ނަމާދުގައި ޚުޝޫޢަތްތެރިވުން

إنَّ الحَمْدَ لِلَّهِ، نَحْمَدُهُ، وَنَسْتَعِينُهُ، وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا، وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهَ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ، وَسَلَّمَ تَسْلِيمًَا كَثِيرًَا. أمَّا بَعْدُ:
ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ކޮބާ ހެއްޔެވެ؟
ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ނަމާދުގައި ﷲއަށް މަޑުމޮޅިވުމެވެ. އަދި ނަމާދުގައި ﷲއަށް ބިރުވެތިވެ ނިކަމެތިވުމެވެ. ނަމާދުގައި ދުނިޔަވީ އެހެން ހުރިހާ ޚިޔާލުތަކުން އެއްކިބާވެ ﷲއަށް ކުއްތަންވުމެވެ. ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
﴿وَقُومُوا لِلَّهِ قَانِتِينَ﴾
[البَقَرَة 238]
މާނައީ: "އަދި ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!"
އަދިވެސް އެ އިލާހު ޤުރުއާނުގައި މުއުމިނުންގެ ޞިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ.
﴿قَدْ أَفْلَحَ الْمُؤْمِنُونَ ﴾، ﴿الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ﴾
[المُؤمِنُون 2،1]
މާނައީ:"މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެ މީހުންނީ، އެ މީހުންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ."
ޚުޝޫޢަތްތެރިކަމަކީ ނަމާދުގެ ރޫޙެވެ. ޚުޝޫޢަތްތެރިކަމެއް ނެތި ކުރާ ނަމާދަކީ އެއްވެސް ދިރުމެއް ނުވާ ހަމައެކަނި ޙަރަކާތްތަކެއްކަމުގައި ނޫނީ ނުވެއެވެ. ވުމާ އެކު ނަމާދުގައި ޚުޝޫޢަތްތެރި ވެވޭނީ ކިހިނެއްތޯ ބަލައިލަމާ ހިނގާށެވެ.
ފުރަތަމައީ: ނަމާދު ކުރެވޭ ފަރާތް ދެނެގަތުން.
އެބަހީ ﷲ ތަޢާލާގެ މަތިވެރިކަމާއި އެކަލާނގެ ހައިބަތު ދެނެގަތުމެވެ. ނަމާދަށް ހުއްޓި ހުންނަ މީހާ އެ ހުންނަނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައެވެ. ފަހެ އެ އިލާހުގެ ހައިބަތު އެނގޭ މީހާ ނަމާދުގައި ބިރުވެތިވެ މަޑުމޮޅިވާނެއެވެ. އަދި ކިއެއް! އެއީ ނަމާދުގައި އެކަންޏެއް ނޫނެވެ. ކުރާ ކޮންމެ ޢަމަލެއްގައި ވެސް އިޚްލާޞްތެރިވާނެއެވެ. އިޙްސާންތެރިކަމާ ބެހޭގޮތުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ»[1][7]
މާނައީ: "އެއީ ތިބާއަށް ﷲ ތަޢާލާ ފެނިހުރެ އަޅުކަން ކުރާ ފަދައިން އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެ އިލާހު ނުފެނުނެއްކަމަކު، ހަމަކަށަވަރުން އެ އިލާހު ތިބާއަށް ބައްލަވާވޮޑިގެންވެއެވެ."
ދެވަނައީ: ނަމާދުގެ އަހަންމިއްޔަތު ދެނެގަތުން.
އިސްލާމްދީނުގައި ނަމާދުގެ މަތިވެރިކަން އެނގޭ މީހާ، ނަމާދުތަކަށް ރައްކާތެރިވެ ނަމާދުގައި ޚުޝޫޢަތްތެރިވާނެއެވެ. ނަމާދަކީ ޝަހާދަތުގެ ދެ ކަލިމައަށް ފަހު، އަޅާގެ މައްޗަށްވާ އެންމެ ބޮޑު ވާޖިބެވެ. އެއީ އިސްލާމްދީނުގެ ތަނބެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«وَعَمُودُهُ الصَّلَاةُ»[2]
މާނައީ: "އަދި އިސްލާމްދީނުގެ ތަނބަކީ ނަމާދެވެ."
އަޅާގެ ދުނިޔަވީ އަދި އުޚުރަވީ ޙަޔާތުގެ ބާއްޖަވެރިކަން ބިނާވެގެން ވަނީ ނަމާދުގެ މައްޗަށެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ވެސް ނަމާދުއަދާކުރި ގޮތުގެ ޙިސާބެވެ. ނަމާދުތަކަށް ރައްކާތެރިވެ ފުރިހަމައަށް އަދާކޮށްފިމީހާ ކާމިޔާބުވެއްޖެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ»[3]
މާނައީ: "ހަމަކަށަވަރުން އަޅާގެ ޢަމަލުތަކުގެ ތެރެއިން، ޤިޔާމާތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އެ މީހެއްގެ ނަމާދާ ބެހޭގޮތުންނެވެ. ފަހެ ނަމާދު ރަނގަޅުވެއްޖެ ނަމަ، (އެ މީހަކު) ނަޖާވެ ކާމިޔާބުވެއްޖެއެވެ. ނަމާދު ފަސާދަވެއްޖެ ނަމަ، (އެ މީހަކު) ގެއްލި ހަލާކުވެއްޖެއެވެ."
މުސްލިމުންގެ ދެވަނަ ޚަލީފާ ﷲ ރުއްސުންލެއްވި ޢުމަރު ބުނު އަލްޚައްޠާބު ވިދާޅުވެފައިވެއެވެ.
ތިންވަނައީ: ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދެނެގަތުން.
ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދެނެގަތުމުގެ ސަބަބުން ނަމާދުކުރާ އިރު، އެހެނިހެން ޚިޔާލުތަކުން ދުރުވުމަށް ފަސޭހަވެގެންދާނެއެވެ. ނަމާދުގެ ޛިކުރުތަކުގެ އިތުރުން އިމާމުން ޢާންމުކޮށް ކިޔަވާ ތިރީ ކުދި ސޫރަތްތަކުގެ މާނަ ދަސްކުރާށެވެ. އިމާމު މީހާ ކިޔަވަމުންދާ އިރު، މާނައަށް ވިސްނުމުން އެހެނިހެން ފިކުރުތަކުން ދުރުވެވޭނެއެވެ.
ހަތަރުވަނައީ: ނަމާދުގައި މަރު ހަނދުމަކުރުން.
ދުނިޔޭގައި ލިބިފައި މިހާ ވަޤުތުކޮޅަކީ ވަރަށް މަދު ވަޤުތުކޮޅެކެވެ. މަރު އައިސް ބައްދަލު ކުރާނީ ކޮންއިރަކުންކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ވުމާ އެކު ކުރާ ކޮންމެ ނަމާދަކީ ވެސް ތިބާގެ އެންމެ ފަހު ނަމާދަށް ވެދާނެކަމަށް ހީކޮށް ނަމާދުކުރާށެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ.
«وَاذْكُرِ الْمَوْتَ فِي صَلَاتِكَ فَإِنَّ الرَّجُلَ إِذَا ذَكَرَ المَوْت فِي صَلَاتِهِ لَحَرِيٌّ أَنْ يُحْسِنَ صَلَاتَهُ»[5]
މާނައީ: "އަދި ތިބާގެ ނަމާދުގައި މަރު ހަނދުމަކުރާށެވެ. ފަހެ ހަމަކަށަވަރުން އަޅާ، އޭނާގެ ނަމާދުގައި މަރު ހަނދުމަކުރާ ނަމަ، އޭނާގެ ނަމާދު ފުރިހަމަކުރުމަށް އަހައްމިތްތަތުކަން ދޭނެއެވެ."
ޚުޝޫޢަތްތެރިކަމަކީ ﷲ ދެއްވާ ނިޢުމަތެކެވެ. އެ އިލާހު އެ ކަމުގެ ތައުފީޤު ދެއްވާ އަޅަކަށް މެނުވީ ނުލިބޭނެއެވެ. ވުމާ އެކު ޚުޝޫޢަތްތެރިވުމަށް އަޅުގަނޑުމެން މަސައްކަތް ކުރާ ޙާލު، އެ ކަމަށް އެދި ދުޢާކުރަން ވެސް ޖެހޭނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެކަލޭގެފާނު ދުޢާކުރައްވާ އިރު، ވިދާޅުވާ ކަމުގައި ވެއެވެ.
«اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ»[5]
މާނައީ: "ޔާﷲ! ހަމަކަށަވަރުން (އިބަ އިލާހަށް) ބިރުވެތިނުވާ ހިތަކުން، މި އަޅާ އިބަ އިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ."
أَسْأَلُ اللهَ أَنْ يَجْعَلَنَا مِنَ الْخَاشِعِينَ فِي الصَّلَاةِ. އަޅަމެން އެންމެންނަކީ ވެސް، ނަމާދުގައި ﷲއަށް ބިރުވެތިވާ ބައެއްކަމުގައި ލައްވާށިއެވެ.
[1] أخرجه البخاري (50) واللفظ له، ومسلم (9)
[2] أخرجه الترمذي (2616)، وابن ماجه (3973)، وأحمد (22069)، والنسائي في ((السنن الكبرى)) (11394) مطولاً باختلاف يسير، والمروزي في ((تعظيم قدر الصلاة)) (197) واللفظ له.
[3] أخرجه الترمذي (413) واللفظ له، وأخرجه أبو داود (864) بنحوه، والنسائي (465) باختلاف يسير.
[4] الإقناع لابن المنذر (690/2)
[5] أخرجه البيهقي في ((الزهد الكبير)) (527)، والديلمي في ((الفردوس)) (1755)
[6] أخرجه أبو داود (1548)، والنسائي (5467)، وابن ماجة (250) باختلاف يسير.
