އީމާންކަން އުނިއިތުރުވުމުގެ ބައެއް ސަބަބުތައް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
އީމާންކަން އިތުރުވުމުގެ ސަބަބުތަކެއްވެއެވެ.
ފުރަތަމަ ސަބަބު: ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް މަޢުރިފާކޮށް ދެނެގަތުން:
ފަހެ ހަމަކަށަވަރުން އިންސާނާ އޭނާގެ ވެރި ރައްބުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް މަޢުރިފާކޮށް ދެނެގަތުން އިތުރުވާ މިންވަރަކަށް އޭނާގެ އީމާންކަން އިތުރުވާނޭ ކަމާމެދު ޝައްކެއް ނެތެވެ. މިހެންވެ މާތް ﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް، ކިޔަވައިދޭ ޢިލްމުގެ އަހުލުންގެ އީމާންކަން އެހެނިހެން މީހުންނަށް ވުރެ ވަރުގަދަ ވެފައި ވަނިކޮށް ތިބާއަށް ފެންނާނެއެވެ.
ދެވަނަ ސަބަބު: މާތް ﷲގެ ކައުނީ އާޔަތްތަކަށް ބަލައި ވިސްނުން:
ފަހެ ހަމަކަށަވަރުން އިންސާނާ ކައުނީ އާޔަތްތަކުގެ ތެރެއިންވާ މަޚްލޫގާތުތަކަށް ބަލައި ވިސްނުމަކީ އީމާންކަން އިތުރުވާނެ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ﴾، ﴿وَفِي أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ﴾
[الذَّارِيَات 20-21]
މާނައީ: "އަދި ޔަޤީންކުރާ ބަޔަކަށް ބިންމަތީގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ ނަފުސުތަކުގައި ވެސް (ކުޅަދުންވަންތަކަމުގެ ހެކިތަކެއް) ވެއެވެ. ފަހެ ތިޔަބައިމީހުން ބަލައިނުހަދަމު ހެއްޔެވެ؟"
މި ކަމަށް ދަލީލިކޮށްދޭ އާޔަތްތައް ވަރަށް ވެސް ގިނައެވެ. މާނައަކީ ކައުނުގައިވާ ކަންތައްތަކަށް ވިސްނައި ފިކުރު ކުރުމުގެ ސަބަބުން އިންސާނާގެ އީމާންކަން އިތުރު ވާނެކަމުގެ އާޔަތްތަކެވެ.
ތިންވަނަ ސަބަބު: އަޅުކަންތައް ގިނަކުރުން:
ފަހެ ހަމަކަށަވަރުން އިންސާނާ އަޅުކަންތައް ކުރުން ގިނަކުރާ ވަރަކަށް އޭނާގެ އީމާންކަން އިތުރުވާނެއެވެ. އެ އަޅުކަމަކީ ބަހަވީ ނުވަތަ ޢަމަލީ އަޅުކަމަކަށް ވިޔަސް މެއެވެ. ފަހެ ޛިކުރު ކުރުން، އީމާންކަން އިތުރުކޮށްދެއެވެ. އަދި ނަމާދާއި، ރޯދައާއި، ޙައްޖު ވެސް އީމާންކަން އިތުރުކޮށްދެއެވެ. މިއިން ކޮންމެ ކަމެއް ވެސް އީމާންކަން އިރުތުކޮށްދެއެވެ.
އީމާންކަން ދަށްވުމުގެ ސަބަބުތަކާ މެދު ދަންނައެވެ. އީމާންކަން ދަށްވުމުގެ ސަބަބުތަކަކީ ބަޔާންވެ ގޮސްފައިވާ ކަންކަމުގެ އިދިކޮޅެވެ.
ފުރަތަމަ ސަބަބު: ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނޭނގުން:
އިންސާނާއަށް އޭނާގެ ވެރި ރައްބުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނޭނގުމަކީ އޭނާގެ އީމާންކަން ދަށް ވާނެ ކަމެކެވެ.
ދެވަނަ ސަބަބު: މާތް ﷲ ލައްވާފައިވާ ކައުނީ އާޔަތްތަކަށް މޫނު އަނބުރާލުން:
މިއީ އިންސާނާގެ އީމާންކަން ދަށްވުމަށް މެދުވެރިވާ ސަބަބެކެވެ.
ތިންވަނަ ސަބަބު: ފާފަތަކަށް އަރައިގަތުން:
ފަހެ ފާފަތަކަށް އަރައިގަތުމަކީ އިންސާނާގެ ހިތަށާއި އީމާންކަމަށް ވަރަށް ބޮޑު އަޘަރެއް ކުރުވާ ކަމެކެވެ. މިހެންވެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ.
«لَا يَزْنِي الزَّانِي حِينَ يَزْنِي وَهُوَ مُؤْمِنٌ»[1]
މާނައީ: "ޒިނޭކުރާ މީހާ، މުއުމިނެއްކަމުގައިވާ ޙާލު ޒިނޭ ނުކުރާނެއެވެ."
ހަތަރުވަނަ ސަބަބު: އަޅުކަންތައް ދޫކޮށްލުން:
ފަހެ އަޅުކަންތައް ދޫކޮށްލުމަކީ އީމާންކަށް ދަށަށް ދާ ސަބަބެކެވެ. އެހެންނަމަވެސް އެ އަޅުކަމަކީ ވާޖިބަކަށްވެފައި، ޝަރުޢީ ޢުޛުރަކާ ނުލައި ދޫކޮށްލައިފި ނަމަ، އެ މީހަކު ފާފަވެރިވާނެއެވެ. އަދި އެއީ ވާޖިބު އަޅުކަމެއް ނޫންނަމަ، ނުވަތަ ވާޖިބަކަށް ވެފައި، އެ އަޅުކަމެއް ދޫކޮށްލީ ޝަރުޢީ ޢުޛުރަކާ އެކު ނަމަ، އެ ކަމަކުން އެ މީހެއްގެ އީމާންކަން ދަށްވާނެއެވެ. އެހެންނަމަވެސް އެ މީހެއްގެ މައްޗަށް ފާފައެއް ނުވެއެވެ.
މަޞްދަރު: اللقاء الشهري لابن عثيمين.
[1] صحيح البخاري (6782)
