ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވަން ޖެހެނީ ވަކި ވަޤުތެއްގައިތަ؟

ނަޡީމް ނިޡާމް•2 އޮކްޓޫބަރު 2026•2 މިނެޓުގެ ކިޔުން
ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވަން ޖެހެނީ ވަކި ވަޤުތެއްގައިތަ؟

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:

ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމުގެ މާތްކަން

ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔެވުމުގެ މާތްކަމާ ބެހޭގޮތުން ޞައްޙަ ޙަދީޘްތަކެއް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ވާރިދުވެ އައިސްފައިވެއެވެ. އޭގެތެރޭގައި:

އަބޫ ސަޢީދު އަލްޚުދުރީގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

«مَنْ قَرَأَ سُورَةَ الْكَهْفِ لَيْلَةَ الْجُمُعَةِ، أَضَاءَ لَهُ مِنَ النُّورِ فِيمَا بَيْنَهُ وَبَيْنَ الْبَيْتِ الْعَتِيقِ»[1]

މާނައީ: "ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، އެ މީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު އަލިކޮށްދެނިވި ނޫރެއް ލެއްވޭނެއެވެ."

އަދިވެސް ޙަދީޘެއްގައިވެއެވެ.

«مَنْ قَرَأَ سُورَةَ الْكَهْفِ فِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْ»[2]

މާނައީ: "ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް، ދެން ޖެހިގެން އަންނަ ހުކުރާ ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވޭނެއެވެ."

މި ޙަދީޘާއި ބެހޭގޮތުން "تَخْرِيجُ الْأَذْكَارِ"ގައި އިބްނު ޙަޖަރު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "މިއީ ޙަސަނު (ދަރަޖައިގެ) ޙަދީޘެކެވެ." އަދިވެސް ވިދާޅުވެފައިވެއެވެ. "އަދި މި ޙަދީޘަކީ ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމާއި ބެހޭގޮތުން ވާރިދުވެފައިވާ އެންމެ ބާރުގަދަ ޙަދީޘެވެ."[3]

ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަންވީ ކޮން ވަޤުތަކު؟

ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔެވިދާނެއެވެ. ބުރާސްފަތި ދުވަހުގެ އިރު އޮއްސުމާ އެކު ހުކުރު ވިލޭރޭ ފެށުނީއެވެ. އަދި ހުކުރު ދުވަހުގެ އިރު އޮއްސުމާ އެކު ހުކުރު ދުވަސް ނިމުނީއެވެ. ވުމާ އެކު ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމުގެ ވަޤުތަކީ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުން ހުކުރު ދުވަހުގެ އިރު އޮއްސުމާ ހަމައަށެވެ.

އަލްމުނާވީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ.

"އަލްޙާފިޡު އިބްނު ޙަޖަރު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ: ބައެއް ރިވާޔަތްތަކުގައި "ހުކުރު ދުވަހު" އަދި ބައެއް ރިވާޔަތްތަކުގައި "ހުކުރު ވިލޭރޭ" ބަޔާންވެފައިވެއެވެ. ދުވަހެއް އެ ދުވަހުގެ ރެޔާ އެކު ބުނެވޭ ބަހުގެ މާނައަކީ ރޭގަނޑު އޭގެ ދުވާލުގަޑިއާ އެކު ވުމެވެ."[4]

އަލްމުނާވީ رَحِمَهُ اللهُ އަދިވެސް ވިދާޅުވެފައިވެއެވެ.

"ފަހެ އައްޝާފިޢީ رَحِمَهُ اللهُ ނައްޞު ކުރައްވާފައިވާ ފަދައިން ހުކުރު ދުވަހާއި ހަމަ އެފަދައިން ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔެވުން ވެސް ސުންނަތްވެގެންވެއެވެ."[5]

ހުކުރު ދުވަހު އާލްޢިމްރާން ސޫރަތް ކިޔެވުމަކީ ސުންނަތެއްތަ؟

ހުކުރު ދުވަހު އާލްޢިމްރާން ސޫރަތް ކިޔެވުމާއި ބެހޭގޮތުން ޞައްޙަ އެއްވެސް ޙަދީޘެއް ވާރިދުވެފައެއް ނެތެވެ. މިކަމާ ގުޅޭގޮތުން ވާރިދުވެފައިވާ ހުރިހާ ޙަދީޘަކީ ވެސް ވަރަށް ބޮޑަށް ޟަޢީފް (ބަލި) ނުވަތަ މަޢުޟޫޢު ޙަދީޘްތަކެވެ.

وَاللهُ أَعْلَم.

މަޞްދަރު: الإسلام سؤال وجواب.

[1] رواه الدارمي (3450)، وصححه الشيخ الألباني في "صحيح الجامع" (6471)

[2] رواه الحاكم (399/2)، والبيهقي (353/2)، وصححه الشيخ الألباني في "صحيح الجامع" (6470)

[3] فيض القدير (198/6)

[4] فيض القدير (199/6)

[5] فيض القدير (198/6)

16 ފަހަރު ކިޔާފައި
ހިއްސާކުރައްވާ
މި ލިޔުމާ ގުޅޭގޮތުން ޚިޔާލެއް އެބައޮތްތޯ؟ލިޔުމުގައި ކުށެއްވާނަމަވެސް ފާހަގަކޮށްލަދެއްވާ.
މި ބާވަތުގެ އިތުރު ލިޔުންތައް