ނަމާދުގެ ޖަމާޢަތުގައި މައުމޫމުން އަޑުހަރުކޮށް ތަކުބީރުތައް ކިޔުން

ނަޡީމް ނިޡާމް•3 އޮކްޓޫބަރު 2026•5 މިނެޓުގެ ކިޔުން
ނަމާދުގެ ޖަމާޢަތުގައި މައުމޫމުން އަޑުހަރުކޮށް ތަކުބީރުތައް ކިޔުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

މައުމޫމުންނާއި އިމާމު މީހާގެ ނަމާދުގައި، ވަރަށް ކުޑަ ތަފާތެއް މެނުވީ ނުވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ އަންނަނިވި ޙަދީޘް ބަސްފުޅުގައި އިމާމު މީހާ އަދި މައުމޫމުން ޝާމިލު ވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

«صَلُّوا كَمَا رَأَيْتُمُونِي أُصَلِّي»[1]

މާނައީ: "ތިމަންކަލޭގެފާނު ނަމާދުކުރެއްވީތީ ދުށް ގޮތަށް ތިޔަބައިމީހުން ނަމާދުކުރާށެވެ."

އިމާމު މީހާ އަދި މައުމޫމުންގެ ނަމާދުގައި އެންމެ މުހިއްމު އެއް ތަފާތަކީ އިމާމު މީހާ ނަމާދުގެ ތަކުބީރުތައް އަޑު ހަރުކޮށް ކިޔުމެވެ. މައުމޫމުންގެ މައްޗަށް ވަނީ ސިއްރުން ކިޔުމެވެ.

މައުމޫމުން ނަމާދުގެ ތަކުބީރުތައް އަޑު ހަރުކޮށް ނުކިޔާނެ އެވެ. މި ކަމަށް ދަލީލުކޮށްދޭ ބައެއް ޙަދީޘް ބަސްފުޅުތައް ވާރިދުވެފައިވެއެވެ. އަދި މި ކަމުގެ މައްޗަށް ޢިލްމުވެރިންގެ އިޖުމާޢު ވެސް ވެއެވެ. އަދި މުސްލިމުން ހުރިހާ ޤައުމެއްގައި ވެސް މި ކަމުގައި ޢަމަލުކުރަމުން އަންނަ ގޮތް ވެސް މި ކަމަށް ދަލީލުކޮށްދެއެވެ.

ޖާބިރު رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެންވެއެވެ.

«صَلَّى بِنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَأَبُو بَكْرٍ خَلْفَهُ، فَإِذَا كَبَّرَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَبَّرَ أَبُو بَكْرٍ لِيُسْمِعَنَا»[3]

މާނައީ: "ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތިމަން ބޭކަލުންނާއިގެން ނަމާދު ކުރެއްވެވިއެވެ. އަދި އަބޫބަކުރު رَضِيَ اللهُ عَنْهُ އެކަލޭގެފާނުގެ ފަހަތްޕުޅުގައި ހުންނެވިއެވެ. ފަހެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތަކުބީރު ވިދާޅުވުމުން، ތިމަން ބޭކަލުންނަށް އަޑު އިއްވެވުމަށް އަބޫބަކުރު رَضِيَ اللهُ عَنْهُ ވެސް ތަކުބީރު ވިދާޅުވެއެވެ."

އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރެވެ. ވުމާ އެކު އެކަލޭގެފާނުގެ އަޑުފުޅު މަޑުވުމުގެ ސަބަބުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދަށް ތިއްބަވާ ބޭކަލުންނަށް ރަނގަޅަށް އަޑު އިވިވަޑައިނުގަންނަވައެވެ.

ވުމާއެކު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތަކުބީރު ވިދާޅުވުމުން، އެކަލޭގެފާނުގެ ފަހަތްޕުޅުގައި ތިއްބަވާ ބޭކަލުންނަށް އަޑު އިއްވުމަށް އަބޫބަކުރު رَضِيَ اللهُ عَنْهُ ތަކުބީރު ވިދާޅުވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަށް ތަބަޢަވެ އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދަށް ތިއްބަވާ އެންމެހާ ބޭކަލުން ނަމާދުގެ ތަކުބީރުތައް އަޑު ހަރުކޮށް ވިދާޅުވާނަމަ، އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދަށް ތިއްބަވާ ބޭކަލުންނަށް އަޑު އިއްވެވުމަށް އަބޫބަކުރު رَضِيَ اللهُ عَنْهُ އެކަނި އަޑު އުފުއްލަވަން ޖެހިވަޑައި ނުގެންނެވީހެވެ.

އަދި ހަމައެއާއެކު ނަމާދަށް ހުންނަ މީހާ، ނަމާދަށް ހުރި އެހެން މީހަކަށް އުނދަގޫވާނެ ގޮތަށް އަޑު ހަރުކޮށް ޤުރުއާން ކިޔެވުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ ނަހީ ކުރައްވާފައެވެ. ފަހެ އެކަލޭގެފާނު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ.

«أَمَا إِنَّ أَحَدَكُمْ إِذَا قَامَ فِي الصَّلَاةِ فَإِنَّهُ يُنَاجِي رَبَّهُ، فَلْيَعْلَمْ أَحَدُكُمْ مَا يُنَاجِي رَبَّهُ، وَلَا يَجْهَرْ بَعْضُكُمْ عَلَى بَعْضٍ بِالْقِرَاءَةِ فِي الصَّلَاةِ»[4]

މާނައީ: "އަދި ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ނަމާދަށް ތެދުވެއްޖެކަމުގައިވާ ނަމަ، އެ މީހަކު އެ ވަނީ އެ މީހެއްގެ ރައްބަށް މުނާޖާ ދެންނެވުމުގައެވެ. ފަހެ ތިޔަބައިމީހުން ކުރެ ކޮންމެ މީހަކު ވެސް އެ މީހެއްގެ ރައްބަށް މުނާޖާ ދެންނެވުމަކީ ކޮބައިކަން ދެނެގަންނާށެވެ. އަދި ނަމާދުގައި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް (އުނދަގޫ ވާގޮތަށް) ޤުރުއާން ކިޔެވުމުގައި އަޑުހަރުނުކުރާށެވެ."

އަދި މައުމޫމުން ނަމާދުގެ ތަކުބީރު އަޑުހަރުކޮށް ކިޔާނަމަ އޭގެ ސަބަބުން ނަމާދުގައި ތިބޭ އެހެން މީހުންނަށް އުނދަގޫ ވާނެއެވެ. އަދި ފަހަރެއްގައި އޭގެ ސަބަބުން މީހަކަށް ނަމާދުގައި ކުށެއް ވެސް ކުރެވިދާނެއެވެ. މިޘާލަކަށް އިމާމު މީހާ ސަޖިދައިގައި ވަނިކޮށް މީހަކު ނަމާދުގެ ޖަމާޢަތާއި ގުޅިދާނެއެވެ. އަދި އެ މީހަކު ސަޖިދައަށް ދިއުމަށް އަޑު ހަރުކޮށް ތަކުބީރު ކިޔުމުން، ނަމާދުގައި ދެން ތިބި މީހުން، އިމާމު މީހާ ސަޖިދައިން ތެދުވީކަމަށް ބަލައި ސަޖިދައިން ތެދުވެދާނެއެވެ.

މިހެންވެ އަލްބުހޫތީ އަލްޙަންބަލީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ.

"ނަމާދުގައި މައުމޫމުން އެއްވެސް އެއްޗެއް ކިޔުމުގައި އަޑު ހަރުކުރުން މަކުރޫހަވެގެންވެއެވެ. އެހެނީ އެ ކަމުގެ ސަބަބުން ނަމާދުގައި ތިބޭ އެހެން މީހުންނަށް އުނދަގޫވާނެތީއެވެ."[5]

އަދި މި ކަމުގައިވާ ޢިލްމުވެރިންގެ އިޖްމާޢުއާއި މެދު ދަންނައެވެ. ފަހެ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللهُ ވަނީ ނަމާދުގައި ތަކުބީރު ކިޔުމުގައި މައުމޫމުން އަޑު ހަރުނުކުރާނެ ކަމަށް އިމާމުން އިއްތިފާޤުވެލައްވާ ކަމަށް ވިދާޅުވެފައެވެ. އެކަލޭގެފާނު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ.

"ޙާޖަތަކާ ނުލައި ނަމާދުގައި އިމާމު މީހާގެ ފަހަތުގައި ތިބޭ މީހުން ތަކުބީރު ކިޔުމުގައި އަޑު ހަރުކުރުމަކީ، އިމާމުންގެ އިއްތިފާޤުން، ޝަރުޢުވެގެންވާ ކަމެއް ނޫނެވެ."[6]

ޙަނަފީ މަޛްހަބުގެ މުޢުތަމަދު ފޮތެއްގައި އައިސްފައިވެއެވެ.

އިމާމު މީހާ ތަކުބީރު ކިޔުމުގައި އަދި سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔުމުގައި އަޑު ހަރުކުރުން ސުންނަތް ވެގެންވެއެވެ. އެއީ ނަމާދުގައި އެއް ޙާލަތުން އަނެއް ޙާލަތައް ބަދަލުވެއްޖެކަން އިޢުލާނު ކުރުމަށް ޙާޖަތް ޖެހިގެން ވާތީއެވެ. މައުމޫމުން އަދި ހަމަ މި ފަދައިން އެކަނި ނަމާދު ކުރާ މީހާއަށް މި ގޮތަށް (އެއް ޙާލަތުން އަނެއް ޙާލަތައް ބަދަލުވެއްޖެކަން އިޢުލާނު ކުރުމަށް) ޙާޖަތް ޖެހިގެން ނުވެއެވެ."[7]

މާލިކީން ތަކުބީރަތުލް އިޙްރާމު އިސްތިޘްނާކޮށް، މައުމޫމުން ތަކުބީރަތުލް އިޙްރާމުގައި އަޑު ހަރުކުރުން ހުއްދަ ކުރައްވައެވެ. އައްނަފްރާވީ އަލްމާލިކީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ.

"ތަކުބީރަތުލް އިޙްރާމުގައި، ނަމާދު ކުރާ ކޮންމެ މީހަކު އަޑު ހަރުކުރުން އެދެވިގެންވެއެވެ. އަދި ތަކުބީރަތުލް އިޙްރާމު ފިޔަވައި އެހެން ތަކުބީރުތަކުގައި، އެކަނި ނަމާދު ކުރާ މީހާ އަދި މައުމޫމުންގެ މައްޗަށް ވަނީ ސިއްރުން ކިޔުމެވެ. އިމާމު މީހާގެ ތަކުބީރާއި ތަސްމީޢު (سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔުން) އަޑު ހަރުކޮށް ކިޔުމަށް އޮންނަނީ، މައުމޫމުން އިމާމު މީހާއަށް ތަބަޢަވުމަށެވެ."[8]

އަދި އައްނަވަވީ އައްޝާފިޢީ رَحِمَهُ اللهُ ވިދާޅުވެފައި ވެއެވެ.

"އިމާމު މީހާ ފިޔަވައި ދެން އެހެން މީހުންގެ މައްޗަށް ސުންނަތް[9]ވެގެންވަނީ ތަކުބީރު ސިއްރުން ކިޔުމެވެ. އެއީ އެކަނި ހުރެ ނަމާދު ކުރާ މީހާ ނުވަތަ މައުމޫމުންކަމުގައި ވިޔަސް މެއެވެ."

އަދި މުސްލިމުން އެ މީހުންގެ މިސްކިތްތަކުގައި ޢަމަލުކުރާ ގޮތް ވެސް މި ކަމަށް ދަލީލު ކޮށްދެއެވެ. މިސްކިތެއްގައި މައުމޫމަކު ތަކުބީރު ކިޔުމުގައި ނުވަތަ (އެހެން މީހުންނަށް އުނދަގޫ ވާގޮތަށް) ޤުރުއާން ކިޔެވުމުގައި އަޑު ހަރުކޮށްފި ނަމަ، އެ ކަން މަނާނުކޮށް ނުތިބޭނެއެވެ.

މީގެ ޚުލާޞާއަކީ މައުމޫމުންގެ މައްޗަށް ވަނީ (ޖަމާޢަތުގެ ނަމާދުގައި ޤުރުއާނާއި އަދި ތަކުބީރުތައް) ސިއްރުން ކިޔުމެވެ. އަދި މި ކަމުގައި އަޑު ހަރުކުރުމަކީ ހަމައެކަނި އިމާމު މީހާއަށް ޚާއްޞަވެގެންވާ ކަމެކެވެ.

ޖަމާޢަތުގައި މައުމޫމުން (ޤުރުއާން ނުވަތަ ޛިކުރު) ކިޔުމުގައި އަޑު ހަރުކުރުމާއި ގުޅޭގޮތުން އައްޝައިޚް އިބްނު ބާޒު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ.

"މައުމޫމުން ނަމާދުގައި ޤުރުއާން ކިޔެވުމުގައި އަދި ހުރިހާ ޛިކުރުތަކަކާއި ދުޢާކުރުމުގައި ވެސް ސުންނަތް ގޮތަކީ ސިއްރުން ކިޔުމެވެ. އެއީ މައުމޫމުން މި ކަންކަމުގައި އަޑު ހަރުކުރުމަށް ދަލީލެއް އައިސްފައި ނުވާތީއެވެ. އަދި މައުމޫމުން އަޑު ހަރު ކުރުމުގެ ސަބަބުން ކައިރީގައި ނަމާދަށް ތިބޭ މީހުންނަށް އުނދަގޫ ފޯރާނެތީ ވެސް މެއެވެ."[10]

މަޞްދަރު: الإسلام سؤال وجواب.

[1] أخرجه البخاري (6007)، ومسلم (674)

[3] أخرجه مسلم (413)

[4] أخرجه أحمد (4928) واللفظ له، وابن أبي شيبة (8549)، والطبراني (428/12) (13572)

[5] كشاف القناع عن متن الإقناع - ط وزارة العدل (288/2)

[6] مجموع الفتاوى (402/23)

[7] مراقي الفلاح شرح نور الإيضاح (97/1)

[8] الفواكه الدواني على رسالة ابن أبي زيد القيرواني (192/1)

[9] المجموع شرح المهذب - ط المنيرية (295/3)

[10] مجموع فتاوى ومقالات الشيخ ابن باز (237/11)

59 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް