ރޯދައިގެ ބައެއް ސުންނަތްތައްރޯދައަށް ހުއްޓައި މީހަކު ފުރައްސާރަކޮށްފި ނަމަ "އަހަރެންނަކީ ރޯދަވެރިޔަކީމެވެ!" މި ފަދައިން ބުނުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ރޯދައަށް ހުއްޓައި މީހަކު ފުރައްސާރަކޮށްފި ނަމަ "އަހަރެންނަކީ ރޯދަވެރިޔަކީމެވެ!" މި ފަދައިން ބުނުން
ރަމަޟާން މަހުގައި ރޯދަވެރިޔަކަށް މީހަކު ފުރައްސާރަކޮށް އެއްޗެހިގޮވައިފި ނަމަ، އަޑުހަރުކޮށް "އަހަރެންނަކީ ރޯދަވެރިޔަކީމެވެ!" މި ފަދައިން ރޯދަވެރިޔާ ބުނުން ސުންނަތްވެގެންވެއެވެ. އެއީ ރަމަޟާން މަހުގައި ވިޔަސް ނުވަތަ އެ ނޫން މަހެއްގެ ދުވަހެއްގެ ރޯދައެއްގައި ވިޔަސް މެއެވެ. އައްޝައިޚު ތަޤިއްޔުދީން[1] (رَحِمَهُ اللهُ) އިޚްތިޔާރު ކުރައްވާފައި ވަނީ މި ރައުޔެވެ. އެހެނީ ޙަޤީޤީ ބުނުމަކަށް ވާނީ ދުލުން ބުނުމުންނެވެ.
"އައްރިޢާޔަތު"ގައި ވެއެވެ. މި ފަދައިން (އެބަހީ: އަހަރެންނަކީ ރޯދަވެރިޔަކީމެވެ!") ބުނާނީ ސިއްރުންނެވެ. އެއީ އޭނާއީ ރޯދަވެރިއެއްކަން އަމިއްލަ ނަފުސަށް ހަނދާން ކުރުވައި، އޭނާއަށް ފުރައްސާރަކުރާ މީހާއަށް ރައްދު ދިނުން މަނާކުރުމަށް ޓަކައެވެ. އެއީ (އަޑުހަރުކޮށް ބުނެފި ނަމަ) ދެއްކުންތެރިކަން ވަދެދާނެކަމުގެ ބިރަށް ޓަކައެވެ.
އަލްމަޖްދު[2] (رَحِمَهُ اللهُ) އިޚްތިޔާރު ކުރައްވާފައި ވަނީ އެ މީހަކު މި ފަދައިން ސިއްރުން ޢަމަލުކުރާނީ ރަމަޟާން މަސް ނޫން މަހެއްގައި ނަމައެވެ. އަބޫ ހުރައިރާ (رَضِيَ اللهُ عَنْهُ)ގެ ފަރާތްޕުޅުން މަރުފޫޢުކޮށް ދެ ޞަޙީޙުގައި (ޞަޙީހުލް ބުޚާރީ އަދި ޞަޙީޙު މުސްލިމުގައި) ވެސް ރިވާކުރައްވާފައި ވެއެވެ. (ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.)
«إِذَا كانَ يَوْمُ صَوْمِ أَحَدِكُمْ، فلا يَرْفُثْ يَومَئذٍ وَلَا يَسْخَبْ، فإنْ شَاتَمهُ أَحَدٌ، أَوْ قَاتَلَهُ، فَلْيَقُلْ: إنِّي امْرُؤٌ صَائِمٌ»[3]
މާނައީ: "ތިޔަޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުންނަ ނަމަ ބޭކާރު ވާހަކަދެއްކުމުންނާއި އަޑުގަދަކުރުމުން ދުރުހެލިވާށެވެ. އަދި މީހަކު ތިބާއަށް ފުރައްސާރަކޮށް އަރާރުންވެއްޖެ ނަމަ، "ހަމަކަށަވަރުން އަހަރެންނަކީ ރޯދައަށް ހުރި މީހަކީމެވެ!" މި ފަދައިން ބުނާށެވެ."
[1] އެއީ ތަޤިއްޔުއްދީން އަބުލްޢައްބާސް އަޙްމަދު ބުން ޢަބްދުލްޙަލީމު ބުން ޢަބްދުއްސަލާމު ބުން ތައިމިއްޔާ އަލްޙައްރާނީ އަލްޙަންބަލީ رَحِمَهُ اللهُ އެވެ. މަޝްހޫރު ނަމުން ނަމަ ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާއެވެ. އެކަލޭގެފާނު އަވަހާރަވެފައި ވަނީ ހިޖުރައިން 728ވަނަ އަހަރެވެ.
[2] އެއީ މަޖްދުއްދީން އަބުލްބަރަކާތު ޢަބްދުއްސަލާމު ބުން ޢަބްދު ބުން އަބުލްޤާސިމު އަލްޚަޟަރު ބުން މުޙައްމަދު ބުން ޢަލީ ބުން ތައިމިއްޔާ އަލްޙައްރާނީ އަލްޙަންބަލީ رَحِمَهُ اللهُ އެވެ. އެކަލޭގެފާނަކީ ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާގެ ކާފާފުޅެވެ. އެކަލޭގެފާނު އަވަހާރަވެފައި ވަނީ ހިޖުރައިން 652ވަނަ އަހަރެވެ.
[3] أخرجه البخاري في "صحيحه"، كتاب: الصوم باب هل يقول: إني صائم إذا شتم (26/3) رقم (1904)
