ޝައިޚު އިބްނު ޢުޘައިމީން رَحِمَهُ اللهُ

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
މުޤައްދިމާ
ޙަމްދުހުރީ ﷲ އަށެވެ. އަޅަމެން އެ އިލާއަށް ޙަމްދުކުރަމެވެ. އަދި ހުރިހާ ކަމެއްގައި ވެސް އެ އިލާހުގެ ޙަޟްރަތުން ވާތްގަތް އެދި ދަންނަވަމެވެ. އަދި އަޅަމެން އެ އިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދެމެވެ. އަޅަމެންގެ ނަފުސުގެ ނުބައިކަމުންނާއި، އަޅަމެންގެ ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކަމަށް އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ. އެ އިލާހު ހިދާޔަތް ދައްކަވައިފި މީހަކު މަގުފުރައްދާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެ އިލާހު މަގުފުރައްދައިފި މީހަކަށް ހިދާޔަތް ދައްކަވާނޭ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. އެ އިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަން ކުރެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެ އިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެ އިލާހުގެ އަޅާ ކަމަށާއި، ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ އިލާހު އެކަލޭގެފާނު ފޮނުއްވީ މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލެއް ކަމުގައްޔާއި، އިންޛާރުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. ފަހެ އެކަލޭގެފާނު އުންމަތަށް ހުރިހާ ހެޔޮކަމެއް ބުނެދެއްވިއެވެ. އަދި އެންމެހާ ނުބަޔަކުން ރައްކާތެރިވުމަށް އެންގެވިއެވެ.
ޔާﷲ! އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާ އަދި އެކަލޭގެފާނުގެ މަގު އިޚްތިޔާރުކުރި ކޮންމެ މީހަކަށް ޤިޔާމަތާ ހަމައަށް ޞަލަވާތާއި ސަލާމް ލައްވާނދޭވެ!
އެއަށްފަހު ދަންނާށެވެ!
ލޮބުވެތި އެންމެހާ އަޚުންނޭވެ! ފަހެ އަޅުގަނޑު މިރޭ ވާހަކަ ދައްކާލަން ޤަޞްދުކުރަނީ ސަޢޫދީ ޢަރަބިއްޔާގެ ޝައިޚުންގެ ތެރެއިން ޝައިޚަކާ ބެހޭގޮތުންނެވެ. އެއީ މުޅި ސަޢޫދީ ޢަރަބިއްޔާ ދަންނަ ބޭފުޅެކެވެ. އަދި ކިއެއް! އެއީ މުޅި އިސްލާމީ އުންމަތް ދަންނަ ބޭފުޅެކެވެ. އެއީ (ޝަރުޢީ) ޢިލްމަށް ލޯބިކުރެއްވި އަދި އެ ޢިލްމު ފެތުރެއްވުމަށް އިންތިހާއަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި ޢިލްމު އުނގެނޭ ދަރިވަރުންނަށް ވަރަށް ފައިދާކުރެއްވި ބޭފުޅެކެވެ. ދަންނާށެވެ! އެއީ އައްޝައިޚް އަލްޢައްލާމާ މުޙައްމަދު ބުނު ޞާލިޙު ބުނު ޢުޘައިމީން (رَحِمَهُ اللهُ)އެވެ. ﷲ ތަޢާލާ ޝައިޚުގެ ފާފަފުއްސަވައިދެއްވައި، އެ އިލާހުގެ ތަނަވަސްވެގެންވާ ސުވަރުގެ މިންވަރު ކޮށްދެއްވާށިއެވެ!
އަޅުގަނޑު ބުނަމެވެ. މަރުގެ ސަބަބުން އިސްލާމީ އުންމަތަށް ދިމާވި އެންމެ ބޮޑު މުޞީބާތެއް ދިމާވީ އަޅުގަނޑުމެންގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަވާހަރަވުމުންނެވެ. މި މުޞީބާތަށް ފަހު އުންމަތަށް ދިމާވާ އެންމެ ބޮޑު މުޞީބާތްތަކަކީ އެކަލޭގެފާނުގެ ވާރިޘުން (އެބަހީ ޢިލްމުވެރިން) އަވަހާރަވުމެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
«وَإِنَّ الْعُلَمَاءَ وَرَثَةُ الْأَنْبِيَاءِ، وَإِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا، وَلَا دِرْهَمًا وَرَّثُوا الْعِلْمَ، فَمَنْ أَخَذَهُ أَخَذَ بِحَظٍّ وَافِرٍ»[1]
މާނައީ: "ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުން (ވާރުތަވެރިން)ނެވެ. އަދި ހަމަކަށަވަރުން ނަބީބޭކަލުން ވާރުތަ މުދަލުގެ ގޮތުގައި ދީނާރެއް ނުވަތަ ދިރުހަމެއް ދޫނުކުރައްވައެވެ. އެ ބޭކަލުން ވާރުތަ މުދަލުގެ ގޮތުގައި ދޫކުރެއްވީ ޢިލްމެވެ. ފަހެ އެ (ޢިލްމު) ލިބިގެންފިމީހާو ބޮޑުވެގެންވާ ނަޞީބަކުން ނަޞީބު ލިބިގެންފިއެވެ."
ޝައިޚު އިބްނު ޢުޘައިމީން رَحِمَهُ اللهُ ހެޔޮ ނަޞީބު ލިބިގެންވާ (މި) ޢިލްމުގައި ހިއްޕެވިއެވެ. އަދި މި ޢިލްމު ފެތުރުމުގައްޔާއި ޢިލްމު އުނގެނޭ ދަރިވަރުންނަށް ފައިދާކުރެއްވުމުގައި އިންތިހާއަށް މަސައްކަތްކުރެއްވިއެވެ.
އަޅުގަނޑު ވާހަކަ ދައްކާލާނީ މި ހެޔޮވެގެންވާ ޝައިޚުގެ ނަސަބާއި، އެކަލޭގެފާނުގެ އުފަންވުމާއި، އެކަލޭގެފާނުގެ ޙަޔާތްޕުޅާއި، އެކަލޭގެފާނުގެ ޝައިޚުންނާއި، ދަރިވަރުންނާއި، އެކަލޭގެފާނު ޢިލްމަށާއި، ދަޢުވަތަށް ދެއްވި އަހައްމިއްޔަތާއި، އެކަލޭގެފާނު ލިޔުއްވާފައިވާ ބައެއް ފޮތްތަކާއި، މީސްތަކުންގެ ތެރޭ އެކަލޭގެފާނުގެ މަޤާމާއި، އެކަލޭގެފާނު އަވަހާރަވުމާއި، އެކަލޭގެފާނުގެ ދަރިފަސްކޮޅާއި، ކިޔަވާ ދަރިވަރުންނަށް ހުރި ބައެއް ވަޞިއްޔަތްތަކާ ބެހޭގޮތުންނެވެ.
އެކަލޭގެފާނުގެ ނަސަބުފުޅު
އެއީ މުޙައްމަދު ބުނު ޞާލިޙު ބުނު މުޙައްމަދު ބުނު ސުލައިމާނު ބުނު ޢަބްދުއްރަޙްމާނު ބުނު ޢުޘްމާނު ބުނު ޢަބްދުﷲ ބުނު ޢަބްދުއްރަޙްމާނު އިބްނު އަޙްމަދު ބުނު މުޤްބިލް އެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ ބަނޫ ތަމީމްގެ އަލްވަހަބާ ޢާއިލާއަށެވެ. އެކަލޭގެފާނުގެ ހަތަރުވަނަ ކާފާފުޅަކީ ޢުޘްމާނެވެ. މި ޢާއިލާގެ ބޭފުޅުން މަޝްހޫރުވެފައި ވަނީ މި ޢުޘްމާނަށް ނިޞްބަތްކޮށެވެ. ޢުޘައިމީން ނެގިފައި ވަނީ ޢުޘްމާނު މި ނަމުންނެވެ.[2]
މި ނަސަބާއި ބެހޭގޮތުން އަޅުގަނޑަށް ކިޔައިދެއްވީ ޝައިޚުގެ ބޮޑުބޭބެގެ ދަރިއެއްކަމުގައިވާ އައްދުކްތޫރު ޢަބްދުއްރަޙްމާނު އިބްނު ސުލައިމާނު ބުން ޢުޘައިމީނެވެ.
އެކަލޭގެފާނު އުފަންވުމާއި ބޮޑުފުޅުވުން
އެކަލޭގެފާނު އުފަންވީ ހިޖުރައިން 1347ވަނަ އަހަރުގެ ރަމަޟާން މަހުގެ 27ވަނަ ވިލޭރޭ، ޢުނައިޒާގައެވެ. ޢުނައިޒާއަކީ ޤަޞީމުގެ ރަށެކެވެ. އަދި ހެޔޮ ރަނގަޅުވެގެންވާ ތަރުބިއްޔަތަކުން އެކަލޭގެފާނު ތަރުބިއްޔަތު ލިބިވަޑައިގަތެވެ.
އެކަލޭގެފާނު ލިޔަންކިޔަން ދަސްކުރެއްވީ ކުޑަކުދިންނަށް ޚާއްޞަ މަދަރުސާއަކުންނެވެ. ޤުރުއާން އުނގެނިވަޑައިގަތީ އެކަލޭގެފާނުގެ މަންމަ ފަރާތުގެ ބޮޑުބޭބެ، ޢަބްދުއްރަޙްމާނު ބުނު ސުލައިމާނު އާލު ދާމިޣުގެ އަރިހުންނެވެ. އަދި ޤުރުއާން ހިތުދަސްކުރެއްވީ އައްޝައިޚް އަލްޢައްލާމާ ޢަބްދުއްރަޙްމާނު ބުނު ނާޞިރު އައްސަޢްދީ رَحِمَهُ اللهُގެ އަރިހުގައި ދަރިވަރުވެވަޑައިގެންނެވެ.
ރިޔާޟުގެ ޢިލްމީ މަޢްހަދު ހުޅުވުމާ އެކު އެ ތަނުގައި ކިޔަވާ ވިދާޅުވުމަށް އެކަލޭގެފާނުގެ ޝައިޚް ޢަބްދުއްރަޙްމާނު ބުނު ސަޢްދީގެ އަރިހުން އިޛުނަ ހޯއްދެވިއެވެ. އެއަށްފަހު މަޢުހަދުގައި ކިޔަވާ ވިދާޅުވިއެވެ. އޭރުގައި އިބްތިދާއީއަށް ފަހު ކުއްލިއްޔާ (ބެޗްލަރސް)އަށް ވަނުމާ ހަމައަށް ކިޔެވުމުގެ މުއްދަތަކީ ހަތަރު އަހަރެވެ. އެކަލޭގެފާނު ވަދެވަޑައިގަތީ ދެވަނަ އަހަރަށެވެ.
އޭރުގައި އެއީ (ކުއްޖާގެ ކިޔެވުމުގެ ހުނަރަށް ބަލައި) މަތީ ގުރޭޑުތަކަށް ވަދެވުމުގެ ނިޡާމު އޮތް ދުވަސްވަރެވެ.
އަދި އެކަލޭގެފާނު ވެވަޑައިގަތީ ކިޔެވުމުގައި ކުރިއަށް ދެވުމުގެ ފުރުޞަތު ލިބިގެންވި ބޭފުޅަކަށެވެ. ހޫނު މޫސުމުގެ ޗުއްޓީގައި ކުރިއަށް އޮތް އަހަރުގެ މާއްދާތައް ކިޔެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއެވެ. އަދި ދެވަނަ ޓާމު ފެށުމާއެކު މި އަހަރުގެ މާއްދާތަކުގެ ޓެސްޓުތައް ހައްދަވައި އޭގެ ކުރިއަށް އޮތް އަހަރުގެ ކިޔެވުން ފެއްޓެވިއެވެ.
އެކަލޭގެފާނު ދެވަނަ އަހަރަށް ވަދެވަޑައިގަނެ ހޫނު މޫސުމުގެ ޗުއްޓީގައި ތިންވަނަ އަހަރުގެ މާއްދާތައް ކިޔަވައި ނިންމަވާލެއްވުމަށް ފަހު ހަތަރުވަނަ އަހަރުގެ ކިޔެވުން ފެއްޓެވިއެވެ. ތިންވަނަ އަހަރުގެ ކިޔެވުން ނިމުނު ތަނާހެން، ހިޖުރައިން 1374 އަހަރު ޢުނައިޒާގައި ޢިލްމީ މަޢުހަދު ހުޅުވުނެވެ.
އެކަލޭގެފާނުގެ ޝައިޚު ޢަބްދުއްރަޙްމާނު ބުނު ސަޢްދީގެ އަރިހުގައި ކިޔަވާ ވިދާޅުވަމުން ޢުނައިޒާގެ ޢިލްމީ މަޢުހަދުގައި ކިޔަވާދެއްވަމުން ގެންދެވީ ޝަރީޢާ ކުއްލިއްޔާގައި ވެސް ކިޔަވާ ވިދާޅުވަމުންނެވެ. ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު އިމްތިޙާނު ހެއްދެވުމަށް ރިޔާޟަށް ވަޑައިގަންނަވައެވެ. އަދި ކުއްލިއްޔާގެ ކިޔެވުން ނިމެންދެން މި ފަދައިން ޢަމަލުކުރެއްވިއެވެ.
ޤަޞީމުގައި "ކުއްލިއްޔަތުއް ޝަރީޢާ ވަ އުޞޫލުއް ދީން" ހުޅުވުމާ އެކު މަޢުހަދުގައި ކިޔަވާދިނުން ދޫކޮށްލައްވައި ޤަޞީމްގެ ކުއްލިއްޔާއަށް ބަދަލުވެވަޑައިގަތެވެ. އަދި އެކަލޭގެފާނު رَحِمَهُ اللهُ އަވަހާރަވަންދެން އެ ތަނުގައި ކިޔަވާދެއްވުން ކުރިޔަށް ގެންދެވިއެވެ.
ހިޖުރައިން 1376 ވަނަ އަހަރު އެކަލޭގެފާނުގެ ޝައިޚް ޢަބްދުއްރަޙްމާނު ބުން ސަޢުދީ رَحِمَهُ اللهُ އަވަހާރަވުމާ އެކު އަލްޖާމިޢުލް ކަބީރު މިސްކިތުގެ އިމާމުކަމާއި، ޚަޠީބުކަމާއި، އެ މިސްކިތުގައި ކިޔަވާދެއްވުމާ ޝައިޚު ހަވާލުވެވަޑައިގެންނެވިއެވެ. އަދި ޝައިޚު އަވަހާރަވަންދެން މި ކަން ކުރިއަށް ގެންދެވިއެވެ.
އެކަލޭގެފާނުގެ ޝައިޚުންނާއި ދަރިވަރުން
އެކަލޭގެފާނަށް ކިޔަވައިދެއްވި ޝައިޚުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޝައިޚުންގެ ތެރޭގައި ޝައިޚު ޢަބްދުއްރަޙްމާނު ބުނު ސަޢްދީ رَحِمَهُ اللهُ ހިމެނިވަޑައިގަންނަވައެވެ. ޝައިޚުގެ އަރިހުން ކިޔަވާ ވިދާޅުވީ ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުގައެވެ. އަދި މީގެ އިތުރުން ޝައިޚު އިބްނު ބާޒު، މުޙައްމަދުލް އަމީނު އައްޝަންޤީޠީ رَحِمَهُمَا اللهُ ވެސް އެކަލޭގެފާނުގެ ޝައިޚުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. މި ދެ ޝައިޚުންގެ އަރިހުން ކިޔަވާ ވިދާޅުވީ ރިޔާޟުގެ ޢިލްމީ މަޢުހަދުގައެވެ.
- އަލްމަސްޖިދުލް ކަބީރުގައި ކިޔަވާ ދެއްވި މުއްދަތަކީ 45 އަހަރެވެ.
- އަދި މަޢުހަދާއި ކުއްލިއްޔާގައި ކިޔަވާދެއްވި މުއްދަތަކީ 47 އަހަރެވެ.
ފަހެ މި ދިގު މުއްދަތުގެ ތެރޭގައި އެކަލޭގެފާނުގެ ފަރާތްޕުޅުން ދަރިވަރުވެ ވަޑައިގެންނެވި ކުދިން ވަރަށްވެސް ގިނައެވެ.
އެކަލޭގެފާނުގެ ފަރާތްޕުޅުން ކިޔަވާ ވިދާޅުވި ކުދިންގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ އަދި ސަޢޫދީ ޢަރަބިއްޔާގެ ބޭރުން ވެސް ދަރިވަރުން ވަރަށް ގިނައެވެ. ހޫނު މޫސުމުގައި ވެސް ދަރިވަރުން ދަތުރުކޮށް އެކަލޭގެފާނުގެ އަރިހަށް އައިސް ޢިލްމު އުނގެނުނެވެ. އެކަލޭގެފާނުގެ ދަރުސްތައް ވަރަށް ވެސް ގިނައެވެ. ހެނދުނާއި، އަޞްރު (ނަމާދު) ފަހުންނާއި، މަޣްރިބު (ނަމާދު) ފަހުން ދަރުސް ދެއްވިއެވެ. އަދި މަޣްރިބު ފަހުން ދެއްވާ ދަރުސް އަހަރުގެ އެންމެ ދުވަހެއް ވެސް މެދުކެނޑުމެއް ނުވެއެވެ.
ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުގައި ޝައިޚު ޢަބްދުއްރަޙްމާނު ބުނު ސަޢްދީ رَحِمَهُ اللهُ އުފެއްދެވި ކުތުބުޚާނާއެއް ހުރެއެވެ. އަދި ޝައިޚު އަވަހާރަވުމުން މި ކުތުބުޚާނާގެ ފޮތް އިތުރު ކުރެއްވުމުގައި ޝައިޚު އިބްނު ޢުޘައިމީން މަސައްކަތްޕުޅު ކުރެއްވިއެވެ. މަލިކު ޚާލިދު ޢުނައިޒާގެ މަސްޖިދުލް ކަބީރު މިސްކިތް މަރާމާތުކުރެއްވި އިރު، މިސްކިތުގެ ކައިރީގައި ޝައިޚު ޢުޘައިމީންގެ އަރިހަށް ކިޔެވުމަށް އަންނަ ކުދިން ތިބުމަށް ވަޤުފު ޢިމާރާތެއް ބިނާކުރެއްވިއެވެ. އަދި ކުތުބުޚާނާ މި ޢިމާރާތަށް ބަދަލު ކުރެވުނެވެ. މި ޢިމާރާތް ވެގެން ދިޔައީ ކިޔަވާ ކުދިންގެ ދަނާލަކާ އަދި ކުތުބުޚާނާ ހުންނަ ޢިމާރާތަކަށެވެ.
ޢިލްމަށާއި ދަޢުވަތަށް ޝައިޚް ދެއްވި އަހައްމިއްޔަތު
ބަޔާންވެ ދިޔަ ވާހަކަތަކުން ޝައިޚު ޢުނައިޒާގެ މަޢުހަދުގައި ކިޔަވާދެއްވަން ފެއްޓެވީ ހިޖުރައިން 1374ވަނަ އަހަރުގައި ކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. އަދި ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުގެ އިމާމުކަމާއި ޚަޠީބުކަމާ ހަވާލުވެ ވަޑައިގެންނެވީ ހިޖުރައިން 1376ގައި ކަން ވެސް އެނގިގެން ހިނގައްޖެއެވެ. އަދި އެކަލޭގެފާނުގެ ފަރާތްޕުޅުން ޢުނައިޒާގެ ޢިލްމީ މަޢުހަދުންނާއި ޤަޞީމްގެ "ކުއްލިއްޔަތުއް ޝަރީޢާ ވަ އުޞޫލުއް ދީނުންނާ" އަދި ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުގައި ވަރަށް ގިނަ ކުދިން ޢިލްމު އުނގެނުނުކަންޗވެސް އެނގިގެން ހިނގައްޖެއެވެ.
އެކަލޭގެފާނުގެ ޢިލްމު ފެތުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވީ ހަމައެކަނި ޤަސީމަކު ނޫނެވެ. ޤަޞީމުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ އެތެރޭގައި އެކި އެކި ހިސާބުތަކަށް ދަތުރުކުރައްވައި ޢިލްމު އުނގަންނައި ދެއްވުމަށް ގަޑި ނަންގަވައި ދެއްވިއެވެ. (މި ގޮތުން) ބައެއް ދުވަސްވަރު މައްކާއަށް ވަޑައިގެން މައްކާގެ ޙަރަމުގައި ކިޔަވާ ދެއްވިއެވެ. އެއީ ރަމަޟާން މަސް ކަމުގައި ވިޔަސް މެއެވެ. ރަމަޟާން މަހުގެ ބައެއް ފާއިތުވެ ދިއުމުން މައްކާއަށް ވަޑައިގެން މައްކާގެ ޙަރަމުގައި ކިޔަވާ ދެއްވުމަކީ އެކަލޭގެފާނުގެ އާދަފުޅެކެވެ. ޝައިޚުގެ ފަރާތްޕުޅުން ޢިލްމު ހޯއްދެވުމަށް ދަހިވެތިވާ ވަރަށް ގިނަ ދަރިވަރުން އެކަލޭގެފާނުގެ ވަށައިގެން ތިއްބަވައެވެ. އަދި އެކަލޭގެފާނު މަދީނާ ނުވަތަ އެހެންވެސް ރަށަކަށް ވަޑައިގެންނެވި ނަމަވެސް ކަން ހިނގަނީ މިގޮތަށެވެ. ފަހެ އެކަލޭގެފާނު މަސްޖިދުއް ނަބަވީގައި ވެސް ކިޔަވާ ދެއްވިއެވެ. އަދި އެކަލޭގެފާނު މަދީނާއަށް ވަޑައިގަންވާ ޚަބަރު ލިބިއްޖެ ނަމަ، ޝައިޚުގެ ދަރުސްތަކަށް ޙާޟިރުވުމަށް ދަރިވަރުން މަދީނާއަށް އައިސް ޝައިޚުގެ ޢިލްމުން ފައިދާ ލިބިގަނެއެވެ. އަޅުގަނޑު ވެސް މި މިސްކިތުގެ (މަސްޖިދުއް ނަބަވީގެ) އުސްތާޛުންގެ ތެރެއިން ވީމެވެ. ޝައިޚުގެ ދަރުސްތަކަށް ޙާޟިރުވުމަށް އަޅުގަނޑުގެ ދަރުސް މެދުކަނޑައިލުމަށް ދަރިވަރުން އެދެއެވެ. އަދި ދަރިވަރުން ޝައިޚުގެ ޢިލްމުން ފައިދާ ލިބިގަތުމަށް އަޅުގަނޑުގެ ދަރުސްތައް މެދުކަނޑާލަމެވެ. އަދި ބައެއް ފަހަރު އަޅުގަނޑު ވެސް ދަރިވަރުންނާ އެކު ޝައިޚުގެ ދަރުސްތަކަށް ޙާޟިރުވަމެވެ.
ޢިލްމަށާއި ދަޢުވަތަށް ޝައިޚު ބެހެއްޓެވި އަހައްމިއްޔަތުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ އެކިއެކި ހިސާބުތަކުގައްޔާއި މިސްކިތްތަކާ އަދި ޖާމިޢާތަކުގައި (ޔުނިވަރސިޓީތަކުގައި) ޢިލްމީ ގަޑިތައް ނަގައި ދެއްވުން ހިމެނެއެވެ.
މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާގައި ވެސް ވަރަށް ގިނަ ގަޑި ޝައިޚު ނަގާދެއްވާފައި ވާނެއެވެ. ޖާމިޢާގެ މިސްކިތުގައްޔާއި ދަރުސް ދެއްވުމަށް ޚާއްޞަ ކޮށްފައިވާ ހޯލުގައްޔާއި ކުއްލިއްޔާ (ފެކަލްޓީ) ތަކުގަޔާ އަދި ނަމާދު ކުރުމަށް ޚާއްޞަ ކުރެވިފައިވާ މުޞައްލާތަކުގައެވެ.
ޖާމިޢާގައި ނަގައިދެއްވި ބައެއް ގަޑިތަކުގެ ތެރޭގައި ޢަޤީދާއާއި، ޢަމަލު ކުރުމުގައި އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ މަންހަޖާއި ބެހޭގޮތުން ވަރަށް ފުޅާކޮށް ކިޔަވާދެއްވިއެވެ. އަދި ހަމައެހެންމެ (ޝަރުޢީ) ޢިލްމު އުނގެނޭ ދަރިވަރުން ހިފަހައްޓަން ޖެހޭ އަދަބުތަކާއި ގުޅޭގޮތުން ވެސް ގަޑި ނަންގަވައި ދެއްވިއެވެ. އަދި ޔޫރަޕާއި އެމެރިކާ އަދި މިނޫންވެސް ބައެއް ހިސާބުތަކަށް ފޯނުގެ ޒަރިއްޔާއިން އެކަލޭގެފާނު ގަޑި ނަންގަވައި ދެއްވިއެވެ.
އަދި ހަމަ އެކަލޭގެފާނު ޢިލްމަށާއި ދަޢުވަތަށް ބެހެއްޓެވި އަހައްމިއްޔަތުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގައި ބޭއްވޭ ކޮންފަރެންސްތަކުގައި ބައިވެރިވެ ވަޑައިގަތުން ވެސް ހިމެނެއެވެ. ޖާމިޢަތުލް އިސްލާމިއްޔާގައި ވެސް ތިމް ކޮންފަރެންސްއެއް ބޭއްވުނެވެ. މީގެ ތެރެއިން ދެ ކޮންފަރެންސް ބޭއްވުނީ ދަޢުވަތާއި ދާޢީން (ދަޢުވަތު ދޭ މީހުން) ތައްޔާރު ކުރުމާއި ގުޅޭގޮތުންނާއި، މަސްތުވާ ތަކެއްޗާއި، ސިނގިރޭޓާއި ގުޅޭގޮތުންނެވެ. އަދި އެކަލޭގެފާނު މި ކޮންފަރެންސް ތަކުގައި ބައިވެރިވެވަޑައިގަތުމުން އެކަލޭގެފާނުގެ ބަޙުޘާއި ވާހަކަފުޅުން ވަރަށް ގިނަ ފައިދާކުރިއެވެ.
އެކަލޭގެފާނު ޢިލްމަށާއި ދަޢުވަތަށް ބެހެއްޓެވި އަހައްމިއްޔަތުގެ ތެރޭގައި ޙައްޖު މޫސުމުގައި ޙައްޖުވެރިން ހޭލުންތެރިކުރުމުގައި ބައިވެރިވެ ވަޑައިގަތުން ވެސް ހިމެނެއެވެ. ޙައްޖުވެރިންނަށް ފަތުވާ ދެއްވުމާއި ގަޑި ނަގައި ދެއްވުމުގައި އުޅުއްވިއެވެ. އަދި ބައެއް އަހަރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުމުގައި އުޅުއްވާ ފަރާތްތަކުގެ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލައެވެ. އަދި މި ކޮމިޓީގައި ޝައިޚު رَحِمَهُ اللهُ އަދި އަޅުގަނޑު ވެސް ހިމެނުނެވެ. ޙައްޖުވެރިންނަށް ދިމާވާ ކަންކަން މަޝްވަރާ ކުރުމަށް ކޮމިޓީ ބައްދަލުވުން ބާއްވައި އުޅުނެވެ. އަދި ޝައިޚުގެ ޢިލްމާއި ޚިޔާލުތަކުން މި ކޮމިޓީ ވަރަށް ފައިދާ ލިބިގަތެވެ. އަދި ބައްދަލުވުމުގެ ތަޤުރީރުތައް ލިޔެވި ޝައިޚުގެ އަރިހުގައި އޭގެ ކޮޕީއެއް ބޭނުންތޯ ސުވާލު ކުރެއްވުމުން ޝައިޚު ކޮޕީއެއް ނުނަންގާވާނެ ކަމަށް ބުނުއްވިއެވެ. އޭރުން (ކޮޕީ ނެގުމަށްފަހު) އޭތި އަންދާލަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެހެނީ އެކަލޭގެފާނު رَحِمَهُ اللهُ މަޝްޣޫލުވެވަޑައިގެން އުޅުއްވީ ޢިލްމާއި އެއާ ގުޅުންހުރި ކަންކަމުއެވެ.
އެކަލޭގެފާނު ޢިލްމަށާއި ދަޢުވަތަށް ބެހެއްޓެވި އަހައްމިއްޔަތުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ އެތެރެއިންނާއި ބޭރުން އަންނަ ސުވާލުތަކަށް ފަތުވާ ދެއްވައި މުސްލިމުންނަށް ފައިދާ ކުރެއްވުން ހިމެނެއެވެ. ފޯނުން ގުޅުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ފަތުވާ ދެއްވާ އުޅުއްވިއެވެ. ފޯނުން ސުވާލުތަކަށް ފަތުވާ ދެއްވުމަށް އެކަލޭގެފާނު އުޅުއްވީ ވަކި ވަޤުތެއް ޚާއްޞަ ކުރައްވައިގެންނެވެ.
އެކަލޭގެފާނު ޢުނައިޒާގައި ހުންނަވާއިރު މި ވަޤުތަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވައި އުޅުއްވިއެވެ. އަދި އެކަލޭގެފާނު (އެހެން ޤައުމަކަށް) ދަތުރު ކުރައްވާނަމަ، ދަތުރު ކުރައްވާ ޤައުމުގެ ފޯނު ނަންބަރު ކޯޑު ރިކޯޑު ކުރައްވައި އެކަލޭގެފާނުގެ ފޯނަށް ގުޅުއްވާ ފަރާތްތަކަށް ލިބޭނޭ ގޮތަށް ހައްދަވައެވެ.
އަދި ހަނދާނަށް އާދެއެވެ. ހިޖުރައިން 1409ވަނަ އަހަރުގައި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހެދުނު ކޮމިޓީ ބައްދަލުވުންތަކުގައި ހުންނަވައި، ބައެއްފަހަރު އެކަލޭގެފާނު އެކަހެރިވެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނު ލަސްވެވަޑައިގަތީ ފޯނު މެދުވެރިކޮށް ބައެއް ސުވާލުތަކަށް ޖަވާބުދެއްވަން ޖެހިވަޑަގަތުމުން ކަމުގައި ވިދާޅުވެއެވެ.
އެކަލޭގެފާނު ޢިލްމަށާއި ދަޢުވަތަށް ބެހެއްޓެވި އަހައްމިއްޔަތުގެ ތެރޭގައި ރޭޑިޔޯއިން ގެންނަ ފައިދާހުރި ގިނަ ޕްރޮގްރާމުތަކުގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. އެކަލޭގެފާނު ޤަވާޢިދުން ގެނެސްދެއްވި ޕްރޮގްރާމުތަކެއް ވެއެވެ. އެއީ "نور على الدرب" "سؤال على الهاتف" "من أحكام القرآن الكريم" އެވެ. (މީގެ އިތުރުން) ޤަވާޢިދުން ނުގެނެސްދެއްވި ނަމަވެސް އެކަލޭގެފާނު ރޭޑިޔޯ މެދުވެރިކޮށް ތަފާތު މަޢުޟޫޢުގެ ޙަދީޘްތައް ވެސް ކިޔައިދެއްވިއެވެ.
އެކަލޭގެފާނު ކުރިއަށް ގެންދިޔަ "من أحكام القرآن" މިއީ ވަރަށް މުހިއްމު އަދި އޭގެ ފައިދާ ވަރަށް ވެސް ބޮޑު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ ޤުރުއާނާމެދު ވިސްނާ ފިކުރު ކުރުމެވެ. އަދި އެ ފޮތުގައިވާ ޙުކުމްތަކާއި، ޙިކުމަތްތައް ބަޔާންކުރުމެވެ. މި ކަމުން އެކަލޭގެފާނުގެ ފަހުމާއި އަދި ދީނުގެ ފިޤުހުވެރިކަމުގައި ލިބިގެންވާ ކުޅަދާނަކަން ދަލީލުކޮށްދެއެވެ. މި ޕްރޮގްރާމުގައި ޤުރުއާނުގެ 3ވަނަ ފޮތް ނިމުމާއި ގާތަށް ދިޔައެވެ.
(އަހަރުމެންގެ) ލޮބުވެތި އަޚް ޢަބްދުލް ކަރީމް ބުނު ޞާލިޙުލް މުޤްރިނުލް މަޛީޢު، ޓޭޕު ރެކޯޑިން އިން ޤުރުއާނުގެ ފުރަތަމަ ފޮތުގެ މިންވަރު ލިޔެ ފޮތެއްގެ ގޮތުގައި ނެރުއްވިއެވެ.
އެއީ ވަރަށް ފައިދާހުރި ފޮތެކެވެ. އަދި އެއީ (ޝަރުޢީ) ޢިލްމު އުނގެނޭ ދަރިވަރު ފައިދާ ލިބިނުގަނެ ދޫކޮށްލާވަރުގެ ފޮތެއް ނޫނެވެ. އަދި އޭގައި ދެން ބާކީ އޮތް ދެ ފޮތުން ފައިދާ ލިބިގަތުމަށް، އެ ދެ ފޮތް ލިޔެވި ފޮތެއްގެ ގޮތުގައި ނެރުން، ﷲ ތަޢާލާ ފަސޭހަ ކޮށްދެއްވާނެކަމަށް އުންމީދުކުރަމެވެ.
އެކަލޭގެފާނު ކިޔަވާ ދެއްވުމަށާއި ދަޢުވަތުގައި ކޮށްދެއްވި ކަންކަމުގެ ޚުލާޞާއެއް ތިރީގައި މި ވަނީއެވެ.
- ހިޖުރައިން 1374އިން ފެށިގެން ޢުނައިޒާގެ ޢިލްމީ މަޢުހަދާ އަދި އެއަށްފަހު ޤަޞީމުގެ "ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީނު"ގައި ކިޔަވާދެއްވުން.
- ހިޖުރައިން 1376 އިން ފެށިގެން ޢުނައިޒާގެ އަލްޖާމިޢުލް ކަބީރުގައި ކިޔަވައިދެއްވުން.
- ހިޖުރައިން 1376އިން ފެށިގެން ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުގެ ޚަޠީބުކަމާއި، އިމާމުކަން އަދާކުރެއްވުން.
- (މައްކާގެ) އަލްމަސްޖިދުލް ޙަރާމް އަދި (މަދީނާގެ) އަލްމަސްޖިދުއް ނަބަވީގައި ކިޔަވައި ދެއްވުން.
- ސަޢޫދީ ޢަރަބިއްޔާގެ އެކި ޔުނިވަރސިޓީތަކުގެ ގަޑި ނަގާދެއްވުމާއި މިސްކިތްތަކުގައި ކިޔަވާދެއްވުމާއި، ފޯނު މެދުވެރިކޮށް ޔޫރަޕާއި އެމެރިކާ އަދިވެސް އެހެނިހެން ޤައުމުތަކަށް ގަޑި ނަގައިދެއްވުން.
- ސަޢޫދީ ޢަރަބިއްޔާގައި ބޭއްވޭ ބައެއް ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަތުން.
- އިންޓަވިއުއާއި މެސެޖު މެދުވެރިކޮށް އަދި ފޯނުން ގުޅުއްވައިގެން ފަތުވާދެއްވުން.
- ޙައްޖު މޫސުމުގައި ޙައްޖުވެރިންނަށް އެހީތެރިވުމުގައި ބައިވެރިވެވަޑައިގަތުން.
- ރޭޑިއޯ މެދުވެރިކޮށް ވާހަކަފުޅު ދެއްކެވުމާ އަދި ބައެއް ޕްރޮގްރާމު ގެނެސްދެއްވުން.
އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތައް
ޝައިޚު އެކުލަވަލައްވާފައިވާ ފޮތްތައް ވަރަށް ވެސް ގިނައެވެ. އޭގެ ތެރޭގައި ގިނައީ ކުދި ރިސާލާތަކެވެ. ނަމަވެސް އެއީ އެއިން މަތިވެރި ނަފާލިބޭ، ގިނަގުނަ ފައިދާތަކެއް ލިބޭ ރިސާލާތަކެކެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ ލިޔުންތައް ދެ ބަޔަކަށް ބެހެއެވެ. އެއީ އެކަލޭގެފާނު އަމިއްލަފުޅަށް ލިޔުއްވާ ނެރުއްވާފައިވާ ފޮތްތަކާއި، އެކަލޭގެފާނުގެ ދަރުސްތައް އަޑުއަހައިގެން ލިޔެ ނެރެވުނު ފޮތްތަކެވެ.
އެކަލޭގެފާނު ލިޔުއްވާފައިވާ (މުހިއްމު ބަައެއް) ފޮތްތަކުގެ ތެރޭގައި:
- الْقَوَاعِدُ الْمُثْلَى فِي صِفَاتِ اللهِ وَأَسْمَائِهِ الْحُسْنَى
- عَقِيدَةُ أَهْلِ السُّنَّةِ وَالْجَمَاعَةِ
- شَرْحُ لُمْعَةِ الِاعْتِقَادِ الْهَادِي إِلَى سَبِيلِ الرَّشَادِ
- أَحْكَامُ الْأُضْحِيَّةِ وَالذَّكَاةِ
- فَتْحُ رَبِّ الْبَرِيَّةِ بِتَلْخِيصِ الْحَمَوِيَّةِ
ދަރުސްތަކުގެ އޯޑިއޯ ޓޭޕުން ލިޔެވި، ނެރެވުނު (ބައެއް) ފޮތްތަކުގެ ތެރޭގައި:
- الشَّرْحُ الْمُمْتِعُ عَلَى زَادِ الْمُسْتَقْنِعِ
(1/9/1414)ވަނަ ދުވަހުގައި "އަލްޙިކުމަތުއް ޞާދިރު"ގެ ދެވަނަ މަޖައްލާގައި އެކަލޭގެފާނުގެ ދަރިވަރު އައްޝައިޚް ވަލީދުލް ޙުސައިން ލިޔުއްވާފައިވާ "އައްޝައިޚުލް މަންޝޫރު" މި ލިޔުމުގައި އެކަލޭގެފާނުގެ 55 ޢިލްމީ އަޘަރެއް ބަޔާންކޮށްފައިވެއެވެ.
އެކަލޭގެފާނު އުޞޫލުލް ފިޤުހާއި، މުޞްޠަލަޙާ، ޢަޤީދާގެ ޢިލްމުގައި ރިސާލާތަށް ލިޔުއްވާފައިވެއެވެ. ބައެއް މަޢުހަދުތަކާއި، ޖާމިޢަތުލް އިމާމު މުޙައްމަދު ބުނު ސުޢޫދުލް އިސްލާމިއްޔާގެ މުޤައްރަރެއްގެ ގޮތުގައި މި ރިސާލާތައް ބޭނުން ކުރެއެވެ.
މީސްތަކުންގެ މެދުގައި އެކަލޭގެފާނުގެ މަޤާމު
ޝައިޚު رَحِمَهُ اللهُއަށް ޝަރަފުވެރި އަދި މަތިވެރި މަޤާމެއް ލިބިގެންވެއެވެ. ފަހެ އެކަލޭގެފާނަށް (މީހުންގެ) މެދުގައި މަޤުބޫލުކަން ވަނީ ލިބިފައެވެ. މީސްތަކުން އެކަލޭގެފާނު ދެކެ ލޯބިވެއެވެ. އަދި އެކަލޭގެފާނުގެ ދަރުސްތަކާއި ފަތުވާތައް އެއްސެވުމަށް ފަރުވާތެރިވެއެވެ. އަދި އެކަލޭގެފާނުގެ ޢިލްމީ އަޘަރުތައް ރައްކާކުރެވުނެވެ. އެކަލޭގެފާނުގެ ދަރުސްތަކާއި ލެކްޗަރތަކުގެ ޓޭޕު ރެކޯޑިންތައް ރައްކާކުރެވުނެވެ. އެކަލޭގެފާނަކީ ބޮޑު ޢިލްމުވެރިއެވެ. އަދި ކުޅަދާނަ ފަޤީހެކެވެ. އެކަލޭގެފާނަކީ ވެރިންނާއި، ޢިލްމުވެރީންނާއި، ޢިލްމު އުނގެނޭ ދަރިވަރުން އެ ބޭކަލަކަށް އިޙްތިރާމު ކުރަންޖެހޭ ފަދަ މަޤާމެއްގައި ހުންނެވި ބޭކަލެކެވެ.
މި ޤައުމުގެ ވެރީންގެ ފަރާތުން އެކަލޭގެފާނަށް އިޙްތިރާމު ލިބުނެވެ. އެ ބޭފުޅުން ޤަޞީމަށް ޒިޔާރަތް ކުރައްވާ ނަމަ، އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރައްވައެވެ. އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކުރެއްވި ބޭކަލުންގެ ތެރޭގައި މަލިކު ޚާލިދާއި، މަލިކު ފަހުދާއި، އަލްއަމީރު ޢަބްދުﷲ އަދި އަލްއަމީރު ސުލްޠާނު ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނަކީ އިޙްތިރާމުލިބިގެންވާ ބޭކަލެކެވެ.
މިއާއެކުވެސް އެކަލޭގެފާނަކީ ވަރަށް ހިތްތިރި ބޭކަލެކެވެ. އަދި ހެޔޮ ކަންކަމަށް ވަރަށް ލޯބިކުރައްވާ ބޭކަލެކެވެ. އަދި ދަރިވަރުންނަށް އޯގާތެރި، އެ ކުދިންނަށް ފައިދާކުރައްވައި، ޢިލްމު ހޯއްދެވުމަށާއި، ޢިލްމާއި ޢަމަލު، ޖަމަޢަކުރެއްވުމަށް އެ ކުދިންނަށް ނަޞޭޙަތްތެރިވެވަޑައިގެންނެވި ބޭކަލެކެވެ.
އެކަލޭގެފާނު އަވަހާރަވުން
އެކަލޭގެފާނު رَحِمَهُ اللهُއަށް ފަސޭހަވުމުގެ އުންމީދެއް ނެތް ބަލިމަޑުކަމެއް ދިމާވިއެވެ. އަދި މަދު ދުވަސްކޮޅަކަށް ބައްޔަށް ފަރުވާކުރެއްވުމަށް އެމެރިކާއަށް ވަޑައިގެންނެވިއެވެ. މިއީ އެކަލޭގެފާނު ސަޢޫދީ ޢަރަބިއްޔާއިން ބޭރަށް ވަޑައިގެންނެވި ހަމައެކަނި ފަހަރެވެ. އެމެރިކާގައި ހުންނަވަން ލިބުނު ފުރުޞަތުގެ ބޭނުންހިއްޕެވީވެސް ﷲގެ މަގަށް ގޮވާލެއްވުމުގައެވެ. އަދި އެ ތަނުގައި ހުކުރު ޚުޠުބާ ދެއްވިއެވެ.
އެނބުރި ވަޑައިގެން ރިޔާޟުގައި (ބައްޔަށް) ޚާއްޞަ ހޮސްޕިޓަލަކަށް (ފަރުވާލިބިގަތުމަށް) ވަދެވަޑައިގަތެވެ. އަދި (ދުވަސްކޮޅެއް ފަހުން) އެކަލޭގެފާނުގެ ބަލި އިތުރަށް ގޯސްވިއެވެ.
އެހެން އަހަރު ތަކުގައި ވެސް އެކަލޭގެފާނުގެ އާދަފުޅެކޭ އެއްގޮތަށް ރަމަޟާން މަހުން ބައެއް ފާއިތުވުމުން މަސްޖިދުލް ޙަރާމުގައި ކިޔަވާ ދެއްވުމަށް މައްކާއަށް ވަޑައިގެންނެވިއެވެ. މިސްކިތުގައި އެކަލޭގެފާނަށް ޚާއްޞަ ކޮޓަރިކޮޅެއް ތައްޔާރުކުރެވުނެވެ. ފަހެ އެކަލޭގެފާނު އެނދުދާންކޮޅުގައި އޮންނަވައި ދަރުސް ދެއްވިއެވެ. މީސްތަކުންނަށް އެކަލޭގެފާނުގެ ބަލި އަޑުފުޅު އިވުނު ނަމަވެސް އެކަލޭގެފާނުގެ ފެނިވަޑައިނުގަނެއެވެ.
ރަމަޟާން މަސް ނިމުމާ އެކު ޖިއްދާގެ ހޮސްޕިޓަލަކަށް އެކަލޭގެފާނު ގެންދެވުނެވެ. އަދި ހިޖުރައިން 1421ވަނަ އަހަރުގެ ޝައްވާލު މަހުގެ 15 ވީ ބުދަ ދުވަހުގެ ހަވީރު އެކަލޭގެފާނު އެ ތަނުގައި އަވަހާރަވިއެވެ.
ބުރާސްފަތި ދުވަހުގެ ޢަޞުރު ނަމާދަށްފަހު މަސްޖިދުލް ޙަރާމުގައި އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެވުނެވެ. އަދި އެކަލޭގެފާނު ވަޅުލެވުނީ މައްކާގެ އަލްޢަދުލު މަޤްބަރާގައެވެ. އެކަލޭގެފާނު رَحِمَهُ اللهُގެ ކަށުނަމާދާއި، ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވި ވިއެވެ. އަދި އެ މީހުންގެ ތެރޭގައި އަޅުގަނޑު ވެސް ވީމެވެ. އަދި ކަށުނަމާދާއި، މަޤްބަރާގައި މީހުން ގިނަކަން ފެނުނެވެ.
އެކަލޭގެފާނު އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކަށް އަޘަރު ކުރިއެވެ. އަދި އެކަލޭގެފާނަށް ޢިލްމުގައި ލިބިގެންވި މަޤާމުގެ ސަބަބުން މި ކަމާ ގިނަ ބަޔަކު ހިތާމަ ކުރިއެވެ. އެއީ އެކަލޭގެފާނުގެ ސަބަބުން އިސްލާމް ދީނަށާއި މުސްލިމުންނަށް ލިބެމުން ދިޔަ މަންފާގެ ބޮޑުކަމުންނެވެ.
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ދަރިކަލުން އިބްރާހީމު އަވަހާރަވުމުން ވިދާޅުވިއެވެ.
«إِنَّ العَيْنَ تَدْمَعُ، وَالقَلْبَ يَحْزَنُ، وَلاَ نَقُولُ إِلَّا مَا يَرْضَى رَبُّنَا، وَإِنَّا بِفِرَاقِكَ يَا إِبْرَاهِيمُ لَمَحْزُونُونَ»[3]
މާނައީ: "ހަމަކަށަވަރުން ލޯ ކަރުނަ އަޅައެވެ. އަދި ހިތް ހިތާމަ ކުރެއެވެ. (ނަމަވެސް) އަހަރެމެންގެ ރައްބު ރުހިވޮޑިގަންނަވާ ބަހެއް ނޫނީ އަހަރެމެން ނުބުނާނަމެވެ. އޭ އިބްރާހީމެވެ! ހަމަކަށަވަރުން ކަލޭގެފާނާ ވަކިވެވަޑައިގަތުމުގެ ސަބަބުން އަހަރެމެން ހިތާމަކުރަމެވެ."
ފަހެ ﷲ އެކަލޭގެފާނަށް ރަޙުމަތްލައްވައި ފާފަ ފުއްސަވައި ދެއްވާށިއެވެ. އަދި ހަމަކަށަވަރުން އަހަރެމެން މިލްކުވެގެން ވަނީ ﷲ އަށެވެ. އަދި އަހަރުމެން އެނބުރި ދިއުން ވަނީ ވެސް އެ އިލާހުގެ ޙަޟްރަތަށެވެ.
އެކަލޭގެފާނު رَحِمَهُ اللهُ އަވަހާރަވުމަކީو އެ އަހަރުގައި މުސްލިމުން ތަޙައްމަލު ކުރި އެންމެ ބޮޑު އެއް މުޞީބާތެވެ.
އޭގެ ކުރީ އަހަރު، 1420ވަނަ އަހަރުގެ މުޙައްރަމު މަހުގެ 27 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު ޝައިޚު ޢަބްދުލް ޢަޒީޒު ބުނު ބާޒު رَحِمَهُ اللهُ އަވަހާރަވުމާ އަދި ހަމަ 1420ވަނަ އަހަރު ޖުމާދުލް އާޚިރުގެ 22ވަނަ ދުވަހުގެ ހަވީރު ޝައިޚު މުޙައްމަދު ނާޞިރުއްދީން އަލްބާނީ رَحِمَهُ اللهُ އަވަހާރަވުމުގެ މުޞީބާތް މުސްލިމުންނަށް ޖެހުނެވެ.
އެ ބޭކަލުންނަށް ފާފަ ފުއްސަވައި ދެއްވުން އެދި އަޅަމެން ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި ޢިލްމު އުނގެނޭ ދަރިވަރުންނަށް، އަވަހާރަވެ ގޮސްފައިވާ ޢިލްމުވެރިންގެ ޢިލްމުން ފައިދާ ޙާޞިލުކުރުމުގެ ތައުފީޤު ދެއްވުމަށް އެދި ދަންނަވަމެވެ. އެ ތިން ބޭކަލުންނަކީ މި ދެންނެވި ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ތިން ބޭކަލުންނެވެ. އަދި މިހާރު ދުނިޔޭގައި ތިއްބެވި ޢިލްމުވެރިންގެ ޢިލްމުން ފައިދާ ޙާޞިލުކުރުމުގެ ތައުފީޤު ދެއްވުމަށް ވެސް އެދި ދަންނަވަމެވެ. ހަމަކަށަވަރުން އެ އިލާހަކީ މޮޅަށް އައްސަވާވޮޑިގެންވާ، (ދުޢާ) އިޖާބަކުރައްވާ އިލާހެވެ.
ޢިލްމުވެރިން އަވަހާރަވުން
ޢިލްމުވެރިން އަވަހާރަވުމަކީ ބޮޑު މުޞީބާތެއްކަން ދަލީލުކޮށްދޭ ބައެއް އަޘަރުތައް ސަލަފުންގެ ފަރާތްޕުޅުން ވާރިދުވެގެން އައިސްފައިވެއެވެ.
ސަލްމާނުލް ފާރިސީ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
ޒައިދު ބުން ޘާބިތު އަވަހާރަވުމުން އިބްނު ޢައްބާސް رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
އަބޫ އައްދަރްދާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ.
އަލްޙަސަން ވިދާޅުވިއެވެ.
އައްޔޫބު އައްސަޚްތިޔާނީ ވިދާޅުވިއެވެ.
އިބްނުލް ޤައްޔިމު رَحِمَهُ اللهُ ވިދާޅުވިއެވެ.
މި ހުރިހާ ކަމަކަށް ވުރެ ކުރިން، ތެދުވެރި އަދި އެ ބޭކަލެއްގެ ވާހަކަ ތެދުވެގެންވާ ނަބިއްޔާ صَلَوَاتُ اللهِ وَسَلَامُهُ وَبَرَكَاتُهُ عَلَيهِ ވިދާޅުވި ބަސްފުޅު އަޑުއައްސަވާ ލައްވާށެވެ. މި ޙަދީޘުގެ ޞައްޙަކަމާމެދު ބުޚާރީ އަދި މުސްލިމު އިއްތިފާޤު ވެލައްވާފައިވެއެވެ. ޢަބްދުﷲ ބުނު ޢަމްރު ބުނު އަލްޢާޞް رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ.
«إِنَّ اللَّهَ لاَ يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلَكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالًا، فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا»[10]
މާނައީ: "ހަމަކަށަވަރުން ﷲ ތަޢާލާ ޢިލްމު ހިއްޕަވަނީ އަޅުތަކުންގެ ކިބައިން އަތުލެވޭ އަތުލެއްވުމަކުން ނޫނެވެ. އެހެންނަމަވެސް އެ އިލާހު ޢިލްމު ހިއްޕަވަނީ ޢިލްމުވެރިން ހިއްޕަވައިގެންނެވެ. (ޢިލްމުވެރިންގެ މަރު ގެންނަވައިގެންނެވެ.) އެއީ އެއްވެސް ޢިލްމުވެރިޔަކު ނެތިއްޖެއުމަށް ދާންދެނެވެ. މީސްތަކުން އެ މީހުންގެ ބޮޑެތިން ކަމުގައި ޖާހިލުން ހަދާނެއެވެ. އަދި އެ މީހުނާ ސުވާލުކުރެވުމުން އެއްވެސް ޢިލްމެއް ނެތި ފަތުވާ ދޭނެއެވެ. ފަހެ އެބައިމީހުންވަނީ މަގު ފުރެދިގެންނެވެ. އަދި އެބައިމީހުން މީސްތަކުން ވެސް މަގުފުރައްދާނެއެވެ."
މީސްތަކުންގެ ތެރޭގައި ބޮޑު ޢިލްމުވެރިޔަކު ހުރުމަކީ ވަރަށް މަތިވެރިވެގެންވާ ޣަނީމާއެއް ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މީސްތަކުން އެ ޢިލްމުވެރިއެއްގެ ނަޞޭޙަތްތަކުން ފައިދާ ލިބިގަނެއެވެ. އަދި އެ ބޭކަލެއްގެ ޢިލްމުން ދިއްލައި އަލިކޮށްދެއެވެ. އަދި އެ ބޭކަލެއް އަވަހާރަވެ މީސްތަކުންނަށް އެ ބޭކަލަކު ގެއްލި ދިއުމުން ވަރަށް ބޮޑު ހުސްކަމެއް (މީސްތަކުގެ ޙަޔާތުގައި) އިޙުސާސުކުރެއެވެ.
މި މާނައިގައި އައްޝައިޚް ސަޢުދު ބުން ޢަތީޤު (އަވަހާރަވީ ހިޖުރައިން 1349 ގައި) އާއި ބެހޭގޮތުން ޅެންވެރިޔާ މުޙައްމަދު ބުނު ޢަބްދުﷲ ބުން ޢުޘައިމީން (އަވަހާރަވީ ހިޖުރައިން 1363 ގައި) ވިދާޅުވިއެވެ.
އެކަލޭގެފާނުގެ ދަރިފަސްކޮޅު
އެކަލޭގެފާނުގެ ފަސް ދަރިކަލުންނާއި، ތިން ދަރިކަނބަލުން ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ފަސް ދަރިކަލުންނަކީ ޢަބްދުﷲ، ޢަބްދުއްރަޙްމާނު، އިބްރާހީމް، ޢަބްދުލްޢަޒީޒު އަދި ޢަބްދުއްރަޙީމެވެ.
އެކަލޭގެފާނުގެ ދަރިންނަށް ނަންކިޔުމުގެ ގޮތާއި ބެހޭގޮތުން ވާހަކަ ދެކެވުނެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ދަރިފަސްކޮޅުގެ ތެރެއިން 3 ބޭކަލުންނަށް ނަން ކިޔުއްވާފައި ވަނީ ބިސްމީގައި ވާ ﷲގެ އިސްފުފުޅުތަކަށް ނިޞްބަތް ކޮށްގެނެވެ. އެއީ ޢަބްދުﷲ، ޢަބްދުއްރަޙުމާނު އަދި ޢަބްދުއްރަޙީމެވެ.
އެކަލޭގެފާނުގެ ދަރިފަސްކޮޅު އިޞްލާޙު ކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި އެންމެހާ މުސްލިމުންގެ ދަރިން އިޞްލާޙު ކޮށްދެއްވުން އެދި އެ އިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި އެ އިލާހުގެ ރުހިވޮޑިގަތުން ލިބޭ ކަންކަމަށް އަޅަމެން އެންމެންނަށް ތައުފީޤު ދެއްވުމަށް އެދި ވެސް ދަންނަވަމެވެ.
ދަރިވަރުންނަށް ހުރި ބައެއް ވަޞިއްޔަތްތައް
ޢިލްމު އުނގެނޭ ދަރިވަރުންނަށް ކުރާނެ އެންމެ މުހިއްމު ވަޞިއްޔަތަކީ ޢިލްމު އުނގެނުމުގައި މަޝްޢޫލުވުމަށް ސަމާލުކަން ދޭށެވެ. އަދި ތިޔަ ދަރިވަރުންގެ ޙަޔާތުގައި ދުނިޔޭގައި ތިބި ޢިލްމުގެ އަހުލުންގެ ކިބައިން ފައިދާ ޙާޞިލުކުރުމަށެވެ. ފަހެ އެ ބޭކަލުން ތިޔަ ދަރިވަރުންގެ ތެރޭ ތިއްބަވަނިކޮށް، ފުރުޞަތުގެ ބޭނުން ހިފައި، އެ ބޭކަލުންގެ ކިބައިން ޢިލްމު ޙާޞިލުކުރާށެވެ. ތިޔަ ދަރިވަރުންނަށް އޮޅުންއަރާ ކަންކަމާ ބެހޭގޮތުން ސުވާލުކުރުމަށް އެ ބޭކަލުންގެ އަރިހަށް ދާށެވެ. އަދި އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ ކުރިޔާއި ފަހުގެ ބޮޑެތި ޢިލްމުވެރިންގެ ފައިދާ ހުރި ފޮތްތައް ހޯދުމަށް ސަމާލުކަން ދިނުމަށް ވަޞިއްޔަތް ކުރަމެވެ. އަދި ދަރިވަރުން އެކުވެރިކަމާ އެކީގައި ކިޔަވާ، ކިޔަވާ ފިލާވަޅުތައް ފަރިތަކުރުމަށާއި، ފައިދާ ހުރި ފޮތްތައް ކިޔުމުގައި ވަޤުތުތައް ހޭދަކުރުމަށް ވަޞިއްޔަތް ކުރަމެވެ. އަދި ދުނިޔެއާއި އާޚިރަތުގައި ދަރިވަރުންނަށް ފައިދާ ކުރާނެ ކަންކަމުގައި މަޝްޣޫލު ވާށެވެ.
ޝައިޚު ދޫކުރެއްވި ޢިލްމީ އަޘަރުތަކާ މެދު އަޅުގަނޑުގެ ޚިޔާލެއް އެބަ އޮތެވެ. އެއީ ޝައިޚުގެ ދަރިވަރުން ކުރެ ޝައިޚް ލިޔުންތަކާއި "އޯޑިއޯ ރެކޯޑިންގ"ތަކުގެ މަޢުލޫމާތު ރަނގަޅަށް އެނގޭ ކުދިން، އެ ހުރިހާ ލިޔުންތަކާއި އޯޑިއޯ ދަރުސްތައް ހިމެނޭނެހެން ފުރިހަމަ ފިހުރިސްތެއް ތައްޔާރު ކުރާށެވެ. އެއީ ޝަރުޢީ ޢިލްމު އުނގެނޭ ދަރިވަރުންނަށް އެ ތަކެތީގެ މަޢުލޫމާތު ފޯރުކޮށް ދިނުމަށް ޓަކައެވެ. އޭރުން އެ ކުދިން ޝައިޚުގެ ލިޔުންތަކާއި ދަރުސްތަކުން ޙާޞިލު ކުރެވުނު މިންވަރެއް ޙާޞިލު ކުރާނެއެވެ.
އަދި ދެން އޮތް ޚިޔާލަކީ އެ އޯޑިއޯ ދަރުސްތަކުގެ ތެރެއިން އަދި މިހާތަނަށް ނުލިޔެވި ހުރި ދަރުސްތައް ލިޔުމެވެ. ދެން އެ ތަކެތި ޗާޕު ކުރާނޭ ފަރާތްތައް ހޯދުމެވެ. އެއީ ޝަރުޢީ ޢިލްމު އުނގެނޭ ދަރިވަރުން، މި ބޮޑު ޢިލްމުވެރިޔާ ދޫކުރައްވާފައިވާ ޢިލްމީ އަޘަރުތަކާއި އަހުލުވެރިވުމަށް ޓަކައެވެ. އަދި އެ އަޘަރުތައް ހޯދައި އޭގެން ފައިދާ ޙާޞިލުކުރުމަށް ޓަކައެވެ.
އެއަށްފަހު ބުނަމެވެ. ޝައިޚަކީ އިޖްތިހާދުކޮށް އަދި ޤުރުއާނާއި ސުންނަތުގެ ދަލީލަށް ތަބަޢަވުމަށް ރައްކާތެރިވާ ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. (ޝަރުޢީ) މައްސަލަތައް ތަޙުޤީޤުކޮށް ޤުރްއާނައި، ސުންނަތާއި، (ޢިލްމުވެރިންގެ) އިޖުމާޢު އަދި ބުއްދީގެ ގޮތުން މި ކަންކަމަށް ދަލީލު ނެންގެވުމަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވިއެވެ. އެކަލޭގެފާނު ކަމެއްގެ ދަލީލެއް ބަޔާންކުރެއްވުމަށް ފަހު ވަރަށް ބޮޑަށް ތަފްޞީލުކޮށްދެއްވައެވެ. އަދި އެ މައްސަލައާއި ދަލީލާއި އޮންނަ ގުޅުން ބަޔާންކޮށްދެއްވައެވެ. އެކަލޭގެފާނަކީ ދީނުގެ ފިޤުހު ދެއްވިގެންވާ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.
(މި ހުރިހާ ކަމަކުން) އެނގިގެންދަނީ ޝައިޚަކީ ބޮޑު ޢިލްމުވެރިއެއް ކަމެވެ. އަދި އެކަލޭގެފާނުގެ ޢިލްމުފު ތަނަވަސްވެގެންވާ ކަމެވެ. އަދި އެކަލޭގެފާނުގެ ފައިދާ ވަރަށް ބޮޑެވެ. އަދި އެކަލޭގެފާނުގެ ފަރާތްޕުޅުން ލިބިފައިވާ ނަފާ ވަރަށް ގިނައެވެ. ވުމާ އެކު އެކަލޭގެފާނުގެ (ޢިލްމީ) އަޘަރުތަކަށް ފަރުވާތެރިވެ އޭގެން ފައިދާ ލިބިގަތުމަށް ވަޞިއްޔަތް ކުރަމެވެ.
ނިންމާލަމުން ދަންނަވަމެވެ. ޞަޙީޙު މުސްލިމުގައި އުންމު ސަލަމާ رَضِيَ اللهُ عَنْهَاގެ އަރިހުންވާ ޙަދީޘެއްގައިވެއެވެ.
އަބޫ ސަލަމާ އަވަހާރަވުމުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ދުޢާ ކުރެއްވިއެވެ. "ޔާﷲ! އަބޫ ސަލަމާއަށް ފާފަފުއްސަވާނދޭވެ! އަދި ހިދާޔަތް ލިބިގެންވި މީހުންނާ އެކުو އެކަލޭގެފާނުގެ ދަރަޖަ ސުވަރުގޭގައި އުފުއްލަވާނދޭވެ! އަދި އެކަލޭގެފާނުގެ ދޫކޮށް ދިޔަ މީހުން އިބަ އިލާހުގެ ރައްކާތެރިކަމުގެ ތެރޭގައި ލައްވާނދޭވެ! އޭ ޢާލަމްތަކުގެ ވެރި ރައްބެވެ! އަޅަމެންނަށާ އެކަލޭގެފާނަށް ފާފަފުއްސަވާނދޭވެ! އަދި އެކަލޭގެފާނަށް ޓަކައި އެކަލޭގެފާނުގެ ޤަބުރުފުޅު ތަނަވަސްކޮށްދެއްވާނދޭވެ! އަދި އެ ތަނުގައި އެކަލޭގެފާނަށް ޓަކައި ނޫރެއްލައްވައި އަލިކޮށްދެއްވާނދޭވެ!"[11]
އަދި އަޅުގަނޑު ބުނެލަން ބޭނުމެވެ.
ޔާﷲ! ޝައިޚު މުޙައްމަދު ބުނު ޢުޘައިމީނަށް ފާފަފުއްސަވާނދޭވެ! އަދި ހިދާޔަތް ލިބިގެންވި މީހުންނާ އެކު އެކަލޭގެފާނުގެ ދަރަޖަ ސުވަރުގޭގައި އުފުއްލަވާނދޭވެ! އަދި އެކަލޭގެފާނު ދޫކޮށް ދިޔަ މީހުން އިބަ އިލާހުގެ ރައްކާތެރިކަމުގެ ތެރޭގައި ލައްވާނދޭވެ! އޭ ޢާލަމްތަކުގެ ވެރިރައްބެވެ! އަޅަމެންނަށާ އެކަލޭގެފާނަށް ފާފަފުއްސަވާނދޭވެ! އަދި އެކަލޭގެފާނަށް ޓަކައި އެކަލޭގެފާނުގެ ޤަބުރުފުޅު ތަނަވަސްކޮށްދެއްވާނދޭވެ! އަދި އެ ތަނުގައި އެކަލޭގެފާނަށް ޓަކައި ނޫރެއްލައްވައި އަލިކޮށް ދެއްވާނދޭވެ!
އަދި އަޅަމެން އެންމެނަށް، ފައިދާކުރަނިވި ޢިލްމު (ޝަރުޢީ ޢިލްމު) ޙާޞިލު ކުރުމަށާއި، ޞާލިޙު ޢަމަލުކުރުމުގެ ތައުފީޤު ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ. ހަމަކަށަވަރުން އެ އިލާހަކީ (ދުޢާ ކުރާ މީހުންގެ ދުޢާ) އައްސަވާވޮޑިގެންވާ އިލާހެވެ.
وَصَلَّى اللهُ وَسَلَّمَ وَبَارَكَ عَلَى عَبْدِهِ وَرَسُولِهِ نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ.
މަޞްދަރު: މިއީ ހިޖުރައިން 1421ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حَفِظَهُ اللهُ ދެއްވާފައިވާ ދަރުސެއްގެ ދިވެހި ތަރުޖަމާއެވެ.
[1] أخرجه أبو داود (3641) واللفظ له، والترمذي (2682)، وابن ماجه (223)، وأحمد (21715)
[2] ބައްލަވާ: علماء نجد خلال ستة قرون (422/2)
[3] أخرجه البخاري (1303)، ومسلم (2315)
[4] مسند الدارمي - ت حسين أسد (314/1)
[5] المستدرك على الصحيحين - ط العلمية (484/3)
[6] جامع بيان العلم وفضله (602/1)
[7] جامع بيان العلم وفضله (595/1)
[8] حلية الأولياء وطبقات الأصفياء - ط السعادة (9/3)
[9] مفتاح دار السعادة ومنشور ولاية العلم والإرادة - ط عطاءات العلم (183/1)
[10] أخرجه البخاري (100)، ومسلم (2673)
[11] أخرجه مسلم (920)، وأحمد (26543)
