މައިންބަފައިންނަށް ކިޔަމަންތެރިވެ އިޙްތިރާމުކުރުމުގެ މުހިންމުކަން

ނަޡީމް ނިޡާމް•3 އޮކްޓޫބަރު 2026•3 މިނެޓުގެ ކިޔުން
މައިންބަފައިންނަށް ކިޔަމަންތެރިވެ އިޙްތިރާމުކުރުމުގެ މުހިންމުކަން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

މައިންބަފައިންނަށް އިޙްތިރާމުކުރަމަކީ ﷲ ތަޢާލާ އަދި އެއިލާހުގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ކިޔަމަންވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا﴾

[الأَحقَاف 15]

މާނައީ: "އަދި އިންސާނާ އޭނާގެ މައިންބަފައިންނަށް އިޙްސާންތެރިވުމަށް ތިމަންއިލާހު ވަޞިއްޔަތް ކުރެއްވީމެވެ."

އަދިވެސް އެ އިލާހު ވަޙީކުރައްވާފައިވެއެވެ.

﴿وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا﴾، ﴿وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴾

[الإِسرَاء 23]

މާނައީ: "އަދި ހަމައެކަނި ﷲއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި، މައިންބަފައިންނަށް އިޙްސާންތެރިވުމަށް، ކަލޭގެފާނުގެ ވެރި އިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެ މީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެ ނަމަ، އެ ދެމީހުންނަށް "އުފް" ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެގޮތުން ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރި ރައްބެވެ! ކުޑަކުއްޖަކު ކަމުގައި މި އަޅާ ވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙުމަތް ލައްވާނދޭވެ!"

އިބްނު މަސްޢޫދު رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ.

އެންމެ މާތް ޢަމަލާއި ބެހޭގޮތުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާއި ސުވާލު ދެންނެވުމުން ޖަވާބުގައި އެކަލޭގެފާނުގެ ޙަދީޘްކުރެއްވިއެވެ. "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ." ދެން ސުވާލުދެންނެވުނެވެ. އެއަށްފަހުގައި ކޮން ކަމެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. "މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ."[1]

މައިންބަފައިންނަށް އިޙްސާންތެރިވެ ކިޔަމަންތެރިވުމާއި ގުޅޭގޮތުން މިނޫނަސް ވަރަށް ގިނަ އާޔަތްތަކާ އަދި ހަދީޘް ބަސްފުޅުތައް އައިސްފައި ވެއެވެ.

މައިންބަފައިންނަށް ކިޔަމަންތެރިވެ އިޙްތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބު ތަކުގެ ތެރެއިން ސަބަބެކެވެ. އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«رَغِمَ أَنْفُ ثُمَّ رَغِمَ أَنْفُ ثُمَّ رَغِمَ أَنْفُ قِيلَ مَنْ يَا رَسُولَ اللَّهِ قَالَ مَنْ أَدْرَكَ أَبَوَيْهِ عِنْدَ الْكِبَرِ أَحَدَهُمَا أَوْ كِلَيْهِمَا فَلَمْ يَدْخُلْ الْجَنَّةَ»[2]

މާނައީ: "(އެނާގެ) ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ! (އެނާގެ) ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ! (އެނާގެ) ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ!"[3] އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާ އެވެ. ކާކު ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މައިންބަފައިން ކުރެ އެކަކު ނުވަތަ ދެ މީހުން، މުސްކުޅި ޢުމުރުގައި އެ މީހަކާ ބައްދަލުވެ، (އެ ދެ މީހުންނަށް ޚިދުމަތްކޮށް ސުވަރުގެ ވަނުމުގެ ފުރުޞަތު ލިބުނު ނަމަވެސް) ސުވަރުގެ ނުވަދުން މީހާއެވެ."

މައިންބަފައިންނަށް އިޙްތިރާމުކޮށް ކިޔަމަންތެރިވުމަކީ ހިތްތައް އެކުވެރިވުމާއި ލޯތްބާއި ކުލުނު އުފެދުމުގެ ސަބަބެކެވެ.

މައިންބަފައިންނަށް އިޙްތިރާމުކޮށް ކިޔަމަންތެރިވުމަކީ އެ ދެ މީހުންނަށް ޝުކުރުވެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ފަހެ އެ ދެ މީހުންނަކީ ތިބާ ދުނިޔޭގައިވުމުގެ ސަބަބެވެ. އަދި ތިބާ ކުޑަކުއްޖެއްކަމުގައި ވީ ދުވަހު ތިބާ ބަލައިބޮޑުކޮށް، ތިބާ ތަރުބިއްޔަތުކުރިކަމަށް ޓަކައި އެ ދެމީހުންނަށް ޝުކުރުވެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ ﴾

[لُقمَان 14]

މާނައީ: "ތިމަންއިލާހަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަން އިލާހުގެ ޙަޟްރަތަށެވެ."

މައިންބަފައިންނަށް އިޙްތިރާމުކޮށް ކިޔަމަންތެރިވުމަކީ، އެ މީހެއްގެ އަމިއްލަ ދަރިން އޭނާއަށް ކިޔަމަންތެރިވުމުގެ ސަބަބެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ﴾

[ الرَّحمٰن 60]

މާނައީ: "ހެޔޮކަމުގެ ޖަޒާއަކީ ހެޔޮކަން ކަމުގައި މެނުވީ ވާނެހެއްޔެވެ؟"

މަޞްދަރު: الإسلام سؤال وجواب.

[1] رواه البخاري (2782)

[2] صحيح مسلم (4627)، من أفراد مسلم على البخاري.

[3] ނޯޓު: رَغِمَ أَنْفُ "ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ!" މި ޢިބާރާތަކީ އެފަދަ މީހަކު ނާކާމިޔާބުވެ ނިކަމެތިވުމަށް އެދި ކުރައްވާފައިވާ ބަދު ދުޢާއެކެވެ.

8 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް