ރޯދައިގެ ބައެއް ސުންނަތްތައްމުތަރުޖިމުގެ މުޤައްދިމާ

ނަޡީމް ނިޡާމް•2 އޮކްޓޫބަރު 2026•2 މިނެޓުގެ ކިޔުން
މުތަރުޖިމުގެ މުޤައްދިމާ

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

މިއީ ރޯދައިގެ ބައެއް ސުންނަތް ޖަމަޢަކޮށް އެކުލަވާލައިފައިވާ ލިޔުމެކެވެ. މި ލިޔުމަކީ ޙަންބަލީ މަޛްހަބުގެ މުޢުތަމަދު ފޮތްތަކުގެ ތެރެއިން، އިމާމު އިބްނުއް ނައްޖާރު އަލްފުތޫޙީ (ނޔވ 972) އެކުލަވައިލެއްވި "مُنْتَهَىٰ الإِرَادَات فِي الجَمْعِ بَيْنَ المُقْنِعِ والتَّنْقِيحِ وَالزِّيَادَات"އެވެ ކިޔޭ ފޮތުގެ މައްޗަށް އިމާމު މަންޞޫރު ބުނު އިދްރީސް އަލްބުހޫތީ (ނޔވ 1051) ހެއްދެވި ޝަރަޙައިގެ "ރޯދައިގައި މަކުރޫހަ އަދި ސުންނަތް ކަންކަމުގެ ބާބު"ގައި، ރޯދައިގައި ސުންނަތް ބައެއް ކަންތައްތަކުގެ ގޮތުގައި ބަޔާން ކުރައްވައިފައިވާ ބައިގެ ދިވެހި ތަރުޖަމާއެކެވެ.

އިމާމު އިބްނުއް ނައްޖާރު (ނޔވ 972) އެކުލަވައިލެއްވި "مُنْتَهَىٰ الإِرَادَات" އަކީ ދެ ފޮތެއް ޖަމަޢަކުރައްވައި އެއްކޮށްލެއްވުމަށް ފަހު، ހެއްދެވި ފޮތެކެވެ. އެކަލޭގެފާނު އެއްކޮށްލެއްވި ދެ ފޮތަކީ އިމާމު މުވައްފަޤުއްދީން އިބްނު ޤުދާމާ އަލްމަޤްދިސީ (ނޔވ 620) އެކުލަވައިލެއްވި المُقْنِعُ فِي فِقْهِ الإِمَامِ أَحْمَدُ އަދި އިމާމު އަލްމަރުދާވީ (ނޔވ 885) އެކުލަވައި ލެއްވި التَّنْقِيحُ المُشْبِعِ فِي تَحْرِيرِ الأَحْكَامِ المُقْنِعِ މި ދެ ފޮތެވެ. މި ދެ ފޮތަކީ ވެސް ޙަންބަލީ މަޛްހަބުގެ ފޮތްތަކުގެ ތެރެއިން މުހިންމު ދެ ފޮތެވެ.

އެއަށް ފަހު، "مُنْتَهَىٰ الإِرَادَات"ގެ މައްޗަށް އިމާމު އަލްބުހޫތީ (ނޔވ 1051) ހެއްދެވި ޝަރަޙައަކީ "مُنْتَهَىٰ الإِرَادَات"ގައި ވާ ޢިބާރާތްތައް ޝަރަޙަ ކުރައްވަމުން އޭގައި ބަޔާން ކުރެވިފައިވާ ޙުކުމްތަކަށް ދަލީލުތައް ޛިކުރު ކުރައްވަމުން ހެއްދެވި މަތިވެރި ޝަރަޙައެކެވެ. މި ޝަރަޙައަކީ އިމާމު އިބްނުއް ނައްޖާރު (ނޔވ 972) އަމިއްލަފުޅަށް "مُنْتَهَىٰ الإِرَادَات"ގެ މައްޗަށް ހެއްދެވި ޝަރަޙައާއި އިމާމު އަލްބުހޫތީ (ނޔވ 1051) الإِقْنَاعُ فِي فِقْهِ الإِمَامِ أَحْمَدُއެވެ ކިޔޭ ފޮތުގެ މައްޗަށް ހެއްދެވި ޝަރަޙަ ޚުލާޞާކުރައްވައި ޖަމާ ކުރައްވަމުން ހައްދަވައިފައިވާ ޝަރަޙައެކެވެ.

މި ލިޔުމަކީ، މި ބުނެވުނު އިމާމުވެރި ޢިލްމުވެރިންގެ ޢިލްމުގެ ތެރެއިން، ކުރިމަތިވެގެން މި އަންނަ ހެޔޮކަމުގެ މޫސުމުގައި އަޅުގަނޑުމެންގެ ދިވެހިން ފައިދާ ޙާޞިލު ކުރާނޭ ބައިތަކެއް ދިވެހި ބަހުން ގެނެސްދިނުމުގެ މަޤްޞަދުގައި ތައްޔާރު ކުރެވުނު ލުއި ފޮތެކެވެ.

ދުޢާއަކީ އަޅުގަނޑުގެ މި ޢަމަލަކީ މާތް ﷲގެ ޙަޟްރަތުގައި ޤަބޫލުވެގެންވާ ޢަމަލެއް ކަމުގައި އެ އިލާހު ލެއްވުމެވެ. އަދި މި ލިޔުމުގެ ސަބަބުން ގިނަ ބަޔަކަށް ފައިދާ ލިބިގެން ދިއުމެވެ. އާމީން.

69 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.