ދިހަ އަދަބުމުޤައްދިމާ

ނަޡީމް ނިޡާމް•2 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
މުޤައްދިމާ

މުޤައްދިމާ

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

ދަންނާށެވެ! -މާތް ﷲ ތިމަންނާއަށާއި ތިބާއަށް އެންމެ ރިވެތި އަޚްލާޤަށް މަގުދައްކަވާށިއެވެ!- ހަމަކަށަވަރުން އެންމެ މަތިވެރި އަދަބުތަކުގެ ތެރެއިން ދިހަ އަދަބެއްވެއެވެ.

މުޞައްނިފު -وَفَّقَهُ اللهُ- އޭނާގެ ރިސާލަތް ފައްޓަވާފައި މި ވަނީ ބިސްމިނުންނެވެ. އަދި ހަމައެކަނި ބިސްމިނުން ފައްޓަވާފައި މި ވަނީ، ނަބަވީ ސުންނަތުގައި އެކަލޭގެފާނު (އެބަހީ ނަބިއްޔާ) صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ރަސްރަސްކަލުންނަށް ފޮނުއްވި ސިޓީފުޅުތަކާއި ލިޔުންތަކުގައި ވާރިދުވެގެންވާ ގޮތަށް ތަބަޢަވުމުގެ ގޮތުންނެވެ.[1] އަދި ފޮތްތައް ލިޔުމަކީ ވެސް، އެ ފަދަ ސިޓީތަކުގެ ޙުކުމް ހިނގާ ކަމެކެވެ.

އެއަށްފަހު (މުޞައްނިފު) ވިދާޅުވިއެވެ:

(ހަމަކަށަވަރުން އެންމެ މަތިވެރި އަދަބުތަކުގެ ތެރެއިން ދިހަ އަދަބެއްވެއެވެ.)

(ދީނުގައި ޝަރުޢުކުރައްވާފައިވާ) އަދަބުތަކަކީ ޢަދަދުގެ ގޮތުން ގިނަ، ތަފާތު އެކި ބާބުތަކަށް ބެހި ފެތުރިފައިވާ ކަންތައްތަކެވެ. މި ރިސާލާގައި ހިމަނައި ޢަދަދުކޮށްފައި މި ވަނީ އޭގެ ތެރެއިން ދިހަ އަދަބެވެ. މި ދިހަ އަދަބު ޚާއްޞަކުރެވިފައި މި ވަނީ، މި ދިހަ އަދަބަކީ އެންމެ މަތިވެރި އަދަބުތައްކަމުގައި ޞިފަވެގެންވާތީއެވެ. އަދި މި ދިހަ އަދަބު ނުހަނު މުހިއްމުވުމުގެ ސަބަބުންނެވެ.

މި ދިހަ އަދަބު އެންމެ މަތިވެރި އަދަބުތަކުގެ ތެރޭގައި ޞިފަކުރެވެނީ ދެ ސަބަބަކަށް ޓަކައެވެ.

  1. ފުރަތަމަ ސަބަބު: ޝަރުޢީގޮތުން (މި ދިހަ އަދަބަށް) ދެވިފައިވާ އަހައްމިއްޔަތުގެ ބޮޑުކަމެވެ. ފަހެ ޝަރުޢީގޮތުން މި ދިހަ އަދަބާ ގުޅޭ (ތަފާތު އެކި) ޙުކުމްތައް ބަޔާންކޮށްދޭ ދަލީލުތައް ނުހަނު ގިނަގުނައެވެ.
  2. ދެވަނަ ސަބަބު: އާދަކައިގެ ގޮތުން (މީސްތަކުންގެ މެދުގައި) މި އަދަބުތައް ހިނގުން ގިނަކަމެވެ. މި އަދަބުތަކަށް ޢަމަލުކުރުމަކީ މީސްތަކުންގެ ތެރޭގައި ވަރަށް ގިނައިން ހިނގާ ކަމެކެވެ. އެއީ (މީސްތަކުންގެ) ރެޔާދުވާލުގެ ވަޤުތުގައި، މި ދިހަ އަދަބާ ގުޅޭ އެތައް ކަމެއް ހިނގައެވެ.

(ޢަރަބި ބަހުގައި) الآدابއަކީ أدبގެ ގިނަގޮތެވެ. އެއީ ޝަރުޢީގޮތުން ނުވަތަ ޢުރުފީގޮތުން އެ ކަންކަމަށް ތަޢުރީފުކުރެވޭ (އެބަހި ރިވެތި ބަސްތައް ބުނެވޭ) ކަންކަމެވެ.

އަދަބުތައް ބިނާވާ އަޞްލުތައް ދެއެކެވެ.

  1. ފުރަތަމަ އަޞްލު: ޝަރުޢީ ޙުކުމްތަކެވެ.
  2. ދެވަނަ އަޞްލު: (ޝަރީޢަތުގެ އެއްވެސް އަޞްލަކާ ފުށޫނާރާ) ރިވެތި އާދަތަކެވެ.

ބައެއްފަހަރު އަދަބުތައް ނެގެނީ ޝަރުޢީ ދަލީލަކުންނެވެ. އަދި އަނެއްބައިފަހަރު އަދަބުތައް ނެގެނީ އާދަކާދައިންނެވެ.

މި ދެ މަޞްދަރުން އަދަބުތައް ކަނޑައަޅައި އެ ކަންކަމާއި ގުޅޭ ޙުކުމްތައް ބަޔާންކުރުމަކީ އޭގެ އެންމެ ސާފުޠާހިރު އަދި ރިވެތި މަގެވެ. އަދި މި ދެ މަޞްދަރަކީ ފަހަކަށް އައިސް މީސްތަކުން މާ ރަނގަޅު މޮޅުކަމެއް ކަމުގައި ދެކިގެން އުޅޭ، ހުޅަނގުގެ މުސްލިމު ނޫން މީހުން "ޕްރޮޓޮކޯލް" (Protocol) ނުވަތަ "އެޓިކެޓް" (Etiquette) ނުވަތަ އެ ނޫންވެސް އެ މީހުން ކިޔައިއުޅޭ ނަންނަން ދީފައިވާ ކަންކަމަށްވުރެ އިސް ދެ މަޞްދަރެވެ. އެހެނީ ޝަރުޢީ ދަލީލުތަކުންނާއި މި އިސްލާމީ އުންމަތް އެ ކަންކަމެއްގެ މައްޗަށް ބިނާވި ރިވެތި އާދަކާދައިގެ ތެރޭގައިވާ ކަންކަން، އެ ނޫން އެހެން ކަންކަމުގައިވާ އާދަތަކަށްވުރެ މާ މަތިވެރިވެފައި މާ މާތެވެ.

އެހެންކަމުން، ޢިލްމުގެ އަހުލުވެރިން އަދަބުތަކުގެ ބާބުގައި ދެ ކަމެއް ޔަޤީންކޮށް ހިފަހައްޓަންޖެހެއެވެ.

  1. ފުރަތަމަ ކަންތައް: އަދަބުތައް ކަނޑައަޅައި ދެނެގަތުމުގައި އެ މީހުންގެ މަޞްދަރަކީ ސީދާވެގެންވާ ޝަރީޢަތާއި ތެދުމަގުގައިވާ (އެބަހީ އިސްލާމީ ޝަރީޢަތާ ޚިލާފު ނޫން) ޢާދަކާދަކަމުގައި ހެދުމެވެ. ފަހެ، (އާދަތައް ކަނޑައެޅުމުގައި) މި ދެ ކަންތައް އެހެން ކަންކަމުން ފުދިގެންވެއެވެ.
  2. ދެވަނަ ކަންތައް: އެ މީހުން އެ އަދަބުތަކަށް ޢަމަލުކޮށް އެ މީހުންގެ ކިބައިގައި އެ ޞިފަތައް އަށަގެންނެވުމެވެ. އެހެނީ އަދަބުވެރި ބަޔަކަށްވުމަށް ޚަލްޤުތަކުންގެ ތެރެއިން އެންމެ ޙައްޤުކަން ބޮޑު ބަޔަކީ އެ މީހުންނެވެ. ފަހެ ޚަލްޤުތަކުންގެ ތެރެއިން އެންމެ މާތްކުރެއްވި އިންސާނާ، މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަކީ މީސްތަކުންގެ ތެރެއިން އެންމެ އަދަބުވެރި ފަރާތެވެ.[2] އަދި އެކަލޭގެފާނުގެ ޢިލްމީ ތަރިކަ ހޯދުމަށް އުޅޭ މީހުން (އެބަހީ ޝަރުޢީ ޢިލްމު އުނގެނޭ މީހުން) އެކަލޭގެފާނަށް ތަބަޢަވެ، އެކަލޭގެފާނު ދެއްކެވި ހިދާޔަތާއި، (ރިވެތި) އަޚްލާޤާއި، އަދަބުތަކުން ޞިފަލިބިގަތުން ނުހަނު އައުލާވެގެންވެއެވެ.

މަޞްދަރު: މިއީ فضيلة الشيخ صالح بن عبد الله بن حمد العصيميގެ الآداب العشرة (ދިހަ އަދަބު)އެވެ ކިޔޭ ރިސާލާގެ ޝަރަޙައިގެ ދިވެހި ތަރުޖަމާއެވެ.

[1] އެކަލޭގެފާނު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ، ރަސްރަސްކަލުންނަށް ފޮނުއްވަވާ ސިޓީފުޅުތަކާއި ލިޔުންތަކުގައި މި ފަދައިން ލިޔުއްވާކަމުގައިވިއެވެ. «بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ، مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ، السَّلَامُ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ … » މާނައީ: "ރަޙްމާނުވަންތަ ރަޙީމުވަންތަ ﷲގެ އިސްމުފުޅުން ފަށަމެވެ. ﷲގެ އަޅާ އަދި އެ އިލާހުގެ ރަސޫލާ މުޙައްމަދު (صَلَّىٰ اللهُ عَلَيْهِ وَسَلَّم)ގެ ކިބައިން، ރޫމްގެ ރަސްގެފާނު ހިރަޤުލް އަށެވެ. ތެދުމަގަށް ތަބަޢަވީ ކޮންމެ މީހެއްގެ މައްޗަށް ސަލާމް ހުއްޓެވެ. އެއަށްފަހު ދަންނާށެވެ!..." [ބައްލަވާ: صحيح البخاري (07)]

[2] އަނަސް رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ: «وَكَانَ رَسُولُ اللَّهِ ﷺ مِنْ أَحْسَنِ النَّاسِ خُلُقًا» މާނައީ: "އަދި ﷲގެ ރަސޫލާ (މުޙައްމަދު) صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަކީ މީސްތަކުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު އިންސާނާއެވެ." [سنن الترمذي - ت شاكر (368/4)‏]

67 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.