އިސްލާމްދީނުގައި (ޝަރުޢީ) ޢިލްމުގެ މަޤާމު

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ﷲ ތަޢާލާ އިންސާނާ ޚަލްޤުކުރައްވައި ޢިލްމު ޙާޞިލުކުރުމަށް ބޭނުންވާނޭ ކަންކަން ދެއްވިއެވެ. އެއީ އަޑު އިވުމާއި، ފެނުމާއި، ބުއްދިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ﴾
[ النَّحل 78]
"އަދި ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުން، ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ހާލު، ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ."
އިސްލާމްދީނަކީ ޢިލްމުގެ ދީނެވެ. ޤުރުއާނުގައި އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތުގައި ވެސް އަމުރު ކުރެވިފައިވަނީ ކިޔުމަށެވެ. ކިޔުމަކީ ޢިލްމުތަކުގެ ތަނޅުދަނޑި އެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ﴾، ﴿خَلَقَ الْإِنسَانَ مِنْ عَلَقٍ﴾، ﴿اقْرَأْ وَرَبُّكَ الْأَكْرَمُ﴾، ﴿الَّذِي عَلَّمَ بِالْقَلَمِ﴾، ﴿عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ﴾
[العَلَق 1-5]
މާނައީ: "ކަލޭގެފާނުގެ ވެރި ރައްބުގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. ގަނޑު ލޭކޮޅަކުން ﷲ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. ކަލޭގެފާނުގެ ވެރި ރައްބަކީ އެންމެ ދީލަތިވަންތަ އިލާހެވެ. ﷲ އީ ޤަލަމުން (ލިޔަން) އުނގަންނަވައިދެއްވި އިލާހެވެ. އިންސާނާއަށް އޭނާއަށް ނޭނގޭ ކަންކަން އެ އިލާހު އުނގަންނަވައި ދެއްވިއެވެ."
އިސްލާމްދީނުގައި ޢަމަލުގެ ކުރިއަށް ޢިލްމު އާދެއެވެ. ޢިލްމާއި ނުލައި ޢަމަލެއް ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ﴾
[مُحَمَّد 19]
މާނައީ: "ފަހެ، ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނަށާއި، މުއުމިނު ފިރިހެނުންނަށާއި، މުއުމިނު އަންހެނުންނަށް ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ!"
ޢިލްމާއި ނުލައި ވާހަކަ ދެއްކުމާއި މެދު، ﷲ ތަޢާލާ ވަނީ ކޮންމެ މުސްލިކަމަށް އިންޛާރު ކުރައްވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا﴾
[الإِسرَاء 36]
މާނައީ: "އަދި ތިބާއަށް އެ ކަމަކާ މެދު ޢިލްމެއް ނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާ މެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައި ވިއެވެ."
ޢިލްމާއި ޢިލްމުވެރިންގެ މަޤާމުގެ މަތިވެރިކަން ބަޔާންކޮށްދިނުމުގެ ގޮތުން ﷲ ތަޢާލާ ވަނީ، އެއިލާހުގެ އެއްކައުވަންތަ ކަމަށް ހެކިވުމަށް ޢިލްމުވެރިންނަށް ގޮވާލައްވަވާފައި އެވެ. އެ އިލާހު ވަޙީކުރައްވާފައިވެއެވެ.
﴿شَهِدَ اللَّهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَـٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ﴾
[آل عِمرَان 18]
މާނައީ: "ހަމަކަށަވަރުން ﷲ، އެ އިލާހު ފިޔަވައި އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިން ވެސް (އެ ކަމަށް) ހެކިވިއެވެ. (އެ އިލާހު ހެއްދެވި ތަކެތި ތަދުބީރު ކުރެއްވުމުގައި) ޢަދުލުވެރި ކަމާއިގެން އެ އިލާހު ޤާއިމުވެވޮޑިގެންވެއެވެ. އެ އިލާހު މެނުވީ (ޙައްޤު) އިލާހަކު ނުވެއެވެ. އެ އިލާހީ ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ."
ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަތުމާއި އެ އިލާހަށް ބިރުވެތިވުން ފުރިހަމަވާނީ އެ އިލާހުގެ އާޔަތްތަކާއި މަޚުލޫޤުންނާއި ބެހޭގޮތުން ދަސްކޮށް އުނގެނިގެންނެވެ. އަދި މި ކަންކަން އެނގޭ ބަޔަކީ ޢިލްމުވެރިންނެވެ. ވުމާ އެކު ﷲ ތަޢާލާ ޢިލްމުވެރިންނަށް ޘަނާގެ ބަސް ވަޙީކުރައްވާފައިވެއެވެ.
﴿إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ﴾
[ فَاطِر 28]
މާނައީ: "އެ އިލާހުގެ އަޅުތަކުންކުރެ (ޙައްޤުގޮތުގައި) އެ އިލާހަށް ބިރުވެތިވާކަން ކަށަވަރީ ޢިލްމުވެރިންނެވެ."
އިސްލާމްދީނުގައި ޢިލްމުވެރިންނަށް ވަރަށް ޝަރަފުވެރި މަޤާމެއް ލިބިގެންވެއެވެ. މި މަޤާމަކީ ދުނިޔެއާއި އާޚިރަތުގައި ވެސް އެހެން މީހުންގެ މައްޗަށް މަތިވެރިވެގެންވާ މަޤާމެކެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ.
﴿يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ﴾
[ المُجَادِلَة 11]
މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވައެވެ."
ޢިލްމަށް ދެއްވިފައިވާ އަހަންމިއްޔަތުގެ ބޮޑުކަމުން ﷲ ތަޢާލާ ވަނީ އެ އިލާހުގެ ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް ޢިލްމު އިރުތުކޮށްދެއްވުމަށް އެދި ދުޢާކުރުމަށް އަންގަވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿وَقُل رَّبِّ زِدْنِي عِلْمًا﴾
[طه 114]
މާނައީ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ވެރި ރައްބެވެ! މި އަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ!"
ﷲ ތަޢާލާ ވަނީ ޢިލްމުވެރިންނަށް މަދަޙައާއި ޘަނާގެ ބަސް ވަޙީކުރައްވާފައިވެއެވެ.
﴿قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ﴾
[الزُّمَر 09]
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހުލުވެރިންނެވެ."
ޙައްޤު ގޮތް އެނގި އަދި ޙައްޤައް ތަބަޢަވުން އެންމެ ގާތް އަދި އަވަސްވެގެންވާނެ ބަޔަކީ ޢިލްމުވެރީންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَلِيَعْلَمَ الَّذِينَ أُوتُوا الْعِلْمَ أَنَّهُ الْحَقُّ مِن رَّبِّكَ فَيُؤْمِنُوا بِهِ فَتُخْبِتَ لَهُ قُلُوبُهُمْ﴾
[الحَجّ 54]
މާނައީ: "އަދި ޢިލްމު ލިބިގެންވާ މީހުންނަށް، ހަމަކަށަވަރުން އެއީ ކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން އައި ޙައްޤު ބަސްފުޅުކަން އެނގުމަށް ޓަކައެވެ. ދެން އެއަށް އީމާންވެ، ދެން އެއާމެދު އެއުރެންގެ ހިތްތައް ހަމަޖެހިގެން ދިއުމަށް ޓަކައެވެ."
އިސްލާމްދީން ޢިލްމު އުނގެނުމަށް ގޮވާލައެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ވަނީ ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ފަރުޟެއްކަމުގައި ލައްވަވާފައެވެ. ހަނދު، އެންމެހާ ތަރިތަކުގެ މައްޗަށް މަތިވެރިވެގެންވާ ފަދައިން، ޢިލްމުވެރިޔާ، އަޅުވެރިޔާގެ މައްޗަށް މަތިވެރިވެގެންވާ ކަމަށާއި، އަދި ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުން (ވާރުތަވެރިން) ކަމުގައި އެކަލޭގެފާނު صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ބަޔާންކޮށްދެއްވިއެވެ. ނަބީބޭކަލުން ވާރުތަ މުދަލުގެ ގޮތުގައި ދީނާރެއް ނުވަތަ ދިރުހަމެއް ދޫ ނުކުރައްވައެވެ. ވާރުތަ މުދަލުގެ ގޮތުގައި އެބޭކަލުން ދޫކުރެއްވީ ޢިލްމެވެ. ފަހެ އެ ޢިލްމުގައި ހިފައިފި މީހާ، ބޮޑުވެގެންވާ ނަޞީބެއް ލިބިގެންފިއެވެ. އަދި ޢިލްމު އުނގެނުމަކީ ސުވަރުގެއަށް ދެވޭނެ މަގެއްކަމުގައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޚަބަރުދެއްވިއެވެ. އެކަލޭގެފާނު صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.
«مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الْجَنَّةِ»[1]
މާނައީ: "ޝަރުޢީ ޢިލްމު ޙާޞިލުކުރުމަށް މަގަކުން ހިނގައިފި މީހަކަށް، އޭގެ ސަބަބުން އޭނާއަށް ސުވަރުގެ ދިއުމަށް މަގެއް ﷲ ތަނަވަސް ކޮށްދެއްވާނެއެވެ."
މަންފާކުރަނިވި ހުރިހާ ޢިލްމެއްވެސް އުނގެނުމަށް އިސްލާމްދީން ބާރުއަޅާ ގޮވާލައެވެ. ޢިލްމުތައް ވަނީ ދަރަޖަތަކަކަށް ބެހިގެންނެވެ. އަދި އެންމެ މަތިވެރި މާތްވެގެންވާ ޢިލްމަކީ ޝަރުޢީ ޢިލްމެވެ. އެއަށްފަހު ބޭސްފަރުވާގެ ޢިލްމެވެ. އެއަށްފަހު އެހެނިހެން ޢިލްމުތަކެވެ.
އެންމެހާ ޢިލްމުތަކުގެ ތެރެއިން އެންމެ މާތް އަދި މަތިވެރި ޢިލްމަކީ ޝަރުޢީ ޢިލްމެވެ. ޝަރުޢީ ޢިލްމަކީ އެ ޢިލްމެއްގެ ސަބަބުން އިންސާނާ އޭނާގެ ރައްބާއި، ދީނާއި އަދި އޭނާގެ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ދެނެގަންނަ ޢިލްމެވެ. ﷲ ތަޢާލާ އެ އިލާހުގެ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އަށް ދެއްވި ޢިލްމަކީ ވެސް ޝަރުޢީ ޢިލްމެވެ. އެއީ އެ ޢިލްމު އިންސާނުންނަށް އުނގަންނައި ދިނުމަށް ޓަކައެވެ. އެ އިލާހު ވަޙީކުރައްވާފައިވެއެވެ.
﴿لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ﴾
[آل عِمرَان 164]
މާނައީ: "ހަމަކަށަވަރުން، މުއުމިނުންގެ މައްޗަށް ﷲ ދަރުމަވަންތަ ވެވޮޑިގެންފިއެވެ. (އެއީ) އެއުރެންގެ ތެރެޔަށް، ހަމަ އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވި ހިނދުގައެވެ. އެ އިލާހުގެ އާޔަތްތައް އެއުރެންނަށް ކިޔަވައިދެއްވާ އަދި، އެއުރެން ޠާހިރުކުރައްވާ، އަދި ފޮތާއި ޙިކުމަތް، އެއުރެންނަށް އުނގަންނަވައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އޭގެކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ."
ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ»[2]
މާނައީ: "ﷲ، މީހަކަށް ހެޔޮ ގޮތެއް އިރާދަކުރައްވާ ނަމަ، އެ މީހަކަށް ދީނުގެ ފިޤުހުވެރިކަން ދެއްވައެވެ."
ޤުރުއާން އުނގެނުމާއި، ޤުރުއާން އުނގަންނައި ދިނުމާއި ބެހޭގޮތުން ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ»[3]
މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ޤުރުއާން އުނގެނި، އެ ޤުރުއާން (މީސްތަކުންނަށް) އުނގަންނައިދޭ މީހާއެވެ."
އެ ޢިލްމަކަށް ޢަމަލު ނުކުރާ ޢިލްމެއްގައި އެއްވެސް ހެވެއް ނުވެއެވެ. އަދި އެ ބުނުމަކަށް ޢަމަލުނުކުރާ ބުނުންތަކުގައި ވެސް ހެވެއް ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ﴾، ﴿كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ﴾
[الصَّف 2-3]
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، ﷲ ގެ ޙަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ."
ކޮންމެ ތަނަކާއި ކޮންމެ ޒަމާނެއްގައި ވެސް އުއްމަތް ވަނީ ޢިލްމުވެރިންނަށް ޙާޖަތް ޖެހިގެންނެވެ. ޢިލްމާއި ޢިލްމުވެރިންނާއި ނުލައި އުއްމަތް ވާނީ ވަހުމުތަކާއި އަނދިރިގަނޑެއްގެ ތެރޭގައެވެ.
ﷲ ތަޢާލާ ޝަރުޢު ކުރައްވާފައިވާ ކަންތައްތައް އުނގެނި (ޝަރުޢީ ޢިލްމު އުނގެނި)، އެ ޢިލްމުން އުއްމަތް މަޙުރޫމުކޮށް މީސްތަކުންނަށް އެ ޢިލްމު ވަންހަނާކޮށްފި މީހެއްގެ އަނގައިގައި ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އަލިފާނުންވާ ލަގަނެއް އަޅުއްވާނެއެވެ. އަދި މި ކަމުން ތައުބާ ވެއްޖެ މީހަކު ފިޔަވާ އެންމެންގެ މައްޗަށް ލަޢުނަތް ވަނީ ޙައްޤުވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِن بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَـٰئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ﴾، ﴿إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُولَـٰئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا التَّوَّابُ الرَّحِيمُ﴾
[البَقَرَة 159-160]
މާނައީ: "ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަންއިލާހު ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަންއިލާހު އެ ފޮތުގައި ބަޔާން ކޮށްދެއްވުމަށް ފަހު، އެ ތަކެތި ވަންހަނާކުރާ މީހުން (ދަންނާށެވެ!) އެއުރެންނަށް ﷲ ލަޢުނަތް ލައްވާނެއެވެ. އަދި ލަޢުނަތް ދޭ މީހުން ވެސް އެއުރެންނަށް ލަޢުނަތް ދޭނެއެވެ. ތައުބާވެ އެއުރެންގެ ޢަމަލުތައް އިޞްލާޙުކޮށް (ވަންހަނާކޮށް އުޅުނު ކަންތައްތައް) ބަޔާންކޮށް އުޅުނު މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް ތިމަންއިލާހު ތައުބާ ލައްވާހުށީމެވެ. އަދި ތިމަންއިލާހަކީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ އިލާހެވެ."
ޢިލްމުވެރިޔާއަށް މަތިވެރިވެގެންވާ ޘަވާބާއި އަޖުރު ހުއްޓެވެ. ހެޔޮ ކަންކަމަށް މަގު ދައްކާ މީހާ، އެކަން ކުރާ މީހާ ފަދައެވެ. ޢިލްމުވެރިޔާ މަރުވުމަށްފަހުވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެ ޢިލްމުވެރިޔާގެ އަޖުރު މެދުނުކެނޑި ވެއެވެ. ޢިލްމުވެރިޔާ މަރުވި ނަމަވެސް، އޭނާގެ ޢިލްމުން މީސްތަކުންނަށް ކޮށްދީފައިވާ މަންފާއާއި އެއްވަރަށް އަޖުރު ލިބިގެންދެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«إِذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثَةٍ: إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ»[4]
މާނައީ: "އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ކެނޑިގެން ދެއެވެ. އެއީ ދެމިގެންދާ ޞަދަޤާތަކާއި، މަންފާކުރަނިވި ޢިލްމަކާއި ނުވަތަ އޭނާގެ މައްޗަށް ދުޢާ ކޮށްދޭނެ ހެޔޮލަފާ ޞާލިޙު ދަރިއެކެވެ."
މީސްތަކުންގެ ތެރޭގައި ޢިލްމު ފަތުރައިފިނަމަ އެއަށް ތަބަޢަވާ ކޮންމެ މީހެއްގެ އަޖުރު ލިބިގެންދާނެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«مَنْ دَعَا إِلَى هُدًى، كَانَ لَهُ مِنَ الأجْرِ مِثْلُ أجُورِ مَنْ تَبِعَهُ، لا يَنْقُصُ ذَلِكَ مِنْ أجُورِهِمْ شَيْئًا، وَمَنْ دَعَا إِلَى ضَلالَةٍ، كَانَ عَلَيْهِ مِنَ الإثْمِ مِثْلُ آثَامِ مَنْ تَبِعَهُ، لا يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا»[5]
މާނައީ: "ހެޔޮ މަގަށް ގޮވާލާ މީހާއަށް، އޭނާގެ ގޮވާލުމަށް ތަބަޢަވާ މީހުންގެ އަޖުރު ވެސް ލިބޭ ހުއްޓެވެ. އެއީ އެ ހެޔޮ މަގަށް ތަބަޢަވާ މީހުންގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ. އަދި ނުބައި މަގަށް ގޮވާލާ މީހާއަށް، އޭނާގެ ގޮވާލުމަށް ތަބަޢަވާ މީހުންގެ ފާފަ ވެސް ލިބޭ ހުއްޓެވެ. އެއީ އެ ނުބައި މަގަށް ތަބަޢަވާ މީހުންގެ ފާފައިން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ."
ދީނުގައި ފިޤުހުވެރިވުމަކީ މުސްލިމަކު ލިބިގަންނާނެ އެންމެ މަތިވެރި ޝަރަފެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ»[6]
މާނައީ: "ﷲ، މީހަކަށް ހެޔޮ ގޮތެއް އިރާދަކުރައްވާ ނަމަ، އެ މީހަކަށް ދީނުގެ ފިޤުހުވެރިކަން ދެއްވައެވެ."
އަދި ޤުރުއާން ކިޔެވުމާއި، ޤުރުއާން އުނގެނުމާއި، މީސްތަކުންނަށް ޤުރުއާން އުނގަންނައި ދިނުމަކީ އެންމެ މާތް ޢަމަލުތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«لاَ حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٌ عَلَّمَهُ اللَّهُ القُرْآنَ، فَهُوَ يَتْلُوهُ آنَاءَ اللَّيْلِ، وَآنَاءَ النَّهَارِ، فَسَمِعَهُ جَارٌ لَهُ، فَقَالَ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ، وَرَجُلٌ آتَاهُ اللَّهُ مَالًا فَهُوَ يُهْلِكُهُ فِي الحَقِّ، فَقَالَ رَجُلٌ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ»[7]
- ﷲ މީހަކަށް ޤުރުއާން އުނގަންނަވައި ދެއްވައި، އެ މީހަކު ރެޔާއި ދުވާލު އެ ޤުރުއާން ކިޔަވައެވެ. ދެން އެ އަޑު އަވަށްޓެރިއަކަށް އިވުމުން ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށް ވެސް ލިބޭނެ ނަމަ، ކޮންފަދަ ހެއްޔެވެ.
- އަދި ﷲ މީހަކަށް މުދާ ދެއްވައި، އެ މީހަކު ޙައްޤުގޮތުގައި އެ މުދާ ހޭދަކުރެއެވެ. ދެން މީހަކު ބުނެއެވެ. އޭނާއާ އެއްގޮތަށް ޢަމަލުކުރުމަށް، އޭނާއަށް ދެއްވިފަދަ (ނިޢުމަތެއް) ތިމަންނައަށް ވެސް ލިބޭނެ ނަމަ ކޮންފަދަ ހެއްޔެވެ."
މަޞްދަރު: الإسلام سؤال وجواب.
[1] أخرجه مسلم (2699)، والترمذي (2945)، وابن ماجه (225) مطولاً، وأحمد (8316) واللفظ له.
[2] أخرجه البخاري (3116)، ومسلم (1037)
[3] أخرجه البخاري (5027)، وأبو داود (1452)، والترمذي (2907) واللفظ لهم.
[4] أخرجه مسلم (1631)، وأبو داود (2880) واللفظ له.
[5] أخرجه مسلم (2674)، وأحمد (9160)، وابن حبان (112)، وأبو يعلى (530)، واللفظ لهم.
[6] أخرجه البخاري (3116)، ومسلم (1037)
[7] أخرجه البخاري (5026)، وأحمد (10214)، وأبو عوانة في "المستخرج" (4301) باختلاف يسير.
[8] ނޯޓު: ޙަސަދައިގެ ވައްތަރުތަކެއް ވެއެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ޙަރާމްވެގެންވާ ޙަސަދައަކާއި އަދި މުސްތަޙައްބުވެގެންވާ ޙަސަދައެކެވެ. ދީނުގައި ޙަރާމްވެގެންވާ ޙަސަދައަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް އޭނާގެ ކިބައިގެން ފިލައިގެން ދިއުމަށް އެދުމެވެ. ދީނުގައި މުސްތަޙައްބު ވެގެންވާ ޙަސަދައަކީ އެހެން މީހެއްގެ ކިބައިގައި ހެޔޮކަމެއް ފެނުމުން، އޭނާގެ ކިބައިން އެ ނިޢުމަތެއް ފިލައި ދިއުމަށް އެދުމަކާއި ނުލައި، ތިމާގެ އަމިއްލަ ނަފުސަށް އެ ނިޢުމަތެއް ލިބުމަށް އެދުމެވެ. މި ޙަސަދަ އަށް ކިޔާ ނަމަކީ "އަލްޣިބްޠާ"އެވެ. ބަޔާންވެ ދިޔަ ޙަދީޘްގައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ޙަސަދައަކީ ވެސް މިއީއެވެ. [الموسوعة الحديثية، شروح الأحاديث (64965)]
