الحَمْدُ لِلَّهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
"އަހުރެން މާތް ﷲ ދެކެ ލޯބިވަމެވެ." މިއީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކު ވެސް ކުރާ ދަޢުވާއެކެވެ. އެކަމަކު ސުވާލަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ޙަޤީޤަތުގައި ވެސް މާތް ﷲ ދެކެ ލޯބި ވަނީ ކިތައް މީހުންބާވައެވެ.
ތިބާ އެ އިލާހުގެ ޙަޟްރަތުގައި، އެ އިލާހު ލޯބި ވެވޮޑިގަންނަވާ މީހުންގެ ތެރެއިން ވުމަށް، މަސައްކަތްކޮށް ޢަމަލުކުރަންހެއްޔެވެ؟ ތިބާގެ ޙަޔާތުގައި ކީރިތި މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ކިޔަމަންވެވެނީ ކިހާ މިންވަރަކަށްހެއްޔެވެ؟ ތިބާގެ ޙަޔާތުގައި އެންމެ ލޮބުވެތި ފަރާތަކީ މާތް ﷲއާއި، އެ އިލާހުގެ ރަސޫލާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހެއްޔެވެ؟ ނުވަތަ ތިބާގެ އަނބިދަރިންހެއްޔެވެ؟ ނުވަތަ ތިބާ އެއްކުރާ މުދަލާ ފައިސާހެއްޔެވެ؟
ޝައިޚު ޢައްބާދު حَفِظَهُ الله ވިދާޅުވިއެވެ:
"މާތް ﷲއާއި، އެ އިލާހުގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވާ ކަމަށް ދަޢުވާކުރާ މީހާ، އޭނާ އެ ކުރާ ދަޢުވާގެ މައްޗަށް ހެކި ހުށަހަޅަން ޖެހޭނެއެވެ. އެ ހެއްކަކީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ތަބަޢަވުމެވެ."[1]
އަޅުގަނޑުމެންގެ މި ދަޢުވާގެ ތެދުދޮގު ވަޒަންކުރާނެ ގޮތް ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ.
﴿قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي﴾
[آل عِمرَان 31]
މާނައީ: "ކަލޭގެފާނު (އެބައިމީހުންނަށް) ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައި ވާ ނަމަ، ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބާވާށެވެ."
ޙަސަނުލް ބަޞްރީ رَحِمَهُ اللهُ ވިދާޅުވިއެވެ:
"ބަޔަކު މީހުން މާތް ﷲ ދެކެ ލޯބިވާކަމަށް ގޮވާލައި ދަޢުވާކުރަމުން ދަނިކޮށް، މާތް ﷲ މި އާޔަތް ބާވައިލައްވައި، އެބައިމީހުން އިމްތިޙާނުކުރެއްވިއެވެ."[2]
އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު رَحِمَهُ اللهُ ވިދާޅުވިއެވެ:
"މި މަތިވެރި އާޔަތަކީ، މުޙައްދުގެފާނު ގެނަސްދެއްވި މަގުން ބޭރުވެ، ﷲ ދެކެ ލޯބިވާ ކަމަށް ދަޢުވާކުރާ ކޮންމެ މީހެއްގެ މައްޗަށް ޙުކުމް ހިނގާނެ އާޔަތެކެވެ. ފަހެ، އެ މީހަކު ބުނާ ހުރިހާ ބަސްތަކާއި، ކުރާ ކޮންމެ ޢަމަލަކާއި، ކަމެއްގައި މުޙައްމަދުގެފާނު ގެނަސްދެއްވި ޝަރީޢަތަށާއި، ނަބަވީ ގޮތްތަކަށް ތަބާވެއްޖައުމަށް ދާންދެން، އެ މީހަކު (މާތް ﷲ ދެކެ ލޯބިވާ ކަމަށް) ކުރާ މި ދަޢުވާގައި އޭނާއަކީ ދޮގުވެރިއެކެވެ."[3]
ޢަބްދުއްރަޙްމާނު އައްސަޢްދީ رَحِمَهُ اللهُ ވިދާޅުވިއެވެ:
"މި އާޔަތަކީ، ﷲ ދެކެ ޙަޤީޤީ ލޯބިވާ މީހާ އާއި، އެ ކަމަށް ހަމައެކަނި ދަޢުވާކޮށްލާ މީހާ ވަކިކޮށް އެނގޭނޭ މީޒާނެވެ. ފަހެ، ﷲ ދެކެ ލޯބިވާކަމުގެ ޢަލާމާތަކީ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ތަބާވުމެވެ. އެކަލޭގެފާނަށާއި، އެކަލޭގެފާނު ގޮވައިލެއްވި އެންމެހައި ކަންކަމަށް ތަބާވުމީ ﷲގެ ލޯބި ވެވޮޑިގަތުމާއި، ރުހިވޮޑިގަތުން ހޯދުމަށް އޮތް މަގު ކަމުގައި އެ އިލާހު ވަނީ ލައްވައިފައެވެ. (ރަސޫލާގެ) ސުންނަތާއި، ކީރިތި ޤުރުއާނުން އެކަލޭގެފާނު ގެނެސްދެއްވި އެންމެހައި ކަންތައްތަކެއް ތެދުކޮށް، އެ ދެ ވަޙީގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންކަމުން ދުރުހެލިވެގެން މެނުވީ ﷲގެ ލޯބި ވެވޮޑިގަތުމާއި، ރުހިވޮޑިގަތުމާއި، އަދި ދެއްވާ ޘަވާބު ހާސިލެއް ނުކުރެވޭނެއެވެ."[4]
މަޞްދަރު: ދީނުގެމަގު 300 - ޞަފުޙާ 4
[1] فضل المدينة وآداب سكناها وزيارتها (43/1)
[2] تفسير ابن كثير - ط ابن الجوزي (336/2)
[3] تفسير ابن كثير - ط ابن الجوزي (336/2)
[4] تيسير الكريم الرحمن (956/1)