ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ފަސްވަނަ ކަންތައް: ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުން
ފަސްވަނައީ ބަޤަރާ ސޫރަތުގެ ނިމޭ އާޔަތްތައް (އެބަހީ ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް) ކިޔެވުމެވެ. (އިމާމު ބުޚާރީ އަދި އިމާމު މުސްލިމުގެ) ޞަޙީޙުގައި ގެންނަވާފައިވާ އަބޫ މަސްޢޫދު އަލްއަންޞާރީ رَضِيَ اللهُ عَنْهُގެ ޙަދީޘެއްގައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَنْ قَرَأَ الْآيَتَيْنِ مِنْ آخِرِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ»[1]
މާނައީ: "ރޭގަނޑެއްގައި މީހަކު ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފި ނަމަ، އޭނާއަށް އެ ކަން ފުދިގެންވެއެވެ."[2]
އައްނުޢުމާނު ބުނު ބަޝީރު رَضِيَ اللهُ عَنْهُގެ ކިބައިން އިމާމު ތިރުމިޛީ (ނޔވ 279) ގެންނަވާފައިވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«إنَّ الله كتَبَ كتَابًا قبل أن يَخْلُقَ الخَلْقَ بألفي عام، أنْزَلَ منه آيتَيْن خَتَمَ بهما سُورَةَ البقَرَةِ، فَلا يقْرَآنِ في دارٍ ثَلاثَ ليَالٍ فيقْرَبَهَا شَيْطَانٌ»[3]
މާނައީ: "ހަމަކަށަވަރުން ޚަލްޤުތަކުން ޚަލްޤުކުރެއްވުމުގެ ދެހާސް އަހަރު ކުރިން ﷲ ލިޔުއްވުމެއް ލިޔުއްވިއެވެ. އެ އިލާހު އެއިން ދެ އާޔަތެއް ބާވައިލެއްވިއެވެ. އެއީ ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތެވެ. ގެއެއްގައި ތިން ރޭ ވަންދެން މި ދެ އާޔަތް ކިޔަވައިފި ނަމަ، ޝައިޠާނާ އެ ގެއަކާ ކައިރި ނުވާނެއެވެ."
[1] صَحِيحُ الْبُخَارِي (5040)، وَمُسْلِم (807)
[2] އަލްޙާފިޡު އިބްނު ޙަޖަރު އަލްޢަސްޤަލާނީ (ނޔވ 852) ވިދާޅުވިއެވެ: "(އޭނާއަށް އެ ކަން ފުދިގެންވެއެވެ.) މި ބަސްފުޅުގެ މުރާދެއްގެ ގޮތުގައި، ރޭގަނޑު ޤުރުއާން ކިޔެވުމުގެ ބަދަލުގައި އެ ދެ އާޔަތް ފުދިގެންވުން ކަމުގައި ބުނެވެއެވެ. އަދި އެ ދެ އާޔަތް ޤުރުއާން ކިޔެވުމުގެ ބަދަލުގައި މުޠުލަޤުކޮށް ފުދިގެންވުން ކަމުގައި ބުނެވެއެވެ. އަދި އޭގެ މާނައަކީ އީމާންކަމާއި ޢަމަލުތަކުގެ މައްޗަށް އެ ދެ އާޔަތް އިޖުމާލީގޮތެއްގައި އެކުލެވިގެންވާތީ، ޢަޤީދާއާ ގުޅޭ ކަންކަމުގައި އެ ދެ އާޔަތް އޭނާއަށް ފުދިގެންވުން ކަމުގައި ބުނެވެއެވެ. އަދި އޭގެ މާނައަކީ ހުރިހާ ނުބައިކަމަކުން (އޭނާ ރައްކާތެރިކޮށްދިމުނުގައި) އެ ދެ އާޔަތް އޭނާއަށް ފުދިގެންވުން ކަމުގައި ބުނެވެއެވެ. އަދި ޝައިޠާނާގެ ނުބައިކަމުން އެ ދެ އާޔަތް އޭނާއަށް ފުދިގެންވުން ކަމުގައި ބުނެވެއެވެ. އަދި އިންސާނުންނާއި ޖިންނީންގެ ނުބައިކަމުން އެ ދެ އާޔަތް އޭނާ ދުރުކޮށްދިނުން ކަމުގައި ބުނެވެއެވެ. އަދި އޭގެ މާނައަކީ އެ ދެ އާޔަތް ކިޔެވުމުގެ ސަބަބުން އޭނާއަށް ލިބޭ ޘަވާބުގެ ގިނަކަމާއި ބޮޑުކަމުން، އޭނާ އިތުރު އެހެން އެއްޗަކަށް އެދުމުން ފުދިގެންވުން ކަމުގައި ބުނެވެއެވެ." ބައްލަވާ: فَتْحُ الْبَارِي بِشَرْحِ صَحِيحِ الْبُخَارِي (56/9)
[3] سُنَنُ التِّرْمِذِي (2882)، وَالنَّسَائِي فِيْ عَمَلِ الْيَوْمِ وَاللَّيْلَةِ (966)، وَأَحْمَدُ (18414). والحديث صحَّحه ابن حبان والحاكم، وقال الترمذي: "حسن غريب".
