ތިބާގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުން އެދޭނަމަ...

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ﴾
[العَصر 03]
މާނައީ: "އީމާންވެ ޞާލިޙު ޢަމަލުކުރި މީހުން މެނުވީއެވެ."
ކުރާ އަޅުކަމެއް ޞާލިޙު ހެޔޮ ޢަމަލެއް ކަމުގައި ވެގެންދާނީ އެ ކަމެއް މާތް ﷲއަށް ޚާލިޞްކޮށް އަދާކޮށްގެންނެވެ. ދެއްކުންތެރިކަމާއި، މީހުންގެ ތެރޭގައި މަޝްހޫރުވުމާއި އަދި މުދަލަށް ދަހިވެތިވުމާކާނުލައި ހަމައެކަނި ﷲގެ ފަޟްލުވަންތަކަމާއި އެ އިލާހުގެ ރުހިވޮޑިގަތުން އެދިގެން ކުރާ އަޅުކަމެވެ.
ﷲ ތަޢާލާ އެ އިލާހުގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަދި އެކަލޭގެފާނުގެ އަޞްޙާބުންނާއި ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ.
﴿مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا﴾
[الفَتح 29]
މާނައީ: "ﷲގެ ރަސޫލާ މުޙައްމަދުގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފަރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެ ބޭކަލުންގެ މެދުގައި ރަޙުމާއި އޯގާވެރިކަން ބޮޑުވެގެންވާ ބަޔެކެވެ. އަދި އެ ބޭކަލުން ރުކޫޢުކޮށް ސަޖިދަ ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެބޭކަލުން ދެކެވަޑައިގަންނަވާނޫއެވެ."
އެބޭކަލުން ރުކޫޢުކޮށް ސަޖިދަކޮށް އުޅުނީ ކޮންކަމަށް އެދިގެން ހެއްޔެވެ؟
﴿يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا﴾
[الفَتح 29]
މާނައީ: "(އެއީ) ﷲގެ ފަޟްލަވަންތަކަމާއި، އެ އިލާހުގެ ރުހިވޮޑިގަތުން އެދިގެންނެވެ."
ޢަމަލުކުރުމުގައި ކޮންމެހެންވެސް އިޚްލާޞްތެރި ވާން ޖެހޭނެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
«مَنْ عَمِلَ عَمَلًا أشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ»[1]
މާނައީ: "މީހަކު ޢަމަލެއްކޮށް، އެ ޢަމަލެއްގައި ތިމަންއިލާހާއި އެހެން ފަރާތަކާ ޝަރީކުކޮށްފިނަމަ، އެ މީހަކާއި އަދި އެ މީހެއްގެ ޝިރުކު (އެ ޢަމަލު) ތިމަންއިލާހު (ޤަބޫލުނުކުރައްވައި) ދޫކޮށްލައްވާހުށީމެވެ."
އަޚާއެވެ! ޢަމަލުކުރުމުގައި ދެއްކުންތެރިކަމާ ތިބާ ދުރުވާށެވެ! މީސްތަކުންނަށް ދައްކަން ތިބާގެ ނަމާދު ރީތިކޮށްނުލާށެވެ. އަދީ މީސްތަކުންނަށް ދައްކަން ތިބާ ޞަދަޤާތް ނުދޭށެވެ. ތިބާއަކީ މިވެނި އެވެނި ޢަމަލެއްކުރާ މީހެއްކަން މީސްތަކުންގެ އަނގައިން ބުނުމަށް ތިބާ އެއްވެސް ޢަމަލެއް ނުކުރާށެވެ. ފަހެ ހަމަކަށަވަރުން މިއީ ތިބާގެ ޢަމަލު ބަޠިލުކޮށްލާނެ ކަމެކެވެ.
އަދި ހަމަ މިކަމުގައި, ދެއްކުންތެރިކަމުގެ ބިރު ދައްކައި ހެޔޮ ޢަމަލު ކުރުމުން ދުރުކުރުމަށް ޝައިޠާނާ ތިބާއަށް ވަސްވާސް ދިނަ ނުދޭށެވެ.
މީސްތަކުންގެ ތެރެއިން ބައެއް މީހުން ހެޔޮ ޢަމަލެއް ކުރުމަށް އުޅެފި ނަމަ، ޝައިޠާނާ އައިސް ބުނާނެއެވެ: ތިބާއަކީ ދެއްކުންތެރިއެކެވެ. ޢިލްމުގެ މަޖިލީހަކަށް ދާން އުޅެފި ނަމަ، ބުނާނެއެވެ: ތިބާއަކީ ދެއްކުންތެރިއެކެވެ. ޞަދަޤާދެއް ދޭން އުޅެފި ނަމަ، ބުނާނެއެވެ: ތިބާއަކީ ދެއްކުންތެރިއެކެވެ. އެއީ އެ މީހަކު ހެޔޮ ޢަމަލު ކުރިޔަ ނުދިނުމަށެވެ. ޝައިޠާނާގެ މިފަދަ ވަސްވާސްތަކަށް ތިބާ ފުރަގަސްދީ އެ ކަންކަމަށް އަޅާނުލާށެވެ. އަދި އިޚްލާޞްތެރިވެ (ހެޔޮ) ޢަމަލުކުރުމުގައި ކުރިއަށް ދާށެވެ.
މީގެ އިތުރުން ޢަމަލު ކުރުމުގައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ތަބާވުމަކީ ވެސް ޝަރުޠެކެވެ. މި ޝަރުޠާއި ނުލައި އެއްވެސް ޢަމަލެއް ޞާލިޙު ހެޔޮ ޢަމަލެއް ކަމުގައި ނުވާނެއެވެ. ﷲގެ ދީނަށް، އެ ދީނުގައި ޝަރުޢުކުރައްވާފައި ނުވާ ކަމެއް ގެނެސް ކުރިކަމުގައި ވިޔަށް އެއީ ހެޔޮ ޢަމަލެއް ކަމުގައި ނުވާނެއެވެ. އަދި އެއީ މާތް ﷲގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ ޢަމަލެއްކަމުގައި ވީނަމަވެސް (ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެ ޢަމަލެއް ބަޔާންދެއްވާފައިވާ ގޮތާއި ޚިލާފަށް)ކޮށްފި ނަމަ، އެ ޢަމަލެއް ވަނީ (ޤަބޫލުނުކުރެވި) ރައްދުކުރެވިގެންނެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ކިބައިން ޘާބިތުވެގެންވެއެވެ.
«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»[2]
މާނައީ: "އަހަރެމެން ކުރުމަށް ނާންގަވާ އަމަލެއްކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެ ކަމެއް ވަނީ (ބާޠިލުވެ) ރައްދުކުރެވިގެންނެވެ."
އެހެން ރިވާޔަތެއްގައި ވެއެވެ.
"އަހަރެމެންގެ މި ދީނުގައި ނުވާ އާ ކަމެއް އުފައްދައި (ބިދުޢައެއް ގެނެސްފި) މީހާ (ދަންނާށެވެ!) ފަހެ، އެ ކަމެއް ވަނީ (ބާޠިލުވެ) ރައްދު ކުރެވިގެންނެވެ."[3]
މަޞްދަރު: اللقاء الشهري (37/6)
