ކައިވެނީގެ ބައެއް ފައިދާތައް

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•2 މިނެޓުގެ ކިޔުން
ކައިވެނީގެ ބައެއް ފައިދާތައް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ކައިވެންޏަކީ ހުރިހާ ރަސޫލު ބޭކަލުންގެ ވެސް ސުންނަތެކެވެ. ﷲ ވަޙީކުރެއްވިއެވެ.

﴿وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً﴾

[الرَّعد 38]

މާނައީ: "ހަމަކަށަވަރުން ކަލޭގެފާނުގެ ކުރިން ތިމަން އިލާހު ރަސޫލުން ފޮނުއްވީމެވެ. އަދި އެ ބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ."

އަދި މަދްޔަނުގެ ޞާޙިބު، މޫސާ ބުނު ޢިމްރާނު عَلَيهِ السَّلَامُއާ މެދު ކަންތައް ކުރެއްވި ގޮތް ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ.

﴿قَالَ إِنِّي أُرِيدُ أَنْ أُنكِحَكَ إِحْدَى ابْنَتَيَّ هَاتَيْنِ عَلَىٰ أَن تَأْجُرَنِي ثَمَانِيَ حِجَجٍ﴾

[القَصَص 27]

މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަން ގަސްދުކުރަނީ ތިމަންގެ މި ތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ދެވުމަށެވެ. އަށް އަހަރު ވަންދެން ތިމަންނާއަށް ޚިދުމަތްކޮށްދެއްވުމުގެ ޝަރުޠުގެ މަތިންނެވެ. ފަހެ ދިހަ އަހަރު ކަލޭގެފާނު ހަމަ ކުރައްވައިފި ނަމަ، އެއީ ކަލޭގެފާނުގެ އަމިއްލަ ކަމެކެވެ."

އެއީ އޭގައި (އެބަހީ ކައިވެނި ކުރުމުގައި) ޢާންމުގޮތެއްގައި މުޖުތަމަޢަށް އަދި ޚާއްޞަގޮތެއްގައި ދެމަފިރިންނަށް ވަރަށް މަތިވެރި ފައިދާތަކެއް އެކުލެވިގެން ވާތީއެވެ. އަދި ކައިވެނި ކުރުމަކީ އިންސާނާގެ ޠަބީޢަތުގައި ލެއްވިފައިވާ ކަމެކެވެ. ކައިވެންޏަކީ އިންސާނާ ފިޠުރީގޮތުން އެ ކަމަކަށް ބޭނުންވާ ކަމެކެވެ. މާތް ﷲ އިންސާނާގެ ފިޠުރަތުގައި މި ކަން ލައްވާފައި ނުވާ ނަމަ، އެކަކު ވެސް ކައިވެނި ނުކުރީހެވެ. -ޝަހުވަތް ނުވާ ނަމަ- ފިރިހެނާ އޭނާގެ އަޢުރަ އަދި އަންހެނާ އޭނާގެ އަޢުރަ އެކަކަށް ވެސް ފެނުމަށް ލަދުވެތިވާނެއެވެ. އެހެންނަމަވެސް މަތިވެރި ޙިކުމަތަށް ޓަކައި މާތް ﷲ އިންސާނާގެ ފިޠުރަތުގައި މިކަން ލެއްވިއެވެ. އޭގެ ތެރޭގައި: އިންސާނުންގެ ނަސްލު ދެމިގެން ދިއުން ހިމެނެއެވެ. ކައިވެނިކުރުން ނުވާ ނަމަ، އިންސާނާގެ ނަސްލު ހަލާކުވެ ނެތިގެން ދިޔަހީއެވެ.

ކައިވެނީގައި ގިނަގުނަ ފައިދާތަކެއް ވެއެވެ. އޭގެ ތެރޭގައި: ރަސޫލުބޭކަލުންގެ މަގަށް ތަބަޢަވުން ހިމެނެއެވެ.

އަދި އޭގެ ތެރޭގައި: ބެލުން ތިރިކޮށް ލަދުވެތިގުނަވަން ރައްކާތެރިކުރުން ހިމެނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَعَلَى آلِهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ - أي النكاح - فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ»[1]

މާނައީ: "ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަކަށް ލިބިގެންވާ މީހާ ކައިވެނި ކުރާށެވެ. ފަހެ ހަމަކަށަވަރުން އެއީ ލޮލުގެ ބެލުން ތިރިކޮށްދޭ (އެބަހީ: ރައްކާތެރިކޮށްދޭ) ކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ."

އަދި އޭގެ ތެރޭގައި: އިންސާނީ ނަސްލު ގިނަކުރުން ހިމެނެއެވެ. ގިނައިން ވިހާ އަންހެނުންނާ ކައިވެނިކުރުމަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَعَلَى آلِهِ وَسَلَّمَ ބާރުއަޅުއްވާފައި ވަނީ މިހެންވެއެވެ. ޤިޔާމަތް ދުވަހު ހުރިހާ ނަބީބޭކަލުންނަށް ވުރެ، އުންމަތުގެ މީހުން އެންމެ ގިނަ ބޭކަލަކީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَعَلَى آلِهِ وَسَلَّمَ އެވެ. ޝައްކަކާ ނުލައި އެންމެ މީހުން ގިނަ އުންމަތަކީ އެކަލޭގެފާނުގެ އުންމަތެވެ.

އަދި އޭގެ ތެރޭގައި: އަނބިންނާއި ދަރިންނަށް ޚަރަދުކުރުމުގައި ހިމެނޭ ފައިދާތައް ވެސް ވެއެވެ.

އަދި އޭގެ ތެރޭގައި: އެއްބަޔަކު އަނެއްބަޔަކާ ގުޅުންބަދަހިވުން ވެސް ހިމެނެއެވެ. ﷲ ވަޙީކުރެއްވިއެވެ.

﴿وَهُوَ الَّذِي خَلَقَ مِنَ الْمَاءِ بَشَرًا فَجَعَلَهُ نَسَبًا وَصِهْرًا﴾

[الفُرقَان 54]

"އަދި އެ އިލާހީ ފެނުން (އެބަހީ: މަނިފޮދަކުން) އިންސާނާ ހެއްދެވި އިލާހެވެ. ފަހެ އެ އިލާހު އެ އިންސާނާގައި، ނަސަބާއި، ޅިޔަން ފަހަރިކަމުގެ ގުޅުން ލެއްވިއެވެ."

ފިރިހެނާ އޭނާ ނުދަންނަ، އެއްވެސް ގުޅުމެއް ނުވާ ބައެއްގެ ދަރިއަކާ ކައިވެނިކުރާ ހިސާބުން، ޢާއިލީ ގުޅުމެއް އުފެދެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَعَلَى آلِهِ وَسَلَّمَ ގިނައިން ކައިވެނި ބައްލަވައިގަތް އެއް ޙިކުމަތަކީ މިއެވެ. އޭރުން ޤުރައިޝުވަންހައިގެ ކޮންމެ ޤަބީލާއަކާ ވެސް އެކަލޭގެފާނާ ގުޅުން އޮންނާނެއެވެ. މިހެންވެ އެކަލޭގެފާނު އަވަހާރަ ވެވަޑައިގެންނެވި އިރު، އެކަލޭގެފާނުގެ ނުވަ އަނބިކަނބަލުން ތިއްބެވިއެވެ.

މައްޞަދަރު: اللقاء الشهري (2/76) لابن عثيمين.

[1] أخرجه البخاري (5065)، ومسلم (1400) مطولاً.

11 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް