ޝައިޠާނާގެ ކިބައިން ރައްކާތެރިވާނެ ދިހަ ގޮތެއްމުޤައްދިމާ

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
މިއީ އިމާމު އިބްނުލް ޤައްޔިމު (ނޔވ 751)[1] ލިޔުއްވާފައިވާ "بَدَائِعُ الْفَوَائِدِ"[2] މި ފޮތުގައި، ޝައިޠާނާގެ ކިބައިން ރައްކާތެރިވެ، އެ ސޮރުގެ ނުބައިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ގޮތުގައި ގެންނަވާފައިވާ ދިހަ ކަންތަކުގެ ދިވެހި ތަރުޖަމާއެވެ.
ތަރުޖަމާ ކުރުމުގައި، ޙަވާސާގައި (ޞަފްޙާގެ ތިރީގައި) ބައެއް ފައިދާތައް އިތުރުކުރެވިފައި ވާނެއެވެ.
އަޅުގަނޑު ﷲގެ ޙަޟްރަތުގައި އެދި ދަންނަވަނީ، މި މަޢުލޫމާތުތަކުގެ ފައިދާ ގިނަ ބަޔަކަށް ފޯރުކޮށްދެއްވުމެވެ. އަދި މި ލިޔުން ފެތުރުމުގައި ބައިވެރިވެ، އަދި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާދެއްވުމެވެ!
وَاللهَ أَسْأَلُ أَنْ يَنْفَعَ بِهِ مَنِ اشْتَغَلَ بِهِ مِنَ الْمُسْلِمِينَ وَأَنْ يَرْحَمَنِي وَالْمُسْلِمِينَ إِنَّهُ أَرْحَمُ الرَّاحِمِيْنَ. [3]
އާމީން.
[1] އެއީ މުޙައްމަދު ބުނު އަބީ ބަކުރު ބުނު އައްޔޫބު ބުނު ސަޢްދު ބުނު ޙަރީޒު އައްޒަރްޢީ، އައްދިމިޝްޤީ، ޝަމްސުއްދީން އިބްނު ޤައްޔިމުލް ޖައުޒީ އަލްޙަންބަލީއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 691ވަނަ އަހަރު ދިމިޝްޤުގައެވެ. އެކަލޭގެފާނު އަވަހާރަ ވެވަޑައިގަތީ ހިޖުރައިން 751ވަނަ އަހަރުގައެވެ.
އެކަލޭގެފާނާ ބެހޭގޮތުން އިމާމު އިބްނު ކަޘީރު (ނޔވ 774) ވިދާޅުވިއެވެ: "އެކަލޭގެފާނު (އެބަހީ އިބްނުލް ޤައްޔިމު) ބޮޑެތި ޢިލްމުވެރިންގެ އަރިހުން ޙަދީޘް އަޑުއެއްސެވިއެވެ. އަދި ޝަރުޢީ ޢިލްމު އުނގެނިވަޑައިގަތުމުގައި ވަރަށް ބޮޑަށް މަޝްޣޫލު ވެވަޑައިގަތެވެ. އެ ގޮތުން ޝަރުޢީ ގިނަ ޢިލްމުތަކެއްގައި ފާހަގަކޮށްލެވޭ ދަރަޖައަކަށް ވާޞިލު ވެވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ތަފްސީރު ޢިލްމާއި، ޙަދީޘް ޢިލްމާއި، އުޞޫލުއްދީނާއި ފިޤުހު ޢިލްމުގައެވެ. 712ވަނަ އަހަރު ޝައިޚު ތަޤިއްޔުއްދީން އިބްނު ތައިމިއްޔާ މިޞްރުން އެނބުރި ވަޑައިގެންނެވި ފަހުން، އެކަލޭގެފާނު އަވަހާރަ ވެވަޑައިގަންނަވަންދެން އެކަލޭގެފާނުގެ އަރިހުގައި ޢިލްމު އުނގެނިވަޑައިގަތެވެ... އެއީ ރެއާއި ދުވާލު ދިރުއުޅުމަށް މަސައްކަތްކުރެއްވުމާއި، ގިނަގިނައިން ނަމާދުކުރެއްވުމާ އެކުގައެވެ. އެކަލޭގެފާނަކީ ވަރަށް ރީތިކޮށް ޤުރުއާން ވިދާޅުވާ، އަޚްލާޤު ރަނގަޅު، ވަރަށް އޯގާތެރި ބޭކަލެކެވެ. އެކަލޭގެފާނު ދުވަހަކު ވެސް މީހަކަށް ޙަސަދަވެރި ވެވަޑައިގެން މީހަކަށް އުނދަގުލެއް ނުވަތަ ގޯނާއެއް ނުކުރައްވަވައެވެ. އަދި ދުވަހަކު ވެސް މީހަކާ މެދު ރުޅިވެރިކަމެއް ނުބާއްވަވައެވެ. ތިމަންކަލޭގެފާނަކީ އެކަލޭގެފާނުގެ އަރިހުގައި އެންމެ ލޮބުވެތި، އަދި އެކަލޭގެފާނާ އެކު އެންމެ ގާތްކޮށް އުޅުއްވި ފަރާތެވެ. ތިމަންބޭކަލުންގެ ޒަމާނުގައި އެކަލޭގެފާނަށް ވުރެ އަޅުވެރި އެހެން ބޭކަލަކު ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ." ބައްލަވާ: اَلْبِدَايَةُ وَالنِّهَايَةُ ت التُّرُكِي (523/18)
[2] ބައްލަވާ: بَدَائِعُ الْفَوَائِدِ - ط عَطَاءَاتُ الْعِلْمِ (809/2)
މި ފޮތަކީ މިއީ ވަކި ޚާއްޞަ މައުޟޫޢަކަށް ނުފެތޭ ގޮތަށް، ނަމަވެސް ތަފާތު އެކި ފައިދާތައް ޖަމަޢަކޮށް އެކުލަވާލައި ލިޔުއްވާފައިވާ ފޮތެކެވެ. މިއީ ވަރަށް ގިނަ ޢިލްމުވެރިން ފޮތް ލިޔުއްވުމުގައި ގެންގުޅުއްވި އުސްލޫބެކެވެ. މި ފޮތުގައި ވަނީ ތަފްސީރު، ޙަދީޘް، ފިޤުހު، އުޞޫލުލް ފިޤުހު، ޢަރަބި ބަހާއި ބަހުގެ ޢިލްމުތައް، ނަޞޭޙަތާއި ވަޢުޡު، އަދި މި ނޫނަސް، ޢިލްމީ ދާއިރާތަކުން ވަރަށް ފުރިހަމައަށް ދިރާސާކުރައްވައި، ތަޙުޤީޤުކުރައްވާފައިވާ މަޢުލޫމާތުތަކާއި ގިނަގުނަ ފައިދާތަކެވެ.
[3] دليل الطالب لنيل المطالب (1/1)
