މުޖުތަމަޢު އިޞްލާޙުވުމުގެ އެންމެ މުހިއްމު އެއް ސަބަބު

ނަޡީމް ނިޡާމް•5 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
މުޖުތަމަޢު އިޞްލާޙުވުމުގެ އެންމެ މުހިއްމު އެއް ސަބަބު

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

(މީސްތަކުންގެ މައްޗަށްވާ) އެންމެ މުހިއްމު އެއް ވާޖިބަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ﴾

[التَّوبَة 71]

މާނައީ: "މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަކީ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އެ މީހުން ހެޔޮކަންކަމަށް އަމުރުކޮށް އަދި މުންކަރާތްތައް ނަހީކުރެއެވެ."

ފަހެ ބަޔާންވެ ދިޔަ އާޔަތުގައި ﷲ ތަޢާލާ އެ ވަނީ، ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރުމަކީ މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންގެ ޞިފައެއްކަމުގައި ބަޔާންކުރައްވާފައެވެ.

އަދިވެސް އެ އިލާހު ވަޙީކުރައްވާފައިވެއެވެ.

﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ﴾

[آل عِمرَان 110]

މާނައީ: "މީސްތަކުންނަށް ނެރެވުނު އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކޮށް އަދި މުންކަރާތްތައް ނަހީކުރަމުއެވެ. އަދި ތިޔަބައިމީހުން ﷲއަށް އީމާން ވަމުއެވެ."

ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَنْ رَأَى مِنْكُم مُنكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَستَطعْ فَبِلِسَانِهِ، فَإِنْ لَمْ يَستَطعْ فَبِقَلبِه، وَذَلِكَ أَضْعَفُ الإِيمَانِ»[1]

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެ ނަމަ، އެ މީހެއްގެ އަތުން އެ ކަން މަނާކުރާށެވެ. އަދި އަތުން މަނާ ނުކުރެވޭނެ ނަމަ، އެ މީހެއްގެ ދުލުން އެ ކަން މަނާކުރާށެވެ. އަދި ދުލުން މަނާ ނުކުރެވޭނެ ނަމަ، އެ މީހެއްގެ ހިތުން އެ ކަމެއް މަނާކުރާށެވެ. އެއީ އިމާންތެރިކަމުގެ އެންމެ ދަށު ދަރަޖައެވެ."

ހެޔޮކަންކަމަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމަކީ ވާޖިބެއްކަމާއި އަދި މި ކަން ދޫކޮށްލުމުގެ ނުބައިކަން ދޭހަކޮށްދޭ އާޔަތްތަކާއި، ޙަދީޘް ބަސްފުޅުތައް ވަރަށް ގިނައެވެ. ފަހެ ތިޔަބައިމީހުންގެ މައްޗަށާއި އަދި ކޮންމެ މުސްލިމު ފިރިހެނަކާއި، މުސްލިމު އަންހެނެއްގެ މައްޗަށް ވާޖިބުވެގެން ވަނީ ހެޔޮކަންކަމަށް އަމުރުކޮށް އަދި މުންކަރާތްތައް ނަހީކުރުމެވެ. އެއީ އޭގެ ސަބަބުން ބަޔަކު ރުޅިއައިސް އެއްޗެހި ކީ ކަމުގައި ވިޔަސް މެއެވެ. މި ކަމުގެ މައްޗަށް ކެތްތެރިވާން ޖެހޭނެއެވެ. އެއީ ޞަލަވާތާއި ސަލާމް ލެއްވި ރަސޫލުންނާއި އަދި ހެޔޮގޮތުގައި އެބޭކަލުންނަށް ތަބަޢަވީ މީހުންގެ މަގެވެ.

ﷲ ތަޢާލާ އެ އިލާހުގެ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَއާ މުޚާޠަބުކުރައްވައި ވަޙީކުރައްވާފައިވެއެވެ.

﴿فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ﴾

[الأَحقَاف 35]

މާނަައީ: "ރަސޫލުބޭކަލުންކުރެ ހިތްވަރުފުޅުގަދަ ޢަޒުމު ވަރުގަދަބޭކަލުން (އުލުލް ޢަޒުމުގެ ބޭކަލުން) ކެތްތެރިވެވަޑައިގެންނެވި ފަދައިން ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ!"

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

﴿وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ﴾

[الأَنفَال 46]

މާނައީ: "އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެން ވަނީ ކެތްތެރިންނާ އެކުއެވެ."

ޙިކުމަތްތެރި ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ.

﴿يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ﴾

[لُقمَان 17]

މާނައީ: "އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ. އަދި ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާށެވެ. އަދި ދިމާވާ ކަންކަމުގެ މައްޗަށް (ދަތިތަކާ މުޞީބާތްތަކަށް) ކެތްތެރިވާށެވެ."

މުޖުތަމަޢު އިޞްލާޙުވުމާއި އަދި އެ ގޮތުގެ މަތީގައި ދެމިއޮތުން ވަނީ ﷲގެ ޙަޟްރަތުގައެވެ. އަދި އެއަށްފަހު ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގައެވެ. މުޖުތަމަޢު ފަސާދަވެ، ބައިބައިވެ އަދި ޢާންމު ޢުޤޫބާތައް ހުށައެޅިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ހެޔޮކަންކަމަށް އަމުރު ނުކުރުމާއި އަދި މުންކަރާތްތައް ނަހީ ނުކުރުމެވެ.

ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«إِنَّ النَّاسَ إِذَا رَأَوُا الْمُنْكَرَ فَلَمْ يُغَيِّرُوهُ، أَوْشَكَ أَنْ يَعُمَّهُمُ اللَّهُ بِعِقَابِهِ»[2]

މާނައީ: "ހަމަކަށަވަރުން މީސްތަކުންނަށް މުންކަރާތެއް ފެނި އެ ކަން މަނާނުކޮށްފި ނަމަ، އެބައިމީހުންގެ މައްޗަށް ﷲގެ ޙަޟްރަތުން ޢާންމުވެގެންވާ ޢުޤޫބާތެއް އައުން ގާތްވެގެންވެއެވެ."

ބަނޫ އިސްރާއީލުގެ ޢަމަލަކާ ގުޅޭގޮތުން ﷲ ތަޢާލާ، އެ އިލާހުގެ އަޅުތަކުންނަށް އިންޛާރުކުރައްވައި ވަޙީކުރައްވާފައިވެއެވެ.

﴿لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ﴾، ﴿كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ﴾

[المَائِدَة 78-79]

މާނައީ: "ދާވޫދު عَلَيهِ السَّلَامُއާއި ޢީސާ عَلَيهِ السَّلَامُގެ ދޫފުޅުމަތީން ބަނޫ އިސްރާއީލުގެ މީހުންނަށް ލަޢުނަތް ލެއްވިއްޖެއެވެ. އެއީ އެ މީހުންގެ އުރެދުމުގެ ސަބަބުންނާއި އަދި އެ މީހުން ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. އެބައިމީހުން ވީ އެބައިމީހުން ކޮށްއުޅުނު މުންކަރާތްތައް ނަހީނުކުރާ ބައެއް ކަމުގައެވެ. އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!"

އެންމެހާ މުސްލިމުންނަކީ ވެސް މި ވާޖިބު އެންމެ ހެޔޮ ގޮތުގައި އަދާކުރާ ބައެއް ކަމުގައި ލެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި (އެ އިލާހުގެ ޙަޟްރަތުގައި) މުސްލިމުންގެ އެންމެހާ ކަންކަން އިޞްލާޙު ކޮށްދެއްވުން އެދެމެވެ. އަދި ﷲ ތަޢާލާގެ ނުރުއްސެވުމަށް މަގުފައިވާ ކޮންމެ ކަމަކުން ރައްކާތެރިކަމަށް އެދެމެވެ. އެ އިލާހަކީ ހަމަކަށަވަރުން (އަޅުތަކުންގެ ދުޢާ) އަޑުއައްސަވާ އަދި އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ އިލާހެވެ.

މަޞްދަރު: مجموع فتاوى ومقالات الشيخ ابن باز (344/6)

[1] أخرجه مسلم (49)، وابن ماجة (4013)، وأحمد (11460) واللفظ لهم.

[2] أخرجه أبو داود (4338)، والترمذي (2168)، وابن ماجه (4005) باختلاف يسير عندهم.

7 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް