ރަމަޟާންމަހަށް ފަހު ވެސް ހެޔޮ ޢަމަލުކުރުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
މިއީ ހިޖުރައިން 1415ވަނަ އަހަރުގެ ރަމަޟާން މަހަށް ފަހުގައި ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ. ދެ ކަމަކާއި ބެހޭގޮތުން ވާހަކަދައްކާލުން މިރޭ މުނާސަބުވެގެންވެއެވެ. ފުރަތަމަ ކަމަކީ ރަމަޟާންމަސް ނިމުމުން އިންސާނާގެ ޢަމަލުތައް ނިމިގެން ދާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ ނޫނެކެވެ. ހަމަކަށަވަރުން އިންސާނާގެ ޢަމަލުތައް އޭނާ މަރުވުމުން މެނުވީ ނިމިގެން ނުދާނެއެވެ. އެއީ ﷲ تَبَارَكَ وَتَعَالى ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾
[الحِجر 99]
މާނައީ: "އަދި ކަލޭގެފާނަށް ޔަޤީންކަން އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނު ކަލޭގެފާނުގެ ރައްބަށް އަޅުކަންކުރައްވާށެވެ."
މާނައަކީ މަރު އަތުވެއްޖައުމަށް ދާންދެނެވެ.
އަދި އެ އިލާހު ޔަޢުޤޫބު عَلَيهِ السَّلَامُއާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.
﴿يَا بَنِيَّ إِنَّ اللَّهَ اصْطَفَىٰ لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ١٣٢﴾
މާނައީ: "އޭ އަހުރެންގެ ދަރިންނެވޭ! ހަމަކަށަވަރުން ﷲ ތިޔަބައިމީހުންނަށް ޓަކައިو ދީން އިޚްތިޔާރު ކޮށްދެއްވައިފިއެވެ. ފަހެ ތިޔަބައިމީހުން އެ އިލާހަށް ކިޔަމަންތެރިވެގެންވާ ޙާލުގައި މެނުވީ މަރުނުވާހުށިކަމެވެ."
އަދި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«إِذَا مَاتَ الإنْسَانُ انْقَطَعَ عَمَلُهُ إِلاَّ مِنْ ثَلاثٍ»
މާނައީ: "އިންސާނާ މަރުވުމުން، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް މެދުކެނޑިގެން ދެއެވެ."
ފަހެ އިންސާނާގެ ޢަމަލުތައް މެދުކެނޑިގެން ދާނެ ކަމެއް ކަމުގައި މަރު މެނުވީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ކަނޑައަޅުއްވާފައި ނުވެއެވެ.
ދެވަނަކަމަކީ ރަމަޟާން މަސް ނިމުމުން ރޯދަ ހިފުމާއި، ރޭއަޅުކަން ކުރުމާ އަދި ޞަދަޤާތް ދިނުން ފަދަ ރަމަޟާން މަހުގައި ކުރަމުން އައި ޢަމަލުތައް މެދުކެނޑިގެން ދާނެ ހެއްޔެވެ؟ ނޫނެކެވެ. ރަމަޟާން މަހުގެ ރޯދަ ނޫނަސް ޝަރުޢުވެގެންވާ (ބައިވަރު) ރޯދަތައްވެއެވެ. އޭގެތެރޭގައި ޝައްވާލު މަހުގެ ހަ ރޯދަ ހިފުން ހިމެނެއެވެ. ފަހެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ فَكَأَنَّمَا صَامَ الدَّهْرَ»[1]
މާނައީ: "ރަމަޟާންމަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ."
މި ހަ ދުވަހުގެ ރޯދަ ރަމަޟާންމަހާ ޖެހިގެން ހިފުން އެދިވިގެން ވެއެވެ. މާނައަކީ ޝައްވާލު މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. އަދި ހަ ރޯދަ ނިމެންދެން ޖެހިޖެހިގެން ހިފާނީއެވެ. އެއީ ހެޔޮކަމުގައި އަވަސްވެގަތުމަށެވެ. އަދި މި ގޮތް ފަސޭހަވެގެން ވެއެވެ. ސަބަބަކީ ރަމަޟާން މަހުގައި ރޯދައަށް ހުރުމަށް އާދަވެފައިވުމުން ޝައްވާލު މަހުގެ ހަ ރޯދަ ޖެހިޖެހިގެން ހިފުމުގައި ފަސޭހަވާނެއެވެ. އަދި ހަ ރޯދަ ލަސްކޮށްފި ނަމަ، މާދަން ހިފާނަން މާދަން ހިފާނަން މި ގޮތަށް ކިޔާކިޔާ ހުއްޓައި ދުވަސްތައް ފާއިތުވެ ހިނގައިދާނެއެވެ.
އަދި މި ހަ ރޯދަ އަކީ ރަމަޟާން މަހާއި ގުޅިފައި ވާ ރޯދަތަކެވެ. ވުމާ އެކު ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދަ ހުއްޓައި، ހަ ރޯދަ މީހަކު ހިފިޔަސް މި ކަމުގެ ޘަވާބު (އެބަހީ: މުޅި އަހަރު ރޯދަ ހިފިކަމުގެ ޘަވާބު) ނުލިބޭނެއެވެ. ސަބަބަކީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވަނީ مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ (މާނައީ: ރަމަޟާން މަހުގެ ރޯދަ ހިފައި، ދެން އެއަށްފަހު..) މި ފަދައިންނެވެ. ޤަޟާ ރޯދަ ނުހިފައި ހަ ރޯދަ ހިފައިފި ނަމަ، ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ވި ކަމަކަށް ނުވާނެއެވެ.
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެންވާ ރޯދަތަކުގެ ތެރޭގައި ޢަރަފާތް ދުވަހުގެ ރޯދަހިފުން ހިމެނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ»[2]
މާނައީ: "ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން އިސްވެ ދިޔަ އަހަރުގެ ފާފައާއި، ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ."
އެއީ ޙައްޖުވެރިއާ ފިޔަވައެވެ. ފަހެ ޙައްޖުވެރިއާގެ މައްޗަށް ޢަރަފާތް ދުވަހުގެ ރޯދަ ސުންނަތް ވެގެން ނުވެއެވެ. އެއީ އެ ދުވަހުގައި ދުޢާ ކުރުމުގައި މީހާގެ ހަށިގަނޑު ގަދަކޮށް ބެހެއްޓުމަށް ޓަކައެވެ.
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެންވާ ރޯދަތަކުގެ ތެރޭގައި ޢާޝޫރާ ދުވަހުގެ ރޯދަ ހިމެނެއެވެ. އެއީ މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. އެއީ މޫސާ (عَلَيهِ السَّلاَمُ)އާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްކޮށްދެއްވައި ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން ހަލާކު ކުރެއްވި ދުވަހެވެ. މި ދުވަހުގެ ކުރިން (މުޙައްރަމު މަހުގެ) ނުވަވަނަ ދުވަހު ވެސް ރޯދައަށް ހުންނާނެއެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«لَئِنْ بَقِيتُ إِلَى قَابلٍ لأَصُومَنَّ التَّاسِعَ»[3]
މާނައީ: "ފަހެ ޖެހިގެން އަންނަ އަހަރު ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނަވާ ނަމަ، ނުވަވަނަ ދުވަހު ރޯދަ ހިއްޕަވާހުށީމެވެ."
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެންވާ ރޯދަތަކުގެ ތެރޭގައި ޛުލްޙިއްޖާ މަހުގެ (ފުރަތަމަ) ދިހަ ދުވަހު ރޯދަހިފުން ހިމެނެއެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشَر»[4]
މާނައީ: "ހެޔޮ ޢަމަލުކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ."
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެންވާ ރޯދަތަކުގެ ތެރޭގައި ކޮންމެ މަހަކު ތިން ރޯދަ ހިފުން ހިމެނެއެވެ. މަހުގެ ފުރަތަމަކޮޅު ވިޔަސް މެދުތެރޭ ވިޔަސް ނުވަތަ ފަހުކޮޅު ހިފިޔަސް މައްސަލައެއް ނެތެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ކޮންމެ މަހަކު ވެސް ތިން ރޯދަ ހިއްޕެވިއެވެ. މި ކަމުގައި އެންމެ މޮޅުއިތުރުވެގެން ވަނީ ކޮންމެ މަހެއްގެ ވެސް 14،13 އަދި 15ވަނަ ދުވަހު ހިފުމެވެ.[5]
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެންވާ ރޯދަތަކުގެ ތެރޭގައި (ކޮންމެ ހަފްތާއަކު) ހޯމަ އަދި ބުރާސްފަތި ދުވަހު ރޯދަ ހިފުން ހިމެނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«تُعْرَضُ الْأَعْمَالُ يَوْمَ الِاثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ»[6]
މާނައީ: "ހޯމަ އަދި ބުރާސްފަތި ދުވަހުގައި ﷲގެ ޙަޟްރަތަށް ޢަމަލުތައް އުފުއްލެވެއެވެ. ފަހެ ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވުމަށް ލޯބިކުރައްވަމެވެ."
(ރަމަޟާން މަހުގެ ރޯދައިގެ އިތުރުން) ޝަރުޢުވެގެންވާ ރޯދަތަކުގެ ތެރޭގައި ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުރުން ހިމެނެއެވެ. މިއީ ރޯދަތަކުގެ ތެރެއިން އެންމެ މާތް ރޯދައެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޢަބްދުالله ބުނު ޢަމްރު ބުނު އަލްޢާޞް رَضِيَ اللهُ عَنْهُއަށް ޙަދީޘްކުރެއްވިއެވެ.
«صُمْ يَوْمًا وَأَفْطِرْ يَوْمًا، فَذَلِكَ صِيَامُ دَاوُدَ، وَهُوَ أَفْضَلُ الصِّيَامِ»[7]
މާނައީ: "ކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދައަށް ހުންނަވާށެވެ. އެއީ ދާވޫދު (عَلَيهِ السَّلَامُ) ހިއްޕެވި ރޯދައެވެ. އަދި އެއީ އެންމެ މާތް ރޯދައެވެ."
ދެން މި ވަނީ ރޭއަޅުކަމެވެ. ރަމަޟާން މަސް ނިމުމާ އެކު ރޭއަޅުކަން ކުރުން ނިމިގެންދާނެ ހެއްޔެވެ؟ ނޫނެކެވެ. ރޭއަޅުކަމަކީ ކޮންމެ ރެއަކު ވެސް ކުރުން ޝަރުޢުވެގެންވާ އަޅުކަމެކެވެ. އެންމެ މޮޅުއިތުރީ ރޭގަނޑުގެ ދެބައި ފާއިތުވީއްސުރެ ރޭގަނޑުގެ ހަބައިކުޅަ އެއްބައި ވެއްޖައުމަށް ދާންދެން ރޭއަޅުން ކުރުމެވެ. ރޭގަނޑުގެ ދެބައިގެ ފުރަތަމަ ބައިގައި ނިދާނީއެވެ. އަދި ތިންބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރާނީއެވެ. އަދި ރޭގަނޑުގެ ހަ ބައިން އެއްބަޔަށް ވުމުން (އަނެއްކާ ވެސް) ނިދާނީއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޢަބްދުﷲ ބުނު ޢަމްރު ބުނު އަލްޢާޞްއަށް އިރުޝާދު ދެއްވާފައި ވަނީ މި ފަދައިންނެވެ. (އަދި ޙަދީޘްކުރެއްވިއެވެ.)
«إن هذا قيام داود وهو أفضل القيام»
މާނައީ: "ހަމަކަށަވަރުން މިއީ ދާވޫދު (عَلَيهِ السَّلَامُ) ކުރެއްވި ރޭއަޅުކަމެވެ. އަދި ރޭއަޅުކަމުގައި އެންމެ މާތްވެގެންވަނީ މި ގޮތެވެ."
ފަހެ މިގޮތަށް ފަސޭހަވެގެން ނުވާ މީހާ، ރޭގަނޑުގެ ފަހުބައިގައި ކިތަންމެ ކުޑަކޮށް ނަމަވެސް ރޭއަޅުކަން ކުރާނީއެވެ. ސަބަބަކީ ރޭގަނޑުގެ ތިންބައިކުޅަ ފަހުބައިގައި އަހަރެމެންގެ ރައްބު ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައެވެ. އަދި ވަޙީކުރައްވަތެވެ.
«مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ»[9]
މާނައީ: "ތިމަންއިލާހަށް ދުޢާ ކުރާނީ ކާކު ހެއްޔެވެ؟ ފަހެ އެ މީހަކަށް ދުޢާ އިޖާބަކުރައްވާހުށީމެވެ. އަދި ތިމަންއިލާހަށް ކަމަކަށް އެދި ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ އެ މީހަކަށް (އެ އެއްޗެއް) ދެއްވާހުށީމެވެ. ތިމަންއިލާހަށް ފާފަފުއްސަވައިދެއްވުމަށް އެދި ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ އެ މީހަކަށް ފާފަފުއްސަވާދެއްވާހުށީމެވެ."
އަދި ރޭއަޅުކަން ވިތުރީގެ ރަކުޢަތުން ނިންމާލާށެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އާ ރޭއަޅުކަމާއި ބެހޭގޮތުން ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.
«مَثْنَى مَثْنَى، فَإِذَا خَشِيَ الصُّبْحَ صَلَّى وَاحِدَةً، فَأَوْتَرَتْ مَا قَدْ صَلَّى»[10]
މާނައީ: "(ރޭއަޅުކަން ވަނީ) ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހަކަށް ފަޖުރުލުމުގެ ބިރު ހީވެއްޖެ ނަމަ، އެއް ރަކުޢަތް ކޮށް ޢަދަދު ވިތުރިކޮށްލާށެވެ."
ދެން މި ވަނީ ޞަދަޤާތްދިނުމެވެ. މި ވެސް ރަމަޟާން މަސް ނިމުމުން ކެނޑިގެންދާނެ އަޅުކަމެއް ނޫނެވެ. ޞަދަޤާތް ދިނުމަކީ ކޮންމެ ވަޤުތަކު ވެސް ޝަރުޢުވެގެންވާ އަޅުކަމެކެވެ. ހެޔޮ ތައުފީޤު ލިބިގެންވާ މީހާ އޭނާގެ ކެއިން ބުއިމާއި އަދި އޭނާގެ އަހުލުންނަށް ކުރާ ޚަރަދަކީ ވެސް ޞަދަޤާތެއް ކަމުގައި ހަދައެވެ. ތިބާ ތިބާގެ ނަފުސަށް ކުރާ ހޭދައަކީ ޞަދަޤާތެކެވެ. އަދި ތިބާގެ އަހުލުންނަށް ކުރާ ހޭދައަކީ ޞަދަޤާތެކެވެ. އަދި ކިއެއް! ތިބާގެ އަހުލުންނަށް ކުރާ ހޭދަ އެހެން މީހަކަށް ކުރާ ހޭދައަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.
ތިބާގެ އަތުގަ ދިހަ ރިޔާލަ (ސަޢޫދީ ރިޔާލަ) އޮވެ، އެ ދިހަ ރިޔާލަ ހޭދަކުރާނީ ޙާޖަތް ޖެހިގެންވާ ތިބާގެ އަހުލުންގެ މައްޗަށް ހެއްޔެވެ؟ ނުވަތަ ފަޤީރަކަށް ދޭނީ ހެއްޔެވެ؟ ބުނަމެވެ. މި ފަދަ މީހާ އެ ލާރި އޭނާގެ އަހުލުންނަށް ހޭދަކުރާށެވެ.
ދެން ޤުރުއާން ކިޔެވުމެވެ. ޤުރުއާން ކިޔެވުން ވެސް ރަމަޟާންމަސް ނިމުނު ކަމުގައި ވިޔަސް މެދުކެނޑިގެން ނުދާނެއެވެ. ޤުރުއާން ކިޔެވުމަކީ ކޮންމެ ވަޤުތެއްގައި ވެސް ކުރުން ޝަރުޢުވެގެންވާ ކަމެކެވެ. އިންސާނާ ޤުރުއާން ނުކިޔެވި އޭނާއަށް ވަޤުތު ދަތިވުމުގެ ކުރިން، ކޮންމެ ދުވަހަކު ވެސް ކިޔެވުމަށް ވަކި މިންވަރެއް ކަނޑައަޅައި އެ ކަމަށް ރައްކާތެރިވުން އެދެވިގެންވެއެވެ.
މަޞްދަރު: اللقاء الشهري [16] لابن عثيمين.
[1] أخرجه مسلم (1164)
[2] أخرجه مسلم (1162)، وأبو داود (2325)، وأحمد (22650) مطولاً، والترمذي (749، 752) مفرقاً، وابن ماجه (1730، 1738) مفرقاً، وابن حبان (3632) واللفظ له.
[3] أخرجه مسلم (1134)، والطبراني (11/ 16) (10891)، وابن أبي شيبة (9473) بلفظه.
[4] صحيح البخاري (969)، سنن أبي داود (2438) ، سنن ابن ماجه (1727)، سنن الدارمي (1814)، مسند أحمد (1968)
[5] މީގެ ދަލީލަކީ ބުޚާރީގައި ވާ ޙަދީޘް ބަސްފުޅެކެވެ. «وَصُمْ مِنَ الشَّهْرِ ثَلَاثَةَ أَيَّامٍ» މާނައީ: "އަދި މަހުގައި ތިން ދުވަހު ތިބާ ރޯދައަށް ހުންނާށެވެ." ބައްލަވާ: صحيح البخاري (1976)، كتاب الصوم، باب صوم الدهر.
[6] أخرجه الترمذي (747) واللفظ له، وابن ماجه (1740)، وأحمد (8343) بنحوه.
[7] أخرجه البخاري (1976) بلفظ مقارب، ومسلم (1159)، وأبو داود (2427)
[9] أخرجه البخاري (2321)، ومسلم (785)
[10] أخرجه البخاري (472)، ومسلم (749) باختلاف يسير.
