ރަމަޟާންމަހަށް ތައްޔާރުވުން

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•7 މިނެޓުގެ ކިޔުން
ރަމަޟާންމަހަށް ތައްޔާރުވުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ރަމަޟާންމަހަށް ތައްޔާރުވުމަށް ދިހަ ފިޔަވަޅެއް ތިރީގައި މި ވަނީއެވެ.

ތެދުވެތި ތައުބާއަކުން ތައުބާވުން

މިއީ (އެބަހީ ފާފަތަކުން ތައުބާވުމަކީ) ކޮންމެ ވަޤުތެއްގައި ވެސް ވާޖިބެކެވެ. ނަމަވެސް މަތިވެރި ބަރަކާތްތެރި މައްސަރެއް ބައްދަލުކުރާ އިރު، އެންމެ މުހިއްމު އެއް ކަމަކީ، އެ މީހަކާ އެ މީހެއްގެ ވެރި ރައްބާ ދެމެދުގައިވާ ފާފަތަކަށް ތައުބާވުމެވެ.[1] އަދި އެ މީހަކާއި އެހެން މީހުންނާ ދެމެދުގައި ވާ ޙައްޤުތައް އަދާކުރުމެވެ. އެއީ މި ބަރަކާތްތެރި މައްސަރު ފެށުމާ އެކު، ސަލާމަތްތެރި ހިތަކާއިގެން ކިޔަމަންތެރިވުމާއި އަޅުކަމުގައި ކުރިއަށް ދިއުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ﴾

[النُّور 31]

މާނައީ: "ތިޔަބައިމީހުން އެންމެން ﷲއަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށް ޓަކައެވެ."

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«يَا أَيُّهَا النَّاسُ تُوبُوا إِلَى اللهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ»[2]

މާނައީ: "އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން ﷲއަށް ތައުބާ ވާށެވެ! ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަ ފަހަރު އެ އިލާހަށް ތައުބާ ވެވަޑައިގަންނަވަމެވެ."

ދުޢާކުރުން

ބައެއް ސަލަފުންގެ ބޭކަލުން ހަ މަސްދުވަސް ވަންދެން ރަމަޟާން މަހާ ބައްދަލުކޮށްދެއްވުން އެދި ﷲގެ ޙަޟްރަތަށް ދުޢާކުރައްވާކަމުގައި ރިވާވެފައި ވެއެވެ. ދެން ރަމަޟާން މަހަށް ފަހު، ފަސް މަސް ވަންދެން އެ މައްސަރުގެ އަޅުކަންތައް ޤަބޫލުކޮށްދެއްވުން އެދި ދުޢާކުރައްވައެވެ.[3]

ވުމާ އެކު މުސްލިމު އަޅާ ދީނީގޮތުންނާއި ޞިއްޙީގޮތުން ރަނގަޅު ޙާލެއްގައި ވަނިކޮށް ރަމަޟާން މަހާ ބައްދަލުކޮށްދެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާކުރާށެވެ. އަދި އެ މައްސަރުގައި އަޅުކަމުގައި ހީވާގިވެ އުޅުމަށާއި، އެ ޢަމަލުތައް ޤަބޫލުކުރެއްވުން އެދި ދުޢާކުރާށެވެ.

ރަމަޟާން މަސް ކައިރިވުމުން އުފާކުރުން

ފަހެ ރަމަޟާން މަހާ ބައްދަލުވުމަކީ މާތް ﷲ އެ އިލާހުގެ މުސްލިމު އަޅުތަކުންނަށް ދެއްވާ މަތިވެރި ނިޢުމަތެކެވެ. އެހެނީ ރަމަޟާން މަހަކީ އެ މައްސަރެއްގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ ހެޔޮކަމުގެ މޫސުމެކެވެ.[4] އެއީ ޤުރުއާނުގެ މައްސަރެވެ. އަދި ޙައްޤާއި ބާޠިލުވަކިވެގެން ދިޔަ މުހިއްމު ހަނގުރާމަތަކެއް ހިނގާދިޔަ މޫސުމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ﴾

[يُونُس 58]

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ﷲގެ ފަޟްލުވަންތަކަމާއި، އެ އިލާހުގެ ރަޙްމަތަށް ޓަކައި ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށް ވުރެ، އެކަން ހެޔޮކަން ބޮޑެވެ."

ފާއިތުވެ ދިޔަ ރަމަޟާން މަހުގެ ޤަޟާ ރޯދަތައް ފުރިހަމަކުރުން

އަބޫ ސަލަމާ ވިދާޅުވިއެވެ. ޢާއިޝާ رَضِيَ اللهُ عَنْهَا ވިދާޅުވަނިކޮށް ތިމަންކަމަނާ އަޑުއެއްސެވީމެވެ.

«كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ»[5]

މާނައީ: "(ފާއިތުވެ ދިޔަ) ރަމަޟާން މަހުން ތިމަންކަމަނާގެ މައްޗަށް ޤަޟާކުރަން ޖެހޭ ރޯދަ އޮންނަކަމުގައި ވެއެވެ. އަދި ޝަޢުބާން މަހު މެނުވީ ތިމަންކަމަނާއަށް އެ ރޯދަތައް ޤަޟާކުރެވޭ ގޮތެއް ނުވެއެވެ."[6]

އިބްނު ޙަޖަރު (ނޔވ 852) ވިދާޅުވިއެވެ.

"އަދި ފާއިތުވެ ދިޔަ ރަމަޟާން މަހުގެ ޤަޟާ ރޯދަތައް ޝަޢުބާން މަހުގައި ޤަޟާކޮށް ނިންމުމަށް އެކަމަނާ (އެބަހީ ޢާއިޝާ رَضِيَ اللهُ عَنْهَا) ރައްކާތެރި ވެވަޑައިގެންފައިވުމުން، ޖެހިގެން އަންނަ ރޯދަ މަސް ފެށެންދެން ޤަޟާ ރޯދަތައް ނުހިފައި ލަސްކުރުން ހުއްދަ ނުވާނެކަން އެނގިގެން ދެއެވެ."[7]

ރޯދައިގެ ޙުކުމްތައް ދަސްކޮށް ރަމަޟާން މަހުގެ މާތްކަން ދަސްކުރުން[8]
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާން މަހު ރޯދަހިފުން[9]

ޝަޢުބާން މަހު (ސުންނަތް) ރޯދަހިފުމުގެ އެއް ފައިދާއަކީ ރަމަޟާން މަހުގެ ރޯދައަށް ތަމްރީނުވެލުމެވެ. އެއީ އުނދަގޫކަމާ އެކު ރަމަޟާން މަހުގެ ރޯދައާ ބައްދަލުނުކުރުމަށެވެ. (ޝަޢުބާން މަހު ސުންނަތް ރޯދަ ހިފާ މީހާ) ރަމަޟާން މަހާ ބައްދަލުކުރާނީ ރޯދަހިފުމުގެ މައްޗަށް އާދަވެ ތަމްރީނުވެގެންވާ ޙާލު ފަސޭހަކަމާ ހިތްވަރާ އެކުއެވެ.

އަބޫ ބަކުރު އަލްބަލްޚީ ވިދާޅުވިއެވެ.

"ރަޖަބު މަހަކީ ގޮވާންލުމުގެ މަހެވެ. ޝަޢުބާން މަހަކީ ފެންދިނުމުގެ މަހެވެ. ރަމަޟާން މަހަކީ ގޮވާންކެނޑުމުގެ މަހެވެ.” އެކަލޭގެފާނު އަދިވެސް ވިދާޅުވިއެވެ: “ރަޖަބު މަހުގެ މިޘާލަކީ (ވާރެ ވެހެން ފެށުމުގެ ކުރިން ޖެހޭ ފިނި) ވައިރޯޅީގެ މިޘާލެވެ. ޝަޢުބާން މަހުގެ މިޘާލަކީ ވިއްސާރަވިލާގަނޑުގެ މިޘާލެވެ. ރަމަޟާން މަހުގެ މިޘާލަކީ ވާރޭގެ މިޘާލެވެ."[10]

ރަޖަބު މަހު އޮށް ނުއިންދާ އަދި ޝަޢުބާން މަހު ތައްޔާރުނުވާ މީހާ، ރަމަޟާން މަހު ގޮވާންކަނޑާނީ ކިހިނަކުންހެއްޔެވެ!؟

ރަޖަބު މަސް މި ވަނީ ފާއިތުވެފައެވެ. ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ބޭނުންވާ ނަމަ، އެ ކަމަށް ތައްޔާރުވުމަށް ޝަޢުބާން މަހު ތިބާ ކުރަނީ ކޮންކަމެއްހެއްޔެވެ!؟ ބަޔާންވެ އެ ދިޔައީ މި މަތިވެރި މައްސަރުގައި ތިބާގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަދި ސަލަފުންގެ ބޭކަލުންގެ ޙާލެވެ. މި ޢަމަލުތަކުގެ ތެރޭގައި ތިބާ ހުރީ ކިހާ ހިސާބަކުހެއްޔެވެ!؟

ޢާއިޝާ رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ.

«كَانَ رَسُولُ اللَّهِ ﷺ يصُومُ حَتَّى نَقُولَ: لَا يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لَا يَصُومُ، فَمَا رَأَيْتُ رَسُولَ اللَّهِ ﷺ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ»[11]

މާނައީ: "އެކަލޭގެފާނު އެއްގޮތަކަށް ވެސް ރޯދަ ނުވީއްލަވާނެއޭ ތިމަންކަމަނާމެން ބުނަންދެން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ރޯދަހިއްޕަވައެވެ. އަދި އެކަލޭގެފާނު އެއްގޮތަކަށް ވެސް ރޯދަނުހިއްޕަވާނެއޭ ބުނަންދެން އެކަލޭގެފާނު ރޯދަނުހިއްޕަވައި ހުންނަވައެވެ.[12] ފަހެ އެކަލޭގެފާނު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ރަމަޟާން މަސް ފިޔަވައި އެހެން މައްސަރެއް، އެ މައްސަރެއްގައި ފުރިހަމައަށް އެއްކޮށް ރޯދަހިއްޕަވަނިކޮށް ތިމަންކަމަނާ ދެކެވަޑައިނުގަންނަވަމެވެ. އަދި ޝަޢުބާން މަހުގައި އެކަލޭގެފާނު (ސުންނަތް) ރޯދަ ހިއްޕަވާ މިންވަރަށް އެހެން މައްސަރެއްގައި ރޯދަހިއްޕަވަނިކޮށް ތިމަންކަމަނާ ދެކެވަޑައިނުގަންނަވަމެވެ."

އަދި އުސާމާ ބުނު ޒައިދު ވިދާޅުވިއެވެ.

قلتُ: يا رسولَ الله، لم أرَكَ تصومُ شهرًا من الشُّهورِ ما تصومُ من شعبان. قال: «ذلكَ شهرٌ يَغْفُلُ النَّاسُ عنه بين رَجَبٍ ورمضانَ، وهو شهرٌ تُرفَعُ فيه الأعمال إلى ربَّ العالمين، فأُحِبُّ أن يُرْفَعَ عملي وأنا صائم»

މާނައީ: ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. ﷲގެ ރަސޫލާއެވެ! ކަލޭގެފާނު ޝަޢުބާން މަހު (ސުންނަތް) ރޯދަހިއްޕަވާ މިންވަރަށް އެހެން މައްސަރެއްގައި ރޯދަހިއްޕަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެ މައްސަރަކީ (އެބަހީ ޝަޢުބާން މަހަކީ) ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުގައިވާ، މީސްތަކުން އެ މައްސަރަކާ މެދު ޣާފިލުވެފައިވާ މައްސަރެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތަށް (އަޅުތަކުންގެ) ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. ފަހެ ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ."

ކީރިތި ޤުރުއާން ކިޔެވުން

ސަލްމަތު ބުނު ކުހައިލު ވިދާޅުވިއެވެ.

"ބުނެވެއެވެ. ޝަޢުބާން މަހަކީ ކީރިތި ޤުރުއާން ކިޔަވާ މީހުންގެ މައްސަރެވެ."[13]

އަދި ޝަޢުބާން މަސް ބައްދަލުކޮށްފި ނަމަ، ޢަމްރު ބުނު ޤައިސް އަލްމުލާއީ އެކަލޭގެފާނުގެ ފިހާރަ ބަންދުކުރައްވައި ކީރިތި ޤުރުއާން ކިޔެވުމަށް ހުސްވެވަޑައިގަންނަވައެވެ.

[1] ޝައިޚު ޝަންޤީޠީއާ ސުވާލު ކުރެވުނެވެ. އަޅުކަމުގެ މޫސުމަކާ ބައްދަލުކުރާ އިރު ދޭނެ ނަޞޭޙަތަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ: އަޅުކަމުގެ މޫސުމަކާ ބައްދަލުކުރާ އިރު ކުރުން އެންމެ މޮޅުއިތުރުކަމަކީ ގިނަގިނައިން އިސްތިޣްފާރުކުރުމެވެ. (އެބަހީ ފާފަފުއްސެވުމަށް އެދި ދެންނެވުމެވެ.) އެހެނީ އިންސާނާ ކުރާ ފާފަތަކުގެ ސަބަބުން އޭނާ ހެޔޮ ތައުފީޤުން މަޙުރޫމު ކުރުވައެވެ.

އަދިވެސް ޝައިޚު ވިދާޅުވެފައި ވެއެވެ: އަޅުކަމުގެ މޫސުމަކާ ބައްދަލުކުރާ އިރު، އެ މޫސުމުގައި އަޅުކަންތަކުގައި ހީވާގިވުމުގެ ހެޔޮ ތައުފީޤު ބޭނުންވާ މީހާ، އެންމެ ފުރަތަމަ ކަމަކަށް އޭނާގެ މައްޗަށް ވަނީ ފާފަތަކުން ތައުބާވުމެވެ. ފަހެ އެ މީހަކު އިސްތިޣްފާރުކުރުން ގިނަކުރާށެވެ. [دروس للشيخ محمد المختار الشنقيطي]

[2] أخرجه النسائي في "الكبرى" (10207)، والبخاري في "الأدب المفرد" (621) واللفظ لهما، وأحمد (17848) باختلاف يسير.

[3] لطائف المعارف فيما لمواسم العام من الوظائف – ت السواس (280/1)

[4] ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: «إِذَا دَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ وَسُلْسِلَتِ الشَّيَاطِينُ» [صحيح البخاري (3282)] މާނައީ: "ރަމަޟާން މަސް ފެށިއްޖެ ނަމަ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުންތައް ކަސްތޮޅުއެޅުވެއެވެ."

[5] أخرجه البخاري (1950)، ومسلم (1146)

[6] އިބްނު ޤުދާމާ (ނޔވ 620) ވިދާޅުވިއެވެ: "ރަމަޟާން މަހުން ޤަޟާކުރަން ޖެހޭ ރޯދަ އޮންނަ މީހާ، ޖެހިގެން އަންނަ ރޯދަ މަހާ ހަމައަށް ލަސްކުރުމަކީ ހުއްދަކަމެކެވެ. އެއީ ޢާއިޝާ رَضِيَ اللهُ عَنْهَاގެ ކިބައިން ރިވާވެފައި ވާ މި ޙަދީޘުގެ މައްޗަށް ބިނާކޮށެވެ… އަދި (ޝަރުޢީ) ޢުޛުރަކާ ނުލައި ޖެހިގެން އަންނަ ރޯދަ މަސް ފެށޭ އިރު ވެސް ރޯދަތައް ޤަޟާނުކޮށް ލަސްކުރުން ހުއްދައެއް ނޫނެވެ. އެހެނީ ޢާއިޝާ رَضِيَ اللهُ عَنْهَا ވެސް އެކަމަނާގެ ޤަޟާ ރޯދަތައް މި ގޮތަށް ލަސްކުރައްވާފައި ނުވެއެވެ. މި ގޮތަށް ލަސްކުރުން ހުއްދަ ނަމަ، އެކަމަނާ ލަސްކުރެއްވީހެވެ. އެހެނީ ރޯދައަކީ ތަކުރާރުވާ އަޅުކަމެކެވެ. ފަހެ (މި ފަދައިން ތަކުރާރުވާ އަޅުކަންތަކުގައި) ފުރަތަމަ އަޅުކަން ދެވަނަ އަޅުކަމަށް ވުރެ ލަސްކުރުން ހުއްދަ ނުވާނެއެވެ. އެހީ ފަރުޟު ނަމާދުތައް ފަދައިންނެވެ." [المغني لابن قدامة – ت التركي 4/‏400]

[7] فتح الباري بشرح البخاري – ط السلفية (191/4)

[8] ބިޝްރު ބުނު އަލްޙާރިޘު ވިދާޅުވިއެވެ: "ޢިލްމުން މަޙުރޫމުވެއްޖެ މީހާއަށް ޢަމަލުގެ ފޮނިމީރުކަމެއް ނުލިބޭނެއެވެ. އަދި ޢަމަލުގެ ޘަވާބު ނޭނގޭ މީހާއަށް އެ ޢަމަލެއް އަދާކުރުމަކީ ކޮންމެ ޙާލަތެއްގައި ވެސް އޭނާގެ މައްޗަށް ދަތިއުނދަގޫ ބަރުކަމަކަށްވެއެވެ." [حلية الأولياء وطبقات الأصفياء – ط السعادة (349/8)]

[9] ޝައިޚު ޢުޘައިމީން (ނޔވ 1421) ވިދާޅުވިއެވެ: ޝަޢުބާން މަހު (ސުންނަތް) ރޯދަހިފުމަކީ ސުންނަތެކެވެ. އަދި މި ކަންތައް (އެބަހީ ޝަޢުބާން މަހު ސުންނަތް ރޯދަހިފުން) ގިނަކުރުމަކީ ވެސް ސުންނަތެކެވެ. ޢާއިޝާ رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ: "އެކަލޭގެފާނު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޝަޢުބާން މަހަށް ވުރެ ގިނައިން އެހެން މައްސަރެއްގައި (ސުންނަތް) ރޯދަ ހިއްޕަވަނިކޮށް ތިމަންކަމަނާ ދެކެވަޑައިނުގަންނަވަމެވެ." [سنن أبي داود – ت الأرنؤوط (2434)] މި ޙަދީޘުގެ މައްޗަށް ބިނާކޮށް ޝަޢުބާން މަހު ގިނަގިނައިން (ސުންނަތް) ރޯދަހިފުން އެދެވިގެންވެއެވެ.

ޢިލްމުގެ އަހުލުން ވިދާޅުވެއެވެ: ޝަޢުބާން މަހު (ސުންނަތް) ރޯދަހިފުން، ފަރުޟު ނަމާދުތަކުގެ ރަވާތިބު ސުންނަތްތައް ފަދައެވެ. އެއީ ރަމަޟާން މަހުގެ ރޯދައަށް ތައްޔާރުވުމުގެ ގޮތުން، އެ މައްސަރުގެ ކުރީގައި ކުރެވޭ ރަވާތިބު ސުންނަތެއް ފަދަ ރޯދަތަކެކެވެ. ޝަޢުބާން މަހު (ސުންނަތް) ރޯދަހިފުމާއި، ޝައްވާލު މަހުގެ ހަ ރޯދަ ހިފުން ސުންނަތް ވަނީ، ފަރުޟު ނަމާދުތަކުގެ ކުރިއާއި ފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ނަމާދުތަކާ އެއްފަދައިންނެވެ. ޝަޢުބާން މަހު (ސުންނަތް) ރޯދަހިފުމުގައި އިތުރު ފައިދާއެއް ވެސް ވެއެވެ. އެއީ ރަމަޟާން މަހުގެ ރޯދައަށް ނަފުސު ހޭނުވުމާއި ތައްޔާރުކުރުމެވެ. އޭރުން ރަމަޟާން މަހުގެ ރޯދަހިފުމަކީ ނަފުސަށް ލުއިފަސޭހަ ކަމަކަށް ވެގެންދާނެއެވެ. [مجموع فتاوى ورسائل العثيمين (22/20)]

[10] لطائف المعارف فيما لمواسم العام من الوظائف – ت السواس (241/1)

[11] أخرجه البخاري (1969)، وأبو داود (2434)، وأحمد (24757) واللفظ لهم.

[12] މާނައަކީ ބައެއް މައްސަރުތަކުގައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ރޯދަހިއްޕަވާލެއް ގިނަކަމުން ދެން އެ މައްސަރުގައި އެކަލޭގެފާނު އެއްގޮތަކަށް ވެސް ރޯދަ ނުވީއްލަވާނެއޭ ނުވަތަ އެ މައްސަރު އެއްކޮށް ރޯދަހިއްޕަވާނޭ ބުނަންދެން ރޯދަހިއްޕަވައެވެ. އަދި އަނެއްބައި މައްސަރުތަކުގައި އެކަލޭގެފާނު ރޯދަ ހިއްޕަވާލެއް މަދުކަމުން އެ މައްސަރުގައި ދެން އެކަލޭގެފާނު ރޯދަނުހިއްޕަވާނޭ ބުނަންދެން ރޯދަނުހިއްޕަވައި ހުންނަވައެވެ. ބައްލަވާ: شرح سنن أبي داود للعباد (284/8)

[13] لطائف المعارف فيما لمواسم العام من الوظائف – ت السواس (258/1)

18 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް