ޙައްޖު މަހުގެ ފުރަތަމަ ދިހައެއް ޚާއްޞަވީ ކީއްވެ؟

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ލޮބުވެތި އަޚާއެވެ. މި ދިހަ ދުވަސް (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް) މާތްވެގެންވާ ސަބަބުތަކެއްވެއެވެ. އޭގެ ތެރެއިން (އެންމެ މުހިއްމު) ސަބަބުތައް ތިރީގައި މި ވަނީއެވެ.
ހުވާ ވަޙީކުރެއްވުން
ﷲ ތަޢާލާ ވަނީ މި ދުވަސްތައް ގަންދެއްވައި ހުވާ ވަޙީކުރައްވާފައެވެ. އެއްޗެއް މެދުވެރިކޮށް ހުވާކުރެއްވުމަކީ، އެ ކަމުގެ މުހިންމުކަމާއި އެ ކަމެއްގެ މަންފާގެ މަތިވެރިކަން ދަލީލުކޮށްދޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالْفَجْرِ﴾، ﴿وَلَيَالٍ عَشْرٍ﴾
[الفَجر 1-2]
މާނައީ: "ފަތިސްވަޤުތު ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ. އަދި ދިހަ ރޭ ގަންދެއްވައި ﷲ ހުވައި ވަޙީކުރައްވައެވެ."
އިބްނު ޢައްބާސް، އިބްނުއް ޒުބައިރު، މުޖާހިދު رَضِيَ اللهُ عَنْهُمْ އަދި ސަލަފުންނާއި، ޚަލަފުންގެ ތެރެއިން އެއް ބޭކަލަށްވުރެ ގިނަ ބޭކަލުން ވަނީ، މި ދިހަ ދުވަހަކީ ޙައްޖުމަހުގެ (ފުރަތަމަ) ދިހަ ދުވަސް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އިބްނު ކަޘީރު رَحِمَهُ اللهُ ވިދާޅުވިއެވެ.
ދުނިޔެ މަތީގައިވާ އެންމެ މާތް ދުވަސްތައް
ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ވަނީ، މި ދިހަ ދުވަހަކީ ދުނިޔެ މަތީގައިވާ އެންމެ މާތްވެގެންވާ ދުވަސްތައްކަމުގައި ހެކިވެވަޑައިގެންފައެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشَرَةِ قَالُوا: يَا رَسُولَ اللَّهِ، وَلَا الْجِهَادُ فِي سَبِيلِ اللَّهِ؟ قَالَ: وَلَا الْجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ»[2]
މާނައީ: "ހެޔޮ ޢަމަލުކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ." އެ ބޭކަލުން ވިދާޅުވިއެވެ. "އޭﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ބޮޑަށްހެއްޔެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ބޮޑަށެވެ. (އެއީ) އޭނާގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނާންނަ މީހާ ފިޔަވައެވެ."
ހެޔޮ ޢަމަލުކުރުމަށް ބާރުއެޅުއްވުން
މި ދުވަސްތަކުގައި ހެޔޮ ޢަމަލުކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ. އެހެނީ މި ދުވަސްތަކަކީ ޒަމާނުގެ ގޮތުން ޝަރަފުވެރި ދުވަސްތަކެކެވެ. މި ދުވަސްތަކުގައި ތަސްބީޙަ ކިޔުމާއި، ތަޙްމީދާއި ތަކްބީރު ކިޔުން ގިނަކުރުމަށް ކުރުމަށް އަމުރުކުރައްވައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ، وَلَا أَحَبُّ إِلَيْهِ مِنَ الْعَمَلِ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ، وَالتَّكْبِيرِ، وَالتَّحْمِيدِ» [3]
މާނައީ: "(ހެޔޮ) ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު އަދި މަތިވެރި އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން މި ދުވަސްތަކުގައި ތަހްލީލާއި، ތަކްބީރާއި އަދި ތަޙްމީދުކުރުން ގިނަކުރާށެވެ."
މި ދުވަސްތަކުގައި ޢަރަފާތް ދުވަސް ހިމެނިގެން ވެއެވެ. ޢަރަފާތް ދުވަހަކީ، ﷲ ތަޢާލާ އެ ދުވަހެއްގައި (އިސްލާމް) ދީން ފުރިހަމަކުރެއްވިކަމަށް އަންގަވައި ވަޙީކުރެއްވި ދުވަހެވެ. އަދި ޢަރަފާތް ދުވަހުގަައި ރޯދަ ހިފުމަކީ ދެ އަހަރު ދުވަހުގެ ފާފަތައް ފުހެވިގެންދާނެ ކަމެކެވެ. އަދި މި ދިހަ ދުވަހުގައި ނަޙްރުގެ ދުވަސް ވެސް ވެއެވެ. ނަޙްރުގެ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. މިއީ އެ ދުވަހެއްގައި، ކިޔަމަންވެރިކަމާއި، އަޅުކަންތަކުގެ ތެރެއިން އަހަރު އެހެން ދުވަސްތަކުގައި ޖަމާނުވާ ކަންކަން ޖަމާވާ ޙައްޖުގެ ދުވަހެވެ.
މަޞްދަރު: موقع إسلام سؤال وجواب.
