މި ދިހަ ދުވަހު ކުރަންވީ ކޮން ހެޔޮ ޢަމަލުތަކެއް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
މި ދިހަ ދުވަހު (ޙައްޖުމަހުގެ ފުރަތަަމަ ދިހަ ދުވަހު) ކުރުމަށް ޝަރުޢުވެގެންވާ ކަންކަމަށް ބަލައިލަމާ ހިނގާށެވެ. ބުނަމެވެ. މި ދުވަސްތަކުގައި ޛިކުރުކުރުން ޝަރުޢުވެގެންވެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ.
﴿لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۖ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ﴾
[الحَجّ 28]
މާނައީ: "އަދި ނަޢަމްސޫފީގެ ތެރެއިން އެބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މައްޗަށް، ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެބައިމީހުން ﷲއަށް ޛިކުރުކޮށް އެ އިލާހު ހަނދުމަކުރުމަށް ޓަކައެވެ."
ކަނޑައެޅި އެނގިގެންވާ ދުވަސްތަކަކީ ޛުލްޙިއްޖާ މަހުގެ (ފުރަތަަމަ) ދިހަ ދުވަހެވެ. ވުމާ އެކު މި ދުވަސްތަކުގައި ޛިކުރުކުރުން ގިނަކުރުން ހުއްޓެވެ. ޛިކުރު ކުރުމުގެ ތެރޭގައި ތަކްބީރާއި، ތަހްލީލާއި އަދި ތަޙްމީދުކުރުން ހިމެނެއެވެ. ތިބާ (މި ދުވަސްތަކުގައި) اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إلَهَ إِلَّا اللهُ، اللهُ أَكْبَرُ، اللهُ أَكْبَرُ، وَللهِ الْحَمْدُ ކިޔާށެވެ.
މިފަދައިން ކިޔުން ގިނަ ކުރާށެވެ. މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔާށެވެ. އަދި ބާޒާރުތަކާއި ގެތަކުގައި ވެސް ކިޔާށެވެ. އަދި ފަހަރެއްގައި ގެތަކުގައި މި ޛިކުރު ކިޔުމައީ ޖިންނީންނާއި ޝައިޠާނުންގެ ފަރާތުން ގެތަކަށްވާ ރައްކާތެރިކަމެއް ކަމުގައި ވެދާނެއެވެ. ސަބަބަކީ ﷲ، ޖިންނީންނާއި ޝައިޠާނުން ޞިފަކުރައްވާފައި ވަނީ خَنَّاسއިންގެ ގޮތުގައެވެ. (خَنَّاسއަކީ ނިވައިވެ ވަންހަނާވެ ފަހަތަށް ޖެހޭ އެއްޗެވެ.) ﷲގެ ޛިކުރު ކުރެވޭ ހިނދުو އެ އެއްޗެހިތައް ދުރަށް ޖެހި ފިލައިގެންދެއެވެ.
اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إلَهَ إِلَّا اللهُ، اللهُ أَكْبَرُ، اللهُ أَكْبَرُ، وَللهِ الْحَمْدُ.
ހުރިހާ ވަޤުތެއްގައި ވެސް މި ޛިކުރު ކުރާށެވެ. ސަބަބަކީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ހުރިހާ ޙާލެއްގައި ވެސް ﷲ ޛިކުރު ކުރައްވައި އުޅުއްވިއެވެ.
ރޯދަހިފުން
ޙައްޖުމަހުގެ ފުރަތަަމަ ދިހަ ދުވަހު ކުރުމަށް ޝަރުޢުވެގެންވާ ކަންކަމުގެ ތެރޭގައި، މި ދިހަ ދުވަހު ރޯދަހިފުން ހިމެނެއެވެ. އެއީ ޢީދު ދުވަސް ފިޔަވައެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ މި ދުވަސްތަކުގައި ރޯދަ ހިއްޕެވިއެވެ. އިމާމު އަޙްމަދާައި ސުނަނުގެ އަޞްޙާބުން، ޢުމަރު ބުން އަލްޚައްޠާބު رَضِيَ اللهُ عَنْهُގެ ދަރިކަނބަލުން ޙަފްޞާ رَضِيَ اللهُ عَنْهَاގެ ކިބައިން، ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ މި ދުވަސްތަކުގެ ރޯދަ ދޫނުކުރައްވާ ކަމުގައި ރިވާކުރައްވާފައިވެއެވެ. އަދި މި ކަމުގެ ރާޖިޙު ގޮތަކީ ވެސް މިއީއެވެ.
(ޞަޙީޙު) މުސްލިމުގައި، ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ (ޛުލްޙިއްޖާ މަހުގެ ފުރަތަަމަ) ދިހަ ދުވަހު ރޯދަ ނުހިއްޕަވާ ކަމަށްވާ ޢާއިޝާ رَضِيَ اللهُ عَنْهَاގެ ޙަދީޘާ މެދު ދަންނައެވެ. ފަހެ ކަމެއް ޘާބިތުކުރުމާއި އަދި ނަފީރުމަށް، ޢަދުލުވެރި އިތުބާރު ކުރެވޭ ދެ ބޭކަލެއްގެ ބަސްފުޅު އެއްވެއްޖެ ކަމުގައި ވާނަމަ، މި ޙާލަތުގައި އިސްކުރާނީ އެ ކަމެއް ޘާބިތުކުރުމަށް ވިދާޅުވާ ފަރާތުގެ ބަސްފުޅުކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ސަބަބަކީ އެ ބޭކަލަކަށް އެ ކަމުގެ ޢިލްމު އިތުރަށް ލިބިގެންވާތީއެވެ.
އަދި ޢާއިޝާ رَضِيَ اللهُ عَنْهَا މި ކަން ނަފީކުރައްވާފައި އެ ވަނީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ރޯދަ ނުހިއްޕަވާކަމަށް ނޫންކަމުގައި ވެދާނެއެވެ. ނަމަވެސް އެ ކަމަނާއަށް އެ ކަމުގެ ޢިލްމު ލިބިވަޑައިގެން ނުވާތީ ކަމަށް ވެދާނެއެވެ. ވާރިދުވެގެންވާ ދެ ޙަދީޘް ޖަމާކުރުމުން ދޭހަވަނީ މި ފަދައިންނެވެ.
ފަހެ ރޯދަ އަކީ އެންމެ މާތްވެގެންވާ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެކެވެ. އަދި އަންނަނިވި ޙަދީޘުގެ ތެރެއަށް (ރޯދަ ހިފުން ވެސް) ވަންނާނެއެވެ.
«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشَر»[1]
މާނައީ: "ހެޔޮ ޢަމަލުކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ."
ޙައްޖާއި ޢުމްރާގެ އަޅުކަން
އަދި މި ދުވަސްތަކުގައި ކުރުން ސުންނަތްވެގެންވާ އަޅުކަންތަކުގެ ތެރޭގައި ޙައްޖާއި ޢުމްރާ ކުރުމަށް ﷲގެ ގެކޮޅަށް ދިއުން ހިމެނެއެވެ. މިއީ މި ދުވަސްތަކުގައި ކުރެވޭނެ އެންމެ މާތްވެގެންވާ ކަމެވެ. މާނައަކީ މި ދުވަސްތަކުގައި ކުރުމަށް ޚާއްޞަވެގެންވާ އަޅުކަންތަކުގެ ތެރެއިން އެންމެ މާތްވެގެން ވަނީ ޙައްޖާއި ޢުމްރާ އަދާކުރުމަށް ﷲގެ ގެކޮޅަށް ދިއުމެވެ. ފަހެ ޙައްޖަކީ ﷲގެ މަގުގައި ޖިހާދުކުރުމުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެކެވެ. ޢާއިޝާ رَضِيَ اللهُ عَنْهَا، ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَއާ ސުވާލު ދެންނެވިއެވެ. "އަންހެނުންގެ މައްޗަށް ޖިހާދުކުރުން ވޭ ހެއްޔެވެ؟" އެކަލޭގެފާނު ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. "އެކަނބަލުންގެ މައްޗަށް ވަނީ ޤަތުލުކުރުމެއް ނުވާ ޖިހާދެކެވެ. (އެއީ) ޙައްޖާއި ޢުމްރާއެވެ."[2]
މި ތަނުގައި އިޝާރަތް ކުރެވިފައި މި ވަނީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅަށެވެ.
﴿وَأَنفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ﴾،﴿وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ﴾
[البَقَرَة 195-196]
މާނައީ: "އަދި ތިޔަބައިމީހުން ﷲގެ މަގުގައި ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ތިޔަބައިމީހުން ހަލާކުގެތެރެއަށް އެއްލައިނުލާށެވެ! އަދި ތިޔަބައިމީހުން އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން އިޙްސާންތެރިދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ތިޔަބައިމީހުން ﷲއަށް ޓަކައި ޙައްޖާއި ޢުމްރާގެ އަޅުކަން ފުރިހަމަކުރާށެވެ!"
އަދިވެސް މި ދުވަސްތަކުގައި ކުރެވިދާނެ އަޅުކަންތަކުގެ ތެރޭގައި، މި ދުވަސްތަކުގެ ތެރެއިން އެންމެ ފަހު ދުވަހުގައި (ޢީދު ދުވަހުގައި) އުޟްޙިޔާ ކަތިލައި ﷲއާއި ކުއްތަންވުން ހިމެނެއެވެ. މި ކަން ކުރާނީ ޙައްޖުގެ އަޅުކަމުގައި ބައިވެރިނުވާ މީސްތަކުން އެބައިމީހުންގެ އަމިއްލަ ޤައުމުގައެވެ. ޙައްޖުވެރިންނާ މެދު ދަންނައެވެ. އެބައިމީހުންގެ ޙައްޤުގައި ވަނީ ހަދްޔު ކަތިލުމެވެ. ސަބަބަކީ ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ޙައްޖުގައި ކަތިލެއްވީ ހަދްޔުއެވެ. އުޟްޙިޔާ ކަތިނުލައްވައެވެ. އަދި އެކަލޭގެފާނު ޙައްޖު އަދާނުކުރައްވާ އަހަރުތަކުގައި މަދީނާގައި އުޟްޙިޔާ ކަތިލެއްވިއެވެ.
މަޞްދަރު: اللقاء الشهري لابن عثيمين (10/3)
