ޤުރުއާނުގައިވާ 10 ވަޞިއްޔަތެއް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ކީރިތި ޤުރުއާނުގައި "ވަޞިއްޔަތުގެ އާޔަތްތައް" މި ފަދައިން ނަންދެވިފައިވާ އާޔަތްތަކެއްވެއެވެ. ބައެއް ޢިލްމުވެރިން މި ފަދައިން ނަން ދެއްވާފައި ވަނީ، މި އާޔަތްތަކުގައި ﷲ ތަޢާލާގެ ޙަޟްރަތުން މީސްތަކުންނަށްވާ ދިހަ ވަޞިއްޔަތެއް އެކުލެވިގެންވާތީއެވެ.
މި ދިހަ ވަޞިއްޔަތް އެކުލެވިގެންވާ އާޔަތްތައް ތިރީގައި މި ވަނީއެވެ. އެއީ އަންޢާމް ސޫރަތުގެ 151ވަނަ އާޔަތުން 153ވަނަ އާޔަތުގެ ނިޔަލަށެވެ.
﴿قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ﴾
[الأَنعَام 151]
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންނަށް ޙަރާމުކުރެއްވި ކަންތައް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެ އިލާހަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ! އަދި ތިޔަބައިމީހުން މައިންބަފައިންނަށް އިޙްސާންތެރިވާށެވެ. އަދި ފަޤީރުކަމަށް ބިރުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ. ތިޔަބައިމީހުންނަށާއި އަދި އެ ދަރިންނަށް ރިޒުޤު ދެއްވަނީ ތިމަންއިލާހެވެ. އަދި ފާޙިޝް ކަންތައްތަކުގެ ތެރެއިން ފާޅުވެގެންވާ ކަންތަކާ ވެސް އަދި ފޮރުވިގެންވާ ކަންތަކާ ވެސް ތިޔަބައިމީހުން ކައިރިނުވާށެވެ. އަދި ﷲ ޙަރާމު ކުރައްވާފައިވާ ނަފުސެއް ޙައްޤަކާލައިގެން މެނުވީ ނުމަރާށެވެ. ﷲ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަނީ އެ ފަދައިންނެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށް ޓަކައެވެ."
﴿وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۖ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ اللَّهِ أَوْفُوا ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَذَكَّرُونَ﴾
[الأَنعَام 152]
މާނައީ: "އަދި ރަނގަޅު ގޮތުގައި މެނުވީ ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތް ނުވާށެވެ. އެއީ އެ ކުދިން ބާލިޣުވެ ތަންދޮރު އެނގޭ ހިސާބަށް ދާންދެނެވެ. އަދި ތިޔަބައިމީހުން މިނެކިރުން ޢަދުލުވެރިކޮށް ފުރިހަމަ ކުރާށެވެ. އަދި އެއްވެސް ނަފުސަކަށް ކުޅަދާނަވެގެންވީ މިންވަރަކަށް މެނުވީ ތިމަންއިލާހު ތަކުލީފު ނުޖައްސަވަމެވެ. އަދި ގާތްތިމާގެ މީހަކާ މެދުގައި ތިޔަބައިމީހުން ބަހެއް ބުނާ ނަމަވެސް، ތިޔަބައިމީހުން ޢަދުލުވެރިވާށެވެ. އަދި ތިޔަބައިމީހުން ﷲގެ ޢަހުދުތައް ފުއްދާށެވެ. ﷲ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަނީ އެ ފަދައިންނެވެ. އެއީ ތިޔަބައިމީހުން ހަނދުމަކުރުމަށް ޓަކައެވެ."
﴿وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ﴾
[الأَنعَام 153]
މާނައީ: "އަދި މި ބަޔާންވެ ދިޔައީ ތިމަންއިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ ތިޔަބައިމީހުން އެ މަގަށް ތަބަޢަވާށެވެ. އަދި ތިޔަބައިމީހުން އެހެނިހެން މަގުމަގަށް ތަބަޢަނުވާށެވެ. ފަހެ އޭރުން އެ އިލާހުގެ މަގުން ތިޔަބައިމީހުން ވަކިވަކިވެ ބައިބައި ވެދާނެއެވެ. ﷲ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަނީ އެ ފަދައިންނެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރިވުމަށް ޓަކައެވެ."
މި ދިހަ ވަޞިއްޔަތް ޚުލާޞާކޮށް
- ﷲއަށް ޝިރުކުނުކުރުން.
- މައިންބަފައިންނަށް އިޙްސާންތެރިވުން.
- ދަރިންނުމެރުން.
- ފާޙިޝް ކަންކަމަށް އަރައިނުގަތުން.
- ޙައްޤަކާއި ނުލައި މީހުން ނުމެރުން.
- ޔަތީމުންގެ މުދަލަށް ރައްކާތެރިވުން.
- މިނެކިރުމުގައި ޢަދުލުވެރިވުން.
- ބަސް ބުނުމުގައި ޢަދުލުވެރިވުން.
- ޢަހުދު ފުއްދުން.
- ﷲ ތަޢާލާގެ މި ސީދާވެގެންވާ ތެދު މަގަށް ތަބަޢަވުން.
