ދިހަ އަދަބުފުރަތަމަ އަދަބު: ސަލާމްގޮވުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ފުރަތަމަ އަދަބު: މުސްލިމަކާ ބައްދަލުވެއްޖެ ނަމަ، ސަލާމްގޮވުން
ފުރަތަމަ އަދަބު: މުސްލިމަކާ ބައްދަލުވެއްޖެ ނަމަ، "السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ" މި ފަދައިން ކިޔައި (ތިބާ އެ މީހަކަށް) ސަލާމްގޮވާށެވެ. އަދި މީހަކު ތިބާއަށް ސަލާމްގޮވައިފި ނަމަ، "وَعَلَيْكُمُ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ" މި ފަދައިން (ތިބާ އެ މީހަކަށް ސަލާމުގެ) އިޖާބަދޭށެވެ.
މި ތަނުގައި މުޞައްނިފު -وَفَّقَهُ اللهُ- ބަޔާންކޮށްފައި މި ވަނީ (މި ރިސާލާގައި ހިމެނޭ) ދިހަ އަދަބުގެ ތެރެއިން ފުރަތަމަ އަދަބެވެ. އެއީ (އެއްބަޔަކު އަނެއްބަޔަކަށް) ސަލާމްގޮވުމުގެ އަދަބެވެ.
މީގެ ދަށުން (އަޅުގަނޑުމެން ބަލާލަން ޖެހޭ މުހިއްމު) ތިން މައްސަލައެއްވެއެވެ.
- ފުރަތަމަ މައްސަލަ: މުސްލިމަކާ ބައްދަލުވެއްޖެ ނަމަ، (ތިބާ އެ މީހަކަށް) ސަލާމްގޮވާށެވެ. ސަލާމްގޮވުމުގެ އަދަބުތަކުގެ ތެރޭގައި (އެއްބަޔަކު އަނެއް ބަޔަކަށް ގިނަގިނައިން ސަލާމްގޮވައި) ސަލާމްފެތުރުން ހިމެނެއެވެ.[1]
ސަލާމްގޮވުމުގެ މަޙައްލަކީ (މާނައަކީ ސަލާމްގޮވާނެ ތަނަކީ ނުވަތަ މަޤާމަކީ) މުސްލިމަކާ ބައްދަވުމުންނެވެ.
މި ތަނުގައި ބައްދަލުވުމުގެ މާނައަކީ ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު (އެއްތަނަކުން) ކުރިމަތިލައި ދިމާވުމެވެ. ފަހެ، އެކަކު އަނެކަކާ ދިމާވެއްޖެ ކޮންމެ ހިނދަކު، ސަލާމްގޮވުން ޝަރުޢުވެގެންވެއެވެ.
(އެއްބަޔަކު އަނެއްބަޔަކާ) ބައްދަލުވުމުގައި ދެ ގޮތެއްވެއެވެ.
- އެއްގޮތަކީ ޙަޤީޤީގޮތުން ބައްދަލުވުމެވެ. އެއީ އެއްވެސް ހުރަހެއްނެތި އެކަކު އަނެކަކާ ބައްދަލުވުމެވެ.
- އަނެއްގޮތަކީ ޙުކުމީގޮތުން ބައްދަލުވުމެވެ. އެއީ ކޮންމެވެސް ހުރަހަކާ އެކު ބައްދަލުވުމެވެ. މިޘާލަކަށް: ފޯނުން ގުޅައިގެން ވާހަކަދެއްކުމާއި އެފަދަ އެހެނިހެން ވަސީލަތްތަކުން ދިމާވުން ހިމެނެއެވެ.
ފަހެ، ޙުކުމީ ބައްދަލުވުމަށް ވެސް ދެވޭނީ ޙަޤީޤީ ބައްދަލުވުމުގެ ޙުކުމްތަކެވެ.
ސަލާމްގޮވުމުގެ ޝަރުޠަކީ ތިބާ ބައްދަލުވި މީހަކީ މުސްލިމެއް ކަމުގައިވުމެވެ. އެ މީހަކީ ކާފިރެއް ކަމުގައިވެގެން ނުވާނެއެވެ. އަހުލުކިތާބީންނާއި (އެބަހީ ފޮތުގެ އަހުލުވެރިންނާއި) އެހެނިހެން ވެސް ކާފިރު މީހުންނަށް ސަލާމްގޮވުމެއް ނުވެއެވެ. އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ މި ކަން ނަހީކުރައްވާފައިވާތީއެވެ.[2]
- ދެވަނަ މައްސަލަ: "السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ" މި ފަދައިން ކިޔައި (ތިބާ އެ މީހަކަށް) ސަލާމްގޮވާށެވެ. (މުޞައްނިފުގެ) މި ބަސްފުޅުން (އިސްލާމީ) ޝަރީޢަތުގައި ޝަރުޢުވެގެންވާ ސަލާމުގެ ލަފްޡު ބަޔާންކޮށްދެއެވެ. އެއީ (މުސްލިމަކާ) ބައްދަލުވާހިނދު "السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ" ކިޔުމެވެ. މިއީ ސަލާމްގޮވުމުގެ އެންމެ ފުރިހަމަ ޞިފައެވެ.
ފަހެ ސަލާމްގޮތުމުގެ (ޞިފައިގައި) ތިން ދަރަޖައެއްވެއެވެ.
- ފުރަތަމަ ދަރަޖަ: السَّلَامُ عَلَيْكُمْ މި މިންވަރަށް ކިޔުމެވެ.
- ދެވަނަ ދަރަޖަ: السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ މި މިންވަރަށް ކިޔުމެވެ.
- ތިންވަނަ ދަރަޖަ: السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ މި މިންވަރަށް ކިޔުމެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން އެންމެ ޞައްޙަ ގޮތުގައި، ސަލާމްގޮވުމުގެ އެންމެ ފުރިހަމަ މިންވަރު މިހާ ހިސާބުން ނިމުމަކަށް އާދެއެވެ. (މާނައަކީ ސަލާމްގޮވުމުގެ އެންމެ ފުރިހަމަ މިންވަރަކީ މި މިންވަރެވެ. މިއަށްވުރެ އިތުރުކުރުމެއް ނުވެއެވެ.) ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ޞަޙާބީ ބޭކަލުންގެ ކިބައިން މަޝްހޫރުވެފައި ވަނީ ވެސް މި މިންވަރަށެވެ. މީގެ އިތުރަށް ލަފުޒެއް އިތުރުކުރުމަށް ވާރިދުވެފައިވާ ޙަދީޘްތަކުގެ ތެރެއިން އެއްވެސް ޙަދީޘެއް ޞައްޙައެއް ނޫނެވެ.
މުޞައްނިފު (މި ރިސާލާގައި) ތިންވަނަ ދަރަޖަ އެކަނި ގެންނަވާފައި އެ ވަނީ، (ހެޔޮކަންކަމުގެ) އެންމެ ފުރިހަމަ ގޮތް ހޯދުމަށް (މީސްތަކުންނަށް) ހިތްވަރުދެއްވުމުގެ ގޮތުންނެވެ. އެހެނީ އެއީ (ސަލާމްގޮވުމުގެ) އެންމެ ފުރިހަމަ ޞިފައެވެ. ފަހެ، އެ ފަދައިން (އެބަހީ އެ މިންވަރަށް) ސަލާމްގޮވާ މީހާއަށް ތިރީސް ހެޔޮކަން ލިބޭނެއެވެ. އެކަން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ކިބައިން ޘާބިތުވެފައިވެއެވެ.[3]
އަދި (އިސްވެ އަނެކާއަށް) ސަލާމްގޮވުމަކީ (ޢިލްމުވެރިންގެ) އިޖުމާޢުން ސުންނަތެކެވެ. އިބްނު ޢަބްދުލްބައްރު «التمهيد لما في الموطأ من المعاني والأسانيد»ގައި[4] އަދި މި ނޫންވެސް ބޭބޭކަލުން (އިޖުމާޢު) ނަޤުލުކުރެއްވިއެވެ.
އެހެންކަމުން، މުސްލިމަކާ ބައްދަލުވާ ކޮންމެ މީހަކުމެ، އޭނާއަށް އިސްވެ ސަލާމްގޮވުން މުސްތަޙައްބުކަމެކެވެ.
- ތިންވަނަ މައްސަލަ: މީހަކު ތިބާއަށް ސަލާމްގޮވައިފި ނަމަ، "وَعَلَيْكُمُ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ" މި ފަދައިން (ތިބާ އެ މީހަކަށް) އިޖާބަދޭށެވެ. (މުޞައްނިފުގެ) މި ބަސްފުޅުން ތިބާއަށް މީހަކު ސަލާމްގޮވައިފި ނަމަ، އެ އަށް ދޭނެ ޖަވާބުގެ ޞިފަ ބަޔާންކޮށްދެއެވެ. އެއީ "وَعَلَيْكُمُ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ" މި ފަދައިން ކިޔުމެވެ.
މީގެ އެންމެ ފުރަތަމަ ބައި (އެބަހީ “وَعَلَيْكُمُ السَّلاَمُ” މި މިންވަރަށް) އެކަނި ކީ ނަމަވެސް ފުދޭނެއެވެ.
އަދި ރަޙުމަތުގެ ބައި އިތުރުކޮށް (وَعَلَيْكُمُ السَّلاَمُ وَرَحْمَةُ اللَّهِ) މި މިންވަރަށް ކީ ނަމަވެސް ފުދޭނެއެވެ.
ޛިކުރުކޮށްފައި އެ ވަނީ (ސަލާމުގެ ޖަވާބުދިނުމުގެ) އެންމެ ފުރިހަމަ މިންވަރެވެ. (އެއީ "وَعَلَيْكُمُ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ" މި މިންވަރަށް ކިޔުމެވެ.)
ސަލާމްގޮވުމޭ އެއްގޮތަށް ސަލާމުގެ ޖަވާބުދިނުމުގައި ވެސް ތިން ދަރަޖައެއްވެއެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ މިންވަރަކީ (ބަޔާންކުރެވުނު) ޢިބާރާތް އެއްކޮށް ކިޔުމެވެ. (މީހަކު ތިބާއަށް ސަލާމްގޮވައިފި ނަމަ،) ޖަވާބުގައި ބުނާނީ وَعَلَيْكُمُ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ އެވެ.
އަދި ސަލާމްގޮވުމުން އޭގެ ޖަވާބު ދިނުމަކީ (ޢިލްމުވެރިންގެ) އިޖުމާޢުން ވާޖިބުކަމެކެވެ. އިބްނު ޢަބްދުލްބައްރު «التمهيد لما في الموطأ من المعاني والأسانيد»ގައި[5] އަދި މި ނޫންވެސް ބޭބޭކަލުން (އިޖުމާޢު) ނަޤުލުކުރެއްވިއެވެ.
(ސަލާމުގެ) ޖަވާބު ދިނުން ވާޖިބު މީހަކީ އެ ސަލާމް ހުށައެޅޭ މީހާއެވެ. އެހެން މީހެއް ނޫނެވެ.
- އެކަނިހުރި އެކަކަށް (މާނައަކީ އެކަހެރިކޮށް ހުރި މީހަކަށް) ސަލާމްގޮވުނު ނަމަ: އެ ސަލާމަށް ރައްދު ދިނުމަކީ އޭނާގެ މައްޗަށް ފަރުޟު ޢައިނެކެވެ.
- ޖަމާޢަތަކަށް (މާނައަކީ ދެ މީހުންނަށްވުރެ ގިނަ ބަޔަކަށް) ސަލާމްގޮވުނު ނަމަ: އެ ސަލާމަށް ރައްދު ދިނުމަކީ އެ ހުރިހާ އެންމެންގެ މައްޗަށް ފަރުޟު ކިފާޔަތެކެވެ. (މާނައަކީ) އޭގެ ތެރެއިން އެކަކު އެ ސަލާމަށް ޖަވާބުދިނުމުން އެހެން ހުރިހާ އެންމެންގެ ކިބައިން ފުދޭނެއެވެ.
އަދި މި ބަސްފުޅު "(ސަލާމުގެ) ޖަވާބު ދިނުން ވާޖިބު މީހަކީ އެ ސަލާމް ހުށައެޅޭ މީހާއެވެ. އެހެން މީހެއް ނޫނެވެ." މީގެން އެނގޭކަމަކީ މީހަކު އެހެން މީހަކަށް ގޮވާލި ސަލާމެއް ތިބާއަށް އަޑުއިވުނު ނަމަވެސް، އެ ސަލާމް ތިމާއަށް އަމާޒުކުރެވިފައިނުވާ ނަމަ، އެ ސަލާމަށް ޖަވާބުދިނުން ތިބާގެ މައްޗަށް ވާޖިބުނުވާކަމެވެ.
މިޘާލަކަށް މީހަކު މިސްކިތުގެ އެއްފަރާތެއްގައި އިށީނދެއިންދާ، މިސްކިތުގެ އެހެން ދިމާލަކުން މީހަކު މިސްކިތަށް ވަދެގެން އައިސް، (މިސްކިތުގައި އިށީނދެއިން) އޭނާ ދަންނަ ވަކި މީހަކަށް (السَّلَامُ عَلَيْكُمْ)އޭ ބުނެފި ނަމަ، އަދި އޭނާގެ ޤަޞްދަކީ ހަމައެކަނި އެ މީހާކަމުގައިވާ ނަމަ، ސަލާމުގެ ޖަވާބުދިނުން ވާޖިބުވާނީ އެ ސަލާމް އަމާޒުކުރެވުނު މީހާގެ މައްޗަށް އެކަންޏެވެ. ސަލާމް އަޑުއިވުނު (މިސްކިތުގައި އެ ވަޤުތު ތިބި) އެހެން މީހުންގެ މައްޗަކަށް (އެ ސަލާމުގެ) ޖަވާބުދިނުން ވާޖިބު ނުވާނެއެވެ.
ފަހެ، (މީހަކަށް) ސަލާމްގޮވާ އަޑުއިވި، ނަމަވެސް އެ ސަލާމް އޭނާއަށް އަމާޒުކޮށް ޤަޞްދުކުރެވިފައި ނުވާ މީހާގެ މައްޗަށް، އެ ސަލާމަށް ޖަވާބުދިނުމަކީ ވާޖިބެއްނޫނެވެ.
[1] އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: «لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ» މާނައީ: "ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިވެއްޖައުމަށް ދާންދެން، ތިޔަބައިމީހުން އީމާންވީކަމުގައި ނުވާހުއްޓެވެ. ތިޔަބައިމީހުން އެ ކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނެ ކަމެއް ބުނެދެއްވަންހެއްޔެވެ؟! ތިޔަބައިމީހުން އެއްބަޔަކަށް އަނެއްބަޔަކަށް ސަލާމްފަތުރާށެވެ." [صحيح مسلم (54)]
[2] محمد بن صالح العثيمين ވިދާޅުވިއެވެ: "ޣައިރު މުސްލިމުންނަށް (އެބަހީ މުސްލިމު ނޫން މީހުންނަށް) އިސްވެ ސަލާމްގޮވުމަކީ ޙަރާމުކަމެކެވެ. އެއީ (އެއްވެސް މުސްލިމަކަށް) ހުއްދަކަމެއް ނޫނެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ މި ފަދައިން ޙަދީޘްކުރައްވާފައެވެ. «لَا تَبْدَءُوا الْيَهُودَ وَلَا النَّصَارَى بِالسَّلَامِ» [صحيح مسلم (2167)] މާނައީ: "ތިޔަބައިމީހުން ޔަހޫދީންނާއި އަދި ނަޞާރާއިންނަށް ވެސް އިސްވެ ސަލާމްނުގޮވާށެވެ."
ނަމަވެސް، އޭގެ ތެރެއިން މީހަކު އިސްވެ (ތިބާއަށް) ސަލާމްގޮވައިފި ނަމަ، މާތް ﷲގެ މި ބަސްފުޅުގެ ޢާންމު މާނައަށް ޓަކައި، އެ މީހުންނަށް ރައްދުދިނުން (އެބަހީ ޖަވާބުދިނުން) އަހަރެމެންގެ މައްޗަށް ވާޖިބެވެ. ﴿وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا﴾ [النِّسَاء: 86] މާނައީ: "އަދި ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކުރެވިއްޖެ ނަމަ، ފަހެ އެ އަށްވުރެ ރަނގަޅަށް، ނުވަތަ އެއާއި އެއްވަރަށް ސަލާމްދޭށެވެ."
ޔަހޫދީން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ސަލާމްކުރާއިރު (السام عليك يا محمد "އޭ މުޙައްމަދެވެ! ތިބާގެ މައްޗަށް މަރުވުން ހުއްޓެވެ!")އޭ ބުނެއުޅުނެވެ. السامގެ މާނައަކީ މަރެވެ. އެ މީހުން ދުޢާކުރަނީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މައްޗަށް މަރުވުމަށެވެ.
އެހެންވެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: «إن اليهود يقولون السام عليكم فإذا سلموا عليكم فقولوا وعليكم» [صحيح البخاري (6263)] މާނައީ: "ހަމަކަށަވަރުން ޔަހޫދީން (ސަލާމުގެ ގޮތުގައި) ބުނަނީ السام عليكمއެވެ. ފަހެ (އޭގެ ތެރެއިން މީހަކު) ތިޔަބައިމީހުންނަށް ސަލާމްގޮވައިފި ނަމަ، ތިޔަބައިމީހުން (وعليكم "ތިބާގެ މައްޗަށް ވެސް") މި ފަދައިން ބުނާށެވެ."
ވުމާ އެކު، ޣައިރު މުސްލިމަކު މުސްލިމަކަށް ސަލާމްގޮވަމުން السام عليكمއޭ ބުނެފި ނަމަ، އަހަރެމެން (ޖަވާބުގައި ބުނާނީ) وعليكمއެވެ…
ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ: ޔަހުދީއަކު ނުވަތަ ނަޞްރާނީއަކު ނުވަތަ އެ ނޫންވެސް މުސްލިމު ނޫން މީހަކު السلام عليكم މި ގޮތަށް ޞަރީޙަކޮށް (ތިބާއަށް) ސަލާމްގޮވައިފި ނަމަ، (ޖަވާބުގައި ތިބާ) وعليكم މި ފަދައިން ބުނުން ހުއްދައެވެ.
ހަމައެފަދައިން، أهلًا وسهلًا (މަރުޙަބާ) ނުވަތަ މިފަދަ އެހެން އިޙްތިރާމްގެ ބަސްތަކުން ވެސް އެ މީހުންނަށް އިސްވެ މަރުޙަބާކިޔުން ވެސް ހުއްދައެއް ނޫނެވެ. ސަބަބަކީ އޭގެން އެ މީހުންނަށް މާތްކޮށް ހިތުމާއި މަތިވެރިކުރުން ދޭހަވާތީއެވެ. ނަމަވެސް، އެބައިމީހުން އަހަރެމެންނަށް އެފަދަ ބަހަކުން މަރުޙަބާކިޔައިފި ނަމަ، އެ މީހުން ބުނި ފަދައިން އަހަރެމެން ވެސް އެ މީހުންނަށް ބުނާނީއެވެ. އެހެނީ، އިސްލާމްދީން އައިސްފައި ވަނީ ޢަދުލުވެރިކަމާ އެކު، ކޮންމެ ޙައްޤުވެރިއަކަށް ވެސް އޭނާގެ ޙައްޤު ހޯދައިދިނުމަށެވެ. އަދި މުސްލިމުންނަކީ މާތް ﷲގެ ޙަޟްރަތުގައި މާ މަތިވެރި މަޤާމަކާއި ދަރަޖައެއް ލިބިގެންވާ ބަޔަކަށްވީހިނދު، މުސްލިމު ނޫން މީހުންނަށް އިސްވެ ސަލާމްކޮށް، މުސްލިމުންގެ އަމިއްލަ ނަފްސުތައް ނިކަމެތިކޮށްލުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
އެހެންކަމުން ޖަވާބުގެ ޚުލާޞާއަކީ (މުސްލިމަކު އިސްވެ) މުސްލިމު ނޫން މީހަކަށް ސަލާމްގޮވުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، އެ ކަން ނަހީކުރައްވާފައިވެއެވެ. އަދި އޭގެ ސަބަބުން މުސްލިމު މީހާ ނިކަމެތިވެ، މުސްލިމު ނޫން މީހާ މަތިވެރިކުރުން އިސްވެދާތީއެވެ. މުސްލިމުންނަކީ މާތް ﷲގެ ޙަޟްރަތުގައި މާ މަތިވެރި ދަރަޖައެއްގެ ވެރި ބަޔެކެވެ. ވުމާއެކު، މި ކަމުގައި އަމިއްލަ ނަފްސު ނިކަމެތިކޮށްލުމެއް ނެތެވެ. ނަމަވެސް، އެ މީހުން އަހަރެމެންނަށް ސަލާމްގޮވައިފި ނަމަ، އެ މީހުން ސަލާމްގޮވި ފަދައިން އަހަރެމެން (އެ ސަލާމަށް) ރައްދު ދޭނީއެވެ. ހަމައެހެންމެ، أهلًا وسهلًا ފަދަ މަރުޙަބާގެ ބަސްތަކުން އެ މީހުންނަށް އިސްވެ މަރުޙަބާކިޔުން ވެސް ހުއްދައެއް ނޫނެވެ. ސަބަބަކީ އޭގެން އެ މީހުން މަތިވެރިކުރެވޭތީއެވެ. ފަހެ، އެއީ (އެ މީހުންނަށް) އިސްވެ ސަލާމް ގޮވުމާ އެއްފަދަ ކަމެކެވެ. ބައްލަވާ: فتاوى نور على الدرب للعثيمين (24/2)
[3] ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: «مَنْ قَالَ: السَّلَامُ عَلَيْكُمْ، كُتِبَ لَهُ عَشْرُ حَسَنَاتٍ، وَمَنْ قَالَ: السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ كُتِبَ لَهُ عِشْرُونَ حَسَنَةً، وَمَنْ قَالَ: السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ كُتِبَ لَهُ ثَلَاثُونَ حَسَنَةً» މާނައީ: "(السَّلَامُ عَلَيْكُمْ)އެވެ ކިޔައި (ސަލާމްގޮވާ) މީހާއަށް ދިހަ ހެޔޮކަން ލިޔުއްވޭހުއްޓެވެ. އަދި (السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ)އެވެ ކިޔައި (ސަލާމްގޮވާ) މީހާއަށް ވިހި ހެޔޮކަން ލިޔުއްވޭހުއްޓެވެ. އަދި (السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ)އެވެ ކިޔައި (ސަލާމްގޮވާ) މީހާއަށް ތިރީސް ހެޔޮކަން ލިޔުއްވޭހުއްޓެވެ." [المعجم الكبير للطبراني (5563)]
[4] އެކަލޭގެފާނު ވިދާޅުވިއެވެ: "އަދި އިސްވެ ސަލާމްގޮވުމަކީ ހުރިހާ ޢިލްމުވެރިންގެ އަރިހުގައި ވެސް ވާޖިބުކަމެއް ނޫނެވެ. ނަމަވެސް އެއީ ސުންނަތެކެވެ. އަދި ހެޔޮކަމެކެވެ. އަދި އަދަބުވެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ." ބައްލަވާ: التمهيد لما في الموطأ من المعاني والأسانيد (289/5)
[5] އެކަލޭގެފާނު ވިދާޅުވިއެވެ: "އަދި (މީހަކު ސަލާމްގޮވުމުން އެއަށް) ޖަވާބުދިނުމަކީ އެ ހުރިހާ ބޭކަލުންގެ އަރިހުގައި ވެސް ވާޖިބެކެވެ." ބައްލަވާ: التمهيد لما في الموطأ من المعاني والأسانيد (289/5)
