އަބޫ ހުރައިރާ رَضِيَ اللهُ عَنْهُއާއި ޝައިޠާނާ

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
މިއީ ޞަޙީޙު ބުޚާރީގައި އައިސްފައިވާ ޙަދީޘެކެވެ.[1] އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
"ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތިމަންކަލޭގެފާނާއި، ރަމަޟާން މަހުގެ ޒަކާތް ބެލެހެއްޓުން ހަވާލު ކުރެއްވިއެވެ. (އެއްރެޔަކު) ކޮންމެވެސް މީހަކު އައިސް ކާތަކެތިން އެއްޗެހި ނަގަނިކޮށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. ތިމަންކަލޭގެފާނު އެމީހަކު ހިފެހެއްޓެމުފަށްމަހު ވިދާޅުވީމެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިބާ ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ގެންދާނަމެވެ. އޭނާ ބުންޏެވެ. ހަމަކަށަވަރުން އަހަރެން ވަނީ މިއަށް ބޭނުން ޖެހިގެންނެވެ. އަދި އަހަރެންގެ ދަރިން އެބަތިއްބެވެ. އަދި އަހަރެން ވަނީ ވަރަށް ބޮޑަށް މިއަށް ބޭނުން ޖެހިގެންނެވެ. (އެ މީހަކު މިފަދައިން ބުނުމުން) ތިމަންކަލޭގެފާނު އެ މީހަކު ދޫކޮށްލެއްވީމެވެ. އަނެއް ދުވަހުގެ ހެނދުނު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. އޭ އަބޫ ހުރައިރާ އެވެ! ރޭގައި ކަލޭގެފާނުގެ އަސީރު ކަންތައް ކުރީ ކިހިނަކުން ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އޭނާ އެއަށް ވަރަށް ބޮޑަށް ބޭނުންޖެހިގެންވާ ކަމަށާއި އަދި ދަރިން ތިބި ކަމަށް ބުނެ އާދޭސްކޮށް ޝަކުވާ ކުރުމުން ތިމަންކަލޭގެފާނު އޭނާއަށް ރަޙުމު ކުރައްވައި ދޫކޮށްލެއްވީއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. އޭނާ ހަމަކަށަވަރުންވެސް އެހެދީ ދޮގެވެ. އަދި އޭނާ އަނެއްކާވެސް އެނބުރި އަންނާނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އޭނާ އެނބުރި އަންނާނޭ ކަމަށް ޙަދީޘް ކުރެއްވުމުން ތިމަންކަލޭގެފާނު އެކަން ޔަޤީންކުރައްވައި ފާރަވެރިވެ ހުންނެވީމެވެ. އޭނާ އައިސް ކާއެއްޗެހި ނަގަން ފެށުމުން ތިމަންކަލޭގެފާނު އޭނާ ހިފެހެއްޓުމަށްފަހު ވިދާޅުވީމެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިބާ ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ގެންދާނަމެވެ. އޭނާ ބުންޏެވެ. ތިމަން ދޫކޮށްލާށެވެ. ފަހެ އަހަރެން ވަނީ މިއަށް ބޭނުން ޖެހިގެންނެވެ. އަދި އަހަރެންގެ ދަރިން އެބަތިއްބެވެ. އަހަރެން ދެން އެނބުރި ނާންނާނަމެވެ. އޭނާ މިފަދައިން ބުނުމުން ތިމަންކަލޭގެފާނު އޭނާއަށް ރަޙުމު ކުރައްވައި ދޫކޮށްލެއްވީއެވެ. އަނެއް ދުވަހުގެ ހެނދުނު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. އޭ އަބޫ ހުރައިރާ އެވެ! ތިބާގެ އަސީރު ކަންތައް ކުރީ ކިހިނަކުން ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އޭނާ ވަރަށް ބޮޑަށް ބޭނުންޖެހިގެންވާ ކަމަށާއި އަދި ދަރިން ތިބޭ ކަމަށް ބުނެ އާދޭސްކޮށް ޝަކުވާ ކުރުމުން ތިމަންކަލޭގެފާނު އޭނާއަށް ރަޙުމު ކުރައްވައި ދޫކޮށްލެއްވީއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. އޭނާ ހަމަކަށަވަރުންވެސް އެހެދީ ދޮގެވެ. އަދި އޭނާ އަނެއްކާވެސް އެނބުރި އަންނާނެއެވެ. ތިންވަނަ ރޭވެސް ތިމަންކަލޭގެފާނު ފާރަވެރިވެ ހުންނެވީމެވެ. އޭނާ އައިސް ކާއެއްޗެހި ނަގަން ފެށުމުން ތިމަންކަލޭގެފާނު އޭނާ ހިފެހެއްޓެމުފަށްމަހު ވިދާޅުވީމެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިބާ ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ގެންދާނަމެވެ. މިއީ ތިބާ އެނބުރި ނާންނާނެ ކަމަށް ބުނެ އައިސް ކާ އެއްޗެހި ނަގާ ތިންވަނަ ފަހަރެވެ. އޭނާ ބުންޏެވެ. އަހަރެން ދޫކޮށްލާށެވެ. (އޭރުން) އެ ކަލިމަ ތަކެއްގެ ސަބަބުން ﷲ ކަލޭގެފާނަށް މަންފާ ކޮށްދެއްވާނެ ކަލިމަތަކެއް އުނގަންނަވައި ދެއްވާނަމެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އެ ކަލިމަ ތަކަކީ ކޮބައި ހެއްޔެވެ؟ އޭނާ ބުންޏެވެ. ކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމަށް ކަލޭގެފާނުގެ ދާންކޮޅަށް އަރައިވަޑައިގެންފިނަމަ އާޔަތުލް ކުރުސި ކިޔަވާ ވިދާޅުވާށެވެ. {اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ} އާޔަތް ނިމެންދެން ކިޔަވާ ވިދާޅުވާށެވެ. ފަހެ ހެނދުނު ވެއްޖައުމަށް ދާންދެން ﷲގެ ޙަޟްރަތުން ކަލޭގެފާނު ރައްކާތެރި ކޮށްދެއްވާނޭ ފަރާތެއް ހުންނަވާނެއެވެ. އަދި (އެ ރޭ) ހެނދުނު ވަންދެން ކަލޭގެފާނާއި ޝައިޠާނަކު ކައިރި ނުވާނެއެވެ. އަނެއް ދުވަހުގެ ހެނދުނު ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. އޭ އަބޫ ހުރައިރާ އެވެ! ރޭގައި ކަލޭގެފާނުގެ އަސީރު ކަންތައް ކުރީ ކިހިނަކުން ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އެ ކަލިމަ ތަކެއްގެ ސަބަބުން ﷲ ތިމަންކަލޭގެފާނަށް މަންފާ ކޮށްދެއްވާނޭ ކަލިމަތަކެއް އުނގަންނަވައި ދެއްވާނެ ކަމަށް ބުނުމުން އޭނާ ދޫކޮށްލީއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. އެ ކަލިމަ ތަކަކީ ކޮބައި ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ނިދަން ދާނަށް އަރައިފި ނަމަ، އާޔަތުލް ކުރުސި ﴿اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ﴾ ފެށިގެން ނިމެންދެން ކިޔެވުމަށް އޭނާ ބުންޏެވެ. އަދި ހެނދުނު ވެއްޖައުމަށް ދާންދެން ﷲގެ ޙަޟްރަތުން ރައްކާތެރި ކޮށްދެއްވާނޭ ފަރާތެއް ހުންނަވާނެ ކަމަށާއި، (އެ ރޭ) ހެނދުނު ވަންދެން ޝައިޠާނަކު ކައިރި ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ. -އަދި ހެޔޮ ޢަމަލުތަކަށް ނުހަނު ދަހިވެތިވި ބޭކަލުންތަކެއް ކަމުގައި އެ ބޭކަލުން ވިއެވެ-. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. އޭނާ އެބުނީ ތެދެކެވެ. އޭނާ އަކީ ދޮގު ވެރިއެއްކަމަކު މިފަހަރު ކަލޭގެފާނަށް ތެދު ހަދައިފިއެވެ. އަދި ތިމަންކަލޭގެފާނާއި ސުވާލު ދެންނެވިއެވެ. އޭ އަބޫ ހުރައިރާ އެވެ! (ފާއިތުވެ ދިޔަ) ތިން ރޭ ކަލޭގެފާނާއި ވާހަކަ ދެއްކީ ކާކުކަން އެނގިވަޑައިގަންނަވަމު ހެއްޔެވެ؟ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ނޫނެކެވެ. އެކަލޭގެފާނު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. އެއީ ޝައިޠާނާއެވެ."
އާޔަތުލް ކުރުސި އަކީ ކީރިތި ޤުރުއާނުގެ އެންމެ މަތިވެރި އެއް އާޔަތެވެ. އަދި މި ޙަދީޘަކީ އާޔަތުލް ކުރުސިގެ މަތިވެރިކަން ބަޔާންކޮށްދޭ އެއް ޙަދީޘެވެ.
[1] أخرجه البخاري (2311)، والنسائي في ((الكبرى)) (10729)، والبيهقي في ((الدعوات الكبير)) (406) باختلاف يسير.
