ތަފްސީރުގެ އުޞޫލުތައްމުއައްލިފުގެ މުޤައްދިމާ

ނަޡީމް ނިޡާމް•7 އޮކްޓޫބަރު 2026•2 މިނެޓުގެ ކިޔުން
މުއައްލިފުގެ މުޤައްދިމާ

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ހަމަކަށަވަރުން، ކޮންމެ ޢިލްމީ ދާއިރާއެއްގައި ވެސް، އެ ދާއިރާއެއްގެ އަޞްލުތަކާއި ޤަވާޢިދުތައް އުނގެނުމަކީ ނުހަނު މުހިންމު ކަމެކެވެ. އެއީ އެ ދާއިރާއެއް ރަނގަޅަށް ދެެނެގަތުމަށާއި، އެ އަޞްލުތަކާއި ޤަވާޤިދުތަކުގެ މައްޗަށް ބިނާކޮށް އެ ޢިލްމެއްގެ މައްސަލަތައް ނެރުމަށް މަގުފަހިކޮށްދޭ އެހީތެރިއަކަށް އެ ކަން ވުމަށް ޓަކައެވެ. އަދި އޭނާގެ އެ ޢިލްމަކީ ވަރުގަދަ ބިންގާތަކަކާއި ހަރުދަނާ ތަނބުތަކެއްގެ މައްޗަށް ބިނާވެގެންވާ އެއްޗަކަށް ހެދުމަށް ޓަކައެވެ. (މިހެންވެ ޢިލްމުވެރިން) ބުނެއުޅެއެވެ.

من حُرِم الأصول حرم الوصول.

މާނައީ: "(ޢިލްމެއްގެ) އަޞްލުތަކާއި ޤަވާޢިދުތަކުން މަޙުރޫމުވެއްޖެ މީހާ، ލަނޑުދަނޑިއަށް ވާޞިލުވުމުން މަޙްރޫމުވެއްޖެއެވެ."[1]

ޢިލްމީ ދާއިރާތަކުގެ ތެރެއިން އެންމެ މަތިވެރި، އަދި ކިއެއް! އެންމެ މާތްވެގެންވާ ދާއިރާއަކީ، ﷲގެ ކަލާމްފުޅުގެ މާނަތައް ބަޔާންކޮށްދޭ (ޢިލްމު ކަމުގައިވާ) ތަފްސީރު ޢިލްމެވެ.[2] ޢިލްމުވެރިން ޙަދީޘް ޢިލްމަށާއި ފިޤުހު ޢިލްމަށް އުޞޫލުތައް ކަނޑައެޅުއްވި ފަދައިން، މި ޢިލްމަށް ވެސް އުޞޫލުތަކެއް ކަނޑައަޅުއްވާފައިވެއެވެ.

(އެންމެ ފުރަތަމަ) އަޅުގަނޑު މި ޢިލްމުން ފަސޭހަވީ މިންވަރަކަށް ތައްޔާރުކޮށް އެކުލަވައިލީ "ޖާމިޢަތުލް އިމާމް މުޙައްމަދު ބުނު ސަޢޫދު އަލްއިސްލާމިއްޔާ"ގެ މަޢުހަދުތަކުގެ ދަރިވަރުންނަށް ޓަކައެވެ. ދެން ވަކި ރިސާލާއެއް (ކުރު ފޮތެއް)ގެ ގޮތުގައި އެކުލަވައިލުމަށް ބައެއް މީހުން (އަޅުގަނޑުގެ ކިބައިން) އެދުމުގެ ސަބަބުން އެ ކަމަށް އިޖާބަދިނީމެވެ. އެއީ ( ޢިލްމު އުނގެނޭ ކުދިންނަށް) ފަސޭހަވެ، އެއްތަނަކުން ފެންނާނެހެން ޖަމަޢަކުރެވިފައި އޮތުމަށް ޓަކައެވެ.[3]

މާތް ﷲ މި ފޮތުގެ ސަބަބުން (އެންމެހައި މީސްތަކުންނަށް) މަންފާކޮށްދެއްވުން އެދި އެ އިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ.

މަޞްދަރު: މިއީ ޝައިޚު މުޙައްމަދު ބުނު ޞާލިޙުލް ޢުޘައިމީންގެ أصول في التفسيرއޭ ކިޔޭ ރިސާލާގެ ދިވެހި ތަރުޖަމާއެވެ.

[1] މި ތަނުގައި އުޞޫލުތަކުގެ މުރާދަކީ: އިންސާނާ އޭގެ މައްޗަށް ބިނާކޮށް (ޢިލްމެއް) އުނގެނޭ ޤަވާޢިދުތަކާއި އަސާސްތަކެވެ. (ދެން) "ވާޞިލުވުމުން މަޙްރޫމުވެއްޖެއެވެ." މި ތަނުގައި ޢިލްމުވެރިންގެ މުރާދަކީ: (ޢިލްމު) އުނގެނުމުގެ ޤަވާޢިދުތަކާއި އޭގެ މަރުޙަލާތައް (ދަރަޖަތައް) ނުދަންނަ މީހާއަށް، ޢިލްމު ޙާޞިލުކޮށް، (އެ ޢިލްމެއްގައި ކުރިއަރައި) ދާން ބޭނުންވާ ހިސާބަށް ވާޞިލުވުމުގެ ކުޅަދާނަކަމެއް (އެ މީހަކަށް) ލިބިގެން ނުވެއެވެ. ބައްލަވާ: شرح حلية طالب العلم - الشثري (72/1)

[2] ޝައިޚު ވިދާޅުވިއެވެ: "އެހެނީ، ކޮންމެ ޢިލްމެއްގެ ވެސް ޝަރަފުވެރިކަން ބިނާ ވަނީ އެ ޢިލްމެއްގެ މައުޟޫޢުގެ މައްޗަށެވެ. އަދި ތަފްސީރު ޢިލްމުގެ މައުޟޫޢަކީ ﷲގެ ކަލާމްފުޅެވެ. އެހެންކަމުން، އެ ޢިލްމަށް އަހައްމިއްޔަތުކަން ދިނުން، ޙަދީޘް ޝަރަޙަކުރުމަށް އަހައްމިއްޔަތުކަން ދިނުމަށްވުރެ މުހިންމެވެ. އަދި ޢިލްމުވެރިންގެ ފޮތްތަކުގެ މަޠުނުތައް ޝަރަޙަކުރުމަށް އަހައްމިއްޔަތުކަން ދިނުމަށްވުރެ ވެސް މުހިންމެވެ. ސަބަބަކީ އެއީ ﷲގެ ކަލާމްފުޅުގެ ތަފްސީރު ކަމުގައި ވާތީއެވެ. އަދި އެންމެހައި ޢިލްމުތަކުގެ ޝަރަފުވެރިކަން ބިނާ ވަނީ، އެ ޢިލްމުތަކުގެ މައުޟޫޢުގެ ނިސްބަތުންނެވެ." ބައްލަވާ: شرح أصول في التفسير (30/1)

[3] ޝައިޚު ވިދާޅުވިއެވެ: "އަދި (ފޮތެއްގެ ޞިފައިގައި އެކުލަވައިލި އިރު) ﷲ އިރާދަކުރެއްވި މިންވަރަކަށް އަޅުގަނޑު (އޭގެ ތެރެއަށް) އިތުރުކުރީމެވެ. އަދި (މާ ބޮޑު) ފައިދާއެއް ނެތް ބައެއް ކަންކަން އުނިކުރީމެވެ. އެހެންކަމުން މި ފޮތް ވެގެންދިޔައީ ޚުލާޞާ (ކުރު) ފޮތަކަށެވެ. އަދި މި ފޮތުގައި އަޅުގަނޑު އެންމެ ބޮޑަށް ބުރަވެފައިވާނީ އިބްނު ތައިމިއްޔާ رَحِمَهُ اللهُގެ «مُقَدِّمَةٌ فِي أُصُوْلِ التَّفْسِيرِ» އަށެވެ." ބައްލަވާ: شرح أصول في التفسير (30/1)

46 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.