އިސްލާމްދީނުގައި ނަމާދުގެ މަޤާމު

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ހަމަކަށަވަރުން އިސްލާމްދީނުގައި ނަމާދަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވެއެވެ. އެއީ ދީނުގެ އެހެން އެއްވެސް އަޅުކަމަކަށް ވާޞިލު ނުވެވޭނެ ފަދަ މަތިވެރި މަޤާމެކެވެ. މި ކަމަށް ދަލީލުކޮށްދޭ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.
ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އެއީ އެ ތަނބަކާއި ނުލައި (އަޅާގެ) ދީން ބިނާ ނުވާނެ ތަނބެވެ.
މުޢާޛު ބުނު ޖަބަލް رَضِيَ اللهُ عَنْهُ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«أَلَا أُخْبِرُكَ بِرَأْسِ الْأَمْرِ وَعَمُودِهِ وَذرْوَةِ سَنَامِهِ؟» فَقُلْتُ: بَلَى يَا رَسُولَ اللَّهِ. قَالَ: «رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُودُهُ الصَّلَاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ»[1]
މާނައީ: "ދީނުގެ އެންމެ އިސްކަމަކީ (އެންމެ މުހިންމުކަމަކީ) ކޮބައިކަމާ އަދި އޭގެ ތަނބާއި އޭގެ ކުރިބޯއްޓާ ބެހޭގޮތުން ކަލޭގެފާނަށް ޚަބަރުދެއްވަންތޯއެވެ؟" ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ! އާދޭހެވެ. (ބުނެދެއްވާށެވެ.)" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދީނުގެ އެންމެ އިސްކަމަކީ އިސްލާމުކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ޖިހާދެވެ."
(އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން) ޝަހާދަތުގެ ދެ ކަލިމައަށްފަހު ދެން އަންނަނީ ނަމާދެވެ. އަޅާ ޤަބޫލުކުރާ ޤަބޫލުކުރުމުގެ ޞައްޙަކަމާއި ތެދުކަން ފާޅުކޮށްދޭކަމަކީ ނަމާދެވެ.
ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«بُنِيَ الْإِسْلَامُ عَلَى خَمْسٍ، شَهَادَةِ أَنْ لَا إِلَهَ إِلَّا اللهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ»[2]
- ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި،
- މުޙައްމަދުގެފާނީ އެ އިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމާއި،
- ނަމާދު ޤާއިމުކުރުމާއި،
- (މުދަލު) ޒަކާތްދިނުމާއި،
- ގެފުޅަށް ޙައްޖުވުމާއި،
- ރަމަޟާން މަހުގެ ރޯދަ ހިފުމެވެ."
ނަމާދު ޤާއިމު ކުރުމުގެ މާނައަކީ: ނަމާދުގެ ޛިކުރުތަކާއި ޙަރަކާތްތައް ފުރިހަމަކޮށް އަދާކުރުމެވެ. އަދި ޤުރުއާނުގައި ވާރިދުވެފައިވާ ފަދައިން ކޮންމެ ނަމާދަކަށް ވެސް ކަނޑައެޅިފައިވާ ވަޤުތުގައި އެ ނަމާދެއް ކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا﴾
[النِّسَاء 103]
މާނައީ: "ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންނަށް ވަޤުތު ކަނޑައެޅިގެންވާ ފަރުޟެކެވެ."
ދީނުގެ އަޅުކަންތަކުގެ ތެރެއިން ނަމާދަށް ވަކިން ޚާއްޞަކަމެއް ލިބިގެންވެއެވެ. އެއީ ނަމާދު ފަރުޟު ކުރައްވާފައިވާ ގޮތުގެ ސަބަބުންނެވެ.
ނަމާދު ފަރުޟު ކުރެއްވުމަށް މަލާއިކަތަކު ފައިބައިވަޑައި ނުގަންނަވައެވެ. ނަމަވެސް އެކަމަށްޓަކައި ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އުޑަށް މިޢުރާޖު ކުރެއްވުމަށް އިރާދަކުރެއްވިއެވެ. އަދި އެކަލެގެފާނަށް އެއްވެސް މެދުވެރިޔެއް ނެތި ބަސް ވަޙީކުރައްވައި ނަމާދު ފަރުޟު ކުރެއްވިއެވެ. މިއީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ހަމައެކަނި ނަމާދަށް ލިބިގެންވާ ޚާއްޞަކަމެކެވެ.
ނަމާދު ފަރުޟު ކުރެއްވުނީ އިސްރާއާއި މިޢުރާޖުގެ ރެއެވެ. އެއީ ހިޖުރައިގެ ތިން އަހަރުގެ ކުރިއެވެ.
ފުރަތަމަ ފަރުޟު ކުރެއްވުނީ ފަންސާސް ނަމާދެވެ. އެއަށްފަހު ފަސް ނަމާދަށް ލުއިކުރެވުނެވެ. (ނަމާދުގެ ޢަދަދު މަދު ކުރެވުނު ނަމަވެސް) ފަންސާސް ނަމާދުގެ ޘަވާބު ފަސް ނަމާދުގައިވެއެވެ. މިކަމުންވެސް ނަމާދަށް ﷲ ތަޢާލާ ދެއްވާފައިވާ މަތިވެރިކަމާއި މަޤާމުވެސް ބަޔާންކޮށްދެއެވެ.
ނަމާދުގެ ސަބަބުން ﷲ ތަޢާލާ އަޅުތަކުންގެ ފާފަތައް ފުއްސަވާދެއްވައެވެ.
އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެންވެއެވެ. ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«أَرَأَيْتُمْ لَوْ أَنَّ نَهْرًا بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ، هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ؟» قَالُوا: لَا يَبْقَى مِنْ دَرَنِهِ شَيْءٌ، قَالَ: «فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللهُ بِهِنَّ الْخَطَايَا»[3]
މާނައީ: "ތިޔަބައިމީހުންކުރެ މީހެއްގެ ގޭގެ ދޮރުމަތީގައި ފެން ކޯރެއް އޮވެފައި، އެއިން ދުވާލަކު ފަސްފަހަރު ފެންވަރާ މީހެއްގެ ގައިގައި، އެއްވެސް މިލަކަމެއް ހުންނާނެކަމަށް ދެކިވަޑައިގަންނަމުތޯއެވެ؟" ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އޭނާގެ ގައިގައި އެއްވެސް މިލަކަމެއް ނުހުންނާނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ފަހެ ފަރުޟު ފަސް ނަމާދުގެ މިޘާލަކީ އެއީއެވެ. އޭގެ ސަބަބުން، ﷲ ފާފަތައް ފުއްސަވައިދެއްވައެވެ."
ދީނުގެ ކަންކަމުގެ ތެރެއިން އެންމެ ފަހުން ނެތިގެން ދާނެ އެއްޗަކީ ނަމާދެވެ. ނަމާދުކުރުން ނެތިގެން ގޮސްފި ނަމަ، ދީން އެކީ ނެތިގެންދާނެއެވެ.
ޖާބިރު ބުނު ޢަބްދިﷲ رَضِيَ اللهُ عَنْهُمَاގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ»[4]
މާނައީ: "ހަމަކަށަވަރުން ޝިރުކާއި ކުފުރާއި މީހާ ވަކިކޮށްދޭ އިންފާރަކީ ނަމާދު އެޅުމެވެ."
ވުމާ އެކު ނަމާދު އޭގެ ވަޤުތުގައި އަދާކުރުމަށް މުސްލިމުން ފަރުވާތެރިވާން ޖެހޭނެއެވެ. އަދި މި ކަމުގައި ފަރުވާކުޑަ ނުކުރުން ހުއްޓެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿فَوَيْلٌ لِّلْمُصَلِّينَ﴾، ﴿الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ﴾
[المَاعُون 5،4]
މާނައީ: "ފަހެ، އެ މީހުންގެ ނަމާދާއި މެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ."
ﷲ ތަޢާލާ ވަނީ ނަމާދު އަޅާ މީހުންނަށް ވަޢީދުގެ ބަސް ވަޙީކުރައްވާފައިވެއެވެ.
﴿فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا﴾
[مَريَم 59]
މާނައީ: "ފަހެ، އެ ބޭކަލުންނަށް ފަހު، އެހެންބަޔަކު އައެއެވެ. އެ މީހުން ނަމާދު ދޫކޮށްލިއެވެ. އަދި ހަވާނަފްސުގެ އެދުންތަކަށް ތަބަޢަވިއެވެ. ފަހެ، ނިކަން ހުރެ އެއުރެން ހަލާކާ ކުރިމަތިލާ ހުށްޓެވެ!"
ނަމާދަކީ ޤިޔާމަތްދުވަހުން އަޅާގެ ޙިސާބުބެއްލެވޭ އިރު، އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލެވެ.
އަބޫ ހުރައިރާ رَضِيَ اللهُ عَنْهُގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ.
«إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ فَإِنْ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنْ الْفَرِيضَةِ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ»[5]
މާނައީ: "ހަމަކަށަވަރުން ޤިޔާމަތް ދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. ފަހެ ނަމާދު ރަނގަޅުވެއްޖެ ނަމަ، ނަޖާވެ ކާމިޔާބު ވެއްޖެއެވެ. އަދި ނަމާދު ފަސާދަވެއްޖެ ނަމަ ގެއްލި ހަލާކުވެއްޖެއެވެ. ފަހެ އޭނާގެ ފަރުޟު ނަމާދުން އުނިވެއްޖެ ނަމަ ﷲ ވަޙީކުރައްވާނެއެވެ. "ފަހެ ތިމަން އިލާހުގެ އަޅާ ސުންނަތް ނަމާދު ކޮށްފައިވޭތޯ ބަލާށެވެ. ފަރުޟު ނަމާދުން އުނިވި ތަންތަން އެ ނަމާދުތައް (ސުންނަތް ނަމާދުތައް) ލައިގެން ފުރިހަމަ ކުރުމަށް ޓަކައެވެ. އެއަށްފަހު އަޅާގެ އެހެން ޢަމަލުތަކާ މެދުވެސް ކަންތައް ކުރެވޭނީ މި ގޮތަށެވެ."
وَاللَّهُ تَعَالَىٰ أَعْلَمُ. نَسْأَلُ اللَّهَ أَنْ يُعِينَنَا عَلَىٰ ذِكْرِهِ وَشُكْرِهِ وَحُسْنِ عِبَادَتِهِ.
މަޞްދަރު: موقع الإسلام سؤال وجواب.
