ކަންކަމުގައި ވާއަތް އިސްކުރުން!

ނަޡީމް ނިޡާމް•4 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
ކަންކަމުގައި ވާއަތް އިސްކުރުން!

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

އައްޝައިޚް އިބްނު ޢުޘައިމީން رَحِمَهُ اللهُ ވިދާޅުވިއެވެ.

"ވާއަތުން ކެއުމާއި، ވާއަތުން ބުއިމާއި، ވާއަތުން އެއްޗެހީގައި ހިފުމާއި، ވާއަތުން އެއްޗެހި ދިނުން، މި ހަތަރު ކަމަކީ ވެސް ސުންނަތާއި ޚިލާފު ހަތަރު ކަމެވެ. ފަހެ ކެއުމާއި، ބުއިމާއި، އެހެން މީހަކު ދޭ އެއްޗެއްގައި ހިފުމާއި، އެހެން މީހަކަށް އެއްޗެއް ދިނުން ވަނީ ކަނާއަތުންނެވެ. ސުންނަތް ގޮތަކީ މިއީ އެވެ. ނަމަވެސް ވާއަތުން ކެއުމާއި ބުއިމަކީ ޙަރާމު ކަމެކެވެ. އެހެނީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ.

«لَا يَأْكُلْ أَحَدُكُمْ بِشِمَالِهِ، وَلَا يَشْرَبُ بِشِمَالِهِ؛ فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ، وَيَشْرَبُ بِشِمَالِهِ»[2]

މާނައީ: "ތިޔަބައިމީހުންކުރެ އެއްވެސް މީހަކު އެ މީހެއްގެ ވާއަތުން ނުކާށެވެ. އަދި ވާއަތުން ނުބޯށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނާ ކަނީ ވެސް އަދި ބޮނީ ވެސް އޭނާގެ ވާއަތުންނެވެ."

ފަހެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ މި ވަނީ ވާއަތުން ކެއުމާއި ބުއިން ނަހީ ކުރައްވާފައެވެ. އަދި މި ކަމުގެ ސަބަބެއް ކަމުގައި ބަޔާންކޮށްދެއްވާފައި މި ވަނީ އެ ޢަމަލަކީ ޝައިޠާނާގެ ޢަމަލެއްކަމުގައި ވުމެވެ. އަދި ވާއަތުން ކެއުމާއި ބުއިމުން ދުރުހެލިވުމަށް މި ސަބަބު އިތުރައް ބާރު ދެއެވެ. ކެއިން ބުއިމުގައި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަވެ ޝައިތާނާއާ ވައްތަރުވެގަތުމާއި ނުވަތަ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ގެ ހިދާޔަތާއި އިރުޝާދަށް ތަބަޢަވުމާއި ދެމެދު މުސްލިމު އަޚާ ޚިޔާރުކުމަށް ދެވިއްޖެ ނަމަ، ޚިޔާރު ކުރާނީ ކޮންކަމެއް ކަމެއް ނޭނގެއެވެ. މި ދެކަމުން ޚިޔާރު ކުރުމަށް ދެވިއްޖެ ނަމަ، އެ މީހަކު ޚިޔާރު ކުރާނީ ކޮންކަމެއް ހެއްޔެވެ؟ އެނގިގެންވާ ގޮތުގައި ކޮންމެ މުއުމިނަކު ވެސް ޚިޔާރު ކުރާނީ ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ތަބަޢަވެ އެކަލޭގެފާނު ދައްކަވާދީފައިވާ ގޮތްތަކުގައި ހިފުމެވެ. ފަހެ މީގެ މައްޗަށް ބުނަމެވެ. އިންސާނާ ވާއަތުން ކެއުމާއި ބުއިމަކީ ޙަރާމް ކަމެކެވެ. ޙަރާމް ކަމެއްކަމުގައި ވެއްޖެ ނަމަ، ޝަރުޢީ ޤާޢިދާއެއްގައިވާ ފަދައިން ޟަރޫރަތަކަށް މެނުވީ ހުއްދަ ނުވާނެއެވެ. ޟަރޫރާތްތަކުގެ ތެރޭގައި މިޘާލަކަށް ކަނާއަތް ވައުވުން، ކަނާއަތް ހަލާކުވުން، ކަނާއަތް ފިހުން ނުވަތަ މިފަދަ ކޮންމެވެސް ކަމެއް މެދުވެރި ވުމެވެ. ނުވަތަ ކަނާއަތް ބޭނުންކޮށްގެން ކެއުމަށް ނުވަތަ ބުއިމަށް ޢުޛުރުވެރިވާފަދަ ކަމެއް ދިމާވުމެވެ. އަދި ކާ ވަޤުތު (ކާ) ތަށި ހަޑިވެދާނެތީ އެ ކަމުން ދުރުހެލިވުމުގެ ގޮތުންނާއި، އެ ކަމަށް ބިރުން ބައެއް މީހުން ވާތުން ފެންބޯ ބުއިމަކީ، އިންސާނަކު ވާތުން (ކެއުމަށް ނުވަތަ) ބުއިމަށް އޮތް އުޒުރެއް ނޫނެވެ. ފުރަތަމަ ކަމަކީ ތަށި ތަޣައްޔަރުވުމަކީ ވެދާނެ ކަމެކެވެ. އަދި ނުވެވެސް ހިނގައިދާނެ ކަމެކެވެ. އެ ތަށްޓަކީ ބިއްލޫރި ތަށްޓެއް ފަދަ އެއްޗެއް ނަމަ، ބޮޑުވައިއިނގިއްޔާއި ޝަހާދަތް އިނގިއްޔާ ދެމެދު އެ ތަށީގެ ތިރީގައި ހިފުމަކީ މީހަކަށް ކުރެވިދާނެ ކަމެކެވެ. އަދި އަނގައާ ހަމައަށް ގެންދެވެންދެން އަތްތިލައިގެ މަތީގައި ބެހެއްޓުމަށްފަހު، ތަށި ބަންޑުން ނުޖެހޭނޭހެން ވާއަތުން ތަށީގައި އަތް ޖައްސާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި މި ގޮތަށް ކަންތައް ނުކުރެވޭނެ ކަމަށާއި، ތަށި ހަޑިވެދާނެ ކަމަށް އަޅުގަނޑުމެން ބުނި ކަމުގައި ވިޔަސް، އެ ހަޑިވަނީ ކޮން އެއްޗަކުން ހެއްޔެވެ؟ އެ ހަޑިވަނީ ނަޖިހަކުން ހެއްޔެވެ؟ (ނޫނެކެވެ.) އެ ހަޑިވަނީ ފަހުން ދޮވެލެވޭނެ، ޠާހިރު، ރަނގަޅު ކާނާއަކުންނެވެ. ދެން ފަހެ، މި ޒަމާނުގައި ﷲ މީސްތަކުންނަށް ނިޢުމަތް ތަނަވަސްކޮށްދެއްވާފައިވާ މިންވަރުން، ކޮންމެ މީހެއްގެ އަތުގައި ވެސް ކަރުދާސް ތަށްޓެއް ނުވަތަ އެނޫންވެސް އެ މީހަކަށް ޚާއްޞަ ތަށްޓެއް ހުންނަކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް، ބައެއް މީހުން މި ކަމުގައި ފަރުވާކުޑަކޮށް، ތަށީގައި ހިފައި ވާތުން ބޮއެ ހަދައެވެ. ވާތުން ކެއުމަކީ ޙަރާމް ކަމެއްކަމާއި، ވާތުން ބުއިމަކީ ޙަރާމް ކަމެއްކަން އެނގިހުރެ އެއްވެސް މީހަކު މިފަދަ ފަރުވާކުޑަކަމެއް ދައްކަފާނެ ކަމަކަށް އަޅުގަނޑު ހިއެއް ނުކުރަމެވެ. ސަބަބަކީ، މުއުމިނަކު ﷲ ޙަރާމްކުރެއްވި ކަމެއްގެ ތެރެއަށް އަމިއްލަ ނަފުސު ވައްޓައިލަން ބޭނުން ނުވާނެތީއެވެ. އަދި ޟަރޫރީ ޙާލަތެއްގައި މެނުވީ ޙަރާމް ކަމެއް ހުއްދަ ނުވާނެކަން (ކިރިޔާވެސް ކަންކަން) ދަންނަ މީހަކަށް އެނގޭނެތީއެވެ. އެހެންކަމުން، ޢާންމުކޮށް އަޅުގަނޑުމެންގެ މުސްލިމް އަޚުންނަށް، މި ކަމުގެ ތެރެއަށް ވަދެވި މި ކަމުގައި ފަރުވާކުޑަކުރުމުން (އެބަހީ ވާއަތުން ކެއުމާއި ވާތުން ބުއިމުން) ރައްކާތެރިވުމަށް އަޅުގަނޑު ނަޞޭޙަތްތެރިވަމެވެ. އަޅުގަނޑު އެ މީހުންނަށް ދަންނަވަމެވެ: ﷲގެ ޙަޟްރަތުން ދަރުމައަށް އެދޭށެވެ. އަދި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ކިޔަމަންތެރިވާށެވެ. ޤިޔާމަތް ދުވަހު އެކަލޭގެފާނުގެ ޙައުޟަށް ޙާޟިރުވެ، އެއިން (ފެން) ބޯން އެދޭ ކަމުގައި ވާނަމަ، އެކަލޭގެފާނުގެ އިރުޝާދުތަކުގައި (ރަނގަޅަށް) ހިފަހައްޓާށެވެ! އަޅުގަނޑުމެން އެންމެންނަކީ އެކަލޭގެފާނުގެ ޙައުޟަށް ޙާޟިރުވެ، އެއަށްފަހު ދުވަހަކު ވެސް ކަރުހިއްކުމެއް ނުވާނޭ ފަދަ ބުއިމަކުން އެއިން ބޯން ލިބޭ ބައެއް ކަމުގައި ލެއްވުމަށް މާތް ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ."

މަޞްދަރު: فتاوى نور على الدرب للعثيمين (2/24)

[2] أخرجه مسلم (2020)، وأبو داود (3667)، والترمذي (1799)، والنسائي في ((السنن الكبرى)) (6747)، وأحمد (5514) واللفظ له.

11 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް