގައި، ޙާޖަތްޖެހިގެންވާ މިންވަރަށް ނޫންގޮތަކަށް އުޅުން އެކަށީގެނެއް ނުވެއެވެ.

ފަހެ، މުޅި ދުނިޔޭގެ ހަލާކުގެ އަސްލުކަމަށްވާ މި ހަތަރު ކަންތަކުން، އެއީ ބޭކާރު ބެލުންތަކާއި، ބޭކާރު ވާހަކަ ދެއްކުމާއި، ބޭކާރު ގޮތުގައި ކެއުމާއި، ބޭކާރު ގޮތުގައި މީހުންނާ އެކު އުޅުމުން ރައްކާތެރިވެއްޖެ މީހާ، އަދި ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް އިސްވެ ބަޔާންވެ ދިޔަ ނުވަ ޤަވާޢިދުގައި ރަނގަޅަށް ހިފައިފި މީހާ، ހެޔޮ ތައުފީޤުން އޭނާއަށް ލިބެންވީ ނަޞީބުގައި ހިފައިފިކަން ކަށަވަރެވެ. އަދި އޭނާގެ ނަފުސުގެ މައްޗަށް ނަރަކައިގެ ދޮރުތައް ބަންދުކޮށް ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުވައިފިއެވެ. އަދި އޭނާގެ ފާޅުވެގެންވާ ބައިތަކާއި ފޮރުވިފައިވާ ބައިތައް އާބާދުކޮށްފިއެވެ. އަދި މަރުވާ ވަޤުތު މި ބަޔާންކުރެވުނު ބޭސްފަރުވާގެ ނަތީޖާއަށް ޝުކުރުވެރިވާން ގާތްވެއްޖެއެވެ. ފަހެ މަރުވާ ވަޤުތު މީސްތަކުން ތަޤްވާވެރި މީހާއަށް ހެޔޮބަސް ބުނެއެވެ. އަދި މެންދަމު ދަތުރުކޮށް (މަންޒިލަށް ވާޞިލުވި) މީހުންނަށް، ހެނދުނުވުމުން ތަޢުރީފުކުރެއެވެ.

މިހާ ހިސާބުން އަޅުގަނޑު ތަރުޖަމާކުރުމަށް ގަސްދުކުރި މިންވަރު ނިމުނީއެވެ. والحَمدُ لِلَّهِ ربِّ العالَمينَ. وصَلَّى اللهُ وسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِيْنَ.

[1] الْمُسْتَدْرَكُ عَلَى الصَّحِيحَيْنِ لِلْحَاكِمِ - ط العلمية (7875)

[2] سُنَنُ التِّرْمِذِي (2191)، وَابْنِ مَاجَه (3973)، وَأَحْمَد (22016)

[3] سُنَنُ التِّرْمِذِي (2316)

ޢިލްމުގެ އަހުލުވެރިން މި ޙަދީޘް ޟަޢީފުކުރައްވައެވެ.

އިމާމު ތިރުމިޛީ (ނޔވ 279) ވިދާޅުވިއެވެ: "މިއީ ޣަރީބު ޙަދީޘެކެވެ."

[4] އިބްނު މަސްޢޫދު رَضِيَ اللهُ عَنْهُގެ ކިބައިން މިފަދައިން ރިވާވެފައިވެއެވެ. ބައްލަވާ: اَلْمُصَنَّفُ - ابْنُ أَبِي شَيْبَة - ت الحوت (320/5)

[5] سُنَنُ التِّرْمِذِي (2380)، وَابْنِ مَاجَه (3349)، وَأَحْمَد (17186)

ޙަދީޘުގައި އިތުރަށް ވެއެވެ. بِحَسْبِ ابْنِ آدَمَ أُكُلَاتٌ يُقِمْنَ صُلْبَهُ، فَإِنْ كَانَ لَا مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ [سُنَنُ التَّرْمِذِي (2380)] މާނައީ: "އާދަމުގެ ދަރިޔާއަށް، އޭނާގެ ބުރަކަށި ތެދުކޮށްދޭނޭ މަދު ކާއެތިކޮޅަކުން ފުދޭނެއެވެ. ނަމަވެސް އެ ވަރުން ނުފުދި، އެއަށް ވުރެ އިތުރަށް ކާންވެއްޖެ ނަމަ، ފަހެ (ބަނޑުގެ) ތިންބައި ކުޅަ އެއްބައި އޭނާގެ ކާއެއްޗެއްސަށް ބަހައްޓާށެވެ. އަދި ތިންބައި ކުޅަ އެއްބައި އޭނާގެ ބޯއެއްޗެއްސަށް ބަހައްޓާށެވެ. އަދި ތިންބައި ކުޅަ އެއްބައި އޭނާ ނޭވާލުމަށް (ހުސްކޮށް) ބަހައްޓާށެވެ."

[6] ޖާމިޢަތުލް އިމާމު މުޙައްމަދު ބުނު ސުޢޫދު އަލްއިސްލާމިއްޔާގެ ކުރީގެ އުސްތާޛެއް ކަމުގައި ވާ އައްޝައިޚު ޢަބްދުﷲ ބުނު ޞާލިޙުލް ފައުޒާނު ވިދާޅުވިއެވެ: "މި ޙަދީޘުގައި މި ވަނީ ޙާޖަތްޖެހިގެންވާ މިންވަރަށް ވުރެ ގިނައިން ކެއުމާއި ބޭކާރުގޮތުގައި ބަނޑު ފުރުމާމެދު ޛައްމުކޮށް (މާނައަކީ މަލާމާތުގެ ބަސް ރައްދުކޮށް) އެ ކަމުން ރައްކާތެރިވުމަށް އިންޛާރުކޮށްފައެވެ. އެއީ ބޭކާރުގޮތުގައި ބަނޑުފުރުމާއި ޙާޖަތްޖެހިގެން ވާ މިންވަރަށް ވުރެ ގިނައިން ކެއުމަކީ ކަރުހިއްކުވާ ކަމަކަށް ވާތީއެވެ. މީގެ ސަބަބުން ގިނައިން ފެން ބޮވޭނެއެވެ. އަދި މީގެ ސަބަބުން ގުނަވަންތައް ބަރުވެއެވެ. މިއީ ހަށިގަނޑު ކަންނެތްކޮށްލާ ވަރުބަލިކޮށްލާ ކަމެކެވެ. އަދި މިއީ އަބަދު އަރާމުކުރުމާއި ނިދުމަށް ލޯބިޖައްސުވައި ﷲއަށް ކިޔަމަންތެރިކަން އަދާކޮށް އަޅުކަން ކުރުމުން ހަށިގަނޑު ކަންނެތްކޮށްލާ ކަމެކެވެ. އަދި މިއީ ތަންކޮޅެއް އަވަހަށް ނުވަތަ ލަހުން ޖެހޭ ބަލިތައް، ނުވަތަ އިންސާނާއަށް ފެންނަ ނުވަތަ ނުފެންނަ ބަލިތައް ޖެހުމަށް މަގުފައިވާ ކަމެކެވެ. އަދި އޭނާއަށް ދިމާވާ ހަޖަމުކުރުމުގެ ދަތިކަން ފިލުވުމަށް އެކިބާވަތުގެ ބުއިންތައް ހޯދަން ފަށައިފާނެއެވެ.

އިބްނު ރަޖަބު (ނޔވ 795) ވިދާޅުވިއެވެ: "މީހަކު އޭނާގެ ނަފުސަށް ޖިސްމާނީ އަރާމު ދިނުމަށް ޓަކައި ކާއެއްޗެއްސާއި ބުއިންފަދަ ޝަހުވާނީ ކަންކަމުގައި ހައްދުފަހަނަ އަޅައި ނަމަ، އޭނާގެ ހިތް ފަސާދަވެ ހިތް ހަރުވެއެވެ. އަދި އެކަމުގެ ސަބަބުން ޣާފިލުކަމާއި ގިނައިން ނިދުމުގެ ބަލި އޭނާއަށް ޖެހެއެވެ. މީގެ ސަބަބުން އޭނާގެ ރޫޙާއި ހިތަށް ކޮންމެހެން ލިބެންޖެހޭ ކާނާއާއި އަޅުކަންތަކާއި ބުއިމުގެ ބައި މަދުވެއެވެ. އަދި މި ކަމުގެ ސަބަބުން އޭނާ ވަރަށް ބޮޑު ގެއްލުމެއް ލިބިގަނެއެވެ." ބައްލަވާ: مَجْمُوْعُ رَسَائِلِ الْحَافِظِ ابْنِ رَجَبٍ (118/1)

ބޭކާރުގޮތުގައި ކެއުމަކީ އިންސާނާގެ ކިބައިގައި ނުބައިކަން އަށަގަންނުވާ ކަމެކެވެ. ޙާޖަތްޖެހިގެން ވާ މިންވަރަށް ވުރެ އިތުރަށް ބަނޑުފުރުމާއި ބޭކާރު ކެއުމުގެ ސަބަބުން ކިތައް ފާފަ ކުރެވިފައިވޭ ހެއްޔެވެ!؟ ޞަޙީޙައިންގައި އިބްނު ޢުމަރު رَضِيَ اللهُ عَنْهُގެ ކިބައިން ރިވާކުރައްވާފައި ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. الْمُؤْمِنُ يَأْكُلُ فِي مِعًى وَاحِدٍ، وَالْكَافِرُ يَأْكُلُ فِي سَبْعَةِ أَمْعَاءٍ [صَحِيحُ الْبُخَارِي 5393] މާނައީ: "މުއުމިނު މީހާ ކައިއުޅެނީ އެއް ގޮހޮރަކަށެވެ. އަދި ކާފިރު މީހާ ކައިއުޅެނީ ހަތް ގޮހޮރަށެވެ."

އިބްނު ރަޖަބު (ނޔވ 795) ވިދާޅުވިއެވެ: "މީގެ މާނައަކީ މުއުމިނު މީހާ ޝަރުޢީ އަދަބުތަކާ އެއްގޮތަށް ކައިއުޅޭތީ އޭނާ ކަނީ އެއް ގޮހޮރަށެވެ. އަދި ކާފިރު ކައިއުޅެނީ ޝަހުވަތާއި ދަހިވެތިކަމަށް ޓަކައެވެ. މިހެންވެ އޭނާ ކަނީ ހަތް ގޮހޮރަށެވެ." ބައްލަވާ: جَامِعُ الْعُلُومِ وَاْلِحكَمِ - ت اَلْأَرْنَؤُوْط (474/2)

މިގޮތަށް ޛައްމުކުރެވެނީ އޭނާ އަބަދު ވެސް ނުވަތަ ގިނައިން މިގޮތަށް ކައިއުޅޭނަމައެވެ. ނަމަވެސް ބައެއް ފަހަރު މިގޮތަށް ގިނައިން ކެއުމަކު މައްސަލައެއް ނެތެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ކައިރީގައި އިންނަވަނިކޮށް އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ކިރުފޮދު ހިއްޕަވަމުން ގެންދެވިއެވެ. އެއީ މިފަދައިން ވިދާޅު ވުމަށް ދާންދެނެވެ. لَا وَالَّذِي بَعَثَكَ بِالْحَقِّ مَا أَجِدُ لَهُ مَسْلَكًا [صَحِيحُ الْبُخَارِي 6452] މާނައީ: "ކަލޭގެފާނު ރަސޫލުކަމައިގެން ޙައްޤުގޮތުގައި ފޮނުއްވެވި އިލާހު ހެކިކޮށް ވިދާޅު ވަމެވެ. ދެން އިތުރަށް ކިރުފޮދު ހިއްޕަވާނެ ޖާގައެއް ނެތެވެ."

މި ހުރިހާ ކަމެއް ގުޅިފައިވަނީ އިންސާނާ ކާ ކާނާގެ މިންވަރާއެވެ. އިންސާނާ ކެއުމުގައި ބޭނުންކުރާ ބާވަތްތަކާ މެދު ދަންނައެވެ. ކެއުމުގައި އިސްކަންދޭންވާނީ ހަށިގަނޑު ވަރުގަދަކޮށް، ބަލިތަކުން ރައްކާތެރިކޮށްދޭ މުހިންމު މާއްދާތައް ހިމެނޭ ކާނާއަށެވެ. މިއަދު ގިނަ މީހުންނަށް ހެދޭ ގޯހަކީ ކާ މިންވަރު އިތުރު ވުމެވެ. ނުވަތަ ބަނޑުހައި ނުވަނިސް ކެއުމުގެ މައްޗަށް ކެއުމެވެ. ނުވަތަ ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ކެއުމަށް އިސްކަން ނުދެވުމެވެ. ތިންވަނީ ކެއުމުގެ ގަޑިތަކާ މެދު ފަރުވާކުޑަކުރުމެވެ." ބައްލަވާ: مِنْحَةُ الْعَلَّامِ فِي شَرْحِ بُلُوْغِ الْمَرَامِ (184/10)

1 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.