ދަރިންނާއި ނަމާދު

ދަރިންނާއި ނަމާދު

الحَمْدُ لِلَّهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

 

ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. އެއީ ޢާލަމްތަކުގެ ރައްބު ފަރުޟު ކުރައްވާފައިވާ އެންމެ މުހިންމު އަޅުކަމެވެ. އެއީ ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ އެ އަޅުކަމަކާއި ބެހޭގޮތުން ސުވާލު ކުރެވޭނޭ އަޅުކަމެވެ. ނަމާދުތަކަށް ރައްކާތެރިވެއްޖެ މީހާއަށް ޤިޔާމަތް ދުވަހުގައި ނަޖާވުމަކާއި ނޫރެއްކަމުގައި އެ ނަމާދު ވެގެންދާނެއެވެ.

 

ދަރިން ކުޑައިރުއްސުރެ ނަމާދުތަކަށް އާދަކުރުމަކީ އެކުދިން ބޮޑުވުމަށް ފަހު ނަމާދުތައް އަދާކުރުމުގެ މަތީގައި ޘާބިތުވެ ތިބުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. އަދި ދަރިން ކުޑައިރު މިކަމަށް އިހުމާލުވެއްޖެކަމުގައި ވާނަމަ އެކުދިން ބޮޑުވުމަށްފަހު ނަމާދުތަކަށް ރައްކާތެރިވުމަށް ހޭނުވުމަކީ އުނދަގޫ ވާނެ ކަމެކެވެ.

 

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ނަމާދު ވަޤުތު ތަކުގައި އަޅުގަނޑުމެންގެ ޒުވާނުން ތިބެނީ ކޮފީތަކުގައެވެ. ބަންގީގެ އަޑުއިވޭ ނުވަތަ މިސްކިތް ލޮލުން ފެންނަ ހިސާބުގައި ޒުވާނުން ކުޅިވަރާއި މަޖަލުގައި ތިބެއެވެ. އެމީހުންގެ ކުރިމަތިން ބަޔަކު ނަމާދަށް އަރާ ފައިބައިގެން ދާއިރުވެސް އެއްވެސް އެއްޗެއް ހިތަށް ނާރައެވެ. މިއީ ދަރިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެން އިހުމާލުވެފައިވާ ކަމުގެ ހެއްކެކެވެ.

 

ލޮބުވެތި މައިންބަފައިން! ދަރިންނަކީ މާތް الله ޙަވާލުކުރައްވާ އަމާނާތެކެވެ. އެކުދިންނާއި މެދު އެއިލާހަށް ބިރުވެތިވާށެވެ. އަދި ޤިޔާމަތް ދުވަހުން އެކުދިންނާއި ބެހޭގޮތުން ތިޔަމައިންބަފައިންނާއި ސުވާލުކުރައްވާނެކަން ދަންނާށެވެ. ދަރިން ކުޑައިރުއްސުރެ, އިސްލާމްދީނުގައި ނަމާދަށް ދެއްވާފައިވާ މަޤާމު ބުނެދީ ނަމާދުތަކަށް އާދަކުރުވާށެވެ. ނަމާދު ކުރުމުގައި މައިންބަފައިން އެކުދިންނަށް ނަމޫނާ ދައްކާށެވެ.

 

ނަމާދު އެޅުކަމީ ކިހާވަރެއްގެ ކަމެއްކަން ދަރިން ކުޑައިރުއްސުރެ އެކުދިންނަށް ބުނެދޭށެވެ. މާތް الله ވަޙީކުރައްވާފައި ވެއެވެ. فَوَيْلٌ لِلْمُصَلِّينَ * الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ [سُورَةُ المَاعُون (5,4)] މާނައީ: ”ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.“ މިއީ އެއްވެސް ޝަރުޢީ ޢުޛުރަކާއި ނުލާ ނަމާދު ލަސްކުރާ މީހުންގެ ވާހަކަ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ދެން އެއްވެސް ޢުޛުރަކާއި ނުލާ ނަމާދު އެޅުމުގެ ނުބައިކަމާ މެދު ތިބާ ވިސްނާލާށެވެ!

 

ޙިކުމަތް ލިބިގެންވި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ [سُورَةُ لُقمَان (17)] މާނައީ: ”އޭ އަހަރުންގެ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމު ކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! އަދި ތިބާޔަށްޖެހޭ މުޞީބާތްތަކަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.“ އަދި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އާއި މުޚާޠަބުކުރައްވައި މާތް الله ވަޙީކުރައްވާފައި ވެއެވެ. ”އަދި ކަލޭގެފާނުގެ އަހުލުންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒުޤު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންއިލާހު އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުޤު ދެއްވަނީ، ތިމަންއިލާހެވެ. އަދި ރަނގަޅު ނިމުންވަނީ، ތަޤުވާވެރިންނަށެވެ.“ [سُورَةُ طه (132)]

 

އަޅުގަނޑުމެންގެ ދަރިންނަކީ ނަމާދުތަކަށް ރައްކާތެރިވާ ބައެއްކަމުގައި ލައްވާށި! އަދި އަޅުގަނޑުމެންނަކީ ދަރިންނާމެދު މާތް الله އަށް ބިރުވެތިވާ ބައެއްކަމުގައި ލައްވާށި! އާމީން.

 

 

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *