ނަބިއްޔާ ﷺ ކޮންމެ ދުވަހަކު ވެސް ކިޔުއްވިކަމަށް ވާރިދުވެފައިވާ ސޫރަތްތަކާއި އާޔަތްތައް

ނަޡީމް ނިޡާމް•3 އޮކްޓޫބަރު 2026•6 މިނެޓުގެ ކިޔުން
ނަބިއްޔާ ﷺ ކޮންމެ ދުވަހަކު ވެސް ކިޔުއްވިކަމަށް ވާރިދުވެފައިވާ ސޫރަތްތަކާއި އާޔަތްތައް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ފުރަތަމައީ: ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ރޭގަނޑާއި ދުވާލު ކީރިތި ޤުރުއާން ކިޔުއްވުން ގިނަކުރެއްވިއެވެ. އަދި އެކަލޭގެފާނު ދަމުނަމާދު ދިގުކުރެއްވިއެވެ. އިމާމު މުސްލިމު (722) ރިވާކުރައްވާފައިވާ ގޮތުން އެކަލޭގެފާނު ދަމުނަމާދުގެ އެއް ރަކުޢަތުގައި ބަޤަރާ ސޫރަތާއި، އާލްޢިމްރާނު ސޫރަތާއި، ނިސާ ސޫރަތް ކިޔުއްވިއެވެ.

އަދި ޤުރުއާން ކިޔެވުމަށާއި އަދި ޤުރުއާން އުނގެނުމަށާ އަދި ޤުރުއާން އުނގަންނައިދިނުމަށް އެކަލޭގެފާނުގެ އުންމަތަށް ބާރުއެޅުއްވިއެވެ. ޢާއިޝާ رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ»[1]

މާނައީ: "ކީރިތި ޤުރުއާނު (ހިތުދަސްކޮށް) ރިވެތިކޮށް ރަނގަޅަށް ކިޔަވާމީހާ ވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި ދަތި އުނދަގުލާ އެކު އަޅައަޅައިގަންނަ ޙާލު (ޤުރުއާނަށް ފަރުވާތެރިވެ) އެ ކަމަށް މަސައްކަތްކުރާ މީހާއަށް ދެ ދަރުމަވެއެވެ."

އަދި ޢުޘްމާން رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ»[2]

މާނައީ: "ތިޔަބައިމީހުންކުރެ އެންމެ ހެޔޮ މީހަކީ، ޤުރުއާން އުނގެނި، އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ."

ދެވަނައީ:

ސަޖިދަ ސޫރަތާއި މުލްކު ސޫރަތް

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ކޮންމެ ރެޔަކާ ވެސް އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ސަޖިދަ ސޫރަތާއި މުލްކު ސޫރަތް ކިޔުއްވައެވެ.

«أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ لا يَنَامُ حَتَّى يَقْرَأَ الم تَنْزِيلُ، وَتَبَارَكَ الَّذِي بِيَدِهِ الْمُلْكُ»[4]

މާނައީ: "ހަމަކަށަވަރުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، الم تَنْزِيلُ (ސަޖިދަ ސޫރަތް) އަދި تَبَارَكَ الَّذِي بِيَدِهِ الْمُلْكُ (މުލްކު ސޫރަތް) ކިޔަވާވިދާޅުނުވެ އަވަހާރަފުޅުނުލައްޕަވައެވެ."

أَيْ: لَمْ يَكُنْ عَادَتُهُ النَّوْمَ قَبْلَ قِرَاءَتِهِمَا.[3]

މާނައީ: "އޭގެ (ޙަދީޘު) މާނައަކީ: އެ ދެ ސޫރަތް ކިޔެވުމުގެ ކުރިން އަވަހާރަފުޅުލެއްޕެވުމަކީ އެކަލޭގެފާނުގެ އާދަފުޅެއް ނޫނެވެ."

އިސްރާ ސޫރަތާއި ޒުމަރު ސޫރަތް

އިސްރާ ސޫރަތާއި ޒުމަރު ސޫރަތް ކިޔަވާވިދާޅުވުމުގެ ކުރިން އެކަލޭގެފާނު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަވަހާރަފުޅުނުލައްޕަވައެވެ. ޢާއިޝާ رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ.

«كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَنَامُ حَتَّى يَقْرَأَ الزُّمَرَ، وَبَنِي إِسْرَائِيلَ»[5]

މާނައީ: "ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ޒުމަރު ސޫރަތް އަދި بَنِي إِسْرَائِيلَ (އިސްރާ ސޫރަތް) ކިޔަވާވިދާޅުވުމުގެ ކުރިން އަވަހާރަފުޅުނުލައްޕަވައެވެ."

المعوذات (ފަލަޤި ސޫރަތާއި، ނާސި ސޫރަތާއި، އިޚްލާޞް ސޫރަތް)

ޢާއިޝާ رَضِيَ اللهُ عَنْهَاގެ ކިބައިން ރިވާވެގެންވެއެވެ.

«أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ، ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا: قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ، ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ»[6]

މާނައީ: "ހަމަކަށަވަރުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ކޮންމެ ރެޔަކު އެކަލޭގެފާނު އެނދުދާންކޮޅަށް އަރައިވަޑައިގަންނަވާ ހިނދު، ދެ އަތްޕުޅު ކައިރިކުރައްވައި އެއަށްފަހު އެ އަށް ފުމެލެއްވައެވެ. އެއަށްފަހު އެ ދެއަތްޕުޅަށް (قُلْ هُوَ اللهُ أَحَدٌ)( قُلْ أَعُوذُ بِرَبِّ الْفَلَقِ) އަދި ( قُلْ أَعُوذُ بِرَبِّ النَّاسِ) ކިޔަވައި ވިދާޅުވުމަށްފަހު އެ ދެއަތްޕުޅުން، އެކަލޭގެފާނު ކުޅަދާނަވެގެންވި ވަރަކަށް ހަށިކޮޅުގައި ފިރުމާލައްވައެވެ. އެކަލޭގެފާނު ފުރަތަމަ ފައްޓަވަނީ ބޮލާއި މޫނުފުޅުންނެވެ. ދެން ކުރިމައްޗަށް ވާފަދައިން ހަށިކޮޅުގައި އަތްޕުޅުން ފިރުމާލައްވައެވެ. އެފަދައިން ތިންފަހަރު ތަކުރާރު ކުރައްވައެވެ."

سورة الكافرون (ކާފިރޫން ސޫރަތް)

ފުރްވަތު ބުނު ނައުފަލް رَضِيَ اللهُ عَنْهُ އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވިއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ނައުފަލްއަށް ޙަދީޘްކުރެއްވިއެވެ.

«اقْرَأْ قُلْ يَا أَيُّهَا الْكَافِرُونَ ثُمَّ نَمْ، عَلَى خَاتِمَتِهَا، فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ»[7]

މާނައީ: "ތިބާ، قُلْ يَا أَيُّهَا الْكَافِرُونَ (ކާފިރޫން ސޫރަތް) ކިޔަވާށެވެ. ދެން އެ ސޫރަތް ކިޔަވާ ނިމުމުން ނިދާށެވެ. ފަހެ، ހަމަކަށަވަރުން އެއީ ޝިރުކުން ބަރީއަކުރުވާ ސޫރަތެކެވެ."

آية الكرسي (ކުރުސި)

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ޙަދީޘެއްގައިވެއެވެ.

«إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الكُرْسِيِّ، لَنْ يَزَالَ عَلَيْكَ مِنَ اللَّهِ حَافِظٌ، وَلاَ يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ»[8]

މާނައީ: "ތިބާ ނިދަން އޮށޯންނަހިނދު، އާޔަތުލް ކުރުސި ކިޔަވާށެވެ. ތިބާގެ މައްޗަށް ރައްކާތެރިކޮށްދޭނެ މަލާއިކަތަކު މާތް ﷲގެ ޙަޟްރަތުން، ތިބާއާއެކުގައި ވާނެއެވެ. އަދި ހެނދުނުވަންދެން ޝައިޠާނާ ތިބާއާ ކައިރިނުވާނެއެވެ."

ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް

އަބޫ މަސްޢޫދު رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެވިއެވެ.

«الآيَتَانِ مِنْ آخِرِ سُورَةِ البَقَرَةِ، مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ»[10]

މާނައީ: "ރޭގަނޑެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފިމީހަކަށް، އެ ފުދިގެންވެއެވެ."

މި ޙަދީޘުގެ ޝަރަޙައިގައި އިމާމު ނަވަވީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ.

"ބުނެވެއެވެ. ޙަދީޘުގައި (ފުދިގެންވުން) މުރާދަކީ ރޭ އަޅުކަމަށް ފުދިގެންވުމެވެ. އަދި އޭގެ މުރާދަކީ ޝައިޠާނާގެ ކިބައިން ފުދިގެންވުންކަމުގައި ވެސް ބުނެވެއެވެ. އަދި ޢާފާތްތަކުން ފުދިގެންވުންކަމުގައި ވެސް ބުނެވެއެވެ. އަދި އެއީ ހުރިހާކަމަކުން ފުދިގެންވުންކަމުގައި ވެސް ވެދާނެއެވެ." [9]

ނިދން ތެދުވެ އާލްޢިމްރާނު ސޫރަތުގެ ފަހު 10 އާޔަތް

ކުރައިބު رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢައްބާސް رَضِيَ اللهُ عَنْهُ އެކަލޭގެފާނަށް ޚަބަރުދެއްވިއެވެ.

«أَنَّهُ بَاتَ عِنْدَ مَيْمُونَةَ وَهِيَ خَالَتُهُ: فَاضْطَجَعْتُ فِي عَرْضِ وِسَادَةٍ، وَاضْطَجَعَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَهْلُهُ فِي طُولِهَا، فَنَامَ حَتَّى انْتَصَفَ اللَّيْلُ – أَوْ قَرِيبًا مِنْهُ – فَاسْتَيْقَظَ يَمْسَحُ النَّوْمَ عَنْ وَجْهِهِ، ثُمَّ قَرَأَ عَشْرَ آيَاتٍ مِنْ آلِ عِمْرَانَ، ثُمَّ قَامَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى شَنٍّ مُعَلَّقَةٍ، فَتَوَضَّأَ، فَأَحْسَنَ الوُضُوءَ، ثُمَّ قَامَ يُصَلِّي» [رواه البخاري (992)، ومسلم (763)]

މާނައީ: "އެކަލޭގެފާނު މައިމޫނާގެފާނުގެ އަރިހުގައި އެއްރޭ މަޑުކުރެއްވިއެވެ. އެއީ އެކަލޭގެފާނުގެ (އެބަހީ: އިބްނު ޢައްބާސްގެ) ބޮޑުދައިތައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ:) :ތިމަންކަލޭގެފާނު ބާލީހުގެ ހުރަހަށް ވާގޮށް އޮތީމެވެ. އަދި ﷲގެ ރާސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާއި އެކަލޭގެފާނުގެ އަނބިކަބަލުން ބާލީހުގެ ދިގަށްވާގޮތަށް އޮންނެވިއެވެ. ރޭގަނޑުގެ ދެބައިވަންދެން ނުވަތަ ރޭގަނޑުގެ ދެބަޔާއި ގާތްވަންދެން އެކަލޭގެފާނު އަވަހާރަފުޅުލެއްޕެވިއެވެ. އެއަށްފަހު އެކަލޭގެފާނު ނިދިން ތެދުވެވަޑައިގެން ނިދިފިލުވާލުމަށް ޓަކައި މޫނު ފޮހެލެއްވިއެވެ. ދެން އެއަށްފަހުގައި އާލް-ޢިމްރާނު ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން އެލުވާފައިވާ ފެން ކަންވާރުގެ ކައިރިއަށް ވަޑައިގަތެވެ. ދެން ފުރިހަމަ ވުޟޫއެއް ކުރެއްވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން ނަމާދުކުރެއްވިއެވެ."

ކޮންމެ ނަމާދަކަށްފަހު އާޔަތުލް ކުރުސި

8. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ކޮންމެ ނަމާދަކަށްފަހު އާޔަތުލް ކުރުސި ކިޔުމަށް ބާރުއެޅުއްވިއެވެ. އުމާމާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلَّا أَنْ يَمُوتَ»[11]

މާނައީ: "ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ކުރުސި ކިޔައިފި މީހާ ދަންނައެވެ. މަރުވުން މެނުވީ އެހެން އެއްޗެއް އޭނާ ސުވަރުގެ ވަނުން މަނާނުކުރެއެވެ."

ކޮންމެ ނަމާދަކަށް ފަހު، المعوذات (ފަލަޤި ސޫރަތާއި، ނާސި ސޫރަތާއި، އިޚްލާޞް ސޫރަތް)

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ކޮންމެ ނަމާދަކަށް ފަހު އަލްމުޢައްވިޛާތު (ނާސި ސޫރަތާއި، ފަލަޤް ސޫރަތާއި، އިޚްލާޞް ސޫރަތް) ކިޔުމަށް ބާރުއެޅުއްވިއެވެ. ޢުޤްބާ ބުނު ޢާމިރު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.

«أَمَرَنِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ أَقْرَأَ بِالْمُعَوِّذَاتِ دُبُرَ كُلِّ صَلَاةٍ»[12]

މާނައީ: "ކޮންމެ ނަމާދަކަށް ފަހު، އަލްމުޢައްވިޛާތު (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ކިޔުމަށް ﷲ ގެ ރަސޫލާ ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ."

ހެނދުނާއި ހަވީރު، المعوذات (ފަލަޤި ސޫރަތާއި، ނާސި ސޫރަތާއި، އިޚްލާޞް ސޫރަތް)

މި ތިން ސޫރަތް (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ހެނދުނާއި ހަވީރު ކިޔުމަށް ވެސް އެކަލޭގެފާނު ބާރުއެޅުއްވިއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ޢަބްދުﷲ ބުނު ޚަބީބު رَضِيَ اللهُ عَنْهُއަށް ޙަދީޘްކުރެއްވިއެވެ.

«قُلْ: "قُلْ هُوَ اللَّهُ أَحَدٌ"، وَالمُعَوِّذَتَيْنِ، حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ، تَكْفِيكَ مِنْ كُلِّ شَيْءٍ»[13]

މާނައަކީ: "ހެނދުނުވާއިރު އަދި ހަވީރުވާއިރު ތިބާ قُلْ هُوَ اللَّهُ أَحَدٌ އަދި މުޢައްވިޛަތައިން (ނާސި، ފަލަޤި ސޫރަތް) ތިންފަހަރު ކިޔަވާށެވެ. (އޭރުން) ތިބާއަށް ހުރިހާކަމަކުން އެ ފުދިގެންވާނެއެވެ."

وَاللهُ أَعْلَمُ.

މަޞްދަރު: موقع الإسلام سؤال وجواب.

[1] أخرجه البخاري (4937)، ومسلم (798)

[2] أخرجه البخاري (5027)، وأبو داود (1452)، والترمذي (2907) واللفظ لهم.

[3] تحفة الأحوذي (191/8)

[4] أخرجه الترمذي (2892) واللفظ له، وأحمد (14659) باختلاف يسير

[5] أخرجه الترمذي (3405) واللفظ له، والنسائي في ((السنن الكبرى)) (10548)، وأحمد ( 24388) مطولاً.

[6] أخرجه البخاري (5017)، وأبو داود (5056)، والترمذي (3402) جميعهم بلفظه.

[7] أخرجه أبو داود (5055) واللفظ له، والترمذي بعد حديث (3403)، وأحمد (23858)

[8] أخرجه البخاري (2311)، والنسائي في ((الكبرى)) (2311)، وابن خزيمة (2424) بنحوه.

[9] شرح مسلم للنووي (92/6)

[10] أخرجه البخاري (4008)، ومسلم (807)

[11] أخرجه النسائي في ((السنن الكبرى)) (9928) واللفظ له، والطبراني (134/8)(7532)، والروياني في ((المسند)) (1267) باختلاف يسير.

[12] أخرجه أبو داود (1523)، والنسائي (1336)، وأحمد (17792) جميعهم بلفظه.

[13] رواه الترمذي (3575) وصححه، وأبو داود (5082). وصححه النووي في "الأذكار" (ص107)، وحسنه ابن حجر في "نتائج الأفكار" (345/2)، والألباني في "صحيح سنن الترمذي"

14 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް