ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްދުޢާކުރުން

ނަޡީމް ނިޡާމް•9 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
ދުޢާކުރުން

އިމާމު އިބްނުލް ޤައްޔިމު (ނޔވ 751) ވިދާޅުވިއެވެ. އަޅާ ޝައިޠާނާގެ ކިބައިން ރައްކާތެރިވެ، އެ ސޮރުގެ ނުބައިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް: އެއީ (މައިގަނޑު) ދިހަ ކަމެކެވެ.

ފުރަތަމަ ކަންތައް: ޝައިޠާނާގެ ކިބައިން ރައްކާތެރި ކޮށްދެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދެންނެވުން

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ ۖ إِنَّهُ هُوَ السَّمِيعُ الْعَلِيمُ﴾

[فُصِّلَت 36]

"އަދި ހަމަކަށަވަރުން ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އަތުވެއްޖެ ނަމަ، ކަލޭގެފާނު ﷲގެ ރައްކާތެރިކަމަށް އެދޭށެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ."[1]

(ކީރިތި ޤުރުއާނުގެ) އެހެން ތަނެއްގައި އެ އިލާހު ވަޙީކުރެއްވިއެވެ.

﴿وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ ۚ إِنَّهُ سَمِيعٌ عَلِيمٌ﴾

[الأَعرَاف 200]

މާނައީ: "އަދި ހަމަކަށަވަރުން ޝައިޠާނާގެ ފަރާތުން ވަސްވާސްތެރިކަމެއް އަތުވެއްޖެ ނަމަ، ކަލޭގެފާނު ﷲގެ ރައްކާތެރިކަމަށް އެދޭށެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ."

ޞަޙީޙުލް ބުޚާރީ (އަދި މުސްލިމު)ގައި ސުލައިމާނު ބުނު ޞުރަދު رَضِيَ اللهُ عَنْهُގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

«كُنْتُ جَالِسًا مَعَ النَّبِيِّ ﷺ وَرَجُلَانِ يَسْتَبَّانِ فَأَحَدُهُمَا احْمَرَّ وَجْهُهُ وَانْتَفَخَتْ أَوْدَاجُهُ فَقَالَ النَّبِيُّ ﷺ: إِنِّي لَأَعْلَمُ كَلِمَةً لَوْ قَالَهَا ذَهَبَ عَنْهُ مَا يَجِدُ لَوْ قَالَ: أَعُوذُ بِاللهِ مِنَ الشَّيْطَانِ ذَهَبَ عَنْهُ مَا يَجِدُ»[2]

މާނައީ: "ތިމަންކަލޭގެފާނު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާ އެކު އިށީނދެވަޑައިގެން އިންނެވީމެވެ. އެ ވަޤުތު އެ ތަނުގައި ދެ މީހަކު އަރާރުންވެ އެކަކު އަނެކަކަށް އެއްޗެހި ކިޔަމުން ދިޔައެވެ. (ރުޅި ގަދަވުމުގެ ސަބަބުން) އެ ތަނުން އެކަކުގެ މޫނު ރަތްވެ، ނާރުތައް ފުއްޕާފައި ހުއްޓެވެ. ދެން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން އޭނާ އެ ކަލިމައެއް ކިޔުމުން އޭނާގެ އެ ރުޅި ފިލައިގެން ދާނެ ކަލިމައެއް ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. (ޙަދީޘްކުރެއްވިއެވެ.) އޭނާ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ކިޔައިފި ނަމަ، އޭނާގެ އެ ރުޅި ފިލައިގެން ދާނެއެވެ."[3]

[1] އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު (ނޔވ 774) ވިދާޅުވިއެވެ: "ހަމަކަށަވަރުން އިންސާނުންގެ ތެރެއިން ވާ ޝައިޠާނުންނަށް އިޙްސާންތެރިވެއްޖެ ނަމަ، އޭނާގެ ޙާލަތު ބަދަލުވެދާނެއެވެ. ނަމަވެސް ޖިންނީންގެ ތެރެއިން ވާ ޝައިޠާނުންނާ މެދު ދަންނައެވެ. އެ ސޮރުގެ ވަސްވާސްތެރިކަމެއް ކުރިމަތިވެއްޖެ ނަމަ، ތިބާގެ މައްޗަށް އެ ޝައިޠާނާ ބާރު ފޯރުވުމުގެ ކުޅަދާނަކަން މިންވަރުކޮށްދެއްވި، ޚާލިޤުވަންތަ އިލާހުގެ ޙަޟްރަތުން ރައްކާތެރިކަން އެދުން ނޫން ގޮތަކުން ތިބާއަށް ރައްކާތެރިކަން ލިބުމެއް ނުވެއެވެ. ތިބާ ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި، އެ އިލާހަށް މި ކަމުގައި ބަރޯސާވެއްޖެ ނަމަ، އެ ޝައިޠާނާގެ ރޭވުންތެރިކަމުން ތިބާ ދުރުކޮށްދެއްވައި ސަލާމަތް ކޮށްދެއްވައެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ނަމާދަށް ތެދުވެވަޑައިގެންފި ނަމަ، މި ފަދައިން ވިދާޅުވާ ކަމުގައި ވިއެވެ: أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ [سُنَنُ أَبِي دَاوُد (775)] މާނައީ: "ރަޙުމަތުން ބޭރު ކުރެވިގެން ވާ ޝައިޠާނާގެ ނުބައި ކަމުން، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ އައްސަވާވޮޑިގަންނަވާ ﷲގެ ރައްކާތެރިކަމަށް އެދެމެވެ. އެ ޝައިޠާނާގެ ވަސްވާސްތަކާއި، އޭގެ ބޮޑާކަމާއި، އޭގެ ނުބައި ކިޔެވެލިފަތިތަކުންނެވެ.'' ބައްލަވާ: تَفْسِيرُ الْقُرْآنِ الْعَظِيمِ - ط العلمية (166/7)

ހަމަ މި އާޔަތުގެ ތަފްސީރުގައި ޢަބްދުރަޙްމާނު އައްސަޢްދީ (ނޔވ 1376) ވިދާޅުވިއެވެ: "އެބަހީ ކޮންމެ ވަޤުތެއް، ކޮންމެ ޙާލަތެއްގައި ވިޔަސް، ތިބާއަށް ޝައިޠާނާގެ ވަސްވާސްތަކުގެ އެއްވެސް އިޙުސާސެއް، މާނައަކީ: އޭނާގެ ވަސްވާސްތަކާއި، ނުބައި ކަންތައްތައް ޒީނަތްތެރި ކޮށްދިނުމާއި، ހެޔޮޢަމަލުތައް ކުރުމަށް ފަހަތަށްޖައްސުވައި ކަންނެތްކުރުވުމާއި ބައެއް ފާފަތަކަށް އަރައިގަތުމާއި، އަދި ޝައިޠާނާ ގޮވާލާ ބައެއް ކަންތައްތަކަށް ކިޔަމަންވުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ، ﴿فَاسْتَعِذْ بِاللَّهِ﴾ މާނައަކީ ނިކަމެތިކަމާ އެކު، އެ އިލާހަށް ބޭނުންޖެހިގެންވާ ޙާލު އެ އިލާހުގެ ޙަޟްރަތުން އެދޭށެވެ. އޭރުން އެ އިލާހު ތިބާއަށް ރައްކާތެރިކަން ދެއްވައި އެ ކަމުން ސަލާމަތް ކޮށްދެއްވާނެތެވެ. ﴿إِنَّهُ سَمِيعٌ عَلِيمٌ﴾ "ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ." އެބަހީ ފަހެ ހަމަކަށަވަރުން އެ އިލާހު ތިބާގެ ބުނުންތަކާއި ދުޢާތަށް މޮޅަށް އައްސަވާވޮޑިގެންވެއެވެ. އަދި ތިބާގެ ޙާލާއި، އެ އިލާހުގެ ރައްކާތެރިކަމާއި ޙިމާޔަތަށް ތިބާ ބޭނުންޖެހިފައިވާ މިންވަރު އެ އިލާހު ދެނެވޮޑިގެންވެތެވެ." ބައްލަވާ: تَيْسِيرُ الْكَرِيمِ الرَّحْمَنِ (750/1)

[2] أخرجه البخاري (3282)، ومسلم (2610)، وأبو داود (4781)، وأحمد (27205)

[3] އިބްނު ޢުޘައިމީން (ނޔވ 1421) ވިދާޅުވިއެވެ: "ރުޅިއަށް ލަފުޒީ އަދި ޢަމަލީ ފަރުވާއެއް ވެއެވެ. ލަފުޒީ ފަރުވާއަކީ ރުޅިވެރިކަން އިޙުސާސު ކުރެވިއްޖެ ނަމަ، أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ކިޔުމެވެ... ޢަމަލީ ފަރުވާއަކީ އެ މީހަކު ހުރީ ކޮޅަށް ކަމުގައި ވާނަމަ އިށީނުމެވެ. އަދި އެ މީހަކު އިނީ އިށީނދެ ކަމުގައި ވާނަމަ އޮށޯތުމެވެ. ސަބަބަކީ އޭނާގެ ބޭރުފުށުގެ ޙާލަތު ބަދަލުކޮށްލުމުން އޭނާގެ އެތެރެފުށުގެ ޙާލަތު ވެސް ބަދަލުވާން ވާނެއެވެ. ދެންވެސް ފައިދާއެއް ނުކޮށްފި ނަމަ، ވުޟޫކުރާށެވެ. ސަބަބަކީ ވުޟޫކުރުމުގައި އެ މީހަކު މަޝްޣޫލުވުމަކީ ރުޅި މަތިން ހަނދުމަނެތިކޮށްލާނެ ކަމެކެވެ. އަދި ވުޟޫކުރުމަކީ ރުޅީގެ ހޫނު ފޮހެލާ ކަމެކެވެ." ބައްލަވާ: شَرْحُ الْأَرْبَعِينَ النَّوَوِيَّةِ لِلْعُثَيمِينَ (183/1)

10 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.