ތަފްސީރުގެ އުޞޫލުތައްކީރިތި ޤުރުއާން

ނަޡީމް ނިޡާމް•7 އޮކްޓޫބަރު 2026•4 މިނެޓުގެ ކިޔުން
ކީރިތި ޤުރުއާން
ބަހަވީ ގޮތުންނާއި، އިޞްޠިލާޙީ ގޮތުން ކީރިތި ޤުރުއާނުގެ މާނަ

ޢަރަބި ބަހުގައި "الْقُرْآنُ"އަކީ (قَرَأَ)ގެ މަޞްދަރެކެވެ. މާނައަކީ ތިލާވަތުކުރުމެވެ. ނުވަތަ (އެއްޗެއް) ޖަމަޢަކުރުމެވެ. غَفَرَ، غَفْرًا، وَغُفْرَانًا، ކިޔާ ގޮތަށް قَرَأَ قَرْءًا وَقُرْآنًاއޭ ކިޔެއެވެ.

ފުރަތަމަ (ތިލާވަތުކުރުމުގެ) މާނައަށް ބަލާ ނަމަ، އެއީ އިސްމު މަފްޢޫލުގެ މާނައިގައި އަންނަ މަޞްދަރެވެ. މާނައަކީ ތިލާވަތުކުރެވޭ އެއްޗެވެ.

ދެން ދެވަނަ (އެއްޗެއް ޖަމަޢަކުރުމުގެ) މާނައަށް ބަލާ ނަމަ، އެއީ އިސްމު ފާޢިލުގެ މާނައިގައި އަންނަ މަޞްދަރެވެ. މާނައަކީ (ކުރީގެ އުންމަތްތަކާއި އެހެނިހެން ވެސް) ޚަބަރުތަކާއި، (ޝަރުޢީ) ޙުކުމްތައް ޖަމާކޮށްފައިވާ އެއްޗެވެ.

(ޝަރުޢީ) އިޞްޠިލާޙުގައި "الْقُرْآنُ" (ކީތިރި ޤުރުއާން)އަކީ މާތް ﷲ، އެ އިލާހުގެ ރަސޫލާ އަދި ނަބީކަން ޚަތިމުކުރެއްވި މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މައްޗަށް ބާވައިލެއްވި، ފާޠިޙާ ސޫރަތުން ފެށިފައިވާ، އަދި ނާސި ސޫރަތުން ނިމިފައިވާ، އެ އިލާހުގެ ކަލާމްފުޅެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ.

﴿إِنَّا نَحْنُ نَزَّلْنَا عَلَيْكَ الْقُرْآنَ تَنزِيلًا﴾

[الإِنسَان 23]

މާނައީ: "ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ގުރުއާން (ވަކިވަކިކޮށް) ބާވައިލެއްވީމެވެ."

އަދިވެސް އެ އިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ﴾

[ يُوسُف 02]

މާނައީ: "ހަމަކަށަވަރުން ތިމަން އިލާހު އެ ފޮތް (އެބަހީ ކީތިރި ޤުރުއާން) ބާވައިލެއްވީ، ޢަރަބިބަހުން އޮތް އެއްޗެއް ކަމުގައެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަތުމަށް ޓަކައެވެ."

މާތް ﷲ ވަނީ، މި މާތްވެގެންވާ ޤުރުއާން، އެއްވެސް ބަދަލެއް އައުމުންނާއި، އިތުރުވުމުންނާއި، އުނިވުމުން އަދި (ބަޔަކު އެ ފޮތް) ބަދަލުކުރުމުން ރައްކާތެރިކުރައްވާފައެވެ. އެހެނީ އެ އިލާހު ވަނީ، އެ ފޮތް (މި އެންމެހާ ކަމަކުން) ރައްކާތެރިކުރުމުގެ ޒިންމާ އުފުއްލަވާފައެވެ. އެ އިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾

[الحِجر 09]

މާނައީ: "ހަމަކަށަވަރުން ޤުރުއާން ބާވައިލެއްވީ، ތިމަންއިލާހެވެ. އަދި ހަމަކަށަވަރުން ތިމަންއިލާހު، އެ ޤުރުއާން ރައްކާތެރިކުރައްވާހުށީމެވެ."

އެހެންކަމުން، އެތައް ޤަރުނުތަކެއް ވޭތުވެދިޔައިރު ވެސް، އެ ފޮތުގެ ޢަދާވާތްތެރިންގެ ތެރެއިން އެއްވެސް މީހަކު، އެ ފޮތަށް އެއްވެސް ބަދަލެއް ގެންނަން، ނުވަތަ (އެ ފޮތަށް އެއްޗެއް) އިތުރުކުރަން، ނުވަތަ (އެ ފޮތުން އެއްޗެއް) އުނިކުރަން، ނުވަތަ (އެ ފޮތް) ބަދަލުކޮށްލަން މަސައްކަތްކޮށްފި ނަމަ، ﷲ އެ މީހެއްގެ ފަރުދާ ކަޝްފުކުރައްވައި، އެ މީހެއްގެ އެ ކަންތައް ފަޟީޙަތްނުކުރައްވައި ދޫނުކުރައްވައެވެ.

ޝައިޚުގެ ޝަރަޙައިން ބައެއް ފައިދާތައް

  • ޤުރުއާނަކީ -އޭގެ ލަފުޒާއި އޭގެ މާނަ ވެސް- މާތް ﷲގެ ކަލާމްފުޅެވެ. އަދި އަޅުގަނޑުމެން މި ކިޔަވާ ޤުރުއާނުން ﷲ ބަސްވަޙީކުރެއްވި ކަމަށް އަޅުގަނޑުމެން އީމާންވަމެވެ. މާނައަކީ އެ އިލާހު ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾ މި ބަސްފުޅުން ބަސްވަޙީކުރެއްވިއެވެ. އަދި ﴿اللَّهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ﴾ މި ބަސްފުޅުން ބަސްވަޙީކުރެއްވިއެވެ. އަދި މި ފަދަ (ކީރިތި ޤުރުއާނުގެ) އެންމެހައި ބަސްފުޅުތަކުން އެ އިލާހު ބަސްވަޙީކުރެއްވީ (އަޑުއެހުންތެރިންނަށް) އަޑުއިވޭ ފަދަ ކަލާމްފުޅަކުންނެވެ.[1]
  • (ޤުރުއާނަކީ) މަތިވެރި ދެ ރަސޫލެއް، މަލާއިކަތުންގެ ތެރެއިންވާ ރަސޫލަކާއި، އިންސާނުންގެ ތެރެއިންވާ ރަސޫލެއްގެ މަގުން އަޅުގަނޑުމެންނާ ހަމައަށް ނަޤުލުވެގެން އައިސްފައިވާ ކަލާމްފުޅެކެވެ. ފަހެ، މަލާއިކަތުންގެ ތެރެއިންވާ ރަސޫލަކީ ޖިބްރީލް عَلَيهِ السَّلَامُ އެވެ. އަދި އިންސާނުންގެ ތެރެއިންވާ ރަސޫލަކީ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެވެ.[2]
  • މި ޤުރުއާނަކީ -وَللهِ الْحَمْدُ- (މީސްތަކުންގެ) ހިތްތަކުގައި ރައްކާތެރިކުރެވިފައިވާ، ފޮތްތަކުގެ ފޮޅުވަތްތަކުގައި ލިޔެވިފައިވާ އެއްޗެކެވެ. (އަދި އެ ޤުރުއާން އަޅުގަނޑުމެންނާ ހަމައަށް) ނަޤުލުވެގެން އައިސްފައި ވަނީ ޤަޠުޢީ ތަވާތުރުގެ[3] މަގުންނެވެ.[4]
  • ރާފިޟީން މެނުވީ އެއްވެސް ބަޔަކު (މި ކަމާ) ޚިލާފުވެ (ސުންނަތުގެ ޖަމާޢަތާ) ބޭރުވެފައެއް ނުވެއެވެ. ސަބަބަކީ އެ މީހުން ދަޢުވާކުރާ ގޮތުގައި ޤުރުއާނުގައި އުނިކަމެއް ވެއެވެ. އަދި (އެ މީހުން ބުނާ ގޮތުގައި) އެ ފޮތުން ބައެއް ވަނީ އުނިކުރެވިފައިވެއެވެ. އަދި (މިއަދު) މުސްލިމުންގެ އަތްމަތީގައިވާ ޤުރުއާނުގައި، އަދި މުސްލިމުން އޭގެ މައްޗަށް އިޖުމާޢުވެފައިވާ ޤުރުއާނުގައިވާ މިންވަރަށްވުރެ އިތުރަށް އެ މީހުން ވަނީ އެ ފޮތަށް އިތުރުކޮށްފައެވެ.[5]
  • (މުޞްހަފުގައި) ލިޔެވިފައިވާ ގޮތުން ބެލިޔަސް އަދި ތިލާވަތުކުރުމުގެ ގޮތުން ބެލިޔަސް ކީރިތި ޤުރުއާނުގެ ފެށުމަކީ ފާތިޙާ ސޫރަތެވެ. (ނަމަވެސް) އެންމެ ފުރަތަމަ (ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މައްޗަށް) ބާވައިލެއްވުނު އާޔަތްތަކަށް ބަލާ ނަމަ، އެއީ ﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ﴾ މި (ސޫރަތުގެ) އާޔަތްތަކެވެ. އަދި (މުޞްހަފުގައި) ލިޔުމުގެ ގޮތުންނާއި، ތިލާވަތުކުރުމުގެ ގޮތުން އެންމެ ފަހު އާޔަތްތަކަކީ ﴿قُلْ أَعُوذُ بِرَبِّ النَّاسِ﴾ މި ސޫރަތުގެ އާޔަތްތަކެވެ. މި ދެމެދުގައިވާ ހުރިހާ އާޔަތްތަކަކީ ﷲގެ ކަލާމްފުޅެވެ.[6]
  • ޢިލްމުވެރިން ވިދާޅުވެއެވެ. (ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތެރެއިން) ޤުއްރާއިން (ޤުރުއާން ކިޔަވާ ވިދާޅުވުމުގެ ޢިލްމުވެރިން) އެއްބަސްވެ އިއްތިފާޤުވާ އެންމެ ކަލިމައަކަށް އިންކާރުކޮށްފި މީހާ ވެސް ކާފިރުވާނެއެވެ. އެއީ އޭނާ ﷲއާއި، އެ އިލާހުގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާއި، އަދި މުސްލިމުންގެ އިޖުމާޢު ދޮގުކުރީމައެވެ. ނަމަވެސް، ޤިރާއަތްތަކުގައި ޚިލާފު އައިސްފައިވާ އަކުރުތައް މީގެން އިސްތިޘްނާވެއެވެ.[7]
  • (ކީރިތި ޤުރުއާނުގެ) މާނައަށް ގެނެވޭ ބަދަލުތަކުގެ ބާޠިލުކަން ބަޔާންކޮށްދެއްވާނޭ ބަޔަކު، ﷲ އެ އިލާހުގެ އަޅުތަކުންގެ ތެރެއިން (އަބަދު ވެސް) މެދުވެރިކުރައްވައެވެ. ލަފުޒީ ގޮތުން ގެނެވޭ ބަދަލުތަކަށް ބަލާއިރު، އެއްވެސް މީހަކަށް ދުވަހަކު ވެސް އޭގެ ލަފުޒުތަކަށް ބަދަލެއް ގެނައުމުގެ ކުޅަދާނަކަމެއް ލިބިގެންނުވެއެވެ. އެހެންނަމަވެސް، މާނައަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް (ކޮންމެ ވެސް ބައެއްގެ ފަރާތުން) ފެނިދާނެއެވެ. އަދި ޙަޤީޤަތުގައި ވެސް އެފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. ނަމަވެސް އޭގެ އޮޅުވާލުންތައް ބަޔާންކޮށްދީ، އޭގެ އުނިކަމާއި ޢައިބުތައް ހާމަކޮށްދެއްވާނޭ ބަޔަކު ﷲ (އެ އިލާހުގެ އަޅުތަކުންގެ ތެރެއިން) މެދުވެރިކުރައްވައެވެ. އަދި މިއީ ތާރީޚީ ފޮތްތަކުންނާއި، ޢިލްމުވެރިންގެ -رَحِمَهُمُ اللهُ- ބަސްފުޅުތަކުން ފެންނަން އޮތް ކަމެކެވެ.[8]

މަޞްދަރު: މިއީ ޝައިޚު މުޙައްމަދު ބުނު ޞާލިޙުލް ޢުޘައިމީންގެ أصول في التفسيرއޭ ކިޔޭ ރިސާލާގެ ދިވެހި ތަރުޖަމާއެވެ.

[1] ބައްލަވާ: شرح أصول في التفسير (38/1)

[2] ބައްލަވާ: شرح أصول في التفسير (38/1)

[3] މާނައަކީ ޤުރުއާނުން އެއްވެސް މިންވަރެއް ދޮގުކުރުމުގެ އެއްވެސް މިންވަރެއްގެ އިޙްތިމާލެއް ނެތް ގޮތުގައި ޔަޤީން ކަށަވަރުކޮށެވެ.

[4] ބައްލަވާ: شرح أصول في التفسير (39/1)

[5] ބައްލަވާ: شرح أصول في التفسير (39/1)

[6] ބައްލަވާ: شرح أصول في التفسير (39/1)

[7] ބައްލަވާ: شرح أصول في التفسير (40/1)

[8] ބައްލަވާ: شرح أصول في التفسير (41/1)

އަދި ނުނިމޭމި ސިލްސިލާގެ އިތުރު ބައިތައް އަންނާނެ، إن شاء الله.
11 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.