ޢުމުރުގައި ބަރަކާތްލެއްވޭ ކަމެއް

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
ޢުމުރުގައި ބަރަކާތްލެއްވޭ ކަމެއް

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ރަޙިމުގެ ގުޅުން ދެމެހެއްޓަށް ކީރިތި ޤުރުއާނާއި، ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ ސުންނަތް މުސްލިމުންނަށް ވަރަށް ބޮޑަށް ބާރުއަޅައި ގޮވާލައެވެ.

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَنْ كَانَ يُؤْمِنُ بِاللهِ وَاليَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ، وَمَنْ كَانَ يُؤْمِنُ بِاللهِ وَاليَومِ الآخِرِ فَلْيَصِلْ رَحِمَهُ، وَمَنْ كَانَ يُؤْمِنُ بِاللهِ وَاليَومِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ»[1]

މާނައީ: "ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ މެހެމާނުންނަށް ހެޔޮކަށްހިތާށެވެ. އަދި ﷲއާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. އަދި ﷲއާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ނޫންނަމަ ހަނުހުންނާށެވެ."

މިއީ މީސްތަކުންގެ މެދުގައި ލޯތްބާއި އެކުވެރިކަން އުފައްދައިދޭ 3 ކަމެވެ. މެހެމާނުންނަށް ހެޔޮކޮށް ހިތުމާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި އަދި މީސްތަކުންނަށް ރަނގަޅު ހެޔޮ ބަސް ބުނުމެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ މި ވަނީ މި ތިން ކަންތައް އީމާންކަމާއި ގުޅުވާލައްވާފައެވެ. ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، އޭނާގެ ރަޙިމުގެ ގުޅުން ނުކަނޑާނެއެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އަޅާގެ އީމާންކަމުގެ ޢަލާމާތެކެވެ.

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒްޤާއި، ޢުމުރުގައި ބަރަކާތްލެއްވޭ ކަމެއް

އެ މީހެއްގެ ޢުމުރުގައި ބަރަކާތްލެއްވި އަދި ރިޒްޤު ތަނަވަސް ވުމަކީ ކޮންމެ އިންސާނަކު ވެސް ބޭނުންވާނެ ކަމެކެވެ. މި ފަދަ ކޮންމެ މީހެއްގެ މައްޗަށް ވަނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ. އަނަސް رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» [2]

މާނައީ: "ރިޒްޤު ތަނަވަސްވުމަށް އެދޭ މީހާ އަދި އަޖަލު ފަސްވުމަށް އެދޭ މީހާ ދަންނައެވެ. ފަހެ އޭނާ، އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ."

އަދިވެސް އެކަލޭގެފާނު صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَنْ سَرَّهُ أَنْ يُمِدَّ اللَّهُ لَهُ فِي عُمُرِهِ وَيُوَسِّعَ لَهُ فِي رِزْقِهِ وَيَدْفَعَ عَنْهُ مَيْتَةَ السُّوءِ فَلْيَتَّقِ اللَّهَ وَلْيَصِلْ رَحِمَهُ»[3]

މާނައީ: "އެ މީހެއްގެ ޢުމުރު ދިގުވުމަށާއި ،ރިޒްޤު ތަނަވަސް ވުމަށާއި، އަދި ނުބައި މަރަކުން މަރުވުމުން ރައްކާތެރިވުމަށް އެދޭ މީހާ ދަންނައެވެ. ފަހެ އެ މީހަކު ﷲއަށް ތަޤުވާވެރިވެ، އެ މީހެއްގެ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ."

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބެއް

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«يا أيُّها الناسُ، أَفشُوا السَّلامَ، وأَطعِمُوا الطَّعامَ، وصِلُوا الأَرحامَ، وصَلّوا باللَّيلِ والنَّاسُ نِيَامٌ تَدخُلوا الجنَّةَ بسَلامٍ»[4]

"އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުން ސަލާމް ފަތުރާށެވެ. އަދި (ނިކަމެތިންނަށް) ކާންދޭށެވެ. އަދި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. އަދި ރޭގަނޑު މީސްތަކުން ނިދާފައި ތިބޭ ވަޤުތު ނަމާދު ކުރާށެވެ. (އޭރުން) ސަލާމަތްތެރިކަމާ އެކު ސުވަރުގެ ވަދެވޭނެއެވެ."

ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މާތްކަން އަންގައިދޭ، މި ނޫނަސް ވަރަށް ގިނަ އާޔަތްތަކާއި، ޙަދީޘް ބަސްފުޅުތައްވެއެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅާ ކަމެކެވެ. ވުމާ އެކު ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ތިޔަ ލޮބުވެތި އެންމެހާ އަޚުންނާއި އުޚްތުންނަށް ވަޞިއްޔަތް ކުރަމެވެ.

ދުޢާ އަކީ އަޅުގަނޑުމެން އެންމެންނަކީވެސް ރަޙިމުގެ ގުޅުން ދަމަހައްޓާ ބަޔަކު ކަމުގައި ލެއްވުމެވެ.

[1] أخرجه البخاري (6138)، ومسلم (47)

[2] أخرجه البخاري (5986)، ومسلم (2557)

[3] أخرجه عبدالله بن أحمد في "زوائد المسند" (1213) واللفظ له، والبزار كما في "مجمع الزوائد" للهيثمي (465/13)، والطبراني في "المعجم الأوسط" (3014)

[4] أخرجه الترمذي (2485)، وابن ماجة (1334)، وأحمد (23784) واللفظ لهم.

6 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް