ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްވުޟޫކުރުމާއި ނަމާދުކުރުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ނުވަވަނަ ކަންތައް: ވުޟޫކުރުމާއި ނަމާދުކުރުން
ނުވަވަނައީ ވުޟޫކުރުމާއި ނަމާދުކުރުމެވެ. މިއީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މަތިވެރި އެއް ކަންތަކެވެ. ވަކިން ޚާއްޞަކޮށް ރުޅިގަދަވެ މީހާގެ ޝަހުވަތް ގަދަވެފައިވާ ވަޤުތުތަކުގައެވެ. އެހެނީ ރުޅިއަކީ އާދަމުގެ ދަރިއާގެ ހިތުގައި ކެކިކެކި ހުންނަ އަލިފާނެކެވެ. (ޖާމިޢު) ތިރުމިޛީގައި އަބޫ ސަޢީދު އަލްޚުދްރީ رَضِيَ اللهُ عَنْهُގެ ކިބައިން ގެންނަވާފައިވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«أَلا وإنَّ الغَضَبَ جَمْرَةٌ فِي قَلْبِ ابْنِ آدَمَ، أَمَا رَأيْتُمْ إلَى حُمْرَةِ عَيْنيهِ وانْتِفَاخِ أوْداجِهِ، فَمَنْ أحَسَّ بِشَيْءٍ مِنْ ذَلِكَ فَلْيَلْصَقْ بِالأرْضِ»[1]
މާނައީ: ދަންނާށެވެ! ހަމަކަށަވަރުން ރުޅިއަކީ އާދަމުގެ ދަރިއާގެ ހިތުގައި ވާ އަނގުރު އަލިފާންގަނޑެކެވެ. ފަހެ ރުޅިއައިސްފައި ވާ މީހާގެ ލޯ ރަތްވެފައި ވާ ގޮތާއި، ކަރުގެ ނާރުތައް ފުއްޕާފައި ވާ ގޮތް ތިބާއަށް ނުފެނޭ ހެއްޔެވެ!؟ ފަހެ، ރުޅިވެރިކަމުގެ އެއްވެސް ކަމެއް އިޙުސާސު ކުރެވިއްޖެ މީހާ، ބިންމައްޗަށް ތިރިވެ، މަޑުކޮށްލުން ހުއްޓެވެ."
އަދި އެހެން އަޘަރެއްގައިވެއެވެ.
«إنَّ الشَّيْطَانَ خُلِقَ مِنْ نَارٍ، وإنَّمَا تُطْفَأْ النَّارُ بالمَاءِ»[2]
މާނައީ: "ހަމަކަށަވަރުން ޝައިޘާނާ ޚަލްޤުކުރެވުނީ އަލިފާނުންނެވެ. އަދި ހަމަކަށަވަރުން ފެނުން އަލިފާން ނިއްވާލައެވެ."
ވުޟޫ އަދި ނަމާދު ފަދަ އެހެން ކަމަކުން ރުޅިވެރިކަމާ ހަވާނަފުސުގެ އެދުންތަކުގެ އަލިފާން، އިންސާނާ ނިއްވާނުލައެވެ. ފަހެ އެއީ ހަމަ އަލިފާނެކެވެ. އަދި ވުޟޫ އެ އަލިފާން ނިއްވާލައެވެ. އަދި ޚުޝޫޢަތްތެރިކަމާ އެކު ހިތް ޙާޟިރުކޮށް ހުރެ ނަމާދުކޮށްފި ނަމަ، މި ހުރިހާ ކަމެއްގެ އަޘަރުތައް ފިލުވާލައެވެ. މި ކަމަކީ އިތުރަށް ދަލީލުތަކަށް ބޭނުން ނުވާ ވަރަށް، ތަޖުރިބާ ކުރެވިފައިވާ ކަންކަމެވެ.
[1] سُنَنُ التِّرْمِذِي (2191) وَأَحْمَد (11587)
ބައެއް ޢިލްމުވެރިން މި ޙަދީޘުގެ ސަނަދު ޟަޢީފު ކުރައްވައެވެ.
އިމާމު ތިރުމިޛީ (ނޔވ 279) ވިދާޅުވިއެވެ: "މިއީ ޙަސަނު ޞައްޙަ ޙަދީޘެކެވެ." ބައްލަވާ: سُنَنُ التِّرْمِذِي - ت شَاكِرٌ (483/4)
[2] سُنَنُ أَبِي دَاوُد (4783)، وَأَحْمَد (17985)
ޝުޢައިބު އަލްއަރްނައޫޠު (ނޔވ 1438) ވިދާޅުވިއެވެ: "މި ޙަދީޘުގެ ސަނަދު ޟަޢީފެވެ." ބައްލަވާ: سُنَنُ أَبِي دَاوُد - ت اَلْأَرْنَؤُوط (163/7)
