އިމާމު މީހާ ސަލާމްދިނުމާ އެކު، މައުމޫމުން މިސްކިތުން ފައިބައިގެން ދިއުން

ނަޡީމް ނިޡާމް•8 އޮކްޓޫބަރު 2026•4 މިނެޓުގެ ކިޔުން
އިމާމު މީހާ ސަލާމްދިނުމާ އެކު، މައުމޫމުން މިސްކިތުން ފައިބައިގެން ދިއުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ނަމާދުގެ ޖަމާޢަތް ނިންމާލުމަށް ފަހު، އިމާމު މީހާ ތެދުވުމުގެ ކުރިއަށް، މައުމޫމުން އަވަސްއަރުވާލައި މިސްކިތުން ނުކުމެގެން ދިއުމަކީ މަކުރޫހަކަމެކެވެ.[1]

އިބްނު ތަމީމް ވިދާޅުވިއެވެ.

"އަދި (ނަމާދުގެ ސަލާމްދިނުމަށް ފަހު)، އިމާމު މީހާއަށް ވުރެ ކުރިން ނުތެދުވުމަކީ މައުމޫމުންގެ މައްޗަށް މުސްތަޙައްބުކަމެކެވެ."[2]

ޢަބްދުއްރަޙްމާނު ބުނު ޤާސިމް (ނޔވ 1392) ވިދާޅުވިއެވެ.

"މާނައަކީ (ނަމާދުން ސަލާމްދިިނުމަށް ފަހު) އިމާމު މީހާ ޤިބުލައަށް ފުރަގަސްދިނުމުގެ ކުރިންނެވެ.[3] އިމާމު މީހާ މައުމޫންނާ ކުރިމަތިލަންދެން މައުމޫމުން މަޑުކޮށްގެން ތިބެން ޖެހުމުގެ ޙިކުމަތަކީ، ނަމާދުގައި ކުރެވުނު ކުށެއް ހަނދާންވެ، ކުށުސަޖިދަ ޖަހަންޖެހިދާނެ ކަމަށެވެ."[4]

މީގެ ދަލީލަކީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މި ޙަދީޘެވެ.[5]

«إِنِّي إِمَامُكُمْ فَلَا تَسْبِقُونِي بِالرُّكُوعِ وَلَا بِالسُّجُودِ وَلَا بِالْقِيَامِ وَلَا بِالِانْصِرَافِ»[6]

މާނައީ: "ހަމަކަށަވަރުން (ނަމާދުގައި) ތި ބޭކަލުންގެ އިމާމަކީ ތިމަންކަލޭގެފާނެވެ. ފަހެ ރުކޫޢުކުރުމާއި، ސަޖިދަކުރުމާއި، ޤިޔާމަށް ތެދުވުމާއި އަދި ނަމާދު ނިންމާލުމުގައި،[7] (ތިޔަބައިމީހުން) ތިމަންކަލޭގެފާނާ ކުރިއަރައި ނުދާށެވެ."

ޝައިޚު މުޙައްމަދު ބުނު މުޙައްމަދު އަލްމުޚްތާރު އައްޝަންޤީޠީ ވިދާޅުވިއެވެ.

"ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ޘާބިތުވާ ސުންނަތަކީ، އިމާމު މީހާ (މައުމޫމުންނާ ދިމާއަށް) އެނބުރުމުން މެނުވީ މައުމޫމުން ނުތެދުވުމެވެ. މިއީ އަޞްލެވެ. އަދި ރަސޫލު صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ހިދާޔަތާއި، އެކަލޭގެފާނުގެ ސުންނަތް އޮތް ގޮތަކީ ވެސް މިއީއެވެ. މި ސަބަބަށް ޓަކައި، (ނަމާދު ނިމުމާ އެކު) ވަޤުތުން މައުމޫމުން ތެދުވުން ޢިލްމުވެރިން -رَحِمَهُمُ اللهُ- މަނާކުރައްވައެވެ. (ދެން މި ކަން މަކުރޫހަވާ ސަބަބާ މެދު) އެ ބޭކަލުން ގެންނަވާ ބަސްފުޅުތައް ތަފާތެވެ."[8]

އެހެންނަމަވެސް އެއީ ނަމާދުން ސަލާމްދިނުމަށް ފަހު، އިމާމު މީހާ ޤިބުލައަށް ކުރިމަތިލައި އިށީންދެއިންނައިނުމުގައި، މާ ގިނައިރު ނުކުރާ ނަމައެވެ. މިހެންވެ އިމާމު މީހާގެ މައްޗަށް ސުންނަތަކީ ގޮތަކީ ވެސް ނަމާދުން ސަލާމްދިނުމަށް ފަހު، ޤިބުލައަށް ކުރިމަތިލައިގެން އިށީނދެއިނދެ ގިނައިރު ނުކުރުމެވެ.[9]

އިމާމު ބުހޫތީ (ނޔވ 1051) ވިދާޅުވިއެވެ.

"އެއީ އިމާމު މީހާ އިށީނދެއިންނައިނުން މާ ދިގުނުކުރާ ނަމައެވެ.[10] ނޫންނަމަ، މައުމޫމުން ތެދުވެ ދާނީއެވެ. އެއީ އިމާމު މީހާގެ މައްޗަށް ސުންނަތް ގޮތް ދޫކޮށްލުމުންނެވެ."[11]

ބުރުހާނުއްދީން އިބްނު މުފްލިޙު (ނޔވ 884) ވިދާޅުވިއެވެ.

"المغني والشرحގައި އިތުރަށް ގެންނެވިއެވެ: އެއީ އިމާމު މީހާ ސުންނަތާ ޚިލާފުނުވާ ނަމައެވެ. (ޤިބުލައަށް ކުރިމަތިލައިގެން) މާ ގިނައިރު އިށީންދެ އިންނަ ނަމަ، ނުވަތަ ޤިބުލައަށް ފުރަގަސް ނުދޭ ނަމަ، އެއަކު (އެބަހީ މައުމޫމުން ފައިބައިގެން ދިއުމަކު)[12] މައްސަލައެއް ނެތެވެ."[14]

ޢަބްދުލްކަރީމް އައްނަމްލާ (ނޔވ 1435) ވިދާޅުވިއެވެ.

"އިމާމު މީހާ އާދަވީ ގޮތެއްގައި ނަމާދުން ސަލާމްދިނުމަށް ފަހު، ޤިބުލައަށް ކުރިމަތިލައިގެން ގިނައިރު ނުކުރާ ނަމަ، އިމާމު މީހާ ޤިބުލައަށް ފުރަގަސްދިނުމުގެ ކުރިން މައުމޫމުން ތެދުވެ މިސްކިތުން ފައިބައިގެންދިއުމަކީ މަކުރޫހަކަމެކެވެ. ނަމަވެސް އިމާމު މީހާ ސަލާމްދިނުމަށް ފަހު، މުސްތަޙައްބު އަދި ސުންނަތް ގޮތާ ޚިލާފަށް ޤިބުލައަށް ކުރިމަތިލައިގެން ގިނައިރުކުރާ ނަމަ، މައުމޫމުން ތެދުވެ މިސްކިތުން ފައިބައިގެން ދިއުމުގައި މަކުރޫހަކަމެއް ނުވެއެވެ."[15]

އިމާމު އިބްނު ޤުދާމާ (ނޔވ 620) ވިދާޅުވިއެވެ.

"އަދި މައުމޫންގެ މައްޗަށް އިމާމު މީހާއަށް ވުރެ ކުރިން، ތެދުވެގެން ނުދިއުން މުސްތަޙައްބެވެ. އެއީ (އިމާމު މީހާއަށް ނަމާދުގައި) ކުރެވުނު ކުށެއް ހަނދާންވެ، ކުށުސަޖިދަ ޖަހަން ޖެހިދާނެ ކަމަށެވެ... (ނަމަވެސް) އިމާމު މީހާގެ މައްޗަށް ސުންނަތް ގޮތް ދޫކޮށްލައި (ނަމާދުން ސަލާމްދިނުމަށް ފަހު ވެސް، ޤިބުލައަށް ކުރިމަތިލައިގެން) މާ ގިނައިރުކުރާ ނަމަ، ނުވަތަ (ސަލާމްދިނުމަށް ފަހު މައުމޫމުންނާ ދިމާލަށް) އެނބުރިއްޖެ ނަމަ، މައުމޫމުން ތެދުވެގެން ދިއުމަކު މައްސަލައެއް ނެތެވެ."[16]

ޚުލާޞާ: އިމާމު މީހާ ނަމާދުން ސަލާމްދިނުމާ އެކު، އިމާމު މީހާ ޤިބުލައަށް ފުރަގަސްދީ މައުމޫމުންނާ ކުރިމަތިލުމުގެ ކުރިން މައުމޫމުން ތެދުވެ މިސްކިތުން ފައިބައިގެން ދިއުމަކީ މަކުރޫހަކަމެކެވެ. ނަމަވެސް އިމާމު މީހާ ނަމާދުން ސަލާމްދިނުމަށް ފަހު، ޤިބުލައަށް ކުރިމަތިލައިގެން މާ ގިނައިރު ކުރާ ނަމަ، ނުވަތަ ޙާޖަތެއް އޮތް މީހެއް ނަމަ، ތެދުވެ މިސްކިތުން ފައިބައިގެން ދިއުމަކު މައްސަލައެއް ނެތެވެ. وَاللهُ سُبْحَانَهُ أَعْلَمُ بِالصَّوَابِ.

[1] ބައެއް ޢިލްމުވެރިންގެ އަރިހުގައި އެއީ މަކުރޫހަކަމެއް ނޫނެވެ. އަދި ބައެއް ޢިލްމުވެރިންގެ އަރިހުގައި އެއީ މަކުރޫހަކަމަށް ނުވިޔަސް، އެންމެ މޮޅުއިތުރުގޮތާ ޚިލާފު ގޮތެވެ. ބައްލަވާ: تحفة المحتاج في شرح المنهاج وحواشي الشرواني والعبادي (107/2)

[2] المبدع شرح المقنع - ط ركائز (250/2)

[3] މާނައަކީ ނަމާދުގެ ސަލާމްދިނުމަށް ފަހު، އިމާމު މީހާ ޤިބުލައަށް ފުރަގަސްދީ، މައުމޫމުންނާ ކުރިމަތިލުމުގެ ކުރިން މައުމޫމުން ތެދުވެގެން ދިއުމަކީ މަކުރޫހަ ކަމެކެވެ.

[4] حاشية الروض المربع لابن قاسم (354/2)

[5] ބައްލަވާ: الشرح الكبير على المقنع - ت التركي (461/4)، والمبدع شرح المقنع - ط ركائز (522/2)، والإحكام شرح أصول الأحكام لابن قاسم (395/1)

[6] أخرجه مسلم (426)، والنسائي (1363)، وأحمد (11997)، والبيهقي (2629)

[7] މި ތަނުގައި ނަމާދު ނިންމާލުމުގެ މުރާދަކީ، އިމާމު މީހާ ނަމާދުން ސަލާމްދިނުންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ބައްލަވާ: شرح النووي على مسلم (150/4)

[8] شرح زاد المستقنع - الشنقيطي - التفريغ (17/312)

[9] ބައްލަވާ: كشاف القناع عن متن الإقناع - ط وزارة العدل (384/2) މި ފޮތުގައި ވިދާޅުވިއެވެ: "އަދި އިމާމު މީހާގެ މައްޗަށް، ނަމާދުން ސަލާމްދިނުމަށް ފަހު، ޤިބުލައަށް ކުރިމަތިލައިގެން އިނދެ މާ ގިނައިރު ނުކުރުން މުސްތަޙައްބެވެ. އެއީ ޢާއިޝާ رَضِيَ اللهُ عَنْهَاގެ މި ބަސްފުޅުގެ މައްޗަށް ބިނާކޮށެވެ. «كَانَ النَّبِيُّ ﷺ إِذَا سَلَّمَ لَمْ يَقْعُدْ إِلَّا مِقْدَارَ مَا يَقُولُ: اللَّهُمَّ أَنْتَ السَّلَامُ، وَمِنْكَ السَّلَامُ، تَبَارَكْتَ ذَا الْجَلَالِ وَالْإِكْرَامِ.» [صحيح مسلم (592)] މާނައީ: "ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ނަމާދުން ސަލާމްދެއްވައިފި ނަމަ، "اللَّهُمَّ أَنْتَ السَّلَامُ، وَمِنْكَ السَّلَامُ، تَبَارَكْتَ ذَا الْجَلَالِ وَالْإِكْرَامِ" މި ފަދައިން ކިޔުމަށް ހޭދަވާނެ މިންވަރަށް މެނުވީ ޤިބުލައަށް ކުރިމަތިލައްވައިގެން ނީންނަވައެވެ."

[10] ޢަބްދުއްރަޙްމާނު ބުނު ޤާސިމް (ނޔވ 1392) ވިދާޅުވިއެވެ: "މާނައަކީ ޤިބުލައަށް ކުރިމަތިލައިގެން، މާ ގިނައިރު އިށީނދެއިންނަ ނަމައެވެ. މި ޙާލަތުގައި މައުމޫމުން ތެދުވެ ދިއުކަމު މައްސަލައެއް ނެތެވެ. ޚާރިޖާ ބުނު ޒައިދު ވިދާޅުވިއެވެ: ސުންނަތަކީ ސަލާމްދިނުމާ އެކު އިމާމު މީހާ ތެދުވުމެވެ. (އެބަހީ ޤިބުލައަށް ފުރަގަސްދީ މައުމޫމުންނާ ކުރިމަތިލުމެވެ.) އިމާމު މީހާ (ސަލާމްދިނުމަށް ފަހު ވެސް) ޤިބުލައަށް ކުރިމަތިލައިގެން ނީންނާނެއެވެ." ބައްލަވާ: حاشية الروض المربع لابن قاسم (355/2)

[11] كشاف القناع عن متن الإقناع - ط وزارة العدل (384/2)

[12] ޢަބްދުއްރަޙްމާނު ބުނު ޤާސިމް (ނޔވ 1392) ވިދާޅުވިއެވެ: "މާނައަކީ (އިމާމު މީހާ ނަމާދުން ސަލާމްދިނުމަށް ފަހު ވެސް) ޤިބުލައަށް ފުރަގަސްނުދޭ ނަމަ، މައުމޫމުން ތެދުވެ، ފައިބައިގެން ދިއުމަކު މައްސަލައެއް ނެތެވެ." ބައްލަވާ: حاشية الروض المربع لابن قاسم (355/2)

[14] المبدع شرح المقنع - ط ركائز (522/2)

[15] تيسير مسائل الفقه شرح الروض المربع (652/1)

[16] المغني لابن قدامة - ت التركي (257/2)

22 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް